ޔޫރޯ 2020

ޔޫރޯ: ޕޯޗުގަލް 0-1 ބެލްޖިއަމް

28 Jun 11:58

މެޗުގެ އުސްއަލިތައް

  • މެޗުގެ ފުރަތަމަ ހާފުގައި ފެނުނީ ދާދި ހަމަހަމަ ކުޅުމެއް
  • ދެޓީމުންވެސް ޑިފެންސް ތެރެއިން މާ ބޮޑަށް ޖާގަ ދީފައެއް ނުވޭ
  • ފުރަތަމަ ކޮޅުގައި ޖޮޓާއަށް ލިބުނު ފުރުސަތުގައި އޭނާ ފޮނުވާލި ހަމަލާ ގޯލަށް އަމާޒެއް ނުވި
  • ރޮނާލްޑޯ ވަނީ ގައުމީ ޖާޒީގައި 110 ވަނަ ރެކޯޑު ގޯލަށް މަސައްކަތް ކޮށްފައި، އޭނާ ފޮނުވާލި ހިލޭ ޖެހުން މަތަކުރީ ކޯޓުވާ
  • އަނެއްކޮޅުން މުނިއޭ ފޮނުވާލި ހަމަލާ ދިޔައީ ގޯލާ އަމާޒުނުވެ ބޭރަށް
  • ހާފު ނިމެން ދަނިކޮށް ބެލްޖިއަމްއިން ލީޑު ނެގީ ތޯގަން ހަޒާޑްގެ ހިތްގައިމު ގޯލުން
  • ދެވަނަ ހާފުގެ ކުރީކޮޅުގައި ޑިބްރޭނާއަށް އަނިޔާވެ ބާލަން ޖެހުނު
  • މެޗުގެ ނަތީޖާ އެއްވަރުކުރުމަށް ޕޯޗުގަލްއިން ރަނގަޅު ހަމަލާތަކެއް އުފެއްދި
  • ޖޮޓާގެ ހަމަލާއެއް ގޯލާ އަމާޒުނުވެ މައްޗަށް ދިޔައިރު، ޖައޯ ފީލިކްސްގެ ހަމަލާ މަތަކުރީ ކޯޓުވާ
  • އޭގެ ފަހުންވެސް ކޯޓުވާގެ މުހިއްމު ސޭވްތަކެއް ފެނުނު، ރުބެން ޑިއާޒްގެ ހަމަލާ ފާހަގަކޮށްލެވުނު
  • ގުރޭރޯ ފޮނުވާލި ބާރު ހަަމަލާ އަމާޒުވީ ބެލްޖިއަމް ގޯލުގެ އަރިމަތީ ދަނޑިއަށް
  • ބެލްޖިއަމްއިން ކުއާޓާގައި ކުޅެން ޖެހޭނީ އިޓަލީއާ ދެކޮޅަށް
28 Jun 11:56

މެޗުގެ ފުރިހަމަ ވަގުތުގެ ކުޅުން ނިންމާލައިފި. މެޗު ނިމިގެންދިޔައީ 1-0ގެ ނަތީޖާއަކުން ބެލްޖިއަމް ކުރީގައި އޮވެގެން. ޗެމްޕިއަން ޕޯޗުގަލް ކަޓުވާލައި، ބެލްޖިއަމް ކުއާޓާއަށް.

28 Jun 11:55

'90+5 - ޕޯޗުގަލަށް އިތުރު ފުރުސަތެއް. އަންދްރޭ ސިލްވާ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ބޭރުން ފީލިކްސް ފޮނުވާލި ހަމަލާ ދިޔައީ ބެލްޖިއަމް ގޯލުގެ އަރިމަތީ ދަނޑި ކައިރިން ބޭރަށް.

28 Jun 11:51

ދެވަނަ ހާފުގެ އިތުރު ވަގުތުގެ ގޮތުގައި ފަސް މިނެޓުގެ ކުޅުން ދައްކައިފި.

28 Jun 11:49

'88 - ޕޯޗުގަލުގެ ފުރުސަތެއް. ރޮނާލްޑޯ ބޮލުން ޖައްސާލި ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން އަންދްރޭ ސިލްވާ ފޮނުވާލި ހަމަލާ، ބެލްޖިއަމްގެ ކީޕަރު ކޯޓުވާ ވަނީ މަތަކޮށްފައި.

