ނިމިގެންދިޔަ އެމްޑީޕީގެ ޕްރިމަރީގައި ގއ. ވިލިގިނލީ ގޮނޑިއަށް ވާދަކުރައްވައި ނާކާމިޔާބުވެވަޑައިގެންނެވި، މަޝްހޫރު ގާނޫނީ ވަކީލު އަދި ކުރީގެ ބަންޑާރަ ނައިބު ފާތިމަތު ދިޔާނާ ސައީދު އޭނާ ބަލިވެވަޑައިގެންނެވުމުން އެކަމުގައި ފިރިކަލުން އަބްދުﷲ ޖާބިރު ކުށްވެރި ނުކުރުމަށް އެދިވަޑައިގެންފި އެވެ.
ދިޔާނާ ޕްރައިމަރީން ބަލިވެވަޑައިގެންނެވި އެންމެ ބޮޑު ސަބަބަކީ ފިރިކަލުން ޖާބިރު ކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ. ޓުވީޓާގައި ބައެއް ފަރާތްތަކުން ކޮށްފައިވާ ކޮމެންޓުތަކުގައި ވެސް ވަނީ އެގޮތަށް މެސެޖުކޮށްފަ އެވެ. އެފަދަ ފަރާތްތަކުން ބުނެފައިވާ ގޮތުގައި ދިޔާނާއަކީ 19 ވަނަ ރައްޔިތުންގެ މަޖިލީހަށް މުހިންމު ބޭފުޅެކެވެ. އަދި ދިޔާނާއަކީ އެކަމަށް ވަރަށް ގާބިލު ބޭފުޅެއް ކަމަށް ބައެއް ފަރާތްތަކުން ވަނީ ބުނެފަ އެވެ. އެހެން ނަމަވެސް ދިޔާނާ ޕްރައިމްރީގައި ވާދަ ކުރެއްވި ދާއިރާއާ ގުޅިގެންނާއި އެނޫން ގޮތްގޮތުން ބަލާ އިރު ދިޔާނާއަށް ޕްރައިމަރީ ކާމިޔާބު ނުވުމުގައި މެދުވެރިވި އެންމެ ބޮޑު އެއް ސަބަބަކީ ފިރިކަލުން ޖާބިރު ދެކެ ބައެއް ފަރާތްތަކުން އަންނަ ރުޅި ކަމަށް ވެސް މީސްމީޑިއާގެ ކޮމެންޓުތަކުގައި ފާހަގަކޮށްފައިވެ އެވެ. އަދި އާންމުންގެ މެދުގައި ވާހަކަ ދެކެވެނީ ވެސް އެފަދަ ގޮތަކަށެވެ.
ދިޔާނާގެ ޕްރައިމަރީއާއި ފިރިކަލުން ޖާބިރުއާ ގުޅުވައިގެން ދެކެވޭ ވާހަކަތަކަށް އޭނާ ރޭ ވަނީ ގުޅުން ހުރި ބައެއް ޖަވާބުތައް ދެއްވައިފަ އެވެ.
"ނޫން! ކޮލަމާފުށީގެ މެޖޯރިޓީ އަޅުގަނޑަށް ލިބުނީ އެ ގުޅުންތަކުގެ ސަބަބުން. އަޅުގަނޑަށް ނާކާމިޔާބުވީ ލަހުން މަސައްކަތް ފެށުނީމަ. މިކަމުގަ ޖާބިރު ކުށްވެރި ނުކުރަމާތޯ!" ދިޔާނާގެ ޓުވީޓުގައި ވިދާޅުވެފައިވެ އެވެ.
އެ ޓުވީޓުގައި ދިޔާނާ ވަނީ ޕްރައިމަރީގެ ދުވަސްވަރު ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އައްޔަން ކުރެއްވި މިފްކޯގެ މެނޭޖްމެންޓުން ވަކިވަކި މީހުންނަށް ގުޅައިގެން އޭނާއާ ދެކޮޅަށް މަސައްކަތްކުރި ކަމަށް ވެސް ތުހުމަތުކުރައްވައިފަ އެވެ.
ދިޔާނާ ކުރެއްވި އެހެން ޓުވީޓެއްގައި ވިދާޅުވީ އޭނާގެ ކެމްޕޭން ތެރޭގައި ވޯޓެއް ދިނުން އެދި މީހެއް ކައިރީ އެދިވަޑައިގަތުމުން، ޖާބިރުގެ ކުުންފުންޏަކުން ވަޒީފާއެއް ހޯދަން ކުރި މަސައްކަތް ނާކާމިޔާބުވެ ހިތްހަމަނުޖެހިފައި ހުރުމުން، ވޯޓު ނުދޭނެ ކަމަށް ބުނި ކަމަށެވެ. އެކަން ހިނގާފައި އޮތީ އޭނާ ޖާބިރުއާ ބައްދަލުވުމުގެ ވެސް ކުރީން ކަމަށް ދިޔާނާގެ ޓުވީޓުގައި ވިދާޅުވެފައިވެ އެވެ.
"އަޅުގަނޑު އެމީހާއަށް ވިސްނައިދޭން މަސައްކަތް ކުރީން. އެމީހާ ބުނީ އަޅުގަނޑަށް ކާމިޔާބަށް އެދި ދުއާކުރާނެ ކަމަށް. އެކަމަކު އޭނާވެސް އަދި އޭނާގެ އާއިލާ ވެސް އަޅުގަނޑަށް ވޯޓު ނުދޭނެ ކަމަށް." ދިޔާނާގެ ޓުވީޓުގައި ވިދާޅުވެފައިވެ އެވެ.
ވިލިނގިލީ ދާއިރާއިން ބަލިވެވަޑައިގެންނެވުމުން ދިޔާނާ ވަނީ ޕްރައިމަރީ ކާމިޔާބުކުރެއްވި ހާރޫނަށް މަސައްކަތްކޮށްދެއްވައި އެމްޑީޕީއަށް އެ ގޮނޑި ކާމިޔާބުކޮށްދިނުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކޮށްދިނުމަށް އޭނާގެ ސަޕޯޓަރުންގެ ކިބައިން އެދިވަޑައިގެންފަ އެވެ.
ކ. ކާށިދޫ ދާއިރާގެ ޕްރައިމަރީން ބަލިވެވަޑައިގެންނެވި ދިޔާނާގެ ފިރިކަލުން އަދި ރައީސް ސޯލިހު ސްޕެޝަލް އެންވޯއީ އަބްދުﷲ ޖާބިރު ވަނީ އޭނާ މަޖިލިސް އިންތިޚާބަށް އަމިއްލަ ގޮތުން ކުރިމަތިލައްވާނެކަން އިއްޔެ އިއުލާނުކުރައްވައިފަ އެވެ. ޕްރައިމަރީން ބަލިވީމަ މަޖިލީހަށް ކުރިމަތިނުލެވޭ ގޮތަށް އޮތުން އެއީ ގާނޫނު އަސާސީ ޚިލާފު ކަމެއް ކަމަށާއި އެ މައްސަލަ ސުޕްރީމް ކޯޓަށް ވެސް ހުށަހަޅުއްވާނެ ކަމަށް ޖާބިރުގެ ވަނީ ވިދާޅުވެފަ އެވެ.