ޔޫރޯ 2020

ޔޫރޯ: އިޓަލީ 2-1 ބެލްޖިއަމް

03 Jul 12:00

މެޗުގެ އުސްއަލިތައް

  • މެޗުގެ ކުރީކޮޅުގައި ބެލްޖިއަމްގެ ކުރިން ލުކާކޫއާއި ޑިބްރޭނާގެ ނުރައްކާ ފާހަގަވެގެން ދިޔަ
  • ޑިބްރޭނާގެ ބާރު ހަމަލާއެއްގެ އިތުރުން ލުކާކޫގެ ނުރައްކާތެރި ހަމަލާއެއް އިޓަލީ ގޯލްކީޕަރު ޑޮނަރޫމާ މަތަކުރި
  • އިޓަލީން މަޑުމަޑުން ކުޅުން ރަނގަޅުކޮށް ކޮންޓްރޯލް ހޯދި
  • ހަލުވި ކުޅުމަކާއެކު އެޓޭކް ކުރަން މަސައްކަތްކުރި
  • އިޓަލީން މެޗުގެ ލީޑު ނެގީ ބަރޭލާގެ ހިތްގައިމު ގޯލަކުން
  • ޗިއޭސާގެ ދެ ހަމަލާއެއްވެސް ނުރައްކާކޮށް ފާހަގަވެގެން ދިޔަ
  • އިޓަލީން ފުރަތަމަ ހާފު ނިމުމުގެ ކުރިން އިންސީނިއާގެ ހިތްގައިމު ގޯލާއެކު ލީޑު ފުޅާވެސް ކުރި
  • ބެލްޖިއަމް ވަނީ ފުރަތަމަ ހާފް ފަހު މިނެޓުގައި ލިބުނު ޕެނަލްޓީން ނަތީޖާގެ ފަރަގު ކުޑަކޮށްފައި، ޕެނަލްޓީ ކާމިޔާބު ކޮށްދިނީ ލުކާކޫ
  • ދެވަނަ ހާފުވެސް ފެނިގެން ދިޔައީ ވަރަށް ފޯރިގަދަކޮށް، މެޗުގައި ހަމަލާއަކަށްފަހު ހަމަލާއެއް ފެނުނު
  • ލުކާކޫއަށް ހުސްކޮށް ލިބުނު ފުރުސަތެއްގައި ޖެހި ބޯޅަ އިޓަލީ ޑިފެންޑަރު ސްޕިނަޒޯލާ ބްލޮކް ކުރި
  • ޑޮކޫގެ ނުރައްކާތެރި ހަމަލާއެއް ގޯލާ އަމާޒުނުވެ ބޭރަށް ދިޔަ
  • އަނެއްކޮޅުން އިންސީނިއާގެ ބާރު ހަމަލާއެއް ބެލްޖިއަމް ގޯލްކީޕަރު ކޯޓުއާ މަތަކުރި އިރު، ސްޕިނަޒޯލާގެ ހަމަލާ ދިޔައީ ބޭރަށް
  • އިޓަލީން ވަނީ މެޗުގެ ފަހު ކޮޅުގައި ހިތްވަރާއެކު ޑިފެންސް ކޮށްފައި
  • އިޓަލީން ސެމީގައި ކުޅެން ޖެހޭނީ ސްޕެއިންއާ ދެކޮޅަށް
03 Jul 11:57

މެޗުގެ ފުރިހަމަ ވަގުތުގެ ކުޅުން ނިންމާލައިފި. މެޗު ނިމިގެންދިޔައީ 2-1ގެ ނަތީޖާއަކުން އިޓަލީ ކުރީގައި އޮވެގެން. އިޓަލީ ސެމީ ފައިނަލަށް. ސެމީގައި އިޓަލީ ނުކުންނަން ޖެހޭނީ ސްޕެއިންއާ ދެކޮޅަށް.

03 Jul 11:50

ދެވަނަ ހާފުގެ އިތުރު ވަގުތުގެ ގޮތުގައި ފަސް މިނެޓުގެ ކުޅުން ދައްކައިފި.

