ޕެނަލްޓީ ޝޫޓްއައުޓް ކާމިޔާބުކޮށް، އިޓަލީ ފައިނަލަށް.
އިޓަލީގެ ޖޯޖީނިއޯގެ ޕެނަލްޓީ ވެސް ކާމިޔާބުކޮށްފި.
ސްޕެއިންގެ މޮރާޓާގެ ޕެނަލްޓީ، އިޓަލީގެ ކީޕަރު ޑޮނަރޫމާ މަތަކޮށްފި.
އިޓަލީގެ ބެނާޑެސްކީގެ ޕެނަލްޓީ ކާމިޔާބުކޮށްފި.
ސްޕެއިންގެ ތިއާގޯގެ ޕެނަލްޓީ ކާމިޔާބުކޮށްފި.
އިޓަލީގެ ބޮނޫޗީގެ ޕެނަލްޓީ ކާމިޔާބުކޮށްފި.
ސްޕެއިންގެ މޮރޭނޯގެ ޕެނަލްޓީ ކާމިޔާބުކޮށްފި.
އިޓަލީގެ ބެލޮޓީގެ ޕެނަލްޓީ ގޯލުގެ ކަނަށް.
ސްޕެއިންގެ އޮލްމޯގެ ޕެނަލްޓީ، ގޯލާ އަމާޒެއް ނުވި.
ފުރަތަމަ ޕެނަލްޓީ ފޮނުވާލީ އިޓަލީގެ ލޮކަޓެލީ. އޭނާގެ ޕެނަލްޓީ، ސްޕެއިންގެ ކީޕަރު ސިމޮން ވަނީ މަތަކޮށްފައި.
އިތުރު ވަގުތުގެ ދެވަނަ ހާފުވެސް ނިމުނީ 1-1ގެ ނަތީޖާއަކުން ދެ ޓީމު އެއްވަރުވެގެން. ދެން ނަތީޖާ ނެރޭނީ ޕެނަލްޓީ ޝޫޓްއައުޓުން.
'110 - ޕެނަލްޓީ އޭރިއާ ތެރެއިން ސްޕެއިންގެ ގޯލުގެ ތެރެއަށް ބެރާޑީ ބޯޅަ ފޮނުވާލި ނަމަވެސް، އޭނާ ހުރީ އޮފްސައިޑް މަގާމެއްގައި.
އިތުރު ވަގުތުގެ ދެވަނަ ހާފުގެ ކުޅުން ފަށައިފި.
އިތުރު ވަގުތުގެ ފުރަތަމަ ހާފު ވެސް ނިމިގެންދިޔައީ 1-1ގެ ނަތީޖާއަކުން ދެ ޓީމު އެއްވަރުވެގެން.
މި ހާފުގައި އިޓަލީއަށް އަދި ރަނގަޅު ކުޅުމެއް ދެއްކޭ ގޮތެއް ނުވޭ. ލަނޑު ޖަހާނެ ފުރުސަތެއް ވެސް ތަނަވަސްކުރެވިފައެއް ނުވޭ. މި ހާފުގައި ވެސް ނުރައްކާކޮށް ފެންނަނީ ސްޕެއިން.
'102 - ލޮރެންޓޭ ނަގައިދިން ހުރަސް، ޕެނަލްޓީ އޭރިއާ ތެރެއިން ނުރައްކާވުމުގެ ކުރިން އިޓަލީގެ ކީޕަރު ދިފާއުކޮށްފި. ރީބައުންސް ބޯޅައިން ލޮރެންޓޭ ފޮނުވާލި ހަމަލާ ވެސް ވަނީ ބްލޮކްވެފައި.
'98 - ސްޕެއިނަށް ރަނގަޅު ދެ ފުރުސަތެއް. އޮލްމޯ ފޮނުވާލި ހިލޭ ޖެހުން އިޓަލީގެ ކީޕަރު ޑޮނަރޫމާ މަތަކުރި އިރު، ރީބައުންސް ބޯޅައިން ޕެނަލްޓީ އޭރިއާ ތެރެއިން މޮރާޓާ ފޮނުވާލި ހަމަލާ، އިޓަލީގެ ކެޕްޓަން ކިއޭލީނީ ވަނީ ބްލޮކްކޮށްފައި.