28 Jun 11:44

'83 - ޕޯޗުގަލަށް އިތުރު ފުރުސަތެއް. ޕެނަލްޓީ އޭރިއާ ތެރެއިން ގުރޭރޯ ފޮނުވާލި ބާރު ހަަމަލާ އަމާޒުވީ ބެލްޖިއަމް ގޯލުގެ އަރިމަތީ ދަނޑިއަށް.

28 Jun 11:43

'82 - ޕޯޗުގަލަށް ފުރުސަތެއް. ބްރޫނޯ ފެނާންޑޭޒް ނަގައިދިން ކޯނަރަކުން ރުބެން ޑިއާޒް ބޮލުން ފޮނުވާލި ހަމަލާ، ބެލްޖިއަމްގެ ކީޕަރު ކޯޓުވާ ވަނީ މަތަކޮށްފައި.

28 Jun 11:42

މިހާރު މެޗު ހޫނުވެ، ދެ ޓީމުގެ ފައުލްތައް ގިނަ. ޕޯޗުގަލުން ކުރިއަށް ޖެހި އެޓޭކުކުރުމުން އަންނަ އިރު، ބެލްޖިއަމުން އަންނަނީ ވަރުގަދައަށް ޑިފެންސް ކުރަމުން.

28 Jun 11:33

'74 - ރޮނާލްޑޯ ފޮނުވާލި ހިލޭ ޖެހުން، ބެލްޖިއަމް ވޯލްގައި ތިބި ކުޅުންތެރިން ގައިގައި ޖެހި ވަނީ ބްލޮކްވެފައި.

28 Jun 11:32

'73 - ފީލިކްސްއަށް ވަމާލަން ކުރި ފައުލަކާ ގުޅިގެން ޕޯޗުގަލަށް ހިލޭ ޖެހުމެއް.

28 Jun 11:27

'68 - ރެނާޓޯ ސަންޗޭޒް ދުރުން ފޮނުވާލި ހަމަލާ، ބެލްޖިއަމްގެ ގޯލާ އަމާޒެއް ނުވި.

28 Jun 11:23

'63 - ބެލްޖިއަމަށް ފުރުސަތެއް. ތޯގަން ހަޒާޑް ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ބޭރުން ލުކާކޫ ފޮނުވާލި ހަމަލާ ދިޔައީ ޕޯޗުގަލް ގޯލުގެ ހުރަސް ދަނޑި މަތިން ބޭރަށް.

28 Jun 11:21

'62 - ޕެނަލްޓީ އޭރިއާ ބޭރުން ބްރޫނޯ ފެނާންޑޭޒް ފޮނުވާލި ހަމަލާ، ބެލްޖިއަމްގެ ގޯލާ އަމާޒުނުވެ ބޭރަށް.

28 Jun 11:21

'61 - ޕޯޗުގަލަށް އިތުރު ފުރުސަތެއް. ރެނާޓޯ ސަންޗޭޒް ނަގައިދިން ހުރަހަކުން ޕެނަލްޓީ އޭރިއާ ތެރެއިން ފީލިކްސް ބޮލުން ފޮނުވާލި ހަމަލާ، ބެލްޖިއަމް ކީޕަރު ކޯޓުވާ ވަނީ މަތަކޮށްފައި.

28 Jun 11:18

'58 - ޕޯޗުގަލަށް ރަނގަޅު ފުރުސަތެއް. ރޮނާލްޑޯ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން ޖޮޓާ ފޮނުވާލި ހަމަލާ ދިޔައީ ބެލްޖިއަމް ގޯލުގެ ހުރަސް ދަނޑި މަތިން ބޭރަށް.

28 Jun 11:13

'54 - ޕެނަލްޓީ އޭރިއާ ބޭރުން ރޮނާލްޑޯ ފޮނުވާލި ބާރު ހަމަލާ، ބެލްޖިއަމްގެ ޑިފެންޑަރު ވަމާލަން ބްލޮކްކޮށްފި.

