ޕީޕީއެމް

ޕީޕީއެމްއަށް ފައިސާ ދޭން މާދަން ފިނޭންސްގައި އެދޭނަން: އިލެކްޝަންސް

2

ޕީޕީއެމްއަށް ފައިސާ ދޫކުރަން މާދަމާ ފިނޭންސް މިނިސްޓްރީގައި އެދޭނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.

"ވަން އޮންލައިން"އަށް މައުލޫމާތުދެއްވަމުން އިލެކްޝަންސް ކޮމިޝަނުގެ މެންބަރު އަދި ތަރުޖަމާނު އަހުމަދު އަކްރަމް ދާދި ދެންމެ ވިދާޅުވީ ކޯޓު ހުކުމަށް އެ ކޮމިޝަނުން ތަބާވާނެ ކަމަށެވެ.

"ކުރީން ވެސް އަޅުގަނޑުމެން ބުނެފައިވާނެ ކޯޓުން ނިންމާ ގޮތެއްގެ މަތީން އަޅުގަނޑުމެން އަމަލުކުރާނެ ވާހަކަ. އެހެންވީމަ ޕީޕީއެމްއަށް ފައިސާ ދޫކުރުމަށް ޓަކައި މާދަމާ ފިނޭންސްގައި އަޅުގަނޑުމެން އެދޭނަން." އަކްރަމް ވިދާޅުވި އެވެ.

ޕީޕީއެމްގެ ފައިސާ ދޫކުރަން އިލެކްޝަނުން ފިނޭންނަށް އަންގަން ނިންމި އިރު އެޕާޓީގެ ދަރަނީގެ މައްސަލަތަކުގައި ގިނަބަޔަކު ދަނީ މީސްމީޑިއާގައި ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެ ގޮތުން އައިލެންޑް އޭވިއޭޝަނަށް ދައްކަން ޖެހޭ ގިނަ ފައިސާތަކެއްގެ މައްސަލަ ވެސް ވަނީ ފާހަގަކޮށްފަ އެވެ.

ޕީޕީއެމްއަށް ދޫނުކޮށް އިލެކްޝަނުން ހިފަހައްޓާފައިވާ ފައިސާގެ އަދަދު އަށް މިލިއަން ރުފިޔާއަށްވުރެ އިތުރެވެ. އެ ޕާޓީން ބުނަމުން އަންނަނީ ދައުލަތުން އެ ޕާޓީއަށް ލިބެން ޖެހޭ ފައިސާ ލިބުމުން ދަރަނިތައް ދައްކައި ޚަލާސް ކުރާނެ ކަމަށެވެ. އަދި ދައުލަތުން ލިބެން ޖެހޭ އެއްޗަކަށް ވުރެ ދައުލަތަށް އަދި އެނޫން ފަރާތްތަކަށް ވެސް އެޕާޓީން ދައްކަން ހުރި ފައިސާގެ އަދަދު މަދުވާނެ ކަމަށް އެ ޕާޓީން ވަނީ ބުނެފަ އެވެ.

ޕީޕީއެމްގެ އިން ބޭއްވި ޚާއްސަ ކޮންގްރެސްގެ ނިންމުންތައް ސައްހަ ކަމަށް ސުޕްރީމް ކޯޓުން ނިންމުމުން، އެ ޕާޓީގެ ރައީސް ކަމުގައި ހުންނަވާނީ ކުރީގެ ރައީސް، އަބްދުﷲ ޔާމީން އެވެ.

ކޮންގްރެސްގެ މައްސަލަ ނިމުނު ނަމަވެސް، ޕީޕީއެމްގެ މިލްކުވެރިކަމާ މެދު އަމިއްލަ ފަރާތަކުން ހުށަހެޅި މައްސަލަ އަދިވެސް އޮތީ ނުނިމި އެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