(09 ޖުލައިގެ އަދަދާ ގުޅޭ)
حـليمــة ގެފާނު އިތުރު ސާހިބާ ގޮވައިގެން ކޮންމެ ހަމަހަކުން އެއްފަހަރު މައްކާއަށް ވަޑައިގަންނަވައެވެ. މަންމާފުޅަށާއި ތިމާގެފުޅު އެހެން ބޭފުޅުންނަށް ދައްކަވައެވެ. އިތުރު ސާހިބާގެ އުމުރުފުޅުން ދެއަހަރުފުޅު ފުރިހަމަވެ ކިރުފޮދު ހިއްޕެވުން ހުއްޓައިލެއްވުމުން حـليمــة ގެފާނު އިތުރު ސާހިބާ ގޮވައިގެން މައްކާއަށް ވަޑައިގެންނެވިއެވެ. سـيّـدة آمـنــة ބޭނުންފުޅުވީ ދަރިކަލުން އެހައިތަނުން އެކަމަނާގެ އަރިހުގައި ބަހައްޓަވާށެވެ. ނަމަވެސް އިތުރު ސާހިބާއާ ވަކިވެވަޑައިގަންނަވާކަށެއް حـليمــة ގެފާނުގެ ހިތްޕުޅު ފަސޭހަފުޅެއް ނޫނެވެ. އެހެންކަމުން حـليمــة ގެފާނު ވިދާޅުވިއެވެ. "މި މައްކާގައި ބޭރަށް ހިންގުމުގެ ރޯގާއެއް އުޅޭތީ އަޅުގަނޑު ބިރުގަނެއެވެ. އެހެންކަމުން މިވަގުތު މިދަރިކަލުން މައްކާއަށް ދޫކޮށްލާކަށެއް އަޅުގަނޑުގެ ހިތަކަށެއް ފަސޭހައެއް ނޫނެވެ." سـيّـدة آمـنــة އެކަމާ އެއްބަސްވެވަޑައިގެންނެވިއެވެ. އެކަމަނާ ރުހިވަޑައިގެންނެވުމުން حـليمــة ގެފާނު އިތުރު ސާހިބާ ގޮވައިގެން އަނެއްކާވެސް ވަޑައިގެންނެވީ އެކަމަނާގެ ރަށަށެވެ. އިތުރު ސާހިބާ سعــد ވަންހައިގެ މީހުންގެ ތެރޭގައި ފަސްއަހަރުފުޅު ފުރޭންދެން ހުންނެވިއެވެ.
حـليمــة ގެފާނުގެ ބޭފުޅުންގެ ތެރޭގައި جـذامــة އެވެ ކިޔުނު ދަރިކަނބަލަކު ހުންނެވިއެވެ. އެކަމަނާ މަޝްހޫރުވެވަޑައިގެންފައިވަނީ شيمـا ގެ ނަންފުޅުންނެވެ. އިތުރު ސާހިބާ އުނގުފުޅުގައި ވަޑުއްވައިގެން ފަރީއްކޮޅު އަރުއްވަވައި އުޅުއްވީ އެކަމަނާއެވެ. ކުދީން މަސަލަސްކުރަން ކިޔައިދޭކަހަލަ ލަވަތައް ވިދާޅުވެދެއްވަނީވެސް އެކަމަނާއެވެ. شيمـا އިތުރު ސާހިބާ ކޮނޑުފުޅުމައްޗަށް ލައްވައިގެން ލަވައެއް ވިދާޅުވަމުން ދުވެވަޑައިގަންނަވަނިކޮށް އިތުރު ސާހިބާ ކޮންމެވެސްކަމަކާ ނުގަބޫލުފުޅު ވެވަޑައިގެން އެކަމަނާގެ ކޮނޑުފުޅުގައި ވަރަށް ބާރަށް ދައިވަޑައިގެންނެވިއެވެ. އޭގެސަބަބުން އެކަމަނާގެ ކޮނޑުފުޅުގައިވަނީ ލަކުނެއް އުފެދިފައެވެ. އެލަކުނު އެކަމަނާގެ މުޅި އުމުރުފުޅަށްވެސް ނުފިލައި ހުއްޓެވެ. އެލަކުނު ވެފައިވަނީ އެކަމަނާއަށާއި އެކަމަނާގެ ޢާއިލާއަށާއި سعــد ވަންހައިގެ އެންމެންގެ މައްޗަށް ރަޙުމަތެއް ކަމުގައެވެ.
