އެއްވެސް ފަރާތަކުން އިލެކްޝަންސް ކޮމިޝަނުގެ ގާނޫނީ ވާޖިބު އަދާކުރުމަށް ޕްރެޝަރު ކޮށްފައިނުވާ ކަމަށް އެ ކޮމިޝަންގެ ރައީސް އަހްމަދު ޝަރީފް ވިދާޅުވެއްޖެއެވެ.
ސަންގު ޓީވީ "ޚަބަރަށްފަހު" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ޝަރީފް ވިދާޅުވީ މަސައްކަތްކުރުމަށްޓަކައި ގާނޫނު ލާޒިމުކުރާ އޮނިގަނޑުގެ ބޭރުން މަސައްކަތްކުރުމަށް މީހަކު ބިރުދެއްކިޔަސް ނުވަތަ އެހެން ކަމެއް ކުރިޔަސް އެކަމަކަށް ބޯނުލަނބާނެ ކަމަށެވެ.
"އެއްވެސް ފަރާތަކުން އަޅުގަނޑުމެންގެ ގާނޫނީ ވާޖިބު އަދާކުރުމަށް ޕްރެޝަރެއް ކޮށްފައެއް ނެތް. ބައެއް ސިޔާސީ ވެރިން ވެސް އަޅުގަނޑަށް ގުޅުއްވާފައި އެއްސެވި އެއީ ތެދެއްހޭ މިވެނި ފަރާތަކުން ޕްރެޝަރު ކުރެއްވިހޭ. އަޅުގަނޑު ދެންނެވިން އަޅުގަނޑަށް ޕްރެޝަރެއް ނުކުރެއޭ، އަޅުގަނޑަށް ޕްރެޝަރު ކުރެއްވިޔަސް އަޅުގަނޑު އަބަދުވެސް ދަންނަވާ ވާހަކައެކޭ އަޅުގަނޑަށް މަސައްކަތްކުރުމަށްޓަކައި ގާނޫނު ލާޒިމުކުރާ އޮނިގަނޑުގެ ތެރެއިން ނޫން ގޮތަކަށް އަޅުގަނޑު މަސައްކަތެއް ނުކުރާނަމޭ،" އޭނާ ވިދާޅުވިއެވެ.
ޝަރީފް ވިދާޅުވީ ޕީޕީއެމްގެ މެންބަރުންތަކެއް ޝަކުވާތަކާއެކު ބައްދަލުކުރުމުން ރައްޔިތުންގެ މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމް ގުޅުއްވި ކަމަށާއި ނަމަވެސް މަޖިލީހުގެ ރައީސް އެއްވެސް ވަރަކަށް އިންޒާރުދީ ނުވަތަ ބިރުދެއްކުމުގެ ވާހަކައެއް ވިދާޅުވެފައި ނުވާ ކަމަށެވެ.
"އަޅުގަނޑު ހަނދާންވަނީ ބުދަ ދުވަހު މަޖިލީހުގެ ރައީސް އަޅުގަނޑަށް ގުޅުއްވާފައި އޮތް، އަޅުގަނޑު ފަހުން ބަލައިލި އިރު ދެ މިސް ކޯލު އޮތް. އަޅުގަނޑަށް ފޯނަކަށް ޖަވާބެއް ނުދެވުނު. ދެން އަޅުގަނޑާއި މެންބަރު ހަބީބު މީޓިންއެއްގައި ތިއްބައި މަޖިލީހުގެ ރައީސް އިސްމާއިލް ހަބީބަށް ގުޅުއްވީ. ގުޅުއްވި އިރު އިސްމާއީލް ހަބީބު މިހާރު އަޅުގަނޑު ފޯނެއްގައެއް ނޫނޭ ވިދާޅުވީމާ ދެން އަޅުގަނޑުމެން ދެމީހުން ސްޕީކަރަށް ލައިގެން ދެމީހުން ތިބެގެން މަޖިލީހުގެ ރައީސްއާ ވާހަކަދެއްކީ. ރައްޔިތުންގެ މަޖިލީހުގެ ރައީސް އެއްވެސް ވަރަކަށް އަޅުގަނޑުމެންނަށް އިންޒާރުދީ ނުވަތަ ބިރުދެއްކުމުގެ ވާހަކައެއް ވިދާޅެއް ނުވޭ،" އޭނާ ވިދާޅުވިއެވެ.
ޝަރީފް ވިދާޅުވީ ޕީޕީއެމްގެ މެންބަރުންތަކެއް ޕީއެންސީގެ މައްސަލައިގައި ޝަކުވާ ހުށަހެޅުއްވި ކަމާއި ކޮމިޓީތަކަށް އެކަހަލަ މައްސަލަ ގޮސްފި ކަމަށްވަންޏާ އެ މައްސަލަތައް ބެލޭނެ ކަމަށް ގާސިމް ވިދާޅުވި ކަމަށެވެ. އަދި ޕީއެންސީ ރަޖިސްޓަރީ ނުވެ ލަސްވަނީ ކީއްވެތޯ ގާސިމް އެއްސެވި ކަމަށް ވެސް ޝަރީފް ވިދާޅުވިއެވެ.
"ހަމައެކަނި އަޅުގަނޑުމެންނަށް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން އަދާކުރަން ޖެހޭ މަސްއޫލިއްޔަތު އަދާކުރުމުގެ ތެރޭގައި ޕީޕަލްސް ނޭޝަނަލް ކޮންގްރެސް ރަޖިސްޓަރީ ނުވެގެން ޕީޕީއެމްގެ ޕާލިމަންޓަރީ ގްރޫޕުގެ މެމްބަރުންތަކެއް ވަޑައިގެން އެ ޝަކުވާ ހުށަހެޅުއްވި ވާހަކައާއި މަޖިލީހުގެ މަސައްކަތް ހުންނަ ގޮތުން ކޮމިޓީތަކަށް އެކަހަލަ މައްސަލަ ގޮސްފި ކަމަށްވަންޏާ އެ މައްސަލަތައް ބެލޭނެ ކަމާއި އަދި ކިހިނެއްވެގެން ކޮން ކަހަލަ މައްސަލަތަކެއް ޖެހިގެންތޯ މި ލަސްވަނީ، އެވާހަކަ ދެއްކެވީ. އަޅުގަނޑު ދެންނެވިން މިކަހަލަ މިކަހަލަ މައްސަލަތަކެކޭ ޖެހިގެން މިއުޅެނީ. އަޅުގަނޑު ދެންނެވިން އަޅުގަނޑުމެންނަށް ވަރަށް އަވަސްކޮށް އެ މަސައްކަތް ކުރިއަށްގެންދެވޭތޯ އެބަ ބަލަމޭ،" އޭނާ ވިދާޅުވިއެވެ.