މެޗުގެ ފުރިހަމަ ވަގުތުގެ ކުޅުން ނިންމާލައިފި. މެޗު ނިމިގެންދިޔައީ 2-0ގެ ނަތީޖާއަކުން އިންގްލެންޑް ކުރީގައި އޮވެގެން. ކުއާޓާގައި އިންގްލެންޑް ނުކުންނަން ޖެހޭނީ މިރޭ ސްވިޑެން އާއި ޔޫކްރޭން ބައްދަލުކުރާ މެޗުން މޮޅުވާ ޓީމަކާ ދެކޮޅަށް.
ދެވަނަ ހާފުގެ އިތުރު ވަގުތުގެ ގޮތުގައި ހަތަރު މިނެޓުގެ ކުޅުން ދައްކައިފި.
'86 - އިންގްލެންޑުން ލީޑު ފުޅާކޮށްފި. ގްރީލިޝް ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުރެ ބޮލުން ފޮނުވާލި ހަމަލާއަކުން އިންގްލެންޑަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އެޓީމުގެ ކެޕްޓަން ހެރީ ކޭން.
'81 - ޖަރުމަނަށް ހުސް ފުރުސަތެއް. ހަވާޓްޒް ދިން ބޯޅައަކުން ވަރަށް ހުސްކޮށް ހުރެ ޕެނަލްޓީ އޭރިއާ ބޭރުން މުލާ ފޮނުވާލި ހަމަލާ ދިޔައީ އިންގްލެންޑް ގޯލުގެ އަރިމަތީ ދަނޑި ކައިރިން ބޭރަށް.
މުބާރާތުގައި އިންގްލެންޑުން މިހާތަނަށް ތިން ލަނޑު ޖަހާފައިވާ އިރު، އެޓީމަށް އެ ތިން ލަނޑުވެސް ޖަހައިދިނީ ރަހީމް ސްޓާލިން.
'75 - އިންގްލެންޑުން ލީޑު ހޯދައިފި. ލޫކް ޝޯ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން ފޮނުވާލި ހަމަލާއަކުން އިންގްލެންޑަށް އެ ލަނޑު ކާމިޔާބުކޮށްދިނީ ރަހީމް ސްޓާލިން.
'72 - ޓްރިޕިއާއަށް ކުރި ފައުލަކާ ގުޅިގެން ޖަރުމަނުގެ ގޮސެންސްއަށް ރީނދޫ ކާޑެއް.
'69 - ދެ ޓީމުން ވެސް ބަދަލެއް ކޮށްފި. އިންގްލެންޑުން ސަކާގެ ބަދަލުގައި ކުޅެން ނެރުނީ ގްރީލިޝް. ޖަރުމަނުން ވާނާގެ ބަދަލުގައި ނެރުނީ ގްނަބްރީ.
އިންގްލެންޑުން ހުރަސްތަކެއް ނަގައި، ނުރައްކާކުރުމަށް މަސައްކަތްތަކެއް ކުރަމުންދިޔަ ނަމަވެސް، ޕެނަލްޓީ އޭރިއާ ތެރެއިން ކޭންއަށް އެ ބޯޅަތަކެއް ލިބޭ ގޮތެއް ނުވޭ. ޖަރުމަނުގެ ދެ ޑިފެންޑަރުން ކަމަށްވާ ހުމުލްސް އާއި ރުޑިގާގެ ސަބަބުން ކޭންއަށް ވަނީ މުޅި މެޗުގައި ވެސް އުނދަގޫތަކެއް ކުރިމަތިވެފައި.
'57 - ހަވާޓްޒް ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން ވާނާ ނުރައްކާކުރުމުގެ ކުރިން އިންގްލެންޑް ޑިފެންޑަރު ސްޓޯންސް، އެ ބޯޅަ ބޭރުކޮށްލައިފި.