03 Jul 11:43

'84 - ބެލްޖިއަމަށް ފުރުސަތެއް. އިޓަލީގެ ދެ ކުޅުންތެރިއެއް ކައިރިން ނައްޓާލުމަށްފަހު، ޕެނަލްޓީ އޭރިއާ ބޭރުން ޑޮކޫ ފޮނުވާލި ހަމަލާ، ބެލްޖިއަމްގެ ގޯލާ އަމާޒުވެފައެއް ނުވޭ.

03 Jul 11:42

'74 - އިޓަލީގެ ސްޕިނަޒޯލާއަށް އަނިޔާވެ، އޭނާގެ ބަދަލުގައި އެމަސަން ކުޅެން ނުކުމެއްޖެ. ބެލެވޭ ގޮތުގައި ސްޕިނަޒޯލާއަށް ވެފައިވަނީ ސީރިއަސް އަނިޔާއެއް.

03 Jul 11:35

'75 - ބެލްޖިއަމަށް ފުރުސަތެއް. ޑި ބްރޭނާ ދިން ބޯޅައަކުން އިޓަލީގެ ޕެނަލްޓީ އޭރިއާ ބޭރުން ލުކާކޫ ފޮނުވާލި ހަމަލާ، ޖޯޖީނިއޯ ވަނީ ބްލޮކްކޮށްފައި.

03 Jul 11:31

'70 - ބެލްޖިއަމަށް ފުރުސަތެއް. ޗެޑްލީ ދިން ބޯޅަ، އިޓަލީގެ ޕެނަލްޓީ އޭރިއާ ތެރޭ ހުސްކޮށް ހުރި ލުކާކޫ އަދި ތޯގަން ހަޒާޑަށް ވެސް ލިބޭ ގޮތެއް ނުވި.

03 Jul 11:28

'69 - އިޓަލީގެ ހަމަލާއެއް. ޕެނަލްޓީ އޭރިއާ ބޭރުން އިންސީނިއާ ފޮނުވާލި ހަމަލާ، ބެލްޖިއަމްގެ ކީޕަރު ކޯޓުއާ ވަނީ މަތަކޮށްފައި.

03 Jul 11:23

'63 - އިޓަލީއަށް ފުރުސަތެއް. ޕެނަލްޓީ އޭރިއާ ތެރެއިން ކިއޭސާ ފޮނުވާލި ހަމަލާ، ބެލްޖިއަމްގެ ކީޕަރު ކޯޓުއާ ވަނީ މަތަކޮށްފައި.

03 Jul 11:21

'61 - ބެލްޖިއަމަށް ހުސް ފުރުސަތެއް. ޑި ބްރޭނާ ދިން ރީތި ބޯޅައަކުން އިޓަލީގެ ޕެނަލްޓީ އޭރިއާ ތެރެއިން ލުކާކޫ ފޮނުވާލި ހަމަލާ، ސްޕިނަޒޯލާ ވަނީ ދިފާއުކޮށްފައި.

03 Jul 11:12

'52 - ކިއޭސާ ދިން ބޯޅަ، ބެލްޖިއަމްގެ ޕެނަލްޓީ އޭރިއާ ތެރެއިން އިމޯބިލޭއަށް ރަނގަޅަށް ފޮނުވައިލެވޭ ގޮތެއް ނުވި.

03 Jul 11:07

އިޓަލީން ދެވަނަ ހާފު ވެސް ފެށީ ވަރުގަދަކޮށް.

03 Jul 11:04

ދެވަނަ ހާފުގެ ކުޅުން ފަށައިފި.

