ޔޫރޯ 2020

ޔޫރޯ: ނެދަލޭންޑްސް 0-2 ޗެކު ރިޕަބްލިކް

28 Jun 08:57

މެޗުގެ އުސްއަލިތައް

  • މެޗުގެ ކުރީކޮޅުގައި ނެދަލޭންޑްސް ނުރައްކާކުރި
  • ޑަމްފްރީސްގެ ނުރައްކާތެރި ދެ ހުރަހެއްގެ އިތުރުން ޑި ލިގްޓްއަށް ލިބުނު ފުރުސަތު ފާހަގަކޮށްލެވޭ
  • ޗެކުގެ ކުޅުން ވަކި ދަށެއް ނޫން، ސޯޗެކާއި ޝިކްގެ ހަމަލާތައް ފާހަގަކޮށްލެވުނު
  • ސޯޗެކްގެ ހަމަލާ ބޭރަށް ދިޔައިރު، ޝިކްގެ ހަމަލާ މަތަކުރީ ނެދަލޭންޑްސް ގޯލްކީޕަރު
  • ޗެކުގެ ބަރަކަށް ހުސް ފުރުސަތެއް ލިބި ބޭކާރުވި، އޭރިއާ ތެރެއިން ހުސްކޮށް ފޮނުވާލި ހަމަލާ ޑި ލިގްޓް ބްލޮކްކުރި
  • ހާފު ނިމެންދަނިކޮށް ވައިނާލްޑަމްއަށް ލިބުނު ހުސް ފުރުސަތު އޭނާ ނަގާލި
  • ދެވަނަ ހާފުގެ ކުރީކޮޅުގައި ނެދަލޭންޑްސްގެ މާލެންއަށް ހުސް ފުރުސަތެއް ލިބި ބޭކާރުވި
  • މެޗު އެނބުރުނީ ޑި ލިގްޓްއަށް ދެއްކި ރަތް ކާޑާއެކު
  • އެ ކާޑަށް 10 ވަރަކަށް މިނެޓް ފަހުން ޗެކުން ލީޑު ނެގީ ހޮލޭސްގެ ގޯލުން
  • ޗެކުން ދެވަނަ ގޯލަކާއެކު ނަތީޖާ ޔަގީންކުރި، އެ ގޯލު ޖެހީ ޝިކް
  • އެއީ ޝިކް މުބާރާތުގައި ޖެހި ހަތަރުވަނަ ގޯލު
  • ޗެކުން ކުއާޓާގައި ނުކުންނަން ޖެހޭނީ ޑެންމާކާ ދެކޮޅަށް
28 Jun 08:55

މެޗުގެ ފުރިހަމަ ވަގުތުގެ ކުޅުން ނިންމާލައިފި. މެޗު ނިމިގެންދިޔައީ 2-0ގެ ނަތީޖާއަކުން ޗެކް ކުރީގައި އޮވެގެން. ނެދަލެންޑްސް ކަޓުވާލައި، ކުއާޓާގެ ޖާގަ ޗެކަށް.

28 Jun 08:52

އަދިވެސް ރަނގަޅަށް ކުޅެމުން އަންނަނީ ދެ ލަނޑުގެ ލީޑެއް ހޯދާފައިވާ ޗެކުން.

28 Jun 08:48

ދެވަނަ ހާފުގެ އިތުރު ވަގުތުގެ ގޮތުގައި ހަ މިނެޓުގެ ކުޅުން ދައްކައިފި.

28 Jun 08:48

އެއް ކުޅުންތެރިޔަކު މަދުކޮށް ކުޅެން ޖެހުމުގެ ސަބަބުން ނެދަލެންޑްސްއަށް ދަނީ އެކަމުގެ އުނދަގޫތަކާ ކުރިމަތިވަމުން. ރަތް ކާޑު ދެއްކި ޑި ލިގްޓް ވަނީ ފުރަތަމަ ހާފުގައި ވެސް މޮޅު ކުޅުމެއް ދައްކާފައި. އޭނާ ވަނީ ޗެކަށް ލިބުނު ގިނަ ފުރުސަތުތަކަކަށް ހުރަސް އަޅާފައި.

28 Jun 08:39

'80 - ޗެކުން ލީޑު ފުޅާކޮށްފި. ހޮލޭސް ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން ފޮނުވާލި ހަމަލާއަކުން ޗެކަށް އެ ލަނޑު ކާމިޔާބުކޮށްދިނީ ޝިކް.