ހުނައިނު ހަނގުރާމަ ހިނގީ ހިޖުރައިން އަށްވަނަ އަހަރުއެވެ. މައްކާ ފަތަޙަ ވުމަށްފަހުގައެވެ. އަރަހުށި މާތް اللّـه އެހަނގުރާމައިގައި މުސްލިމުންނަށް ފަތަޙަ ދެއްވިއެވެ. ހައްޔަރުވީ މީހުންގެ ތެރޭގައި سعــد ވަންހައިގެ ވަރަށްގިނަ އަންހެނުންނާއި ފިރިހެނުން ހިމެނެއެވެ. (ކުރީންވެސް ދެންނެވި ފަދައިން سعــد ވަންހަޔަކީ هــوازن ވަންހައިގެ ގޮތްޕެކެވެ.) އަސީރުންގެ ތެރޭގައި شيمـا ވެސް ހިމެނިވަޑައިގެންނެވިއެވެ. އެކަމަނާ ހައްޔަރުވެވަޑައިގެންނެވުމުން އެކަމަނާ މުސްލިމުންގެ ގާތުގައި ވިދާޅުވިއެވެ. އަހަންނަކީ ތިޔަބައިމީހުންގެ ނަބިއްޔާގެ ކިރުފޮދުގެ އުޚުތަކީމެވެ. އިތުރު ސާހިބާގެ އަރިހުގައި އެވާހަކަ ދެންނެވުނުހިނދު ޙަދީޘު ކުރެއްވިއެވެ. އެކަމަނާގެ ކޮނޑުފުޅުމަތީގައި ކުޑަކުއްޖަކު ދައިގަތުމުގެ ނިޝާން އެބަހުރިހެއްޔެވެ؟ ނިޝާން ހުރިވާހަކަ ދެންނެވުނުހިނދު އިތުރު ސާހިބާ ހިނިވަރުނަ ކުރައްވައި އެކަމަނާ އެމާތް ސާހިބާގެ އަރިހަށް ގެންދެވިއެވެ. ވަރަށް އޯގާތެރިކޮށް ކަންތައްކުރައްވައި ކަމޭހިއްތެވުމާއެކު އެކަމަނާ ދޫކޮށްލަން އަމުރުކުރެއްވިއެވެ.
ކައުސާހިބާ صلّــى اللّـه عليـه وسلّـم، شيمـا އަށް ކަމޭހިއްތަވައި ދޫކޮށްލެއްވިތަން ފެނުމުން سعــد ވަންހައިގެ ވަފުދެއް އިތުރު ސާހިބާގެ އަރިހަށް އަތުވެއްޖެއެވެ. އެބައިމީހުން ދެންނެވިއެވެ. "މާތް اللّـه ގެ ރަސޫލާއެވެ! ހައްޔަރުވެފައި މިތިބަ މީހުންގެ ތެރޭގައި ކަލޭގެފާނު އުރުވަޑުވައި ފަރީއްކޮޅު އަރުވައިހެދި މީހުން ހިމެނެއެވެ. ކަލޭގެފާނުގެ ކިރުމައިކަނބަލުންގެ ނިސްބަތުން ކަލޭގެފާނުގެ ބޮޑުދައިތާފުޅުން އެބަތިއްބެވިއެވެ. އަޅުގަނޑުމެން މިއައީ އެބައިމީހުންނަށް ހެޔޮފުޅުކޮށް ހިއްތެވުން އެދިގެންނެވެ." އިތުރު ސާހިބާ ޙަދީޘު ކުރެއްވިއެވެ. "ތިޔަބައިމީހުން މާބޮޑަށް ލަސްކޮށްފީމުއެވެ. އެކަމަކު އަހުރެންނަށް ލިބިފައިވާ މީހުންނާއި عـبـدالمطّـلـب އަށް ލިބިވަޑައިގެންފައިވާ މީހުން ދޫކޮށްލައްވައިފީމެވެ. ޞަޙާބީންނަށް އެއަޑުފުޅު އިވިވަޑައިގެންނެވުމުން އެބޭކަލުންވެސް އަސީރުން ދޫކޮށްލެއްވިއެވެ. އެގޮތުން އެތަކެއްހާސް އަސީރުން ވަނީ ފިދުޔައަކާ ނުލައި މިނިވަންވެފައެވެ. މައްކާގެ ބޮޑުންކުރެ سعــد ވަންހައިގެ ތެރޭގައި ތަރުބިޔަތުވި ހުރިހާ އެންމެންގެ ފަރާތުންވެސް އެވަންހަޔަށް ނުލިބޭފަދަ ހެވާއި މަންފާވަނީ سـيّـدة آمـنــة ގެ ޔަތީމު ދަރިކަލުންގެ ފަރާތްޕުޅުން އެވަންހަޔަށް ލިބިފައެވެ.