03 Jul 10:49

ފުރަތަމަ ހާފުގެ އުސްއަލިތައް

  • ފުރަތަމަ ހާފްގެ ކުރީކޮޅުގައި ފެނުނީ ދާދި ހަމަހަމަ ކުޅުމެއް
  • ބެލްޖިއަމްގެ ކުރިން ލުކާކޫއާއި ޑިބްރޭނާގެ ނުރައްކާ ފާހަގަވެގެން ދިޔަ
  • ޑިބްރޭނާގެ ބާރު ހަމަލާއެއްގެ އިތުރުން ލުކާކޫގެ ނުރައްކާތެރި ހަމަލާއެއް އިޓަލީ ގޯލްކީޕަރު ޑޮނަރޫމާ މަތަކުރި
  • އިޓަލީން މަޑުމަޑުން ކުޅުން ރަނގަޅުކޮށް ކޮންޓްރޯލް ހޯދި
  • ހަލުވި ކުޅުމަކާއެކު އެޓޭކް ކުރަން މަސައްކަތްކުރި
  • އިޓަލީން މެޗުގެ ލީޑު ނެގީ ބަރޭލާގެ ހިތްގައިމު ގޯލަކުން
  • ޗިއޭސާގެ ދެ ހަމަލާއެއްވެސް ނުރައްކާކޮށް ފާހަގަވެގެން ދިޔަ
  • އިޓަލީން ހާފު ނިމުމުގެ ކުރިން އިންސީނިއާގެ ހިތްގައިމު ގޯލާއެކު ލީޑު ފުޅާވެސް ކުރި
  • ބެލްޖިއަމް ވަނީ ފަހު މިނެޓުގައި ލިބުނު ޕެނަލްޓީން ނަތީޖާގެ ފަރަގު ކުޑަކޮށްފައި، ޕެނަލްޓީ ކާމިޔާބު ކޮށްދިނީ ލުކާކޫ
03 Jul 10:48

މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިންމާލައިފި. ހާފު ނިމިގެންދިޔައީ 2-1ގެ ނަތީޖާއަކުން އިޓަލީ ކުރީގައި އޮވެގެން.

03 Jul 10:48

'45+2 - ބެލްޖިއަމަށް ލުކާކޫ ޕެނަލްޓީ ކާމިޔާބުކޮށް، އިޓަލީން ދަމަހައްޓަމުންދިޔަ ލީޑު ހަނިކޮށްފި.

03 Jul 10:46

'45 - އިޓަލީގެ ޕެނަލްޓީ އޭރިއާ ތެރެއިން ޑޮކޫއަށް ޑި ލޮރެންޒޯ ކުރި ފައުލަކާ ގުޅިގެން ބެލްޖިއަމަށް ޕެނަލްޓީއެއް.

03 Jul 10:45

'44 - އިޓަލީން ލީޑު ފުޅާކޮށްފި. ބަރެއްލާ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ބޭރުން ފޮނުވާލި ހަމަލާއަކުން އިޓަލީއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އިންސީނިއާ. އޭނާގެ ހަމަލާ އަމާޒުވީ ގޯލުގެ ކަނަކަށް.

03 Jul 10:41

'41 - އިޓަލީއަށް ފުރުސަތެއް. ޕެނަލްޓީ އޭރިއާ ބޭރުން ލިބުނު ބޯޅައަކުން ކިއޭސާ ފޮނުވާލި ހަމަލާ ދިޔައީ ބެލްޖިއަމް ގޯލުގެ އަރިމަތީ ދަނޑި ކައިރިން ބޭރަށް.

03 Jul 10:37

'37 - ލަނޑަށްފަހު ވެސް އިޓަލީން އަންނަނީ ރަނގަޅު ކުޅުމެއް ދައްކަމުން. ނަމަވެސް ބެލްޖިއަމްގެ ގޯލަށް އިތުރު ހަމަލާއެއް ފޮނުވައިލެވިފައެއް ނުވޭ.

03 Jul 10:31

'31 - އިޓަލީން ލީޑު ހޯދައިފި. ވެރާޓީ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން ފޮނުވާލި ބާރު ހަމަލާއަކުން އިޓަލީއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ ބަރެއްލާ. އޭނާގެ ހަމަލާ އަމާޒުވީ ބެލްޖިއަމް ގޯލުގެ ތިރީ ކަނަކަށް.

03 Jul 10:28

'27 - އިޓަލީގެ ހަމަލާއެއް. ޕެނަލްޓީ އޭރިއާ ބޭރުން އިންސީނިއާ ފޮނުވާލި ހަމަލާ ދިޔައީ ބެލްޖިއަމް ގޯލުގެ ހުރަސް ދަނޑި މަތިން ބޭރަށް.

03 Jul 10:26

'26 - ބެލްޖިއަމަށް އިތުރު ފުރުސަތެއް. ކައުންޓާ އެޓޭކެއްގައި ޑި ބްރޭނާ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން ލުކާކޫ ފޮނުވާލި ހަމަލާ، އިޓަލީގެ ކީޕަރު ޑޮނަރުއްމާ ވަނީ މަތަކޮށްފައި.