28 Jun 08:38

'78 - ޗެކަށް އިތުރު ފުރުސަތެއް. ގޯލުގެ މަތީ ކަނަކާ އަމާޒުކޮށް ޕެނަލްޓީ އޭރިއާ ތެރެއިން މަސޮޕުސްޓް ފޮނުވާލި ހަމަލާ، ނެދަލެންޑްސްގެ ކީޕަރު ސްކެޓެލެންބާގް ވަނީ މަތަކޮށްފައި.

28 Jun 08:36

'77 - ޗެކަށް ފުރުސަތެއް. ޕެނަލްޓީ އޭރިއާ ބޭރުން ސޯޗެކް ފޮނުވާލި ހަމަލާ، ނެދަލެންޑްސްގެ ކީޕަރު ސްކެޓެލެންބާގް ވަނީ މަތަކޮށްފައި.

28 Jun 08:35

'77 - ޑަމްފްރީސް ނަގައިދިން ހުރަސް، ޕެނަލްޓީ އޭރިއާ ތެރެއިން ނެދަލެންޑްސްގެ ކުޅުންތެރިޔަކަށް ލިބުމުގެ ކުރިން ޗެކްގެ ކީޕަރު ވަސްލިކް އެ ބޯޅަ ހޯދައިފި.

28 Jun 08:27

'68 - ޗެކުން ލީޑު ހޯދައިފި. ކަލާސް ބޮލުން ޖައްސާލި ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުރެ ބޮލުން ފޮނުވާލި ހަމަލާއަކުން ޗެކަށް އެ ލަނޑު ކާމިޔާބުކޮށްދިނީ ހޮލޭސް.

28 Jun 08:23

'64 - ޗެކަށް ހުސް ފުރުސަތެއް. ޕެނަލްޓީ އޭރިއާ ތެރޭ ހުސްކޮށް ހުރެ ކަޑެރަބެކް ފޮނުވާލި ހަމަލާ، ގޯލު ކުރިމަތިން ޑަމްފްރީސް ވަނީ ބްލޮކޮށްފައި.

28 Jun 08:18

'60 - ޗެކަށް ފުރުސަތެއް. ބަރަކް ނަގައިދިން ކޯނަރަކުން ޕެނަލްޓީ އޭރިއާ ތެރެއިން ޝިކް ބޮލުން ފޮނުވާލި ހަމަލާ، ނެދަލެންޑްސްގެ ގޯލާ އަމާޒުވެފައެއް ނުވޭ.

28 Jun 08:13

'55 - ޕެނަލްޓީ އޭރިއާ ބޭރުން ނެދަލެންޑްސްގެ ޑިފެންޑަރު ޑި ލިގްޓް ބޯޅައިގައި އަތްލުމުން ރަތް ކާޑެއް ދައްކަން ޖެހޭތޯ ބެލުމަށް ރެފްރީ ވީއޭއާރުން ބެލުމަށްފަހު، އޭނާއަށް ރަތް ކާޑެއް ދައްކައިފި.

28 Jun 08:10

'52 - ނެދަލެންޑްސްއަށް ހުސް ފުރުސަތެއް. ޗެކްގެ ޑިފެންޑަރުން ކައިރިން ނައްޓާލުމަށްފަހު، ޕެނަލްޓީ އޭރިއާ ތެރެއަށް ވަދެ، މާލެން ހަމަލާއެއް ފޮނުވާލުމުގެ ކުރިން ކީޕަރު ވަސްލިކް ވަނީ ހުޝިޔާރުކަމާއެކު ބޯޅަ ހޯދާފައި.

28 Jun 08:05

'46 - ކަޑެރަބެކްއަށް ކުރި ފައުލަކާ ގުޅިގެން ނެދަލެންޑްސްގެ ޑަމްފްރީސްއަށް ރީނދޫ ކާޑެއް.

28 Jun 08:03

ދެވަނަ ހާފުގެ ކުޅުން ފަށައިފި.