28 Jun 11:10

'48 - ފުރަތަމަ ހާފުގައި ފަޔަށް ލިބުނު އަނިޔާއާ ގުޅިގެން އިތުރަށް ކުޅުން ކުރިއަށް ނުގެންދެވިގެން ކެވިން ޑި ބްރޭނާ ބަދަލުކޮށްފި. އޭނާގެ ބަދަލުގައި ކުޅެން ނުކުތީ މާޓެންސް.

28 Jun 11:04

ދެވަނަ ހާފުގެ ކުޅުން ފަށައިފި.

28 Jun 10:49

ފުރަތަމަ ހާފުގެ އުސްއަލިތައް

  • މެޗުގެ ފުރަތަމަ ހާފުގައި ފެނުނީ ދާދި ހަމަހަމަ ކުޅުމެއް
  • ދެޓީމުންވެސް ޑިފެންސް ތެރެއިން މާ ބޮޑަށް ޖާގަ ދީފައެއް ނުވޭ
  • ފުރަތަމަ ކޮޅުގައި ޖޮޓާއަށް ލިބުނު ފުރުސަތުގައި އޭނާ ފޮނުވާލި ހަމަލާ ގޯލަށް އަމާޒެއް ނުވި
  • ރޮނާލްޑޯ ވަނީ ގައުމީ ޖާޒީގައި 110 ވަނަ ރެކޯޑު ގޯލަށް މަސައްކަތް ކޮށްފައި، އޭނާ ފޮނުވާލި ހިލޭ ޖެހުން މަތަކުރީ ކޯޓުވާ
  • އަނެއްކޮޅުން މުނިއޭ ފޮނުވާލި ހަމަލާ ދިޔައީ ގޯލާ އަމާޒުނުވެ ބޭރަށް
  • ހާފިު ނިމެން ދަނިކޮށް ބެލްޖިއަމުން ލީޑު ނެގީ ތޯގަން ހަޒާޑްގެ ހިތްގައިމު ގޯލުން
28 Jun 10:48

ފުރަތަމަ ހާފުގެ ކުޅުން ނިންމާލައިފި. ހާފު ނިމިގެންދިޔައީ 1-0ގެ ނަތީޖާއަކުން ބެލްޖިއަމް ކުރީގައި އޮވެގެން.

28 Jun 10:42

'42 - ބެލްޖިއަމުން ލީޑު ހޯދައިފި. ތޯގަން ހަޒާޑުގެ ހިތްގައިމު ލަނޑެއް. މުނިއޭ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ބޭރުން ތޯގަން ހަޒާޑް ފޮނުވާލި ބާރު ހަމަލާ އަމާޒުވީ ޕޯޗުގަލް ގޯލުގެ ތިރީ ކަނަށް.

28 Jun 10:39

'37 - ބެލްޖިއަމަށް ފުރުސަތެއް. ޑި ބްރޭނާ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ބޭރުން މުނިއޭ ފޮނުވާލި ހަމަލާ، ޕޯޗުގަލްގެ ގޯލާ އަމާޒުވެފައެއް ނުވޭ.

28 Jun 10:38

'36 - ކައުންޓާ އެޓޭކެއްގައި ލުކާކޫ ކުރިއަށް ދިޔަ ނަމަވެސް، ޕޯޗުގަލުގެ ޑިފެންޑަރުން އޭނާ ހުއްޓުވައިފި.

28 Jun 10:35

ބެލްޖިއަމަށް އަދިވެސް ލަނޑެއް ޖަހާނެ ރަނގަޅު ފުރުސަތެއް ތަނަވަސްކުރެވިފައެއް ނުވޭ. ޕޯޗުގަލަށް ބޯޅަ ލިބުމުން ބެލްޖިއަމުން ވަރަށް ބޮޑަށް ޑިފެންސަށް އިސްކަންދޭކަން ފާހަގަަކޮށްލެވޭ.

28 Jun 10:28

'25 - ރޮނާލްޑޯ ފޮނުވާލި ހިލޭ ޖެހުން ނުރައްކާތެރި. ރޮނާލްޑޯ ފޮނުވާލި ހިލޭ ޖެހުން ބެލްޖިއަމްގެ ކީޕަރު ކޯޓުވާ ވަނީ މަތަކޮށްފައި. ރީބައުންސް ބޯޅައިން ޕެނަލްޓީ އޭރިއާ ތެރެއިން ޕަލީނިއާ ފޮނުވާލި ހަމަލާ އުނދަގޫކަމެއް ނެތި، ކޯޓުވާ ވަނީ ހޯދާފައި.