03 Jul 10:23

22' ޑިބްރޭނާގެ ނުރައްކާތެރި ހަމަލާއެއް. މެދުތެރެއިން ބާރު ދުވެލީގާއި ގޮސް އޭރިއާ ބޭރުން ފޮނުވާލި ބާރު ހަމަލާ މަތަކުރީ އިޓަލީ ގޯލްކީޕަރު ޑޮނަރޫމާ.

03 Jul 10:21

18' އަނެއްކާވެސް ބެލްޖިއަމްގެ ހަމަލާއެއް. ޑިބްރޭނާގެ ބާރު ހަމަލާވެސް ބޭރަށް ދިޔައީ ޑިފެންޑަރެއްގެ ގައިގައި ޖެހި ބްލޮކްވެގެން.

03 Jul 10:20

16' ބެލްޖިއަމްގެ ހަމަލާއެއް. ތީލަމަންސްގެ ބާރު ހަމަލާ އިޓަލީގެ ވެރާޓީ ވަނީ ބްލޮކްކޮށް ބޭރު ކޮށްލައިފައި.

03 Jul 10:16

12' އިންސީނިއާގެ ހިލޭ ޖެހުމަކުން އިޓަލީ ކެޕްޓަން ކިއެލީނީ ބޯޅަ ގޯލަށް ވައްދާލި ނަމަވެސް، އެ ބޯޅަ ފޮނުވާލިއިރު އޭނާ އޮފްސައިޑް ކަމަށް ރެފްރީ ވަނީ ވީއޭއާރުގެ އެހީގައި ނިންމާފައި.

03 Jul 10:13

މެޗުގައި މިހާތަނަށް ފެންނަމުން ދަނީ ދާދި ހަމަހަމަ ކުޅުމެއް. ބެލްޖިއަމްއިން ރަނގަޅަށް ފެށި ނަމަވެސް މިހާރު ބޯޅަ ގިނަ ވަގުތު ކޮންޓްރޯލް ކުރަމުން އަންނަނީ އިޓަލީން. އަދި ގޯލަށް އަމާޒުކޮށް މެޗުގައި ހަމަލާއެއް އުފައްދާފައެއް ނުވޭ.

03 Jul 10:07

މިއީ ގަދަ ދެބާރުގެ ކުރިމަތިލުމެއް. ފޯމުގައި އޮތް އިޓަލީއާ ދެކޮޅަށް މިރޭ ނުކުތްއިރު ބެލްޖިއަމްއަށް ލިބުނު އެންމެ ބޮޑު ހިތްވަރަކީ އަނިޔާއިން ރަނގަޅުވެ ޑިބްރޭނާ ޓީމާ ގުޅުން. އޭނާ މިރޭގެ ފުރަތަމަ 11 އިން ނުފެންނާނެ ކަމަށް ބެލެވުނު ނަމަވެސް ކޯޗު މާޓިނޭޒް ވަނީ ފުރަތަމަ 11 އަށް ޑިބްރޭނާ ނެރެފައި. އަދިވެސް ބެލްޖިއަމް ކެޕްޓަން އެޑެން ހަޒާޑް ހުރީ އަނިޔާގައި.

03 Jul 10:03

1' ލުކާކޫއަށް ފުރުސަތެއް. މެދުތެރެއިން ދުއްވާލި ބޯޅައަށް ކުރިއަށް ޖެހި ގޯލަށް ފޮނުވާލަން މަސައްކަތް ކުރި ނަމަވެސް އިޓަލީ ކީޕަރު ވަނީ ކުރިއަށް ޖެހި ބޯޅަ ހޯދާފައި.

03 Jul 10:03

މެޗުގެ ކުޅުން ފަށައިފި. މެޗުގެ ކުޅުން ފެށީ ބެލްޖިއަމްއިން.

ޔޫރޯ 2020ގެ ކުއާޓާ ފައިނަލުގައި އިޓަލީއާއި ބެލްޖިއަމް ވާދަކުރާ މެޗުގެ ލައިވް ކަވަރޭޖްއަށް "ވަން"ގެ ކިޔުންތެރިންނަށް މަރުހަބާ!

