މުޅި ދުނިޔެ ސިއްސުވާލުމަށް ފަހު، ސްވިޒަލެންޑް ކުއާޓާއަށް
ފްރާންސްގެ އެމްބާޕޭގެ ޕެނަލްޓީ، ސްވިޒަލެންޑްގެ ކީޕަރު ސޮމާ މަތަކޮށްފި.
ސްވިޒަލެންޑްގެ މެހްމެދީގެ ޕެނަލްޓީ ކާމިޔާބުކޮށްފި.
ފްރާންސްގެ ކިމްޕެމްބޭގެ ޕެނަލްޓީ ވެސް ކާމިޔާބުކޮށްފި.
ސްވިޒަލެންޑްގެ ވާގަސްގެ ޕެނަލްޓީ ކާމިޔާބުކޮށްފި.
ފްރާންސްގެ ތުރާމްގެ ޕެނަލްޓީ ކާމިޔާބުކޮށްފި.
ސްވިޒަލެންޑްގެ އަކާންޖީގެ ޕެނަލްޓީ ކާމިޔާބުކޮށްފި.
ފްރާންސްގެ ޖިރޫގެ ޕެނަލްޓީ ކާމިޔާބުކޮށްފި.
ސްވިޒަލެންޑްގެ ފަބިއަން ޝާ ފޮނުވާލި ޕެނަލްޓީ ކާމިޔާބުކޮށްފި.
ފްރާންސްގެ ޕޮގްބާގެ ޕެނަލްޓީ ކާމިޔާބުކޮށްފި.
ސްވިޒަލެންޑްގެ ގަވްރަނޮވިޗްގެ ޕެނަލްޓީ ކާމިޔާބުކޮށްފި.
އިތުރު ވަގުތުގެ ދެވަނަ ހާފުގެ ކުޅުން ނިންމާލައިފި. އިތުރު ވަގުތުގެ ދެ ހާފު ނިމުނު އިރުވެސް 3-3ގެ ނަތީޖާއަކުން ދެ ޓީމު އެއްވަރުވެފައިވުމުން، ދެން ނަތީޖާ ނެރޭނީ ޕެނަލްޓީ ޝޫޓްއައުޓުން.
'119 - ފްރާންސަށް އިތުރު ފުރުސަތެއް. ޕޮގްބާ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން ޖިރޫ ބޮލުން ފޮނުވާލި ހަމަލާ، ސްވިޒަލެންޑްގެ ކީޕަރު ސޮމާ ވަނީ މަތަކޮށްފައި.
'114 - ފްރާންސަށް ފުރުސަތެއް. ތުރާމް ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން ޖިރޫ ފޮނުވާލި ހަމަލާ، އެމްބާޕޭ ގައިގައި ޖެހި ވަނީ ބޭރުވެފައި.
'111 - ފްރާންސް ތަރި އެމްބާޕޭއަށް އިތުރު ފުރުސަތެއް. ޕޮގްބާ ދިން ރީތި ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރޭ ވަރަށް ހުސްކޮށް ހުރެ ފޮނުވާލި ހަމަލާ، ސްވިޒަލެންޑްގެ ގޯލާ އަމާޒުވެފައެއް ނުވޭ.
'110 - ފްރާންސަށް ރަނގަޅު ފުރުސަތެއް. ކޯމަން ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ބޭރުން އެމްބާޕޭ ފޮނުވާލި ހަމަލާ ދިޔައީ ސްވިޒަލެންޑު ގޯލުގެ އަރިމަތީ ދަނޑިކައިރިން ބޭރަށް.
އިތުރު ވަގުތުގެ ދެވަނަ ހާފުގެ ކުޅުން ފަށައިފި.
އިތުރު ވަގުތުގެ ފުރަތަމަ ހާފުގެ ކުޅުން ނިންމާލައިފި. ހާފު ނިމިގެންދިޔައީ 3-3ގެ ނަތީޖާއަކުން ދެ ޓީމު އެއްވަރުވެގެން.