ބައެއް ރިވާޔަތްތަކުގައިވާގޮތުން حـليمــة ގެފާނާއި އެކަމަނާގެ ފިރިކަލުންނާއި ބޭފުޅުން އިސްލާމްވެވަޑައިގެންނެވީ ހުނައިނު ހަނގުރާމަޔަށްފަހުގައެވެ. ނަމަވެސް ބައެއް ރިވާޔަތްތަކުގައިވާގޮތުން މައްކާ ފަތަޙަކުރެއްވިއިރު حـليمــة ގެފާނު އަވަހާރަވެއްޖެއެވެ. حـليمــة ގެފާނަކީ މީހުންދެކެ ވަރަށް ލޯބިފުޅުވެވަޑައިގަންނަވާ ބޭކަނބަލެކެވެ. އެކަމަނާ އިތުރު ސާހިބާ ދެކެ ނުހަނު ބޮޑަށް ލޯބިފުޅުވެއެވެ. ރިވާޔަތްތަކުގައިވާގޮތުން حـليمــة ގެފާނު އެއްފަހަރަކު އިތުރު ސާހިބާގެ އަރިހަށް ވަޑައިގެންނެވުމުން އިތުރު ސާހިބާ "އަހަރެންގެ މަންމާއެވެ." ޙަދީޘުކުރައްވަމުން ތެދުވެވަޑައިގެން އެމާތް ސާހިބާގެ ރިދާކޮޅު ފަތުރުއްވައިފައި އެކަމަނާ ބެއިންދެވިއެވެ. އެކަމަށްޓަކައި أبــوبكــر ގެފާނާއި عـمـــر ގެފާނާ ދެބޭކަލުންގެ ޚަލީފާކަމުގައި حـليمــة ގެފާނު އެދެބޭކަލުންގެ އަރިހަށް ވަޑައިގެންނެވުމުން އެދެބޭކަލުންވެސް އެދެބޭކަލުންގެ ރިދާކޮޅު އެކަމަނާއަށްޓަކައި ފަތުރައިލެއްވިއެވެ. މި ރިވާޔަތްތަކަކީ ޞައްޙަ ރިވާޔަތްތަކެއް ކަމުގައިވާނަމަ عـمـــر ގެފާނުގެ ޚަލީފާކަމުގައި حـليمــة ގެފާނު ދުނިޔޭގައި އިންނެވިއެވެ. ކޮންމެއަކަސް حـليمــة ގެފާނާއި އެކަމަނާގެ ފިރިކަލުންނާއި ބޭފުޅުން އިސްލާމްވެވަޑައިގެންނެވިކަމީ އިތުބާރުހުރި ލިޔުންތަކުން ސާބިތުވާ ކަމެކެވެ. ވަރަށްގިނަ ދަންނަބޭކަލުންވަނީ حـليمــة ގެފާނާއި އެކަމަނާގެ ފިރިކަލުންނާއި ބޭފުޅުން ޞަޙާބީންގެ ތެރޭގައި ހިމަނުއްވައިފައެވެ. މަދީނާގެ ޖަންނަތުލްބަޤީއާއި އުޙުދު ހަނގުރާމަ ހިނގިތަނާއި، ޚަންދަޤު ހަނގުރާމަ ހިނގިތާނގައި ސަރުކާރުން ގައިޑުން ބައިތިއްބައިފައެއް ނުތިބެއެވެ. ނަމަވެސް އަމިއްލަގޮތުން މީހުންނަށް މަޢުލޫމާތުދޭ މުޢައްލިމުން ތިބެއެވެ. އެއްފަހަރަކު ބަޤީޢުން ދިމާވި މުއައްލިމެއް މިއީ حـليمــة ގެފާނުގެ މަހާނަފުޅޭ ކިޔައިފައި އަޅުގަނޑަށް ތަނެއް ދެއްކިއެވެ. (واللّـه أعـلـم)
ކައުސާހިބާ صلّــى اللّـه عليـه وسلّـم، أمّ المـؤمـنـين السّــيّدة خـديـجــة رضـى اللّـه عنــهــا އާ ކާވެނިބައްލަވައިގެންނެވިފަހުން حـليمــة ގެފާނު އެއްފަހަރަކު މައްކާއަށް ވަޑައިގެންނެވިކަން އެނގެއެވެ. އެކަމަނާ ވަޑައިގެންނެވީ ވާރޭނުވެހި ގިނަދުވަސްވުމުގެ ސަބަބުން ނަޢަމުސޫފިތައް ބަނޑަށް މަރުވުމުގެ ސަބަބުންނެވެ. ކައުސާހިބާ އެކަމަނާއަށް ސާޅީސް ބަކަރިއާއި ޅަފުރައިގެ ހައެއްކަ ޖަމަލާއި ސާމާނު އަރުވައި ބަރުކޮށްފައިވާ ޖަމަލަކާ ދެއްވިއެވެ.
