ކުރީގެ ޖެންޑަރ މިނިސްޓަރު ޝިދާތާ ޝަރީފު

އިޖުތިމާއީ ދާއިރާގައި ރާއްޖޭގެ އެންމެ މުހިންމު ބައިވެރިޔަކީ އިންޑިއާ: ސިދާތާ

ޝަހީދާ އަބްދުﷲ ސައީދު

ޒަމާނުއްސުރެ އިންޑިއާއިން ރާއްޖޭގެ އިޖުތިމާއީ ތަރައްގީއަށް މުހިންމު ހިއްސާއެއްވާ ކަމަށާއި އެހެންކަމުން އިޖުތިމާއީ ދާއިރާގައި ރާއްޖޭގެ އެންމެ މުހިންމު ބައިވެރިޔަކީ އިންޑިއާކަމަށް ޖެންޑާ މިނިސްޓަރު ސިދާތާ ޝަރީފު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު ސިދާތާ ޝަރީފު މިހެން ވިދާޅުވީ އިންޑިއާގެ ދިއްލީގައި ވިވަކަންޑަނާ ފައުންޑޭޝަނުން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ ވަށްމޭޒު ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

މިބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވީ އިންޑިއާއާ ރާއްޖޭގެ ގުޅުމަކީ ތާރީހީ ގުޅުމެއް ކަމަށާއި މިގުޅުން ދެމިގެންގޮސްފައިވަނީ އިންޑިއާގެ އަވައްޓެރި ގައުމަކަށްވުމުގެ އިތުރުން ދެ ގައުމުގެ މެދުގައި އޮތް އެއްގޮތް ސަގާފަތާއި ވަށްޓަފާޅީގެ ސަބަބުން ކަމަށެވެ.

އަދި ދެ ގައުމުގެ މެދުގައި އޮތް ގާތް ރަހުމަތްތެރިކަމުގެ ގުޅުމުގެ ސަބަބުން ރާއްޖެއަށް އެކި ދާއިރާތަކުން ފައިދާކުރާ ކަމަށް ވިދާޅުވިއެވެ. އެގޮތުން އިޖުތިމާއީ ދާއިރާގެ އިތުރުން އަންހެނުންގެ ތަރައްގީއާ އަންހެނުން ބާރުވެރިކުރުވުމަށް އިންޑިއާއިން ވަރަށްބޮޑު އެހީތެރިކަމެއް ދޭކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރުގެ މިބައްދަލުވުމުގައި އަންހެނުންނާ ކުޑަކުދިންނަށް ކުރިމަތިވާ ގޮންޖެހުންތައް ހައްލުކުރުމަށް ކުރެވިދާނެ ކަންކަމާ ބެހޭ ގޮތުން މަޝްވަރާކުރެއްވި ކަމަށް ޖެންޑަރ މިނިސްޓްރީން މައުލޫމާތު ދީފައިވެއެވެ.