މި ހާފުގައި ވެސް ދެޓީމުން އެޓޭކާއެކު ޑިފެންސަށް ވެސް އިސްކަންދޭކަން ފާހަގަކޮށްލެވޭ.
'48 - ޖަރުމަނަށް ރަނގަޅު ފުރުސަތެއް. ގޮސެންސް ނަގައިދިން ހުރަހަކުން ޕެނަލްޓީ އޭރިއާ ތެރެއިން ހަވާޓްޒް ފޮނުވާލި ބާރު ހަމަލާ، އިންގްލެންޑްގެ ކީޕަރު ޕިކްފޯޑް ވަނީ ހުޝިޔާރުކަމާއެކު މަތަކޮށްފައި.
މެޗުގެ ދެވަނަ ހާފުގެ ކުޅުން ފަށައިފި.
މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިންމާލައިފި. ހާފު ނިމިގެންދިޔައީ ދެޓީމުން ކުރެ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވެގެން.
'45 - އިންގްލެންޑަށް ހުސް ފުރުސަތެއް. ސްޓާލިން އަތުން ގެއްލުނު ބޯޅަ، ޕެނަލްޓީ އޭރިއާ ތެރޭ ހުސްކޮށް ހުރި ކޭންއަށް ލިބުނު ނަމަވެސް، އޭނާ ހަމަލާއެއް ފޮނުވައިލުމުގެ ކުރިން ޖަރުމަން ޑިފެންޑަރު ހުމުލްސް ވަނީ ދިފާއުކޮށްފައި.
'45 - ކްރޫސްއަށް ކުރި ފައުލަކާ ގުޅިގެން އިންގްލެންޑް މިޑްފީލްޑަރު ފިލިޕްސްއަށް ރީނދޫ ކާޑެއް.
ހިލޭ ޖެހުމުން ޓްރިޕިއާ ދިން ބޯޅަ، ޕެނަލްޓީ އޭރިއާ ތެރެއިން ކޭންއަށް ލިބުމުގެ ކުރިން ޖަރުމަން ޑިފެންޑަރު ހުމުލްސް ދިފާއުކޮށް، ބޭރުކޮށްލައިފި.
'42 - ކޭންއަށް ގޮރެއެޓްޒްކާ ކުރި ފައުލަކާ ގުޅިގެން އިންގްލެންޑަށް ހިލޭ ޖެހުމެއް.
'32 - ޖަރުމަނަށް ރަނގަޅު ފުރުސަތެއް. ހަވާޓްޒް ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން ވާނާ ފޮނުވާލި ހަމަލާ، އިންގްލެންޑްގެ ކީޕަރު ޕިކްފޯޑް ވަނީ މަތަކޮށްފައި.
'27 - ޓްރިޕިއާ ނަގައިދިން ހުރަހަކުން ޕެނަލްޓީ އޭރިއާ ތެރެއިން މެގުއާ ބޮލުން ފޮނުވާލި ހަމަލާ، ޖަރުމަނުގެ ގޯލާ އަމާޒެއް ނުވި.
'25 - ލޫކް ޝޯއަށް ކުރި ފައުލަކާ ގުޅިގެން ގިންޓާއަށް ރީނދޫ ކާޑެއް ދައްކައި، އިންގްލެންޑަށް ހިލޭ ޖެހުމެއް.
އިންގްލެންޑުން ކުޅުން ވަރުގަދަކޮށް، މިހާރު އަންނަނީ ޖަރުމަނުގެ ގޯލަށް ނުރައްކާކުރަމުން.
'17 - އިންގްލެންޑަށް އިތުރު ފުރުސަތެއް. ކޯނަރެއްގެ ތެރެއިން ޕެނަލްޓީ އޭރިއާ ތެރޭ ހުރެ މެގުއާ ބޮލުން ފޮނުވާލި ހަމަލާ އަމާޒުވީ ޖަރުމަނުގެ ކީޕަރު ނޯޔާގެ އަތަށް.