حـليمــة ގެފާނުގެ އިތުރަށްވެސް سعــد ވަންހައިގެ ދެބޭކަނބަލަކު ކޮންމެ ބޭކަނބަލަކުވެސް އެއްފަހަރު ކައުސާހިބާއަށް ކިރުފޮދު އެރުއްވިކަމަށް ރިވާޔަތްތައް ހުރެއެވެ. ހަމައެފަދައިން އިތުރު ސާހިބާގެ އާޔާ أمّ أيـمــن (بــركــة الحـبشـيّـة) رضـى اللّـه عنــهــا ވެސް އެއްފަހަރު ކިރުފޮދު އެރުއްވިކަމުގައިވެއެވެ.
ކައުސާހިބާ صلّــى اللّـه عليـه وسلّـم ބަނީ سعــد ގެ އަވަށުގައި އުޅުއްވިއިރުގެ ވާހަކަތަކުގެ ތެރެއިން ފާހަގަކޮށްލާންޖެހޭ އެއް ހާދިސާއަކީ އެމާތް ސާހިބާގެ މޭފުޅު އިރުއްވުމުގެ ހާދިސާއެވެ. އިތުރު ސާހިބާ ކުދީންނާއެކު ބޭރަށް ނުކުމެވަޑައިގެން ކުޅުއްވައި އުޅުއްވާވަރަށް ބޮޑުފުޅުވީފަހުން އެއްދުވަހަކު حـليمــة ގެފާނާ ސުވާލު ކުރެއްވިއެވެ. "މަންމާއެވެ! އަޅުގަނޑުގެ އަޚުން ދުވާލު އުޅުއްވަނީ ކޮންތަނަކުތޯއެވެ." حـليمــة ގެފާނު ޖަވާބު ދެއްވިއެވެ. "މަދަރިކަލުންނޭވެ! ދުވާލު އެކުދީން ދަނީ އަޅުގަނޑުމެންގެ ސޫފިތައް ހުއިހައްޕާށެވެ." އިތުރު ސާހިބާ ވިދާޅުވިއެވެ. "އަހުރެންވެސް އެކުދީންނާއެކު ފޮނުއްވައި ބައްލަވާށެވެ." حـليمــة ގެފާނު އެކަމަށް ހުއްދަ ދެއްވުމުން އިތުރު ސާހިބާވެސް حـليمــة ގެފާނުގެ ބޭފުޅުންނާއެކު ހެނދުނު ފަތިހާ ބަކަރިތަކަށް ހުއިކާންދެއްވަން ވަޑައިގަންނަވާން ފައްޓަވައިފިއެވެ. އެނބުރި ގެއަށް ވަޑައިގަންނަވަނީ ހަވީރުއެވެ. އިތުރު ސާހިބާ حـليمــة ގެފާނުގެ ބޭފުޅުންނާއި އަވަށުގެ އެހެން ކުދީންނާއެކު ބަކަރި ހުއިހައްޕަވަން ނުކުމެވަޑައިގެން އުޅުއްވަމުން ގެންދެވީ ވަރަށް އުފާފުޅުންނެވެ.