އިތުރު ވަގުތު ފުރަތަމަ ފަސް މިނެޓު ތެރޭ ދެ ޓީމުގެ ފަރާތުން ވެސް ފެނުނީ ދާދި ހަމަހަމަ ކުޅުމެއް. ދެ ޓީމަށް ވެސް ލަނޑުޖަހާނެ ފުރުސަތެއް ތަނަވަސްކުރެވިފައެއް ނުވޭ.
އިތުރު ވަގުތުގެ ފުރަތަމަ ހާފުގެ ކުޅުން ފަށައިފި.
ދެވަނަ ހާފުގެ ކުޅުން ނިންމާލައިފި. ހާފު ނިމިގެންދިޔައީ 1-1ގެ ނަތީޖާއަކުން ދެ ޓީމު އެއްވަރުވެގެން. ނަތީޖާ ނެރުމަށް ދެން ކުޅޭނީ 15 މިނެޓުގެ ދެ ހާފު.
ދެވަނަ ހާފުގެ އިތުރު ވަގުތުގެ ގޮތުގައި ތިން މިނެޓުގެ ކުޅުން ދައްކައިފި.
'84 - ސްޕެއިންގެ ހަމަލާއެއް. މޮރާޓާ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ބޭރުން މޮރޭނޯ ފޮނުވާލި ހަމަލާ، އިޓަލީގެ ގޯލާ އަމާޒުވެފައެއް ނުވޭ.
'82 - ސްޕެއިނަށް ފުރުސަތެއް. އޮލްމޯ ނަގައިދިން ކޯނަރަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުރެ ބުސްކެޓްސް ބޮލުން ފޮނުވާލި ހަމަލާ، އިޓަލީގެ ގޯލާ އަމާޒުވެފައެއް ނުވޭ.
'80 - ސްޕެއިނުން ނަތީޖާ ހަމަހަމަކޮށްފި. އޮލްމޯ ދިން ރީތި ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން ފޮނުވާލި ހަމަލާއަކުން ސްޕެއިނަށް އެ ލަނޑު ކާމިޔާބުކޮށްދިނީ ދެވަނަ ހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް މޮރާޓާ.
މި ހާފުގައި އިޓަލީން ފެންނަނީ ވަރަށް ބޮޑަށް ފަހަތަށް ޖެހި، ޑިފެންސިވް ކުޅުމެއް. އެޓީމުން ނުރައްކާކުރުމަށް މަސައްކަތްކުރަނީ ކައުންޓާ އެޓޭކުތަކުގައި. އިޓަލީން ލަނޑު ޖަހާފައިވަނީ ވެސް ކައުންޓާ އެޓޭކެއްގެ ތެރެއިން.
'76 - ޕެނަލްޓީ އޭރިއާ ތެރެއިން މޮރާޓާ ފޮނުވާލި ހަމަލާ، އިޓަލީގެ ޑިފެންޑަރު ބޮނޫޗީ ބްލޮކްކޮށްފި.
'68 - އިޓަލީއަށް ރަނގަޅު ފުރުސަތެއް. ޕެނަލްޓީ އޭރިއާ ތެރެއިން ބެރާޑީ ފޮނުވާލި ހަމަލާ، ސްޕެއިންގެ ކީޕަރު ސިމޮން ވަނީ މަތަކޮށްފައި.
'66 - ސްޕެއިނަށް ރަނގަޅު ފުރުސަތެއް. އޮޔާޒަބާލް ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ބޭރުން އޮލްމޯ ފޮނުވާލި ހަމަލާ ދިޔައީ އިޓަލީ ގޯލުގެ އަރިމަތީ ދަނޑި ކައިރިން ބޭރަށް.
'65 - ސްޕެއިނަށް ފުރުސަތެއް. ކޮކޭ ދިން ބޯޅަ، ޕެނަލްޓީ އޭރިއާ ތެރޭ ވަރަށް ހުސްކޮށް ހުރި އޮޔާޒަބާލަށް ބޮލުން ފޮނުވައިލެވިފައެއް ނުވޭ.