28 Jun 10:24

'24 - ބެލްޖިއަމްގެ ޕެނަލްޓީ އޭރިއާ ބޭރުން ވަމާލިން ބޯޅައިގައި އަތްލުމުން ޕޯޗުގަލަށް ޕެނަލްޓީއެއް.

28 Jun 10:23

މިއީ ޔޫރަޕުގެ ވަރުގަދަ ދެ ބާރެއްގެ ކުރިމަތިލުން. މެޗުގެ ކުރީކޮޅުގައި ފެންނަމުން ދަނީ ދެޓީމުންވެސް ރިކްސް ނުނަގަން މަސައްކަތް ކުރާތަން. ބެލެވޭ ގޮތުގައި އެއީ ދެޓީމުގެވެސް ފޯވަޑް ލައިން ވަރުގަދަކޮށް ފެންނާތީ. ދެޓީމުގައިވެސް ތިބީ ކިރިޔާ ޖާގައެއް ލިބުނަސް ފުރުސަތުގެ ބޭނުން ހިފާނެ ފެންވަރުގެ ފޯވަޑުން. މެޗުގެ ކުޅުން މެދުތެރެއަށް ވަރަށް ބޮޑަށް ބަރޯސާވާނެ ކަމަށްވެސް އޮއިވަރުން ފާހަގަކުރެވޭ. ޑީބްރޭނާއާއި ރެނާޓޯ ސަންޗޭޒްގެ ކުރިމަތިލުން ޝައުގުވެރިވާނެ.

28 Jun 10:19

'19 - ޕެނަލްޓީ އޭރިއާ ބޭރުން ތޯގަން ހަޒާޑް ފޮނުވާލި ހަމަލާ، ޕޯޗުގަލްގެ ޑިފެންޑަރެއް ބްލޮކްކޮށްފި.

28 Jun 10:16

މެޗުގެ ފުރަތަމަ 15 މިނެޓުގެ ތެރޭ ދެ ޓީމުގެ ފަރާތުން ވެސް ފެނިގެންދިޔައީ ދާދި ހަމަހަމަ ކުޅުމެއް. ބެލްޖިއަމަށް އަދި ލަނޑުޖަހާނެ ރަނގަޅު ފުރުސަތެއް ތަނަވަސްކުރެވިފައެއް ނުވޭ. އެންމެ ރަނގަޅު ފުރުސަތެއް ލިބުނީ ޕޯޗުގަލްގެ ޑިއޭގޯ ޖޮޓާއަށް.

28 Jun 10:10

'10 - ބެލްޖިއަމްގެ ހަމަލާއެއް. ލުކާކޫ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ބޭރުން އެޑެން ހަޒާޑް ފޮނުވާލި ހަމަލާ، ޕޯޗުގަލްގެ ގޯލާ އަމާޒުވެފައެއް ނުވޭ.

28 Jun 10:09

'9 - މުނިއޭ ނަގައިދިން ހުރަސް، ޕޯޗުގަލްގެ ޕެނަލްޓީ އޭރިއާ ތެރެއިން ލުކާކޫއަށް ލިބޭ ގޮތެއް ނުވި.

28 Jun 10:06

'6 - ޕޯޗުގަލަށް ރަނގަޅު ފުރުސަތެއް. ރެނާޓޯ ސަންޗޭޒް ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން ޖޮޓާ ފޮނުވާލި ހަމަލާ، ބެލްޖިއަމްގެ ގޯލާ އަމާޒުވެފައެއް ނުވޭ.

28 Jun 10:02

މިއީ ގަދަ 16ގައި ކުޅޭ އެންމެ ވަރުގަދަ އެއް މެޗު. ޕޯޗުގަލަކީ ޔޫރޯގެ އެންމެ ފަހުގެ ޗެމްޕިއަން. ބެލްޖިއަމަކީ ފީފާ ރޭންކިންގެ އެއްވަނައިގައި އޮތް ޓީމު. ޕޯޗުގަލް އޮތީ ރޭންކިންގެ ފަސްވަނައިގައި.

