މެޗުގެ ފުރިހަމަ ވަގުތުގެ ކުޅުން ނިންމާލައިފި. މެޗު ނިމިގެންދިޔައީ 2-1ގެ ނަތީޖާއަކުން ޑެންމާކް ކުރީގައި އޮވެގެން. ސެމީ ފައިނަލުގައި ޑެންމާކް ނުކުންނަން ޖެހޭނީ ކުއާޓާގެ ފަހު މެޗުގައި މިރޭ އިންގްލެންޑާއި ޔޫކްރޭން ބައްދަލުކުރާ މެޗުން މޮޅުވާ ޓީމަކާ ދެކޮޅަށް.
ދެވަނަ ހާފުގެ އިތުރު ވަގުތުގެ ގޮތުގައި ހަ މިނެޓުގެ ކުޅުން ދައްކައިފި.
'82 - ޑެންމާކަށް ހުސް ފުރުސަތެއް. ޕުލްސަން ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރޭ ވަރަށް ހުސްކޮށް ހުރެ މައޭލީ ފޮނުވާލި ހަމަލާ، ޗެކްގެ ކީޕަރު ވަސްލިކް ވަނީ މަތަކޮށްފައި.
'78 - ޑެންމާކަށް ރަނގަޅު ފުރުސަތެއް. ވާސް ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން ޕުލްސަން ފޮނުވާލި ހަމަލާ، ޗެކްގެ ކީޕަރު ވަސްލިކް ވަނީ މަތަކޮށްފައި.
'74 - ޗެކަށް ފުރުސަތެއް. ބަރަކް ނަގައިދިން ހިލޭ ޖެހުން، ޕެނަލްޓީ އޭރިއާ ތެރެއިން ސޯޗެކަށް ލިބުމުގެ ކުރިން ޑެންމާކްގެ ކީޕަރު ޝްމައިކަލް ވަނީ ދިފާއުކޮށްފައި.
'69 - ޑެންމާކަށް ފުރުސަތެއް. ކައުންޓާ އެޓޭކެއްގައި ކުރިއަށް ޖެހި، ޕެނަލްޓީ އޭރިއާ ބޭރުން ޕުލްސަން ފޮނުވާލި ހަމަލާ، ޗެކްގެ ކީޕަރު ވަސްލިކް ވަނީ މަތަކޮށްފައި.
'62 - ޑެންމާކަށް ރަނގަޅު ފުރުސަތެއް. ޕެނަލްޓީ އޭރިއާ ތެރެއިން ޕުލްސަން ފޮނުވާލި ހަމަލާ، ޗެކްގެ ކެޕްޓަން ސޯޗެކް ވަނީ ޓެކަލްކޮށް ދިފާއުކޮށްފައި.
'49 - ޗެކުން ލަނޑެއް ޖަހައި، ފަރަގު ކުޑަކޮށްފި. ކޫފަލް ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން ފޮނުވާލި ހަމަލާއަކުން ޗެކަށް އެ ލަނޑު ކާމިޔާބުކޮށްދިނީ ޝިކް. މިއީ މުބާރާތުގައި ޝިކް ޖެހި ފަސްވަނަ ލަނޑު. އެ ލަނޑާއެކު މި މުބާރާތުގައި އެންމެ ގިނަ ލަނޑު ޖެހި ކްރިސްޓިއާނޯ ރޮނާލްޑޯ ޖެހި ލަނޑުގެ އަދަދާ ވަނީ އެއްވަރުވެފައި.
'47 - ޗެކަށް ރަނގަޅު ފުރުސަތެއް. ޕެނަލްޓީ އޭރިއާ ބޭރުން ބަރަކް ފޮނުވާލި ހަމަލާ، ޑެންމާކްގެ ކީޕަރު ޝްމައިކަލް ވަނީ ހުޝިޔާރުކަމާއެކު މަތަކޮށްފައި.
