ޑާކާ އިން: އަހުމަދު ޔަޝާއު – ވަން އޮންލައިން
ސާފް ސުޒުކީ ކަޕް ގްރޫޕް އޭ ގެ ފަހު މެޗުގައި، މުބާރާތް ބާއްވާ ޤައުމު ބަންގްލަދޭޝްގެ މައްޗަށް 0-2 ގެ ނަތީޖާއަކުން ކުރިހޯދައި، ނޭޕާލުން ސެމީފައިނަލުގެ ފަހުޖާގަ ކަށަވަރުކޮށްފިއެވެ.
ބަންގްލަދޭޝްގެ ވެރިރަށް ޑާކާގެ ބަންގްބަންދު ސްޓޭޑިއަމްގައި މިއަދު ކުޅުނު މެޗަށް މިދެޓީމު ނިކުތް އިރު، މި ގްރޫޕްގެ ފުރަތަމަ މެޗުގައި ޕާކިސްތާނުން ވަނީ ބޫޓާންގެ މައްޗަށް 0-3 ގެ ނަތީޖާއަކުން ކުރިހޯދައި، ސެމީފައިނަލުގެ ފުރަތަމަ ޖާގަ ކަށަވަރު ކޮށްފައެވެ. އެހެންކަމުން، މިމެޗަށް މިދެޓީމު ނިކުތީ ސެމީ ފައިނަލުގެ ދެވަނަ ޖާގަ ކަށަވަރުކުރުމަށެވެ. މެޗު އެއްވަރު ކޮށްގެން ވެސް ބަންގްލަދޭޝް އަށް ސެމީއަށް ދިއުމުގެ ފުރުޞަތު އޮތެވެ. ބޫޓާނަށް އޮތް ހަމައެކަނި ފުރުޞަތަކީ މެޗުން މޮޅުވުމެވެ.
މިއަދުގެ މެޗުގައި ނޭޕާލަށް ފުރަތަމަ ލަނޑު ކާމިޔާބުކޮށްދިނީ މެޗުގެ 33 ވަނަ މިނެޓުގައި ބިމަލް ގަރްތީ މަގަރް އެވެ. އޭނާ މިލަނޑު ކާމިޔާބުކުރީ ބަންގްލަދޭޝްގެ ހާފުތެރެއިން އެޓީމުގެ ކުޅުންތެރިޔަކު ކުރި ފައުލަކާ ގުޅިގެން ލިބުނު ހިލޭ ޖެހުމަކުންނެވެ. ނޭޕާލްގެ ބިމަލް މަތިމަތިން ފޮނުވާލި ހިލޭޖެހުން ބަންގްލަދޭޝްގެ ގޯލްކީޕަރު ސާހިދުލް އަލަމް ހިފަން އުޅުމުގެ ތެރޭގައި އޭނާގެ އަތުން ދޫވެގެން ވެއްޓުނީ ގޯލުގެ ތެރެއަށެވެ.
މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 0-1 ގެ ލީޑަކުން ނޭޕާލް ކުރީގައި އޮވެގެންނެވެ.
މެޗުގެ ދެވަނަ ހާފު ފަށައިގެން ބަންގްލަދޭޝްއިން ވަނީ ނޭޕާލްގެ ޑިފެންސަށް ބާރުބޮޑުކޮށްފަ އެވެ. ނަމަވެސް ލަނޑު ޖަހާނެ މާރަނގަޅު ފުރުޞަތެއް ނުލިބެއެވެ. ނޭޕާލުންވެސް ދިޔައީ ލިބޭ ކައުންޓާގައި ނުރައްކާ ކުރަމުންނެވެ. މެޗުގެ ފަހު ދިހަ މިނެޓުގެ ތެރޭގައި ބަންގްލަދޭޝްއިން ބޮޑަށް ކުރިއަށް ޖެހި ގޯލެއް ޖަހަން ވަރަށް މަސައްކަތްކުރިއެވެ. ނަމަވެސް، ބަންގްލަދޭޝް ގޯލެއްޖަހައި ސެމީއަށް ދިއުމަށް ކުރަމުން އައި މަސައްކަތަށް ހުރަސްއެޅީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް ނޭޕާލްގެ ނަވަޔޫގް ޝްރެސްތާއެވެ.
މެޗުގެ ނުވަދިހަ ވަނަ މިނެޓުގައި ނޭޕާލުން އުފެއްދި ކައުންޓާ އެޓޭކެއްގައި ނަވަޔޫގް ވަނީ ލަނޑެއް ކާމިޔާބުކޮށް ނޭޕާލް ސެމީފައިނަލަށް ގެންގޮސްދީފައެވެ.
ސާފް ޗެމްޕިއަންޝިޕްގައި އެންމެފަހުން ނޭޕާލާއި ބަންގްލަދޭޝް ބައްދަލުކުރި ދެމެޗުންވެސް ނޭޕާލް ވަނީ މޮޅުވެފައެވެ.