އެގޮތުގައި އުޅުއްވަނިކޮށް حـليمــة ގެފާނުގެ ފިރިހެން ބޭފުޅެއް އެއްދުވަހަކު މެންދުރެއްހައިއިރު ކީރިތިކުރައްވަމުން ދުވެވަޑައިގެންފައި ގެއަށް ވަޑައިގެންފިއެވެ. އެބޭފުޅާ ވިދާޅުވިއެވެ. "އޭ މަންމާއެވެ! އޭ ބައްޕާއެވެ! އަޅުގަނޑުމެންގެ ޤުރައިޝުވަންހައިގެ އަޚާ އަވަހަށް ސަލާމަތް ކޮށްދެއްވާށެވެ. އަޅުގަނޑުމެން ކުޅޭން އުޅެނިކޮށްއައި ތިންމީހަކު މިހިރީ މިހިރީއޭ ކިޔައިފައި އަޅުގަނޑުމެންގެ މެދުން ކޮއްކޯފުޅު ޖަހައިގަނެގެން ގެންގޮސް އެއޮއްފެންނަ ފަރުބަދަގަނޑުގެ މައްޗަށް އަރުވައިގެން އެތިބަ ބަނޑުފުޅު ފަޅަނީއެވެ." حـليمــة ގެފާނު ވިދާޅުވިއެވެ. އަހަންނާއި އަހަރެންގެ ފިރިކަލުން الحــارث އާ ހަމައެވަގުތު އެދިމާޔަށް ދުއްވައިގެންފީމުއެވެ. އަވަށުގެ އެންމެންވެސް އެމީހަކު ކުރާންހުރިކަމެއް ދޫކޮށްލައިފައި އެދިމާޔަށް ދުވެފައި އާދެއެވެ. އަހަރެމެންނަށް އެހިސާބަށް ދެވުނުއިރު އެދަރިކަލުން ހުންނެވީ ފަރުބަދަމަތީގައި މަތިބަލަހައްޓަވައިގެންނެވެ. އަހަރެން އަވަސްއަވަހަށް އެދަރިކަލުން އުރުތެރެޔަށް ލައިފައި ދެބުމަފުޅު ދެމެދުގައި ބޮސްދީފައި ދަންނަވައިފީމެވެ. މަންމަގެ ޖާނާއި މާލު ދަރިކަލުންނަށްޓަކައި ޤުރުބާނެވެ. ދަރިކަލުންނަށްވީ ކީއްތޯއެވެ؟"
އެދަރިކަލުން ޖަވާބު ދެއްވިއެވެ. ތިމަންކަލޭގެފާނުގެ އަޚުންގެ ތެރޭގައި ހުންނަވަނިކޮށް އައި ތިންމީހަކު ތިމަންކަލޭގެފާނާ ދިމާޔަށް ބުނެލައިފޫއެވެ. "މިހުންނެވީއެވެ. މިހުންނެވީއެވެ. އަނެކަކު ބުނެފިއެވެ. އާނ އާނ ތިޔައީއެވެ. ދެންހުރި މީހާ ބުނެފިއެވެ. އަވަސްކުރަމާ ހިނގާށެވެ. ދެން އެތިންމީހުން ތިމަންކަލޭގެފާނު ނަގައިގަނެގެން އުޑަކު ނުޖެހި ބިމަކު ނުޖެހި މިފަރުބަދަމައްޗަށް ގެނެސްފޫއެވެ. އެތިންމީހުންކުރެ އެކެއްގެ އަތުގައިހުރީ ރިހީގެ ކުރައެކެވެ. އަނެކެއްގެ އަތުގައި ނޫކުލައިގެ ޒުމައްރަދުން ހަދައިފައިހުރި ކޯދޮންނަ ލޯގަނޑެއް ހުއްޓެވެ. އޭގައިހުރީ ގަނޑުފެނެވެ. އެބައިމީހުން އަހުރެން އުޑުތިލަމަތީން ބާއްވައިފައި އަހަރެންގެ ފޫޅުންތިރިޔާ ހަމަޔަށް މޭމަތި ފަޅައިލައިފިއެވެ. އަހުރެން އޮތީ ބަލަހައްޓައިގެންނެވެ. އެއްވެސްކަހަލަ ތަދެއް އިޙުސާސެއް ނުވެއެވެ. ދެން އޭގެތެރެއިން މީހަކު އަހަރެންގެ އެތެރެހަށީގެ ތެރެޔަށް އަތްބާނައިގެން ގުނަވަންތަކެއްނެރެ ވަރަށް އޯގާވެރިކަމާއެކު ގަނޑުފެނުން ދޮވެފައި ކޮންމެ ގުނަވަނެއްވެސް އެގުނަވަނެއް އޮތްތަނަކު ބާއްވައިފައި ފަޅައިލިތަން ބައްދައިލުމަށްފަހު އެތިބަ ދަނީއެވެ."