'46 - ޗެކްގެ ނުރައްކާތެރި ހަމަލާއެއް. ޕެނަލްޓީ އޭރިއާ ބޭރުން ކްރަމެންޗިކް ފޮނުވާލި ބާރު ހަމަލާ، ޑެންމާކްގެ ކީޕަރު ޝްމައިކަލް ވަނީ މަތަކޮށްފައި.
ދެވަނަ ހާފުގެ ކުޅުން ފަށައިފި.
ފުރަތަމަ ހާފުގެ ކުޅުން ނިންމާލައިފި. ހާފު ނިމިގެންދިޔައީ 2-0ގެ ނަތީޖާއަކުން ޑެންމާކު ކުރީގައި އޮވެގެން.
'42 - ޑެންމާކުން ލީޑު ފުޅާކޮށްފި. މައޭލީ ނަގައިދިން ރީތި ހުރަހަކުން ޕެނަލްޓީ އޭރިއާ ތެރެއިން ފޮނުވާލި ހަމަލާއަކުން ޑެންމާކަށް އެ ލަނޑު ކާމިޔާބުކޮށްދިނީ ޑޮލްބާގް.
'38 - ޑެންމާކަށް ރަނގަޅު ފުރުސަތެއް. ބޯޅަ ހިފައިގެން ޕެނަލްޓީ އޭރިއާ ތެރެއަށް ވަނުމަށްފަހު ޑެމްސްގާޑް ފޮނުވާލި ބާރު ހަަމަލާ، ޗެކްގެ ކީޕަރު ވަސްލިކް ވަނީ މަތަކޮށްފައި.
'35 - ޗެކަށް ރަނގަޅު ފުރުސަތެއް. ޝޯފާލް ނަގައިދިން ހުރަހަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުސްކޮށް ހުރެ ހޯލްސް ފޮނުވާލި ހަމަލާ އަމާޒުވީ ޑެންމާކުގެ ކީޕަރު ޝްމައިކަލްގެ އަތަށް.
'34 - ޑޮލްބާގް ދިން ބޯޅަ، ޕެނަލްޓީ އޭރިއާ ތެރެއިން ސްޓްރައިގާ ލާސަންއަށް ލިބުމުގެ ކުރިން ޗެކްގެ ކީޕަރު ވަސްލިކް ކުރިއަށް ނުކުމެ ހޯދައިފި.
'27 - ޑެންމާކަށް ފުރުސަތެއް. ބޯޅަ ހިފައިގެން ޕެނަލްޓީ އޭރިއާ ތެރެއަށް ވަނުމަށްފަހު، ބްރެތުވެއިޓް ފޮނުވާލި ބާރު ހަމަލާ، ޗެކްގެ ގޯލާ އަމާޒުވެފައެއް ނުވޭ.
'22 - ޗެކަށް ރަނގަޅު ފުރުސަތެއް. ޑެންމާކުގެ ކީޕަރު ޝްމައިކަލްއަށް ހެދުނު ގޯހަކުން މަސަޕުސްޓަށް ލިބުނު ބޯޅަ، އޭނާ ޖައްސާލުމުން ޕެނަލްޓީ އޭރިއާ ތެރެއިން ހޯލްސް ފޮނުވާލި ހަމަލާ، ކީޕަރު ޝްމައިކަލް ވަނީ މަތަކޮށްފައި.
'17 - ޑެންމާކަށް ހުސް ފުރުސަތެއް. ސްޓްރައިގާ ލާސަން ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުސްކޮށް ހުރެ ޑެލޭނީ ފޮނުވާލި ހަމަލާ ދިޔައީ ޗެކް ގޯލުގެ އަރިމަތީ ދަނޑި ކައިރިން ބޭރަށް.
'15 - ޗެކަށް ފުރުސަތެއް. ޕެނަލްޓީ އޭރިއާ ތެރެއިން މަސޮޕުސްޓް ފޮނުވާލި ހަމަލާ، ޑެންމާކުގެ ގޯލާ އަމާޒުވެފައެއް ނުވޭ.