'97 - އެމްބާބޫ ދިން ބޯޅަ، ޕެނަލްޓީ އޭރިއާ ތެރެއިން ނުރައްކާވުމުގެ ކުރިން ފްރާންސްގެ ޑިފެންޑަރު ވަރާން ދިފާއުކޮށްފި.
'95 - ފްރާންސަށް ރަނގަޅު ފުރުސަތެއް. ކޯމަން ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން ޕަވާޑް ފޮނުވާލި ހަމަލާ، ސްވިޒަލެންޑްގެ ކީޕަރު ސޮމާ ވަނީ މަތަކޮށްފައި.
'91 - ފައުލަކާ ގުޅިގެން ޕަވާޑަށް ރީނދޫ ކާޑެއް. ކުރިން މެޗެއްގައި ވެސް ކާޑެއް ދައްކާފައިވުމުން ފްރާންސް ކުއާޓާއަށް ދަތުރުކޮށްފި ނަމަ، އޭނާއަށް އެ މެޗު ގެއްލޭނެ.
އިތުރު ވަގުތުގެ ފުރަތަމަ ހާފުގެ ކުޅުން ފަށައިފި.
މެޗުގެ ދެވަނަ ހާފުގެ ކުޅުން ނިންމާލައިފި. ހާފު ނިމިގެންދިޔައީ 3-3ގެ ނަތީޖާއަކުން ދެ ޓީމު އެއްވަރުވެގެން. ނަތީޖާ ނެރުމަށް ދެން ކުޅޭނީ 15 ހާފުގެ ދެ ހާފު.
'90+4 - ފްރާންސަށް ރަނގަޅު ފުރުސަތެއް. ޕެނަލްޓީ އޭރިއާ ތެރެއިން ކޯމަން ފޮނުވާލި ހަމަލާ އަމާޒުވީ ސްވިޒަލެންޑް ގޯލުގެ ހުރަސް ދަނޑިއަށް.
ދެވަނަ ހާފުގެ އިތުރު ވަގުތުގެ ގޮތުގައި ހަތަރު މިނެޓުގެ ކުޅުން ދައްކައިފި.
'90 - ސްވިޒަލެންޑުން ނަތީޖާ ހަމަހަމަކޮށްފި. ޖަކާ ދިން ބޯޅައަކުން ސްވިޒަލެންޑަށް އެ ލަނޑު ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ދެވަނަ ހާފުގައި ކުޅެން ނުކުތް ގަވްރޮނޮވިޗް.
'84 - ޕެނަލްޓީ އޭރިއާ ތެރެއިން ގަވްރޮނޮވިޗް، ފްރާންސްގެ ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލި ނަމަވެސް، އޭނާ ހުރީ އޮފްސައިޑް މަގާމެއްގައި.
'81 - ސްވިޒަލެންޑުން ފަރަގު ކުޑަކޮށްފި. އެމްބާބޫ ނަގައިދިން ހުރަހަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުރެ ބޮލުން ފޮނުވާލި ހަމަލާއަކުން ސްވިޒަލެންޑަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އެޓީމުގެ ފުރަތަމަ ލަނޑުވެސް ޖަހައިދިން ސެފެރޮވިޗް.
'77 - ފްރާންސަށް ފުރުސަތެއް. ބެންޒެމާ ދިން ބޯޅައަކުން ކޮމާން ފޮނުވާލި ހަމަލާ އަމާޒުވީ ސްވިޒަލެންޑް ކީޕަރު ސޮމާގެ އަތަށް.
'75 - ފްރާންސުން ލީޑު ފުޅާކޮށްފި. ޕެނަލްޓީ އޭރިއާ ބޭރުން ފޮނުވާލި ހަމަލާއަކުން ފްރާންސަށް އެ ލަނޑު ކާމިޔާބުކޮށްދިނީ ޕޮގްބާ. އޭނާ ފޮނުވާލި ހަމަލާ އަމާޒުވީ ގޯލުގެ މަތީ ކަނަކަށް.
