ބޮލީވުޑް

އާލިޔާ ތިން ވަނަ ފްލެޓެއް 13 ކްރޯޑް ރުޕީސްއަށް ގަނެފި

ބޮލީވުޑްގެ ތަރި އާލިޔާ ބަޓް ފިލްމީ ދުނިޔެއަށް ނިކުތީ މީގެ ހަ އަހަރު ކުރީންނެވެ. މިހައިތަނަށް އާލިޔާ ވަނީ ކާމިޔާބު ގިނަ ފިލްމުތަކެއް ކުޅެ ފިލްމު އިންޑަސްޓްރީގައި ނަން ފަވާލައިފައެވެ.

މިހާރުވެސް އަމިއްލަ ނަމުގައި މުމްބާއީގައި ދެ ފްލެޓް ހުންނަ އާލިޔާ މިވަނީ ތިން ވަނަ ފްލެޓެއް ގަނެފައެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި ޖުހޫއިން އާލިޔާ މި ގަތް ފްލެޓްގެ އަގު 13.11 ކްރޯޑް ރުޕީސްއަށް އަރައެވެ. 2300 އަކަފޫޓުގެ އެ ފްލެޓް ހުންނަނީ ފުރަތަމަ ބުރީގައެވެ. ފްލެޓާ އެކީ ދެ ޕާކިން ސްޕޭސްވެސް ވަނީ ލިބިފައެވެ.

މިދިޔަ އަހަރު އާލިޔާގެ ނިކުތީ އެންމެ ފިލްމެކެވެ. އެއީ ރާޒީއެވެ. އެ ފިލްމަށް ވަނީ ބޮޑު ތަރުހީބެއް ލިބިފައެވެ. މި ދުވަސްކޮޅު އާލިޔާ ތައްޔާރުވަމުން އަންނަނީ މިއަހަރުގެ އޭނާގެ ފުރަތަމަ ފިލްމު ގުލީ ބޯއީ ރިލީސްކުރުމަށެވެ.