ރިޔާސީ އިންތިހާބަށް އެއް ކެންޑިޑޭޓަކު ނެރެގެން ހުރިހާ ޕާޓީއެއް ތާއީދުކޮށްގެން ދިއުން އެއީ ޑިމޮކްރަސީގެ ރަނގަޅު މިސާލެއް ކަމުގައި ބަލަގަނެ، ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ނުކުންނަންވީމާ އެކަން ކަމުނުދާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
މިރޭ ބޭއްވި ޖޭޕީގެ ކައުންސިލް ބައްދަލުވުމަށް ފަހު ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން ގާސިމް ވިދާޅުވީ އެމްޑީޕީއަށް ރައްޔިތުންގެ މަޖިލީހަށް ނުކުންނަންވީމާ ޑިމޮކްރަސީގެ ހަމަތަކުން ބޭރުވާ ކަމަށެވެ.
"ރައީސުލްޖުމްހޫރިއްޔާ ހޮވަންވީމާ އެއް ކެންޑިޑޭޓަކު ނެރެގެން އެއް ބޭފުޅަކު ތާއީދުކޮށްގެން ދާން އެއީ ޑިމޮކްރަސީގައި ވަރަށް ރަނގަޅު މިސާލެއް. އެކަމަކު ރައްޔިތުންގެ މަޖިލީހަށް ނުކުންނަންވީމާ ކަމަކު ނުދޭ. ޑިމޮކްރަސީގެ ހަމަތަކުން ބޭރުވެގެން އެބަދޭ،" އޭނާ ވިދާޅުވިއެވެ.
ގާސިމް ވިދާޅުވީ އަބަދުވެސް ދެކޮޅު ދިމާވާން ޖެހޭ ކަމަށާއި އެއް ފަހަރު ކަމުގޮސްފިއްޔާ އަނެއް ފަހަރުވެސް ކަމުދާން ޖެހޭނެ ކަމަށެވެ.
"ހުރިހާ ޕާޓީތަކަކުން އެއް ރިޔާސީ ކެންޑިޑޭޓަކަށް ތާއީދުކޮށްގެން އެއް ފަހަރުން އެއް ބުރުން ކާމިޔާބުކުރެވުނީމާ އެ ރަނގަޅު. އެކަމަކު ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެކަން ވަނީ ޑިމޮކްރަސީން ބޭރުވުން ކަމަށް. މިވަނީ ކީއްތޯ. އަބަދުވެސް ދެކޮޅު ދިމާވާ ކަހަލަ ވާހަކަ ދައްކަން ޖެހޭނީ. އެއް ފަހަރު ކަމުގޮސްފިއްޔާ އަނެއް ފަހަރުވެސް ކަމުދާންޖެހޭނެ. އެއީވެސް ޑިމޮކްރަސީ، މިއީވެސް ޑިމޮކްރަސީ. އެބަޔަކަށް އެޑްވާންޓޭޖް އޮތް ގޮތަކަށް އެބަޔަކު ދާނެ،" އޭނާ ވިދާޅުވިއެވެ.