'68 - ފްރާންސަށް ފުރުސަތެއް. ޕޮގްބާ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން އެމްބާޕޭ ހަމަލާއެއް ފޮނުވާލުމުގެ ކުރިން ސްވިޒަލެންޑްގެ ކީޕަރު ސޮމާ ވަނީ އެ ބޯޅަ ހޯދާފައި.
'67 - ސްވިޒަލެންޑަށް ފުރުސަތެއް. ޝަކީރީ ނަގައިދިން ހިލޭ ޖެހުމަކުން ޕެނަލްޓީ އޭރިއާ ތެރޭ ވަރަށް ހުސްކޮށް ހުރެ ސެފެރޮވިޗް ފޮނުވާލި ހަމަލާ ފްރާންސްގެ ގޯލާ އަމާޒުވެފައެއް ނުވޭ.
'59 - ފްރާންސުން ލީޑު ހޯދައިފި. ގްރީޒްމަން ފޮނުވާލި ހަމަލާ ސްވިޒަލެންޑްގެ ކީޕަރު ސޮމާ މަތަކުރުމާއެކު ލިބުނު ރީބައުންސް ބޯޅައިން ޕެނަލްޓީ އޭރިއާ ތެރޭ ވަރަށް ހުސްކޮށް ހުރެ ބޮލުން ފޮނުވާލި ހަމަލާއަކުން ފްރާންސަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އެޓީމުގެ ފުރަތަމަ ލަނޑުވެސް ކާމިޔާބުކޮށްދިން ބެންޒެމާ.
'57 - ފްރާންސުން ނަތީޖާ ހަމަހަމަކޮށްފި. އެމްބާޕޭ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން ފޮނުވާލި ހަމަލާއަކުން ފްރާންސަށް އެ ލަނޑު ކާމިޔާބުކޮށްދިނީ ބެންޒެމާ.
'56 - ފްރާންސަށް ހުސް ފުރުސަތެއް. ޕޮގްބާ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރޭ ވަރަށް ހުސްކޮށް ހުރެ އެމްބާޕޭ ފޮނުވާލި ހަމަލާ ދިޔައީ ސްވިޒަލެންޑް ގޯލުގެ އަރިމަތީ ދަނޑި ކައިރިން ބޭރަށް.
'55 - ގޯލުގެ ތިރީ ކަނަކާ އަމާޒުކޮށް ރޮޑްރިގޭޒް ފޮނުވާލި ހަމަލާ، ފްރާންސްގެ ކީޕަރު ލޮރިސް ވަނީ މަތަކޮށްފައި.
'53 - ޒޫބާއަށް ޕަވާޑް، ޕެނަލްޓީ އޭރިއާ ތެރެއިން ފައުލްކުރިތޯ ވީއޭއާރުން ބެލުމަށްފަހު ސްވިޒަލެންޑަށް ޕެނަލްޓީއެއް ދީފި.
'50 - ސްވިޒަލެންޑަށް ފުރުސަތެއް. އެމްބޯލޯ ދިން ބޯޅަ، ޕެނަލްޓީ އޭރިއާ ތެރޭ ހުސްކޮށް ހުރި ސެފެރޮވިޗްއަށް ލިބުމުގެ ކުރިން ޕަވާޑް ވަނީ ދިފާއުކޮށްފައި. އެމްބޯލޯއަށް ވަރަށް ހުސްކޮށް ފްރާންސްގެ ގޯލަށް ހަމަލާއެއް ފޮނުވާލުމުގެ ފުރުސަތު ވެސް އޮތް.
'47 - ކަންޓޭ ދިން ބޯޅައަކުން ގްރީޒްމަން ދުރުން ފޮނުވާލި ހަމަލާ، ސްވިޒަލެންޑްގެ ގޯލާ އަމާޒު ނުވެ ބޭރަށް.
ދެވަނަ ހާފުގެ ކުޅުން ފަށައިފި.
މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިންމާލައިފި. ހާފު ނިމިގެންދިޔައީ 1-0ގެ ނަތީޖާއަކުން ސްވިޒަލެންޑް ކުރީގައި އޮވެގެން. ނަތީޖާ ބަދަލުކުރަން ދުނިޔޭގެ ޗެމްޕިއަން ފްރާންސުން ދެވަނަ ހާފުގައި ކުޅުން ރަނގަޅުކުރަން ޖެހޭނެ.
ސްވިޒަލެންޑްގެ ހަލުވި ފޯވަޑް އެމްބޯލޯ ހުއްޓުވުމަށް ފްރާންސަށް ދަނީ އުނދަގޫތަކެއް ކުރިމަތިވަމުން. އޭނާ ހުއްޓުވުމަށް ފްރާންސް ކުޅުންތެރިންގެ ފައުލްތައް ގިނަ.
'43 - ފްރާންސްގެ ހަމަލާއެއް. ޕެނަލްޓީ އޭރިއާ ބޭރުން އެމްބާޕޭ ފޮނުވާލި ހަމަލާ، ސްވިޒަލެންޑްގެ ގޯލާ އަމާޒުވެފައެއް ނުވޭ.
'41 - ސްވިޒަލެންޑަށް ފުރުސަތެއް. ރޮޑްރިގޭޒް ނަގައިދިން ކޯނަރަކުން ޕެނަލްޓީ އޭރިއާ ތެރެއިން އަކާންޖީ ބޮލުން ފޮނުވާލި ހަމަލާ، ފްރާންސްގެ ގޯލާ އަމާޒުވެފައެއް ނުވޭ.
ފްރާންސުން މަސައްކަތްތަކެއް ކުރި ނަމަވެސް، އެޓީމަށް ލަނޑުޖަހާނެ ރަނގަޅު ފުރުސަތެއް ތަނަސްކުރެވޭ ގޮތެއް ނުވޭ.
'31 - ސްވިޒަލެންޑަށް ފުރުސަތެއް. ޝަކީރީ ނަގައިދިން ހިލޭ ޖެހުމަކުން ޕެނަލްޓީ އޭރިއާ ތެރެއިން އެމްބޯލޯ ފޮނުވާލި ހަމަލާ، ފްރާންސްގެ ގޯލާ އަމާޒުވެފައެއް ނުވޭ.
ސްވިޒަލެންޑުން ލީޑު ހޯދުމާއެކު ފްރާންސުން އަންނަނީ ވަރަށް ބޮޑަށް ކުރިއަށް ޖެހި ނުރައްކާކުރުމަށް މަސައްކަތްކުރަމުން. އަނެއްކޮޅުން ސްވިޒަލެންޑުގެ ޑިފެންސް ވަރުގަދަ. އެޓީމުން އަންނަނީ ލިބޭ ފުރުސަތުތަކުގައި އެޓޭކު ކުރުމަށް ވެސް މަސައްކަތްކުރަމުން.
'28 - ފްރާންސަށް ފުރުސަތެއް. ޕެނަލްޓީ އޭރިއާ ބޭރުން ރާބިއޯ ފޮނުވާލި ބާރު ހަމަލާ ދިޔައީ ސްވިޒަލެންޑް ގޯލުގެ އަރިމަތީ ދަނޑި ކައިރިން ބޭރަށް.
'26 - އެމްބާޕޭ ފޮނުވާލި ހިލޭ ޖެހުން، ސްވިޒަލެންޑް ވޯލުގައި ތިބި ކުޅުންތެރިން ގައިގައި ޖެހި ވަނީ ބްލޮކުވެފައި. ރީބައުންސް ބޯޅައިން ޕެނަލްޓީ އޭރިއާ ބޭރުން އޭނާ ފޮނުވާލި ދެވަނަ ހަމަލާ ސްވިޒަލެންޑްގެ ގޯލާ އަމާޒުވެފައެއް ނުވޭ.
