ޕީޕީއެމް

ވޯޓު ވަނީ އޮޅުވާލާފައި، ވެރިކަން ސައްހައެއް ނުވާނެ: ޚަލީލު

ރިޔާސީ އިންތިޚާބުގެ ނަތީޖާ ވަނީ އޮޅުވާލާފައި ކަމަށާއި އަލަށް އަންނަ ވެރިކަން ސައްހަ ނުވާނެ ކަމަށް ޕީޕީއެމުން ބުނެފި އެވެ.

އެޕާޓީންގެ އޮފީހުގައި މިހާރު ކުރިޔަށްދާ ނޫސްކޮންފަރެންސް ގައި ޕާޓީގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް އަދި ފ.ނިލަންދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޚަލީލް ވިދާޅުވީ އިންތިޚާބުގައި ސުވާލު އުފެދޭ އެތައް އެތައް ކަމެއް މިހާރު ފެންމަތިވެފައިވާ ކަމަށާއި އެކަންކަން ސާފުވާން ޖެހޭ ކަމަށެވެ.

"މީ ފްރީ އެންޑް ފެއަރ އިލެކްޝަނެއްކަން ކަށަވަރުކޮށްދެއްވަން އެބަ ޖެހޭ. އެކަން އެއްވެސް ޝައްކެއް ނެތް މިންވަރަށް ޔަގީންކޮށްދޭން އެބަ ޖެހޭ. އެކަމަކު މިހާރު ކަންކަން ހުރީ އެހެނެއް ނޫން. ކުރިމަތީގައި މިހުރީ މުޅީން ވެސް ޖަވާބު ނުލިބޭ ސުވާލުތައް،" ޚަލީލު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ވޯޓު އޮޅުވައިލުމުގެ ކަންކަމުގެ ތެރޭގައި ފެންނަން ހުރީ އެންމެ ކަމެއް ދެކަމެއް ނޫން ކަމަށާއި އެތައް އެތައް ކަމެއް ފެންނާން އެބަހުރި ކަމަށެވެ.

ޚަލީލު އަދި ޕީޕީއެމްގެ އެހެން ބައެއް ބޭފުޅުން މިމޭރުމުން ވާހަކަދެއްކެވި ނަމަވެސް، އިލެކްޝަންސް ކޮމިޝަނުން ވަނީ އިންތިޚާބުގައި އެއްވެސް އޮޅުވައިލުމެއް ނެތް ކަމަށް ވިދާޅުވެފަ އެވެ. އަދި ނަތީޖާ އަށް ބަދަލެއް އަތުވެދާނެ ފަދަ ޝަކުވާއެއް ވެސް ލިބިފައި ނުވާ ކަމަށް ވަނީ ވިދާޅުވެފަ އެވެ.

ރިޔާސީ އިންތިޚާބުގައި ރައީސް އަބްދުﷲ ޔާމީނަށް ލިބިވަޑައިގަތީ 96،052 ވޯޓެވެ. އިއްތިހާދުގެ ކެންޑިޑޭޓު އިބްރާހީމް މުހައްމަދު ސޯލިހު އިންތިޚާބު ކާމިޔާބު ކުރެއްވީ 134،705 ވޯޓާ އެކުގައެވެ.