މެންބަރު އިބްރާހީމްް ރަޝީދު

ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ބިކަވާ ހިސާބުން ވައްކަމާ ފޭރުން އިތުރުވާނެ: ބޮންޑެ

އިބްރާހިމް ޒަކީ

ކޮވިޑް 19 އާ ގުޅިގެން ރާއްޖެއަށް ދިމާވެފައިވާ ހާލަތުގެ ސަބަބުން ނަމަވެސް، ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ބިކަވާ ހިސާބުން ފަގީރުން އިތުރަށް ފަގީރު ވެ ވައްކަމާއި ފޭރުން އިތުރުވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ވިދާޅުވެއްޖެއެވެ.

އޭނާ މިހެން ވިދާޅުވީ، "ކާންދޭ އަތުގައި ދަތް ނާޅާ!" ގެ ނަމުގައި އިއްޔެ ހަވީރު މާލޭގެ ކާނިވާ ސަރަހައްދުގައި ރެސްޓޯރެންޓް ހިންގާ ފަރާތްތަކުން ބޭއްވި އެއްވުމާ ގުޅިގެންނެވެ.

އެ އެއްވުމާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ އިގްތިސާދީ ކޮމިޓީގެ ނާއިބު މުގައްރިރު ބޮންޑޭ މިއަދު ކުރެއްވި ޓުވީޓެއްގައި ފާހަގަ ކުރެއްވީ، މިހާލަތުގައި އެންމެ އިންކަމެއް ދޭން ޖެހޭނީ ފަގީރުންނާއި މިސްކީނުންގެ ލިސްޓު އެކުލަވައިލަން ކަމަށެވެ.

ނަމަވެސް، މިހާލަތުގައި މިސްކީނުންނާ ޔަތީމުން ދެނެގަނެ ލިސްޓު އެކުލަވައިލަން މަތިކޮށްފައިވާ ވުޒާރާ އިން މިވަގުތު އެންމެ އިސްކަންދޭ ކަމަކަށް ބެލެވެނީ ކުރަފަތް ޖެހުމަށް ކަމަށްވެސް، އިސްލާމިކް މިނިސްޓްރީއަށް ނިސްބަތް ކުރައްވައި ބޮންޑޭ ވިދާޅުވިއެވެ.

ބޮންޑޭގެ އެވާހަކަ އިސްލާމިކް މިނިސްޓްރީއަށް ނިސްބަތް ކުރެއްވީ އަންހެނުން ހިތާނު ކުރުމާއި ގުޅޭ ގޮތުން ފަތުވާ މަޖިލީހުގެ ރައުޔު އަކަށް އެދިފައިވާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. އަހްމަދު ޒާހިރު އިއްޔެ ވިދާޅުވެފައިވާތީ އެކަމަށް ނިސްބަތް ކުރައްވައެވެ.

ކޮވިޑާ ގުޅިގެން އަޅައިފައިވާ ފިޔަވަޅުތަކަށް ލުއިތައް ދޭއިރު ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަނަށް ލުއިތައް ނުދޭތީ ރެސްޓޯރަންޓް އެސޯސިއޭޝަން އޮފް ދަ މޯލްޑިވްސް (އާރްއޭއެމް)އިން އިއްޔެ ވަނީ މުޒާހަރާ ކޮށްފައެެވެ.

އެ މުޒާހަރާގައި ކެފޭ ރެސްޓޯރެންޓްތަކުގެ ވެރިން ވަނީ ލުއިތައް ނުލިބޭތީ ވިޔަފާރިތައް ބަނގުރޫޓު ވެދާނެ ކަމަށް ބުނެ އަޑު އުފުލައިފައެވެ. މުޒާހަރާގެ ބައިވެރިން މައިގަނޑު ގޮތެއްގައި ގޮވާލައިފައިވަނީ ކެފޭ ރެސްޓޯރެންޓްތަކަށް ހިންދެމިލެވޭ ވަރުގެ ލުއިތައް ދިނުމަށެވެ.