ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރުމަށް ޖުމްހޫރީ ޕާޓީން ޓިކެޓް ދޭނެ ބޭފުޅުން ކަނޑައެޅުމުގެ ބާރު އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމަށް ދީފިއެވެ.
މަޖިލީހުގެ އިންތިހާބުގައި ވާދަކުރުމަށް ޖޭޕީން ޓިކެޓް ދޭނެ ބޭފުޅުން ކަނޑައެޅުމުގެ ބާރު އެ ޕާޓީގެ ލީޑަރަށް ދިނުމަށް ނިންމާފައިވަނީ މިރޭ ބޭއްވި އެ ޕާޓީގެ ކައުންސިލް ބައްދަލުވުމުގައެވެ.
ގާސިމް ވިދާޅުވީ ޓިކެޓު ދިނުމުގައި ތައުލީމާއި ގާބިލިއްޔަތު ކަމަށް ބަލާނެ ކަމަށާއި ދާއިރާގައި އޭނާގެ ގުޅުމަށް ވެސް ބަލާނެ ކަމަށެވެ. އަދި މިއަދު ޕާޓިއަށް ވަދެ ޓިކެޓު ހޯދުމަށް އެދުނު ނަމަވެސް ޓިކެޓު ދިނުމުގައި އެކަންކަމަށް ބަލާނެ ކަމަށެވެ.
މިރޭ ބޭއްވި ކައުންސިލް ބައްދަލުވުމަށް ފަހު ޖޭޕީން ޓިކެޓު ދިން 36 ފަރާތެއް ވަނީ އިއުލާންކޮށްފައެވެ. ކުރިއަށްއޮތް ދުވަސްތަކުގެ ތެރޭގައި އިތުރު ދާއިރާތަކަށް ޖޭޕީގެ ޓިކެޓު ދިނުމަކީ ވެސް އެކަށީގެންވާ ކަމެއް ކަމަށް އެ ޕާޓީން ބުނެއެވެ.