28 Jun 07:52

ފުރަތަމަ ހާފުގެ އުސްއަލިތައް

  • މެޗުގެ ކުރީކޮޅުގައި ނެދަލޭންޑްސް ނުރައްކާކުރި
  • ޑަމްފްރީސްގެ ނުރައްކާތެރި ދެ ހުރަހެއްގެ އިތުރުން ޑި ލިގްޓްއަށް ލިބުނު ފުރުސަތު ފާހަގަކޮށްލެވޭ
  • ޗެކުގެ ކުޅުން ވަކި ދަށެއް ނޫން، ސޯޗެކާއި ޝިކްގެ ހަމަލާތައް ފާހަގަކޮށްލެވުނު
  • ސޯޗެކްގެ ހަމަލާ ބޭރަށް ދިޔައިރު، ޝިކްގެ ހަމަލާ ބްލޮކް ކުރީ ނެދަލޭންޑްސް ޑިފެންޑަރު ޑި ލިގްޓް
  • ޗެކުގެ ބަރަކަށް ހުސް ފުރުސަތެއް ލިބި ބޭކާރުވި، އޭރިއާ ތެރެއިން ހުސްކޮށް ފޮނުވާލި ހަމަލާ ޑި ލިގްޓް ބްލޮކްކުރި
  • ހާފް ނިމެންދަނިކޮށް ވައިނާލްޑަމްއަށް ލިބުނު ހުސް ފުރުސަތު އޭނާ ނަގާލި
28 Jun 07:48

ފުރަތަމަ ހާފުގެ ކުޅުން ނިންމާލައިފި. ހާފު ނިމިގެންދިޔައީ ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވެގެން.

28 Jun 07:48

45+2' ނެދަލެންޑްސްއަށް ހުސް ފުރުސަތެއް. ޑިޕާއީ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރޭ ވަރަށް ހުސްކޮށް ހުރެ، ވޭން އާންހޯލްޓް ފޮނުވާލި ހަމަލާ ޗެކްގެ ގޯލާ އަމާޒުވެފައެއް ނުވޭ.

28 Jun 07:45

ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ގޮތުގައި ދެ މިނެޓު.

28 Jun 07:39

'39 - ނެދަލެންޑްސްއަށް ފުރުސަތެއް. ޕެނަލްޓީ އޭރިއާ ތެރެއިން ޑަމްފްރީސް ފޮނުވާލި ހަމަލާ، ޗެކްގެ ކީޕަރު ވަސްލިކް ވަނީ މަތަކޮށްފައި.

28 Jun 07:39

'38 - ޗެކަށް ރަނގަޅު ފުރުސަތެއް. މަސޮޕުސްޓް ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން ބަރަކް ފޮނުވާލި ހަމަލާ، ނެދަލެންޑްސްގެ ޑިފެންޑަރު ޑި ލިގްޓް ވަނީ ދިފާއުކޮށްފައި.

28 Jun 07:32

'31 - ނެދަލެންޑްސްއަށް ފުރުސަތެއް. ޑަމްފްރީސް ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން މާލެން ފޮނުވާލި ހަމަލާ، ޗެކްގެ ޑިފެންޑަރު ކަލާސް ވަނީ ބްލޮކްކޮށްފައި.

28 Jun 07:29

'28 - ޗެކަށް އިތުރު ފުރުސަތެއް. ޕެނަލްޓީ އޭރިއާ ބޭރުން ޝިކް ފޮނުވާލި ހަމަލާ، ނެދަލެންޑްސް ކީޕަރު ސްކެޓެލެންބާގް ވަނީ މަތަކޮށްފައި.

28 Jun 07:22

'22 - ޗެކަށް ރަނގަޅު ފުރުސަތެއް. ސާޗިކް ނަގައިދިން ހުރަހަކުން ޕެނަލްޓީ އޭރިއާ ތެރެއިން ސޯޗެކް ބޮލުން ފޮނުވާލި ހަމަލާ، ނެދަލެންޑްސްގެ ގޯލާ އަމާޒުވެފައެއް ނުވޭ.

28 Jun 07:19

'18 - ވޭން އާންހޯލްޓް ނަގައިދިން ނުރައްކާތެރި ހުރަސް، ޕެނަލްޓީ އޭރިއާ ތެރެއިން ނެދަލެންޑްސްގެ ކުޅުންތެރިޔަކަށް ލިބޭ ގޮތެއް ނުވި.

28 Jun 07:13

'13 - ނެދަލެންޑްސްއަށް ފުރުސަތެއް. ޕެނަލްޓީ އޭރިއާ ތެރެއިން ޑަމްފްރީސް ފޮނުވާލި ހަމަލާ، ޗެކްގެ ޑިފެންޑަރު ކަލާސް ވަނީ ދިފާއުކޮށްފައި.

28 Jun 07:11

'11 - ޑިޕާއީ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން ޑަމްފްރީސް ނުރައްކާ ކުރުމުގެ ކުރިން ޗެކްގެ ޑިފެންޑަރެއް ދިފާއުކޮށްފި.