'60 - އިޓަލީން ލީޑު ހޯދައިފި. ޕެނަލްޓީ އޭރިއާ ތެރެއިން ފޮނުވާލި ހަމަލާއަކުން އިޓަލީއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ ކިއޭސާ. ޕެނަލްޓީ އޭރިއާ ތެރެއިން އޭނާ ފޮނުވާލި ހަމަލާ އަމާޒުވީ އިޓަލީ ގޯލުގެ ތިރީ ކަނަކަށް.
58 - ސްޕެއިންގެ ހަމަލާއެއް. ކޮކޭ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ބޭރުން އޮޔާޒަބާލް ފޮނުވާލި ބާރު ހަމަލާ އަމާޒުވީ އިޓަލީގެ ކީޕަރު ޑޮނަރޫމާގެ އަތަށް.
'57 - ޕެނަލްޓީ އޭރިއާ ބޭރުން ފެރާން ޓޮރޭސް ފޮނުވާލި ހަމަލާ، އިޓަލީގެ ޑިފެންޑަރު ޑި ލޮރެންޒޯ ބްލޮކްކޮށްފި.
'53 - އިޓަލީއަށް ރަނގަޅު ފުރުސަތެއް. ބަރެއްލާ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން ކިއޭސާ ފޮނުވާލި ހަމަލާ، ސްޕެއިންގެ ކީޕަރު ސިމޮން ވަނީ މަތަކޮށްފައި.
'52 - ސްޕެއިނަށް ރަނގަޅު ފުރުސަތެއް. ކައުންޓާ އެޓޭކެއްގައި އޮޔާޒަބާލް ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން ބުސްކެޓްސް ފޮނުވާލި ހަމަލާ ދިޔައީ އިޓަލީ ގޯލުގެ ހުރަސް ދަނޑި މަތިން ބޭރަށް.
'51 - މެޗުގެ ފުރަތަމަ ކާޑު ސްޕެއިންގެ ކެޕްޓަން ބުސްކެޓްސްއަށް. އޭނާއަށް ރީނދޫ ކާޑު ދައްކާފައިވަނީ އިމޯބިލޭއަށް ކުރި ފައުލަކާ ގުޅިގެން.
'50 - އޮލްމޯ ނަގައިދިން ހުރަސް، ފެރާން ޓޮރޭސްއަށް ލިބުމުގެ ކުރިން ޕެނަލްޓީ އޭރިއާ ތެރެއިން އިޓަލީގެ ޑިފެންޑަރު ޑި ލޮރެންޒޯ ދިފާއުކޮށްފި.
ދެވަނަ ހާފުގެ ކުޅުން ފަށައިފި.
މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިންމާލައިފި. ހާފު ނިމިގެންދިޔައީ ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވެގެން.
'45 - އިޓަލީގެ ނުރައްކާތެރި ހަމަލާއެއް. އިންސީނިއާ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން އެމަސަން ފޮނުވާލި ހަމަލާ އަމާޒުވީ ސްޕެއިން ގޯލުގެ ހުރަސް ދަނޑިއަށް.
'39 - ސްޕެއިނަށް ރަނގަޅު ފުރުސަތެއް. ޖޯޑީ އަލްބާ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން އޮޔާޒަބާލް ފޮނުވާލި ހަމަލާ، އިޓަލީގެ ގޯލާ އަމާޒުވެފައެއް ނުވޭ.
މެޗުގައި ސްޕެއިންގެ މިޑްފީލްޑާާއި އެޓޭކް ފެންނަނީ ނުރައްކާކޮށް. ނަމަވެސް އިޓަލީގެ ތަޖުރިބާކާރު ޑިފެންޑަރުން ކަމަށްވާ ކިއޭލީނީ އާއި ބޮނޫޗީ ފެންނަނީ ވަރުގަދަކޮށް.
'33 - ސްޕެއިންގެ ހަމަލާއެއް. ޕެނަލްޓީ އޭރިއާ ބޭރުން އޮލްމޯ ފޮނުވާލި ހަމަލާ، އިޓަލީގެ ގޯލާ އަމާޒުވެފައެއް ނުވޭ.
