ކާނަލް މުހައްމަދު ނާޒިމް

ބޭސްފަރުވާއަށް ނާޒިމް، ރާއްޖެއިން ބޭރަށް ފުރާވަޑައިގެންފި

ބޭސްފަރުވާއަށް ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް ރާއްޖެއިން ބޭރަށް ފުރާވަޑައިގެންފިއެވެ.

މިއަދުގެ ވަގުތެއްގައި ބޭސްފަރުވާއަށް ނާޒިމް ރާއްޖެއިން ބޭރަށް ފުރާފައިވާ ކަން މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ އިންފޮމޭޝަން އޮފިސަރު އަހްމަދު ލުގުމާން ވަނީ "ވަން"އަށް ކަށަވަރު ކޮށްދެއްވައިފައެވެ. ބޭސްފަރުވާއަށް ނާޒިމް ވަޑައިގެންނެވީ މެލޭޝިއާއަށެވެ.

ކޮޓަރިން ފިސްތޯލައަށް ފެނުނު މައްސަލައިގައި 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ނާޒިމް، ރާއްޖެއިން ބޭރަށް ފުރީ ކަރެކްޝަންސް ސާވިސްގެ މެޑިކަލް ބޯޑުގެ ހުއްދައާއެކު ކަމަށް ލުގުމާން ވިދާޅުވިއެވެ.

ނާޒިމަކީ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ ސަރުކާރުގެ ފުރަތަމަ ޑިފެންސް މިނިސްޓަރެވެ. ރައީސް ޔާމީނަށް 2013ގެ ރިޔާސީ އިންތިހާބު ކާމިޔާބުކޮށްދިނުމުގައި ވެސް ނާޒިމްގެ ދައުރު ފާހަގަކޮށްލެވެއެވެ.