'13 - ޑެންމާކަށް ފުރުސަތެއް. ހޮއިބިއާ ދިން ރީތި ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން ޑެމްސްގާޑް ފޮނުވާލި ބޯޅަ، ގޯލަށް ވަނުމުގެ ކުރިން ޗެކްގެ ޑިފެންޑަރު ކޫފަލް ވަނީ ހޯދާފައި.
'12 - ޗެކަށް ފުރުސަތެއް. ޕެނަލްޓީ އޭރިއާ ތެރެއަށް ވަނުމަށްފަހު ޝިކް ފޮނުވާލި ހަމަލާ، ޑެންމާކްގެ ޑިފެންޑަރު ކްރިސްޓެންސެން ވަނީ ބްލޮކްކޮށްފައި.
ލަނޑަށް ފަހު ވެސް ނުރައްކާކޮށް ފެންނަނީ ޑެންމާކް. ޗެކަށް އެޓޭކްކުރުމަށް އުނދަގޫތަކެއް ކުރަމުވަމުންދާކަން ފާހަގަކޮށްލެވޭ.
'5 - ޑެންމާކުން ލީޑު ހޯދައިފި. ސްޓްރައިގާ ލާސަން ނަގައިދިން ލާސަން ނަގައިދިން ކޯނަރަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުރެ ބޮލުން ފޮނުވާލި ހަމަލާއަކުން ޑެންމާކަށް އެ ލަނޑު ކާމިޔާބުކޮށްދިނީ ޑެލޭނީ.
މެޗުގެ ކުޅުން ފަށައިފި. ކިކްއޯފް ކުރީ ޑެންމާކުން.
ޔޫރޯ 2020ގެ ކުއާޓާ ފައިނަލުގައި ޗެކު ރިޕަބްލިކާއި ޑެންމާކު ވާދަކުރާ މެޗުގެ ލައިވް ބްލޮގަށް "ވަން" ގެ ކިޔުންތެރިންނަށް މަރުހަބާ!
ޑެންމާކުން މުބާރާތުގެ ކުއާޓާ ފައިނަލަށް ގޮސްފައިވަނީ ގަދަ 16 ގައި ބޮޑު ތަފާތަކުން ބަލިކޮށްގެން. އެޓީމުން ވަނީ 4-0 އިން ވޭލްސްގެ މައްޗަށް ކާމިޔާބު ހޯދައި ހިތްވަރު ދައްކާލައިފައި. ޑެންމާކުން މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުގައި އެޓީމުގެ ތަރި ކްރިސްޓިއަން އެރިކްސަންއަށް ކާޑިއެކް އެރެސްޓެއްގައި ދަނޑު މައްޗަށް ވެއްޓުމުގެ ހިސާބުން ޑެންމާކަށް އުނދަގޫ ހާލަތެއް ކުރިމަތިވި ނަމަވެސް އޭގެ ފަހުން އެޓީމު ފެނުނީ އާ ހިތްވަރަކާއެކު ކުޅެމުން ދިޔަތަން. ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ރަޝިއާ ކޮޅަށް ހަތަރު ގޯލު ޑެންމާކުން ޖެހި އިރު، އެޓީމު މިހާރު ފެންނަނީ ރަނގަޅު ފޯމެއްގައި ކުޅޭތަން.
އަނެއްކޮޅުން މެޗަށް ނުކުންނަ ޗެކު ރިޕަބްލިކް ވަނީ ގަދަ 16 ގައި ވަރުގަދަ ނެދަލޭންޑްސް ބަލިކޮށްފައި. އެޓީމުގެ ވަރުގަދަކަމާ މެދު އެއްވެސް ޓީމަކުން ޝައްކު ނުކުރާނެކަން ޔަގީން. ހާއްސަކޮށް ޗެކުގެ ފޯވަޑް ޕެޓްރިކް ޝިކަކީ މިހާތަނަށް މުބާރާތުގައި އެންމެ ނުރައްކާތެރިކޮށް ފެނުނު ފޯވަޑް. މިރޭގެ މެޗަށް ދެޓީމު ނުކުންނާނީ އަޒަރުބައިޖާންގެ ބަކޫގެ އޮލިމްޕިކް ސްޓޭޑިއަމްގައި.