އެލައިޑް އިންޝުއަރެންސް

އެލައިޑުގެ ފަރާތުން "މަށަށް އެނގިއްޖެ" ކެމްޕެއިން ތައާރަފްކޮށްފި

އެލައިޑް އިންޝުއަރެންސްގެ ފަރާތުން "މަށަށް އެނގިއްޖެ" ކެމްޕެއިން ތައާރަފްކޮށްފި އެވެ.

މި ކެމްޕެއިނަކީ އެލައިޑާއި މޯލްޑިވްސް ޕޮލިސް ސާވިސް ގުޅިގެން ހިންގާ ޓްރެފިކަށް ހޭލުންތެރިކުރުވުމުގެ ކެމްޕެއިނެކެވެ. މި ކެމްޕޭން ތައާރަފުކުރީ ރޭ ކުރިއަށްދިޔަ އެލައިޑުގެ އެލައިޑް ސްޕެޝަލް އިވެންޓް ހަފުލާގަ އެވެ..

މި ކެމްޕެއިނާ ގުޅޭ ގޮތުން ވާހަކަދައްކަވަމުން ފުލުހުންގެ އެކްޓިންގް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވީ މާލެ، ހުޅުމާލެ އަދި ހުޅުލެ ގުޅާލާ ބްރިޖާއި ހައިވޭގައި ހިނގާ އެކްސިޓެންޓު ތަކަކީ އެންމެންވެސް ވަރަށް ބޮޑަށް އެކަމާ ކަންބޮޑުވުން ފާޅު ކުރާ މައްސަލައެއް ކަމަށެވެ. ހޭލުންތެރިކަން އިތުރު ކުރުމުގެ އިތުރުން ކުރިއަށް އޮތްތާގައި ރޯޑް ސޭފްޓީއާއި ރޯޑް ޕޮލިސިންއަށް ފުލުހުން ބޮޑު އަހައްމިއްޔަތުކަމެއް ދޭނެކަމަށް ހަމީދު ވިދާޅުވިއެވެ.

މީގެ އިތުރުން އަވަސް މުސްތަގުބަލެއްގައި އިތުރު ޓްރެފިކްގެ ވަސީލަތްތައް ބޭނުންކޮށްގެން އާ ހުނަރުތައް ބޭނުން ކުރަން ފަށާނެކަމަށްވެސް ހަމީދު ވިދާޅުވިއެވެ. މީގެ އިތުރުން އެލައިޑްގެ "މަށަށް އެނގިއްޖެ" ކެމްޕެއިން ފަދަ އެކި ހަރަކާތްތަކުގެ އެހީގައި ރޯޑް ސޭފްޓީ އެވެއާނަސްގެ ކަންކަން ކުރިއަށް ގެންދާނެކަމަށްވެސް ހަމީދު ވިދާޅުވިއެވެ.

ރޯޑް ސޭފްޓީއަކީ އަމިއްލަ ފަރުދީ ޒިންމާއެއްކަމަށާއި، ފުލުހުން މަގުދައްކައިދިން ނަމަވެސް އެ މައްސަލަތައް ހައްލުވާނީ ފަރުދީ ޒިންމާ އަދާކޮށްގެން ކަމަށް ހަމީދު ވިދާޅުވިއެވެ.