'16 - އިންގްލެންޑަށް ރަނގަޅު ފުރުސަތެއް. ޕެނަލްޓީ އޭރިއާ ބޭރުން ސްޓާލިން ފޮނުވާލި ހަމަލާ، ޖަރުމަނުގެ ކީޕަރު ނޯޔާ ވަނީ މަތަކޮށްފައި.
މެޗުގެ ފުރަތަމަ ދިހަ މިނެޓު ތެރޭ ނުރައްކާ ޓީމެއްގެ ގޮތުގައި ފެންނަނީ ޖަރުމަން. އިންގްލެންޑުގެ ފަރާތުން ފެންނަނީ ޑިފެންސިވް ކުޅުމެއް. އެޓީމަށް ލަނޑު ޖަހާނެ ފުރުސަތެއް ވެސް ތަނަވަސްކުރެވިފައެއް ނުވޭ.
'10 - ޖަރުމަނަށް ފުރުސަތެއް. ހިލޭ ޖެހުމުގެ ތެރެއިން ކައި ހަވާޓްޒް ފޮނުވާލި ހަމަލާ، އިންގްލެންޑުގެ ވޯލުގައި ތިބި ކުޅުންތެރިން ވަނީ ބްލޮކްކޮށްފައި.
'8 - އިންގްލެންޑްގެ ޕެނަލްޓީ އޭރިއާ ބޭރުން ގޮރެއެޓްޒްކާއަށް ޑެކްލެން ރައިސް ކުރި ފައުލަކާ ގުޅިގެން ޖަރުމަނަށް ހިލޭ ޖެހުމެއް.
'4 - ޖަރުމަނުގެ ހަމަލާއެއް. ޕެނަލްޓީ އޭރިއާ ބޭރުން ގޮރެއެޓްޒްކާ ފޮނުވާލި ހަމަލާ، އިންގްލެންޑްގެ ކީޕަރު ޕިކްފޯޑް ވަނީ ފަސޭހަކަމާއެކު ހޯދާފައި. އެ ބޯޅައިގައި ބާރެއް ނެތް.
'3 - ކިމިކް ނަގައިދިން ހުރަސް، ޕެނަލްޓީ އޭރިއާ ތެރެއިން ނުރައްކާވުމުގެ ކުރިން އިންގްލެންޑް ޑިފެންޑަރު ވޯކާ ދިފާއުކޮށްފި.
މެޗުގެ ކުޅުން ފަށައިފި. ކިކްއޯފް ކުރީ ޖަރުމަނުން.
ޔޫރޯ 2020 ގެ ގަދަ 16 ގައި އިންގްލެންޑާއި ޖަރުމަނު ވާދަކުރާ މެޗުގެ ލައިވް ބްލޮގަށް "ވަން"ގެ ކިޔުންތެރިންނަށް މަރުހަބާ!
އިންގްލެންޑާއި ޖަރުމަނަކީ މިހާރު ދުނިޔޭގެ ފުޓުބޯޅައިގައި ގަދަ ދެ ބާރު. ޖަރުމަނާ އެއްވަރަށް އިންގްލެންޑަށް ތަށި ހޯދިފައި ނުވި ނަމަވެސް އިންގްލެންޑަކީ އަބަދުވެސް ތަރިންގެ ޓީމެއް. އެގައުމުގެ ވަރުގަދަ ފުޓުބޯޅަ ލީގާއެކު ޒުވާން ކުޅުންތެރިން އުފައްދައި އިންގްލެންޑުން ދަނީ ތަށްޓަކާ ގާތް ކުރަމުން. އަނެއްކޮޅުން ޖަރުމަނަކީ ދުނިޔޭގެ ޗެމްޕިއަންކަން ހަތަރު ފަހަރު، ޔޫރޯ ޗެމްޕިއަންކަން ތިން ފަހަރު ހޯދާފައިވާ ޓީމެއް. އެގައުމުގެ ފުޓުބޯޅަ ސިސްޓަމަކީ ދުނިޔޭގެ އެންމެ ވަރުގަދަ އެއް ސިސްޓަމް. އަބަދުވެސް ހުނަރުވެރި ކުޅުންތެރިން ޖަރުމަނުން ފެންނާނެ.
