ޕީޕީއެމް

މިއީ ދިވެހި ތާރީޚުގައި އެންމެ ބޮޑު ވައްކަމާއި އޮޅުވައިލުން އޮތް އިންތިޚާބު: އިބްރާހީމް ދީދީ

މި ފަހަރުގެ ރިޔާސީ އިންތިޚާބަކީ ދިވެހި ތާރީޚުގައި ވެސް އެންމެ ބޮޑު ވައްކަމާއި އޮޅުވައިލުން އޮތް އިންތިޚާބު ކަމަށް ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ މެންބަރު އިބްރާހީމް ދީދީ ވިދާޅުވެއްޖެ އެވެ.

އޭނާ މިހެން ވިދާޅުވީ ޕީޕީއެމްގެ އޮފީހުގައި މިއަދު ކުރިޔަށް ދިޔަ ނޫސްވެރިންގެ ބައްދަލުވުމުގަ އެވެ.

އިބްރާހީމް ދީދީ ވިދާޅުވީ ވޯޓުލުމުގެ މަރުހަލާގެ ތެރޭގައި ޝައްކާއި ވަހުމު އުފެދޭ އެތައް އެތައް ކަމެއް އެބަ އުޅޭ ކަމަށާއި އެކަންކަމަށް ސާފު ޖަވާބު ނުދީ އަވަސް އަރުވައިލައިގެން ކަންކަން ނިންމަން ޖެހޭ ސަބަބެއް ވިސްނިވަޑައިނުގަންނަވާ ކަމަށެވެ.

އޭނާ ވިދާޅުވީ އިންތިޚާބުގައި މައްސަލައެއް ނެތް ކަމުގެ ލިޔުމެއް ދޭން އިލެކްޝަންސް ކޮމިޝަނުން އިންތިޚާބާ ބެހޭ ކޮމްޕްލެއިންސް ބިއުރޯގައި އެދިފައިވާ ކަމަށް އަޑުތައް އެބަ އިވޭ ކަމަށާއި އެހެން ނަމަވެސް އެބިއުރޯ އިން އެފަދަ ލިޔުމެއް ދޭން ދެކޮޅު ހަދާ ކަމަށެވެ.

"ކޮމްޕްލެއިންސް ބިއުރޯގެ ބޭފުޅުން އެބަ ވިދާޅުވޭ މައްސަލަތައް ހުރި ކަމަށް. މައްސަލައެއް ނެތް ކަމުގެ ލިޔުން ދޭން އެބޭފުޅުން ދެކޮޅު. މިހެން ކަން އޮއްވައި އަޅުގަނޑުމެނަށް މި އިވެނީ ކޮމްޕްލެއިންސް ބިއުރޯގެ ހެޑް ވެސް މަގާމުން ވަކިކުރި ވާހަކަ." އިބްރާހީމްދީ ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ ބައެއް ފޮށި ތަކުގެ މަންދޫބުން ވޯޓުގެ ނަތީޖާ ޝީޓުގައި ސޮއިވެސް ނުކުރަނީސް އެދާއިރާ ތަކުގެ ނަތީޖާ އިއުލާނުކުރި ކަމުގެ އަޑުތައް ފެތުރިފައިވާ ކަމަށެވެ. އޭގެ އިތުރުން ބައެއް ރަށްރަށުގައި އެކި ކަހަލަ ވޯޓު ކަރުދާސް ގެންގުޅުނު ކަމުގެ އަޑުތައް ވެސް އިވޭ ކަމަށާއި ވޯޓު ލާން ވަދެ ފޮށްޓަށް ވައްޓައިލަނީ ކުރީން ފާހަގަ ޖަހައިފައި އޮތް ކަރުދާސްކޮޅު ކަމަށާއި އެތަނުން ދޭ ކަރުދާސްކޮޅު ހިފައިގެން ނިކުންނަނީ ބޭރަށް ކަމަށެވެ.