އަބްދުއްރަހީމް އަބްދުﷲ (އަދުރޭ)

ޖޭޕީއަށް ދާންވީ ކީއްވެ؟ އެއީ ވިޔަފާރި ކުންފުންޏެއް: އަދުރޭ

1

ޖުމުހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް އާ ބައްދަލު ކުރައްވައި، ޖޭޕީ އާ ގުޅިވަޑައިގަންނަވަން ރައްޔިތުންގެ މަޖިލީހުގެ ލ. ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ނިންމަވައިފި ކަމަށް ބުނެ މީސް މީޑިއާ ގައި މިއަދު ދެކެވެމުންދާ ވާހަކައަށް އޭނާ ރައްދު ދެއްވައިފި އެވެ.

"އޮޅުވާލި ވޯޓު" ގެ ނަމުގައި ޕީޕީއެމުން ކުރިޔަށް ގެންދާ ސިލްސިލާ އެއްވުމުގެ ބައިވެރީންނާ މުހާތަބުކުރައްވައި އަދުރޭ ރޭ ވިދާޅުވީ، ޖޭޕީ އަށް ދާން ޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށެވެ.

"ޖޭޕީއަށް ދާންވީ ކީއްކުރަންތޯ؟ އެއީ ސިޔާސީ ޕާޓީއެއްވެސް ނޫން. އެއީ ވިޔަފާރި ކުންފުންޏެއް." އަދުރޭ ވިދާޅުވި އެވެ.

އަދުރޭ ވިދާޅުވީ އޭނާ ޖޭޕީއަށް ދާން ނިންމައިފި ކަމަށް ބުނެ މީސް މީޑިއާގައި ފެތުރެމުންދާ ޚަބަރުތަކާ ގުޅިގެން ގިނަ ބަޔަކު އޭނާއަށް ގުޅަމުން ގެންދާ ކަމަށެވެ. އެހެންވެ ކޮންމެހެން ވެސް އެކަމުގެ ހަގީގަތް ސާފުކޮށްދޭން ޖެހުނީ ކަމަށް އޭނާ ވިދާޅުވި އެވެ.

"ޕީޕީއެމް އަކީ އަޅުގަނޑުމެން އުފެއްދި ޕާޓީއެއް. އެހެންވީމަ ޕީޕީއެމް ދޫކޮށްފަ ދާނެ އެހެން ޕާޓީއެއް ނޯންނާނެ،" އަދުރޭ އިތުރަށް ވިދާޅުވި އެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