28 Jun 10:01

މެޗުގެ ކުޅުން ފަށައިފި. ކިކްއޯފް ކުރީ ބެލްޖިއަމުން.

ޔޫރޯ 2020 ގެ ގަދަ 16 ގައި ބެލްޖިއަމްއާއި ޕޯޗުގަލް ކުޅޭ މެޗުގެ ލައިވް ކަވަރޭޖަށް "ވަން"ގެ ކިޔުންތެރިންނަށް މަރުހަބާ!

މިއީ ޔޫރަޕްގެ އެންމެ ވަރުގަދަ ދެ ބާރުގެ ކުރިމަތިލުއް. ޕޯޗުގަލްއަކީ އެންމެފަހުގެ ޔޫރޯ ޗެމްޕިއަނުން. ބެލްޖިއަމްއަކީ މިވަގުތުވެސް ފީފާ ރޭންކިންގެ އެންމެ އުހުގައި އޮތް ޓީމު. އެޓީމުން ފީފާ ރޭންކިންގެ އެއްވަނައިގައި ހިފަހައްޓަމުންދާތާ މިހާރު ވަނީ ގިނަ ދުވަސްތަކެއް ވެފައި. ދެޓީމަކީވެސް ތަރިންގެ ދެޓީމު. މިވަގުތު ދުނިޔޭގެ ފުޓުބޯޅައިގައި ފާހަގަކޮށްލެވޭ ތަރިން މިރޭގެ މެޗުގައި ފެންނާނެ.

ބެލްޖިއަމް ގަދަ 16 އަށް ދަތުރުކުރީ ގްރޫޕު ބީގެ އެއްވަނަ ޓީމުގެ ގޮތުގައި. އެޓީމުން ވަނީ ގްރޫޕު ސްޓޭޖުގައި ރަޝިއާގެ އިތުރުން ޑެންމާކާއި ފިންލޭންޑް ވެސް ބަލިކޮށްފައި. ޕޯޗުގަލްއިން ގަދަ 16 އަށް ދިޔައީ ގްރޫޕު އެފްގެ ތިންވަނަ ޓީމުގެ ގޮތުގައި. އެޓީމުން މަރުގެ ގްރޫޕުގައި ހަންގޭރީ ބަލިކޮށް، ދުނިޔޭގެ ޗެމްޕިއަން ފްރާންސާ އެއްވަރުކުރި. ހަމައެކަނި ބަލިވީ ޖަރުމަނު އަތުން.

މިރޭގެ މެޗަށް ދެޓީމު ނުކުންނާނީ ސެވިއްޔާގެ ލަ ކަރުޓޫޖާ ސްޓޭޑިއަމްގައި.

ދެޓީމުގެ ޔޫރޯ ތާރީހާއި ބައެއް މުހިއްމު މައުލޫމާތު

ޕޯޗުގަލް

ޔޫރޯގައި އަށް ފަހަރަށް ވާދަކޮށްފައިވާ ޕޯޗުގަލްއަކީ އެންމެފަހުގެ ޔޫރޯ ޗެމްޕިއަނުން. 1960 އިން 1980 އާ ހަމައަށް އެގައުމުން ޔޫރޯއަށް ކޮލިފައި ވެފައެއް ނުވޭ. އެހެންނަވެސް 1984 ވަނަ އަހަރު ކުޅުނު ޔޫރޯގައި ޕޯޗުގަލް ސެމީ ފައިނަލުގައި ވާދަކުރި. އޭގެ ފަހުން އަނެއްކާވެސް ކޮލިފައި ނުވެގެން ދެ ޔޫރޯ ޕޯޗުގަލްއަށް ގެއްލުނު. ދެން އެނބުރި އައި 1996 ވަނަ އަހަރުގެ ޔޫރޯގައި ޕޯޗުގަލް ކުއާޓާ ފައިނަލް ކުޅެފައިވޭ. 2000 ވަނަ އަހަރުގެ ޔޫރޯއަކީ އެޓީމުގެ ނަސީބު ބަދަލުކޮށްލާނެ މުބާރާތް ކަމަށް އެތައް ބަޔަކު ބަލަ ބަލައި ތިއްބައި އެ މުބާރާތުގެ ސެމީ ފައިނަލުން ޕޯޗުގަލް ކެޓީ ފްރާންސް އަތްދަށު ވެގެން.