'22 - ޕޮގްބާ ދިން ބޯޅައަކުން އެމްބާޕޭ ހަމަލާއެއް ފޮނުވާލުމުގެ ކުރިން ސްވިޒަލެންޑްގެ ޑިފެންޑަރު އަލްވެޑީ ދިފާއުކޮށްފި. އެމްބާޕޭ ހުރީ ވެސް އޮފްސައިޑް މަގާމެއްގައި.
'15 - ސްވިޒަލެންޑުން ލީޑު ހޯދައިފި. ޒޫބާ ނަގައިދިން ހުރަހަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުރެ ބޮލުން ފޮނުވާލި ހަމަލާއަކުން ސްވިޒަލެންޑަށް އެ ލަނޑު ކާމިޔާބުކޮށްދިނީ ސެފެރޮވިޗް.
ސްވިޒަލެންޑުން ވެސް އަންނަނީ ރަނގަޅަށް އެޓޭކު ކުރަމުން. ނަމަވެސް ލަނޑުޖަހާނެ ފުރުސަތެއް ތަނަވަސްކުރެވިފައެއް ނުވޭ.
'6 - ފްރާންސަށް ފުރުސަތެއް. ގްރީޒްމަން ނަގައިދިން ހުރަހަކުން ޕެނަލްޓީ އޭރިއާ ތެރެއިން ބެންޒެމާ ހަމަލާއެއް ފޮނުވާލުމުގެ ކުރިން ސްވިޒަލެންޑްގެ ޑިފެންޑަރެއް ވަނީ ދިފާއުކޮށްފައި. ޕެނަލްޓީ އޭރިއާ ބޭރުން ޕޮގްބާ ފޮނުވާލި ބާރު ހަމަލާވެސް ވަނީ ބްލޮކްވެފައި.
ފްރާންސްގެ ދެ ލެފްޓް ބެކުން ކަމަށްވާ ހެނާންޑޭޒާއި ޑީނޭއަށް އަނިޔާވުމުގެ ސަބަބުން މި މެޗުގައި ފްރާންސް ކުޅޭ ފޯމޭޝަނަށް ވަނީ ބަދަލު ގެނެސްފައި.
'2 - ފްރާންސަށް ފުރުސަތެއް. ގްރީޒްމަން ނަގައިދިން ކޯނަރަކުން ވަރާން ބޮލުން ފޮނުވާލި ހަމަލާ ސްވިޒަލެންޑްގެ ގޯލާ އަމާޒުވެފައެއް ނުވޭ.
މެޗުގެ ކުޅުން ފަށައިފި.
ޔޫރޯ 2020 ގެ ގަދަ 16 ގައި ފްރާންސްއާއި ސްވިޒަލޭންޑް ވާދަކުރާ މެޗުގެ ލައިވް ބްލޮގަށް "ވަން" ގެ ކިޔުންތެރިންނަށް މަރުހަބާ!
ފްރާންސަކީ މިވަގުތު ދުނިޔޭގެ ޗެމްޕިއަނުން. އެޓީމުން ގަދަ 16 އަށް ދަތުރުކުރީ ގްރޫޕް އެފްގެ އެއްވަނަ ޓީމުގެ ގޮތުގައި. ފްރާންސުން ވަނީ ގްރޫޕް ސްޓޭޖުގައި ވަރުގަދަ ޖަރުމަނު ބަލިކޮށް، އެންމެފަހުގެ ޗެމްޕިއަން ޕޯޗުގަލްއާއި ހަންގޭރީއާ އެއްވަރު ކޮށްފައި. އަނެއްކޮޅުން ނުކުންނަ ސްވިޒަލޭންޑަކީ ގްރޫޕް އޭގެ ތިންވަނަ ޓީމު. އެޓީމުން ގަދަ 16 އަށް ދިޔައީ ވޭލްސްއާ އެއްވަރުކޮށް، ތުރުކީ ބަލިކޮށްފައި. އެޓީމު ބަލިވީ އިޓަލީ އަތުން އެކަނި.
މިރޭގެ މެޗު ކުޅޭނީ ބުޗަރެސްޓްގެ ނޭޝަނަލް ބުޗަރެސްޓް އެރީނާގައި.