28 Jun 07:09

'8 - ނެދަލެންޑްސްއަށް ހުސް ފުރުސަތެއް. ބްލިންޑް ނަގައިދިން ހުރަސް، ޕެނަލްޓީ އޭރިއާ ތެރޭ ވަރަށް ހުސްކޮށް ހުރި ޑި ލިގްޓްއަށް ނިންމައިލެވޭ ގޮތް ވެފައެއް ނުވޭ. އޭނާއަށް ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލަން ލިބުނީ ވެސް ވަރަށް ހަނި އޭންގަލެއް.

28 Jun 07:06

މެޗުގެ ފުރަތަމަ ފަސް މިނެޓުގައި ދެ ޓީމުގެ ފަރާތުން ވެސް ފެނިގެންދިޔައީ ދާދި ހަމަހަމަ ކުޅުމެއް. އެއްވެސް ޓީމަކަށް ލަނޑުޖަހާނެ ފުރުސަތެއް ތަނަވަސްކުރެވިފައެއް ނުވޭ.

28 Jun 07:03

ޗެކްގެ ކެޕްޓަން ޑަރީޑާއަށް އަނިޔާވުމުގެ ސަބަބުން މި މެޗުގައި ނުފެންނާނެ. އޭނާގެ ބަދަލުގައި ކެޕްޓަނެއްގެ ދައުރު އަދާކުރަމުން އަންނަނީ ސޯޗެކް.

28 Jun 07:03

'2 - ހޮލެސް ދުރުން ފޮނުވާލި ބޯޅަ، ނެދަލެންޑްސް ގޯލާ އަމާޒު ނުވެ ބޭރަށް.

28 Jun 07:01

'1 - މާލެން ދިން ބޯޅަ، ޗެކް ރިޕަބްލިކުގެ ގޯލު ހުރަސްކޮށް ބޭރަށް.

28 Jun 07:00

މެޗުގެ ކުޅުން ފަށައިފި. ކިކްއޯފް ކުރީ ޗެކް ރިޕަބްލިކުން.

ޔޫރޯ 2020 ގެ ގަދަ 16 ގައި ނެދަލޭންޑްސްއާއި ޗެކު ރިޕަބްލިކް ވާދަކުރާ މެޗުގެ ލައިވް ބްލޮގަށް "ވަން"ގެ ކިޔުންތެރިންނަށް މަރުހަބާ!

ނެދަލޭންޑްސްއިން ގަދަ 16 އަށް ދިޔައީ ގްރޫޕް ސްޓޭޖުގައި ކުޅުނު ހުރިހާ މެޗަކުން މޮޅުވެ، ގްރޫޕް ސީގެ އެއްވަނަ ޓީމުގެ ގޮތުގައި. އެޓީމުން ވަނީ އޮސްޓްރިއާ އާއި ޔޫކްރެއިން އަދި ނޯތު މެސަޑޯނިއާ ބަލިކޮށްފައި. ޗެކު ރިޕަބްލިކް ގަދަ 16 އަށް ދިޔައީ ގްރޫޕް ޑީގެ ތިންވަނަ ޓީމުގެ ގޮތުގައި. ގްރޫޕް ސްޓޭޖުގައި އެޓީމު ކުޅުނު ތިން މެޗުގެ ތެރެއިން ފުރަތަމަ މެޗުގައި ސްކޮޓްލޭންޑް ބަލިކުރި އިރު، ދެވަނަ މެޗުގައި ކްރޮއޭޝިއާއާ އެއްވަރުކުރި. އަދި ތިންވަނަ މެޗުގައި ވަނީ އިންގްލެންޑް އަތުން ބަލިވެފައި.

މިރޭގެ މެޗަށް ދެޓީމު ނުކުންނާނީ ބުޑަޕެސްޓްގެ ޕުސްކާސް އެރީނާގައި.

ދެޓީމުގެ ޔޫރޯ ތާރީހާއި ބައެއް މުހިއްމު މައުލޫމާތު

ނެދަލޭންޑްސް

ޔޫރޯގައި ނެދަލެންޑްސް ފާހަގަކޮށްލެވެނީ ވަރުގަދަ ޓީމެއްގެ ގޮތުގައި. އެޓީމު ވަނީ ޔޫރޯގައި ނުވަ ފަހަރު ވާދަކޮށްފައި. އޭގެ ތެރެއިން ވެސް ނެދަލެންޑްސްއަށް ކާމިޔާބު ކުރެވުނީ އެންމެ މުބާރާތެއް. އެއީ 1988 ވަނަ އަހަރު ޖަރުމަނުގައި ބޭއްވި ޔޫރޯ. އެއިރު އެޓީމުން ރޮނަލްޑް ކޫމަން، ރޫޑް ގުލިޓް އަދި މާކޯ ވެން ބަސްޓެން ފެނިގެންދިޔަ.