ޔޫރޯ 2020ގެ ގަދަ 16 އަށް ޖަރުމަނުން ދިޔައީ ގްރޫޕް އެފް، މަރުގެ ގްރޫޕުގެ ދެވަނަ ޓީމުގެ ގޮތުގައި. އެޓީމުން ވަނީ ގްރޫޕް ސްޓޭޖުގައި އެންމެ ފަހުގެ ޗެމްޕިއަން ޕޯޗުގަލް ބަލިކޮށް، ހަންގޭރީއާ އެއްވަރުކޮށްފައި. ޖަރުމަނުން ހަމައެކަނި ބަލިވީ ދުނިޔޭގެ ޗެމްޕިއަން ފްރާންސް އަތުން.
އިންގްލެންޑުން މިހާތަނަށް މުބާރާތުގައި ބަލިވެފައެއް ނުވޭ. އެޓީމުން ގްރޫޕް ސްޓޭޖުގައި ކްރޮއޭޝިއާއާއި ޗެކު ރިބަޕްލިކްވެސް ބަލިކޮށްފައި. އިންގްލެންޑަށް ތިން ޕޮއިންޓް ގެއްލުނީ ސްކޮޓްލޭންޑް އަތުން އެކަނި. އެ މެޗު އެއްވަރުވި ނަމަވެސް އިންގްލެންޑަށް ވަނީ ގްރޫޕް ޑީގެ އެއްވަނަ ލިބިފައި.
މިރޭގެ މެޗަށް ނުކުންނާނީ އިންގްލެންޑުގެ އަމިއްލަ ދަނޑުގައި، އެއީ ވެމްބްލީ ސްޓޭޑިއަމްގައި.
ޖަރުމަނާއި ސްޕެއިންއަކީ ޔޫރޯގައި އެންމެ ކާމިޔާބު ދެ ގައުމު. އެ ދެޓީމުންވެސް ތިން ފަހަރަށް ޔޫރޯ ކާމިޔާބު ކޮށްފައި. ޖަރުމަނުން އެންމެ ފުރަތަމަ ޔޫރޯ ކާމިޔާބުކުރީ 1972 ވަނަ އަހަރު ވެސްޓް ޖާމަނީގެ ގޮތުގައި އޮވެގެން. ފްރާންޒް ބެކައުންބާއޫގެ ކެޕްޓަން ކަމުގެ ދަށުގައި ޖަރުމަނުން އެ މުބާރާތް ކާމިޔާބުކުރި އިރު، އޭނާއަކީ ޖަރުމަނުގެ ފުޓުބޯޅަ ތާރީހު ދުށް އެންމެ މުހިއްމު ކުޅުންތެރިޔާ.
ދުނިޔޭގެ ފުޓުބޯޅައިގެ ގަދަ ބާރު ޖަރުމަނުން 1976 ވަނަ އަހަރު ޔޫރޯގެ ފައިނަލްވެސް ކުޅުނު. އަދި 1980 ވަނަ އަހަރު އަނެއްކާވެސް ޔޫރޯގެ ތަށި ހޯދި. އަބަދުވެސް އެއް ފަންތިއެއްގައި ގިނަ ދުވަސްތަކެއް ވަންދެން ޖަރުމަނު ފުޓުބޯޅަ ދަމަހައްޓާފައިވާކަން ފާހަގަވަނީ އެފަދަ ރެކޯޑުތަކުން. 1996 ވަނަ އަހަރު އަނެއްކާވެސް އެޓީމުން ޔޫރޯ ކާމިޔާބު ކުރި.
