ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް

އައިޖީއެމްއެޗްގައި ރޭ މަރުވި މީހެއްގެ މައްސަލަ ހިއުމަން ރައިޓްސް ކޮމިޝަނުން ބަލަން ފަށައިފި

އިބްރާހިމް ޒަކީ

އައިޖީއެމްއެޗްގައި ފަރުވާދެމުން އަންނަނިކޮށް ރޭ މަރުވި އުމުރުން ދުވަސްވީ މީހެއްގެ މައްސަލަ ހިއުމަން ރައިޓްސް ކޮމިޝަނުން ބަލަން ފަށައިފި އެވެ.

ހިއުމަން ރައިޓް ކޮމިޝަނުން މިއަދު ހެނދުނު ކުރި ޓުވީޓެއްގައި ވަނީ އެކަން ޔަގީންކޮށްދީފަ އެވެ.

އެ ކޮމިޝަނުން ބުނެފައިވާ ގޮތުގައި މަރުވި އުމުރުން ދުވަސްވީ މީހާއަކީ މިނިސްޓްރީ އޮފް ޖެންޑަރ ފެމިލީ އެންޑް ސޯޝަލް ސާވިސެސްގެ ބެލުމުގެ ދަށުގައި ހުރި މީހެކެވެ.

ޖެންޑާ މިނިސްޓްރީގެ މީޑިއާ ކޯޑިނޭޓަރު "ވަން އޮންލައިން" އަށް މިއަދު ވިދާޅުވީ، ބަލާނެ އެއްވެސް މީހަކު ނެތިގެން ދައުލަތުގެ ބެލުމުގެ ދަށުން އެ މިނސިްޓްރީގެ ބެލުމުގެ ދަށުގައިހުރި މީހަކު ނިޔާވެފައިވާ ކަމަށާއި، އެއީ 85 އަހަރުގެ ފިރިހެނެއް ކަމަށެވެ.

އަދި އެއީ ފުއްޕާމޭގެ މައްސަލަތަކެއްހުރި މީހެއް ކަމަށާއި އެމީހާ ނިޔާވެފައިވަނީ ގުދުރަތީ މަރަކުން ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

"އެއީ ފުއްޕާމޭގެ މައްސަލަހުރި މީހެއް. އެމީހާ އަކީ އަޅައިލާނެ އެއްވެސް މީހަކު ނެތި ދައުލަތުގެ ބެލުމުގެ ދަށުން މިނިސްޓްރީގެ ބެލުމުގެ ދަށުން ބަލަމުންގެންދިޔަ މީހެއް. އޭނާ ނިޔާވެފައިވަނީ ގުދުރަތީ މަރަކުން،" މީޑީޔާ ކޯޑިނޭޓަރު ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ، އެ މައްސަލަ ހިއުމަންރައިޓްސް ކޮމިޝަނުން ބަލަމުންދަނީ، ދައުލަތުގެ ބެލުމުގެ ދަށުގައި ހުންނަ މީހަކު ނިޔާވެއްޖެ ނަމަ ބަލަން އޮންނަ އާއްމު އުސޫލުން ކަމަށެވެ.

"ދައުލަތުގެ ބެލުމުގެ ދަށުގައި ހުންނަ މީހަކު ނިޔާވެއްޖެނަމަ އެކަން ބެލުމަކީ ސްޓޭކް ހޯލްޑާސްގެ ޒިންމާއެއް، އެގޮތުން އެޗްއާރުސީއެމުން އެ މައްސަލަ ބަލަނީ، އެއީ އަބަދުވެސް އެކަން އޮންނަ ގޮތް.

އެކަމުގައި އެހެން މައްސަލަތަކެއް އުޅޭކަމަކަށް މިނިސްޓްރީން ގަބޫލެއް ނުކުރަން،" މީޑިޔާ ކޯޑިނޭޓަރު ވިދާޅުވި އެވެ.