އިޓަލީއާއި ބެލްޖިއަމްއަކީ މިހާތަނަށް މުބާރާތުގައި އެންމެ ރަނގަޅު ކުޅުމެއް ދައްކާފައިވާ ދެޓީމު. އެޓީމުންވެސް މިހާތަނަށް މުބާރާތުގައި ކުޅުނު ހުރިހާ މެޗަކުން ވަނީ މޮޅުވެފައި. އިޓަލީން ގަދަ 16 ގައި އޮސްޓްރިއާ ބަލިކުރީ އިތުރު ވަގުތުގައި ދެ ގޯލް ޖަހައިގެން. ބެލްޖިއަމްއިން ގަދަ 16 ގައި އެންމެފަހުގެ ޗެމްޕިއަން ޕޯޗުގަލް ބަލިކޮށްފައިވާއިރު، އެޓީމުން މެޗުން މޮޅުވީ 1-0 ގެ ނަތީޖާއަކުން.

މިރޭގެ މެޗަށް ދެޓީމު ނުކުންނާނީ ޖަރުމަނުގެ އެލިއާންޒް އެރީނާގައި.

ސްޓޭޑިއަމްއަށް ނަޒަރެއް

  • ސްޓޭޑިއަމް : އެލިއާންޒް އެރީނާ
  • ސަޕޯޓަރުންގެ ޖާގަ: 70،000 މީހުން
  • އުސޫލުތަކާއެކު ސަޕޯޓަރުން ވެއްދޭނެ ކަމަށް ބުނެފައިވާ އަދަދު: 14،500 (20 ޕަސެންޓް)
  • ޖަރުމަނުގެ އެންމެ ކާމިޔާބު ކްލަބު ބަޔާން މިއުނިކްގެ ހޯމް ސްޓޭޑިއަމް
  • 2005 ބިނާކޮށް ނިމުނު ސްޓޭޑިއަމްގައި 2006 ވަނަ އަހަރުގެ ވޯލްޑް ކަޕް މެޗުތައް ކުޅެފައިވޭ
  • ސްޓޭޑިއަމްގެ ޗާލުކަން އޮސްޓްރިއާގެ އުސް ސަރަހައްދުތަކަށް ރޭގަނޑު ފެންނާނެ

ކޯޗުންނަށް ނަޒަރެއް

އިޓަލީ
  • ރޮބާޓޯ މަންޗިނީ
  • އުމުރު: 56 އަހަރު
  • މަންޗިނީގެ ކޯޗިން ކެރިޔަރު ފަށާފައިވަނީ 2001 ވަނަ އަހަރު އިޓަލީގެ ފިއޮރެންޓީނާ އިން.
  • އޭގެ ފަހުން އޭނާ ވަނީ ލާޒިއޯ، އިންޓަ މިލާން، އިނގިރޭސިވިލާތުގެ މެންޗެސްޓާ ސިޓީ، ތުރުކީގެ ގަލަތަސަރާއީ އަދި ޒެނިތު ސެއިންޓް ޕީޓާސްބާގަށް ވެސް އިރުޝާދުދީފައި.
  • އޭނާ އިޓަލީގެ ކޯޗުކަމާ ހަވާލުވީ 2018 ވަނަ އަހަރު.
  • މަންޗިނީގެ ކޯޗިން ކެރިއަރުގައި އޭނާ ވަނީ ގިނަ ކާމިޔާބީތަކެއް ހޯދައިފައި.
ބެލްޖިއަމް
  • ރޮބާޓޯ މާޓިނޭޒް
  • އުމުރު: 47 އަހަރު
  • ސްޕެއިނަށް އުފަން ރޮބާޓޯ މާޓިނޭޒް ވަނީ ބެލްޖިއަމްގެ ކޯޗުކަމާ ހަވާލުވުމުގެ ކުރިން އިނގިރޭސިވިލާތުގެ ސްވަންސީ ސިޓީ އާއި ވިގަން އެތުލެޓިކް އަދި އެވަޓަންއަށް އިރުޝާދު ދީފައި.
  • ބެލްޖިއަމްއާ 2016 ވަނަ އަހަރު ހަވާލުވުމަށްފަހު، ވޯލްޑް ކަޕް 2018ގައި މާޓިނޭޒް ވަނީ އެޓީމަށް ތިންވަނަ ހޯދައިދީފައި.
  • ބެލްޖިއަމްގެ ވޯލްޑް ކަޕް ތާރީހުގައި އެޓީމުން ހޯދި އެންމެ ބޮޑު ކާމިޔާބަކީ ވެސް އެއީ.