ޕޯޗުގަލުގައި އެއިރު އޮތް ޓީމު ހޯދި އެންމެ ބޮޑު ކާމިޔާބީއަކީ 2004 ވަނަ އަހަރުގެ ޔޫރޯ ފައިނަލް ކުޅުން. އަމިއްލަ ގައުމުގައި ކުޅުނު މުބާރާތުގެ ފައިނަލުގައި އެ މުބާރާތުގެ ސަޕްރައިޒް ޓީމު ގްރީސް އަތުން ބަލިވި ބަލިވުމަކީ ލިބުނު ބޮޑު މާޔޫސް ކަމެއްވެސްމެ.

ގްރޫޕު ސްޓޭޖުގައި ޕޯޗުގަލްގެ ނަތީޖާތައް:

ޕޯޗުގަލް 3-0 ހަންގޭރީ
ޕޯޗުގަލް 2-4 ޖަރުމަނު
ޕޯޗުގަލް 2-2 ފްރާންސް

ބެލްޖިއަމް

ޔޫރޯގައި ބެލްޖިއަމުން ވަނީ ރަނގަޅު ކާމިޔާބީތަކެއް ހޯދައިފައި. މިހާތަނަށް ފަސް ޔޫރޯއެއްގައި ވާދަކޮށްފައިވާ އިރު، އެޓީމުން ފުރަތަމަ ވާދަކުރީ ޖުމުލަ ހަތަރު ޓީމަކުން ވާދަކުރި ޔޫރޯ 1972 ގެ ޔޫރޯގައި. އެ މުބާރާތް ބޭއްވީ ވެސް ބެލްޖިއަމްގައި. ބެލްޖިއަމުން އެންމެ ރަނގަޅު ކާމިޔާބެއް ހޯދީ 1980ގެ ޔޫރޯގައި. އަށް ޓީމެއް ވާދަ ކުރި އެ މުބާރާތުގައި ފައިނަލަށް ދަތުރުކުރި ނަމަވެސް، ފައިނަލުގައި ވެސްޓް ޖާމަނީ އަތުން ވަނީ ބަލިވެފައި.

އެންމެ ފަހުން ބޭއްވި ޔޫރޯ 2016ގައި ވެސް ބެލްޖިއަމްގެ ނަތީޖާ ގޯހެއް ނޫން. އެއީ 16 އަހަރުގެ މެދުކެނޑުމަކަށްފަހު ޔޫރޯގައި ބެލްޖިއަމް ވާދަކުރި ފުރަތަމަ ފަހަރު. އެ ފަހަރު ގްރޫޕު ސްޓޭޖުގައި ބެލްޖިއަމް ލައްވާލީ އިޓަލީ އާއި އަޔަލެންޑް އަދި ސްވިޑަންއާ އެއް ގްރޫޕެއްގައި. ބެލްޖިއަމުން ގްރޫޕު ސްޓޭޖު ނިންމާލީ ދެވަނައިގައި. އެއްވަނައިގައި ނިންމާލީ އިޓަލީ.

ގްރޫޕު ސްޓޭޖުގެ ދެވަނައިގެ ގޮތުގައި ގަދަ 16އަށް ދަތުރުކޮށް، ފަސޭހަކަމާއެކު ހަންގޭރީ ބަލިކުރުމަށްފަހު ބެލްޖިއަމުން ވަނީ ކުއާޓާ ފައިނަލުގެ ޖާގައެއް ހޯދައިފައި. ނަމަވެސް ކުއާޓާގައި މުބާރާތުގެ ފޭވަރިޓެއްގެ ގޮތުގައި ނުކުތް ބެލްޖިއަމްއަށް ވަނީ ނާކާމިޔާބީއާ ކުރިމަތިލާން ޖެހިފައި. އެ މެޗުގައި ބެލްޖިއަމް ވަނީ ވޭލްސް އަތުން ބަލިވެފައި.

ގްރޫޕު ސްޓޭޖުގައި ބެލްޖިއަމްގެ ނަތީޖާތައް:

ބެލްޖިއަމް 3-0 ރަޝިއާ
ބެލްޖިއަމް 2-1 ޑެންމާކު
ބެލްޖިއަމް 2-0 ފިންލޭންޑް