حـليمــة ގެފާނު ވިދާޅުވެފައިވެއެވެ. ދެން އެދަރިކަލުން ގޮވައިގެން އަހަރެމެން އައީ ގެޔަށެވެ. ގެއަށްއައި މަގުމަތީގައި އަހަރެމެންގެ ވަންހައިގެ ބައެއް މީހުން ބުނެއުޅުނެވެ. ތިޔަ ދަރިކަލުން ކަހީނަކަށް ދައްކާންވީއެވެ. އެކަލޭގެފާނަށް އެހުންނެވީ އެސްފީނާ ޖެހިވަޑައިގެންފައެވެ. އެހެންނޫނީ ޖިންނިޔެއް އަވަލައިފައެވެ. އެދަރިކަލުން ޖަވާބު ދެއްވައެވެ. އަހުރެންގެ ހަށިގަނޑު މިހިރީ ސަލާމަތުންނެވެ. ހިތް މިއޮތީ އެންމެ ރަނގަޅަށެވެ. އެކަމަކު އެންމެފަހުން އަހަރެމެންނަށް އެއްބަސްވެވުނީ އެދަރިކަލުން ކޮންމެވެސް ކަހީނަކަށް ދައްކައިލާށެވެ. ދުވަސްވަރަކީ ޢުކާޒުގެ ބާޒާރު އޮންނަ ދުވަސްވަރެވެ. އަހަރެމެން އެދަރިކަލުން ގޮވައިގެން ޢުކާޒުގެ ބާޒާރަށް ހިނގައްޖައީމުއެވެ. އެދަރިކަލުން ކަހީނަކަށް ދެއްކުމުން އެކަލޭގެ އެދަރިކަލުންނާ ވާހަކަ ދައްކައިގެން އެހާދިސާގެ މަޢުލޫމާތު ހޯދިއެވެ. އެއަށްފަހު ހަޅޭއްލަވައިގެންފައި ބުންޏެވެ. "އޭ ޢަރަބީންގެ އެންމެންނޭވެ! ހަމަކަށަވަރުން ވަރަށްބޮޑު ނުބައިކަމަކާއި ވަރަށްބޮޑު މުސީބަތެއް ތިޔަބައިމީހުންނަށް ޖެހެން ކައިރިވެއްޖެއެވެ. ތިޔަބައިމީހުން މިހިރަ ކުޑަކުއްޖާ ޤަތުލު ކޮށްލާށެވެ. އޭނާއާއެކު އަހަރެންވެސް ޤަތުލުކޮށްލާށެވެ. މިކުއްޖާ ސަލާމަތުންހުރެ ބޮޑުވެއްޖެނަމަ އޭނާ ތިޔަބައިމީހުން އެންމެންނަކީ މޮޔައިންކަމުގައި ހަދާނެއެވެ. ތިޔަބައިމީހުން ނުދަންނަ އައު ދީނަކަށް ވަންނަން ގޮވައިލާނެއެވެ."
އެހިނދު އަހަރެން އެކަލޭގެ އަތުން އެދަރިކަލުން ފިރުކައިގެންފައި ބުނެފީމެވެ. ކަލޭގެހުރި ނުބައިކަމާއެވެ. ކަލޭގެއަށް ޖެހިފައި ތިޔަހުރި ގިލަންވެރިކަން މާބޮޑެވެ. ކަލޭގެ އަމިއްލަ ނަފުސު ޤަތުލުކުރާނެ މީހަކު ކަލޭގެ ހޯދާށެވެ. އަހަރެމެން މިމާތް ދަރިކަލުން ޤަތުލުކުރާނެ ބަޔަކު ކަމުގައެއް ނުވަމުއެވެ. ކޮންމެއަކަސް މިހުރިހައިކަމެއް ހިނގުމުން އަހަރެންގެ ފިރިކަލުން ވިދާޅުވެއްޖެއެވެ. "އަހަންނަށް ފެންނަނީ މިދަރިކަލުން މިދަރިކަލުންގެ މަންމާފުޅުގެ އަރިހަށް ގެންދާށެވެ. ހުރިހައިވެސް ކަމަކީ މީހުންގެ ހަސަދައެވެ. ކަމަނާ ތިޔަ އަމާނަތުން ނެއްޓިވަޑައިގަންނަވާށެވެ." (ކީރިތި ރަސޫލާގެ ސީރަތުން ކުޑަކުދީންނަށް - محـمّــد رشـيـد إبــراهيــم)
(ނުނިމޭ)