ފްރާންސުން ވަނީ މިހާތަނަށް ދެ ފަހަރަށް ޔޫރޯ ކާމިޔާބު ކޮށްފައި. އެންމެ ފުރަތަމަ ތަށްތަކީ 1984 ވަނަ އަހަރު އަމިއްލަ ގައުމުގައި ބޭއްވި ޔޫރޯގެ ތަށި. 1984 ވަނަ އަހަރު ފްރާންސުން ހޯދި ޔޫރޯ މުބާރާތަކީ އެގައުމުގެ ތާރީހުގައި ކާމިޔާބުކުރި ފުރަތަމަ ބޮޑު މުބާރާތް. އެގައުމުން ކާމިޔާބުކުރި ދެވަނަ ޔޫރޯއަކީ 2000 ވަނަ އަހަރުގެ ޔޫރޯ. އެ ޔޫރޯ ފްރާންސުން ކާމިޔާބުކުރީ 1988 ވަނަ އަހަރުގެ ވޯލްޑް ކަޕް ޗެމްޕިއަނުން ގޮތުގައި ނުކުމެ. އެޓީމު ވެފައިވަނީ 1974 ވަނަ އަހަރު ވެސްޓް ޖާމަނީއަށްފަހު ޔޫރޯއާއި ދުނިޔޭގެ ޗެމްޕިއަންކަން ޖެހިޖެހިގެން ކާމިޔާބުކުރި ފުރަތަމަ ޓީމު.
އެންމެފަހުން 2016 ވަނަ އަހަރު ފްރާންސުގައި ބޭއްވި ޔޫރޯއިން އެޓީމަށް ލިބުނީ މާޔޫސްކަމެއް. ޒުވާން ހުނަވެރި ތަރީންތަކެއް އެކުލެވޭ ވަރުގަދަ ސްކޮޑަކާއެކު ނުކުމެ ފައިނަލް ބަލިވީ ޕޯޗުގަލް އަތުން.
ގްރޫޕް ސްޓޭޖުގެ ނަތީޖާތައް:
ފްރާންސް 1-0 ޖަރުމަނު
ފްރާންސް 1-1 ހަންގޭރީ
ފްރާންސް 2-2 ޕޯޗުގަލް
ސްވިޒަލެންޑަކީ ދުނިޔޭގެ ފުޓުބޯޅައިގައި ކާމިޔާބު ޓީމަކަށް ނުވި ނަމަވެސް، އެޓީމަކީ ވޯލްޑްކަޕް އަދި ޔޫރޯ ފަދަ ބޮޑެތި މުބާރާތްތަކުން ޖާގަ ހޯދަމުން އަންނަ ޓީމެއް. ސްވިޒަލެންޑުން 11 ވޯލްޑް ކަޕެއްގައި ކުޅުނު އިރު، އެޓީމުން ވަނީ 1934، 1938 އަދި 1954 ގެ މުބާރާތުގެ ކުއާޓާ ފައިނަލުގައި ވާދަކޮށްފައި. އަދި އެޓީމުން ޔޫރޯގައި ހަތަރު ފަހަރަކު ވަނީ ވާދަކޮށްފައި. އޭގެ ތެރެއިން އެންމެ ކާމިޔާބު މުބާރާތަކީ އެންމެ ފަހުން 2016 ވަނަ އަހަރު ފްރާންސްގައި ބޭއްވި ޔޫރޯ. އެފަހަރު ގަދަ 16ގައި ސްވިޒަލެންޑް ބަލިވީ ޕޮލެންޑް އަތުން ޕެނަލްޓީ ޝޫޓްއައުޓްގައި.
ގްރޫޕް ސްޓޭޖުގެ ނަތީޖާތައް:
ސްވިޒަލޭންޑް 1-1 ވޭލްސް
ސްވިޒަލޭންޑް 0-3 އިޓަލީ
ސްވިޒަލޭންޑް 3-1 އިޓަލީ