'25 - ސްޕެއިނަށް ރަނގަޅު ފުރުސަތެއް. ޕެނަލްޓީ އޭރިއާ ތެރެއިން އޮލްމޯ ފޮނުވާލި ފުރަތަމަ ހަމަލާ، ބޮނޫޗީ ބްލޮކްކުރުމާއެކު ލިބުނު ބޯޅައިން އޮލްމޯ ފޮނުވާލި ދެވަނަ ހަމަލާ، އިޓަލީގެ ކީޕަރު ޑޮނަރޫމާ ވަނީ ހުޝިޔާރުކަމާއެކު މަތަކޮށްފައި.
'21 - އިޓަލީއަށް ރަނގަޅު ފުރުސަތެއް. އެމަސަން އަތުން ބޯޅަ ހޯދުމަށް ސްޕެއިންގެ ކީޕަރު އުނައި ސިމޮން ކުރިއަށް ނުކުތުމުން އިޓަލީއަށް ފުރުސަތެއް ލިބުނު ނަމަވެސް، ގޯލަށް ނުރައްކާކުރުމުގެ ކުރިން ސްޕެއިންގެ ޑިފެންޑަރުން ވަނީ ހުރަސް އަޅާފައި.
މި މުބާރާތުގައި ސްޕެއިން ކުޅުނު މެޗުތަކުގެ ފުރަތަމަ 11ގައި ހިމެނި، އެންމެ ކުރިން މޮރާޓާ ފެނުނު ނަމަވެސް، މި މެޗުގައި އޭނާ އިނީ ބެންޗުގައި. މި މެޗުގައި ސްޕެއިންގެ އެންމެ ކުރިން ފެންނަނީ ޑެނިއެލް އޮލްމޯ.
'15 - ސްޕެއިނަށް ފުރުސަތެއް. ޕެނަލްޓީ އޭރިއާ ބޭރުން ފެރާން ޓޮރޭސް ފޮނުވާލި ހަމަލާ، ގޯލާ އަމާޒުވެފައެއް ނުވޭ.
'12 - ޕެޑްރީގެ ރީތި ބޯޅައަކުން އޮޔާޒަބާލްއަށް ހުސް ފުރުސަތެއް. އޭނާއަށް ވަނީ އިޓަލީގެ ޕެނަލްޓީ އޭރިއާ ތެރެއިން އެ ބޯޅަ ރަނގަޅަށް ކޮންޓްރޯލް ނުކުރެވިފައި.
'11 - ސްޕެއިނުން މިހާރު އަންނަނީ އެޓީމުގެ ރަސްމީ ކުޅުން ކުޅެމުން. ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން އިޓަލީގެ ގޯލަށް ނުރައްކާކުރުމަށް ފުރުސަތެއް ހޯދުމަށް ސްޕެއިނުން އަންނަނީ މަސައްކަތްކުރަމުން.
ބެލްޖިއަމްއާ ދެކޮޅަށް ކުޅުނު ކުއާޓާ ފައިނަލުގެ މެޗުގައި އިޓަލީގެ ލެފްޓް ބެކް ސްޕިނަޒޯލާއަށް އަނިޔާވުމާ ގުޅިގެން މި މެޗުގައި އެ މަގާމަށް ކުޅެމުން އަންނަނީ އެމަސަން. މި މުބާރާތުގައި އިޓަލީގެ އެންމެ މުހިންމު އެއް ކުޅުންތެރިޔަކަށް ވެފައިވަނީ ސްޕިނަޒޯލާ. އޭނާއަށް ލިބުނު އަނިޔާއާ ގުޅިގެން މި މުބާރާތުގައި ދެން އޭނާއެއް ނުފެންނާނެ.
މެޗުގެ ފުރަތަމަ ފަސް މިނެޓު ތެރޭ ސްޕެއިނަށް އެޓީމުގެ ރަސްމީ ކުޅުން ކުޅެވޭ ގޮތް ވަނީ ނުވެފައި. ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅުމަށް ވަނީ އުނދަގޫތަކެއް ކުރިމަތިވެފައި.
'4 - ބަރެއްލާ ފޮނުވާލި ހަމަލާއެއް ސްޕެއިންގެ ގޯލުގެ އަރިމަތީ ދަނޑިއަށް. އޭނާ ހުރީ އޮފްސައިޑު މަގާމެއްގައި.