ކޯޗު ލޯއާއެކު 2012 ވަނަ އަހަރާއި 2016 ވަނަ އަހަރު ޔޫރޯ ސެމީ ފައިނަލް ޖަރުމަނުން ކުޅުނު ނަމަވެސް އެޓީމުން އަލުން ތަށި ހޯދުމާ އެންމެ ގާތަށް ޖެހިލީ 2008 ވަނަ އަހަރު. ވަރުގަދަ ސްޕެއިނާ ދެކޮޅަށް ކުޅުނު ވާދަވެރި ފައިނަލް މެޗުން ހިތްދަތި ގޮތަކަށް ބަލިވީ 1-0 އިން.
ގްރޫޕް ސްޓޭޖުގެ ނަތީޖާތައް:
ޖަރުމަނު 0-1 ފްރާންސް
ޖަރުމަން 4-2 ޕޯޗުގަލް
ޖަރުމަން 2-2 ހަންގޭރީ
ޔުރޯގެ ތަށި އިންގްލެންޑަށް އަދި ހޯދިފައެއް ނުވޭ. ޔޫރޯގައި އިންގްލެންޑަށް ތަށްޓާ އެންމެ ގާތަށް ވެސް ދެވުނީ ތިންވަނައާ ހަމައަށް. އެއީ 1968 ވަނަ އަހަރާއި 1996 ވަނަ އަހަރު. 1996 ވަނަ އަހަރުގެ ޔޫރޯ މުބާރާތް އިންގްލެންޑުގައި ބާއްވައި، އެ ޔޫރޯއަކީ އިންގްލެންޑަށް އުންމީދު ބޮޑުކޮށް އޮތް މުބާރާތެއް ނަމަވެސް އެ މުބާރާތުގައި ވެސް ސެމީން އިންގްލެންޑް ކެޓީ ހިތްދަތި ގޮތަކަށް. އެ މުބާރާތުގެ ބަދުނަސީބު ހަނދާންތައް އެންމެ ބޮޑަށް ގުޅިފައި ވަނީ މިހާރު އިނގިރޭސި ކޯޗުކަމުގައި ހުރި ގެރެތު ސައުތުގޭޓާ.
ޖަރުމަނާ ދެކޮޅަށް ކުޅުނު ސެމީ ފައިނަލް މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ނަތީޖާ އެއްވަރު ވެފައި އޮތުމުން ނަތީޖާ ނެރުނީ ޕެނެލްޓީ ޖަހައިގެން. ދެޓީމުންވެސް ފުރަތަމަ ފަސް ޕެނެލްޓީ ކާމިޔާބުކޮށް ޕެނެލްޓީ ޝޫޓްއައުޓް ދިގުލައިގެން ދިޔަ އިރު، ހަވަނަ ޕެނެލްޓީ ޖަރުމަނުން ވެއްދި ނަމަވެސް، އިންގްލެންޑަށް ވީ ނާކާމިޔާބު. އެ ފަހަރު އިންގްލެންޑަށް ނާކާމިޔާބުވި ޕެނެލްޓީ ޖެހީ މިހާރުގެ ކޯޗު ގެރެތު ސައުތު ގޭޓު.
2004 ވަނަ އަހަރާއި 2012 ވަނަ އަހަރުގެ ޔޫރޯގެ ކުއާޓާއަށް އިންގްލެންޑް ދިޔަ ނަމަވެސް 2008 ވަނަ އަހަރުވެސް ކެޓީ ގަދަ 16 އިން.
ގްރޫޕް ސްޓޭޖުގެ ނަތީޖާތައް:
އިންގްލެންޑް 1-0 ކްރޮއޭޝިއާ
އިންގްލެންޑް 0-0 ސްކޮޓްލޭންޑް
އިންގްލެންޑް 1-0 ޗެކު ރިޕަބްލިކް