އޭގެ ފަހުން ވެސް ޔޫރޯގައި ނެދަލެންޑްސް ވިދާލި. އެގޮތުން ޔޫރޯ 1992، ޔޫރޯ 2000، ޔޫރޯ 2004ގެ ތިންވަނަ މަގާމު ހޯދި. އަދި ޔޫރޯ 1996 އާއި ޔޫރޯ 2008ގެ ކުއާޓާ ފައިނަލުގައި އެޓީމު ވާދަކުރި. ފަހުގެ ތާރީހެއްގައި ނެދަލެންޑްސްގެ އެންމެ މާޔޫސީ ދުވަސްތަކަކީ 2014 ގެ ފަސް. ވޯލްޑް ކަޕް 2014ގެ ތިންވަނަ ހޯދުމަށްފަހު އެޓީމަށް ޔޫރޯ 2016 އަދި ވޯލްޑް ކަޕް 2018 އަށް ކޮލިފައި ވެވިފައެއް ނުވޭ. އެ ދެ މުބާރާތަށް ނެދަލެންޑްސް ކޮލިފައިނުވުން ފުޓުބޯޅައިގެ މުޅި ދުނިޔެވެސް ފާހަގަކުރީ ބޮޑު ހައިރާންކަމެއްގެ ގޮތުގައި.

މިފަހަރުގެ ޔޫރޯއަށް ނެދަލެންޑްސް ކޮލިފައިވީ ގްރޫޕު ސީގެ ދެވަނައިގެ ގޮތުގައި. އެޓީމު ހިމެނުނީ ވަރުގަދަ ޖަރުމަނާ އެއް ގްރޫޕެއްގައި ކަމުން އުނދަގޫތަކަކާ ކުރިމަތިލާން ޖެހުނު. އެ ގްރޫޕުގެ އެއްވަނަ ހޯދީ ޖަރުމަނުން.

ގްރޫޕް ސްޓޭޖުގެ މެޗުތައް:
ނެދަލޭންޑްސް 3-2 ޔޫކްރެއިން
ނެދަލޭންޑްސް 2-0 އޮސްޓްރިއާ
ނެދަލޭންޑްސް 3-0 ނޯތު މެސަޑޯނިއާ

ޗެކު ރިޕަބްލިކް

ޗެކުސްލޮވޭކިއާ ދެ ފަޅިވެ ޗެކު ރިޕަބްލިކާއި ސްލޮވޭކިއާ އުފެދުނު ހިސާބުން ޗެކު ރިޕަބްލިކަކީ ވަކި ފުޓުބޯޅަ ޓީމެއްގެ ގޮތުގައި އުފެދިގެން ދިޔަ. އެގައުމުގެ ތާރީހުގައި، ޗެކު ރިޕަބްލިކްގެ ނަމުގައި ފުރަތަމަ ފަހަރަށް މެޗެއް ކުޅެފައި ވަނީ 23 ފެބުރުއަރީ 1994 ވަނަ އަހަރުގައި.

ޔޫރޯއަށް ކޮލިފައިވުމަށް 1996 ވަނަ ޗެކް ރިޕަބްލިކްގެ ފުރަތަމަ މެޗު ކުޅެފައިވާ އިރު، އެގައުމުން އެ އަހަރު ޔޫރޯގައި ވެސް ވާދަކޮށްފައިވޭ. މިހާތަނަށް ޔޫރޯގައި ހަތް ފަހަރެއްގެ މަތިން ވާދަކޮށްފައިވާ އިރު، ޗެކް ރިޕަބްލިކްގެ ނަމުގައި ލިބުނު އެންމެ ބޮޑު ކާމިޔާބީއަކީ 1996 ވަނަ އަހަރު މުބާރަތުގެ ފައިނަލް ކުޅުން. ޗެކް ރިޕަބްލިކްގެ ނަމުގައި ރަނަރަޕްކަން ލިބުނު ނަމަވެސް 1976 ވަނަ އަހަރު ޗެކުސްލޮވޭކިއާ ނަމުގައި ވަނީ ޔޫރޯ ހޯދައިފައި.

ގްރޫޕް ސްޓޭޖު މެޗުތައް
ޗެކު ރިޕަބްލިކް 2-0 ސްކޮޓްލޭންޑް
ޗެކު ރިޕަބްލިކް 1-1 ކްރޮއޭޝިއާ
ޗެކު ރިޕަބްލިކް 0-1 އިންގްލެންޑް