މެޗުގެ ކުޅުން ފަށައިފި. ކިކްއޯފް ކުރީ ސްޕެއިނުން.
ޔޫރޯ 2020 ގެ ސެމީ ފައިނަލުގައި އިޓަލީއާއި ސްޕެއިން ވާދަކުރާ މެޗުގެ ލައިވް ބްލޮގަށް "ވަން"ގެ ކިޔުންތެރިންނަށް މަރުހަބާ!
މިއީ ދުނިޔޭގެ ފުޓުބޯޅައިގެ ގަދަ ދެ ބާރުގެ ކުރިމަތިލުމެއް. ސްޕެއިން ސެމީއަށް ގޮސްފައި ވަނީ އެންމެފަހުން ކުޅުނު ކުއާޓާ ފައިނަލް މެޗުގައި ޕެނަލްޓީ ޖަހައިގެން ސްވިޒަލޭންޑް ބަލިކޮށްގެން. މިހާތަނަށް މުބާރާތުގައި ސްޕެއިން ބަލިވެފައެއް ނުވޭ. އެޓީމުން ގްރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗުގެ ތެރެއިން ދެ މެޗު ވީ އެއްވަރު. ފަހު މެޗުން ބޮޑު ތަފާތަކުން ސްލޮވޭކިއާ ބަލިކޮށް، ގަދަ 16 ގައި ސްޕެއިން ވަނީ ކްރޮއޭޝިއާ ބަލިކޮށްފައި. އަނެއްކޮޅުން އިޓަލީ ވަނީ މިހާތަނަށް މުބާރާތުގައި ކުޅުނު ހުރިހާ މެޗަކުން މޮޅުވެފައި. އެޓީމުން ގްރޫޕް ސްޓޭޖުގެ ތިން މެޗުންވެސް މޮޅުވެ، ގަދަ 16 ގައި ވަނީ އޮސްޓްރިއާ ބަލިކޮށްފައި. އިޓަލީ ސެމީއަށް ދިޔައީ ކުއާޓާގައި ބެލްޖިއަމް ބަލިކޮށްގެން.
ދެޓީމު މިރޭގެ މެޗަށް ނުކުންނާނީ ވެމްބްލީ ސްޓޭޑިއަމްއަށް.
އިޓަލީއާއި ސްޕެއިން ވަނީ މީގެ ކުރިން ބޮޑެތި މުބާރާތްތަކުގައި 10 މެޗެއް ކުޅެފައި. އެ މެޗުތަކުގެ ތާރީހަށް ބަލާއިރު، އިޓަލީން އައީ 2008 ވަނަ އަހަރާ ހަމައަށް ސްޕެއިންގެ މައްޗަށް ކުރި ހޯދަމުން. އިޓަލީގެ އެ ޑޮމިނޭޝަނަށްފަހު، އިޓަލީގެ މައްޗަށް ސްޕެއިނުން ފުރަތަމަ ކުރި ހޯދީ 2008 ވަނަ އަހަރު ޔޫރޯގެ ކުއާޓާ ފައިނަލުގައި. އޭގެ ފަހުން އިޓަލީއާއި ސްޕެއިން 2012 ވަނަ އަހަރު ޔޫރޯ ފައިނަލުގައި ކުޅެ، ސްޕެއިން މޮޅުވީ 4-0 ގެ ނަތީޖާއަކުން.
އެންމެފަހުން ބޮޑު މުބާރާތެއްގައި އިޓަލީއާއި ސްޕެއިން ވާދަކުރީ 2016 ވަނަ އަހަރު ޔޫރޯގައި. ސްޕެއިނުން ޖެހިޖެހިގެން ދެ ޔޫރޯ ކާމިޔާބު ކުރުމަށްފަހު ފްރާންސްގައި އޮތް ޔޫރޯއަށް އެ އަހަރު ދިޔައީ ޖެހިޖެހިގެން ތިން ތަށި ހަމަކުރަން ނަމަވެސް އިޓަލީން ވަނީ އެޓީމު ކަޓުވާލާފައި.