ޔޫރޯ 2020

ޔޫރޯ: ވޭލްސް 0-4 ޑެންމާކު

27 Jun 08:56

މެޗުގެ އުސްއަލިތައް

  • ފުރަތަމަ ހާފުގެ ކުރީކޮޅުގައި ރަނގަޅަށް ކުޅުނީ ވޭލްސް
  • ބޭލްގެ ނުރައްކާ ފާހަގަވި، އޭނާގެ ދެ ހަމަލާއެއްވެސް ދިޔައީ ބޭރަށް
  • ރެމްސީގެ ހަމަލާ ބްލޮކް ކުރީ ޑެންމާކު ޑިފެންޑަރު
  • ޑެންމާކުން ކުޅުން ރަނގަޅުކޮށް ލީޑު ނެގީ ޑޮލްބާގްގެ ގޯލުން
  • އެ ގޯލަށްފަހު ރަނގަޅަށް ކުޅެފައި ވަނީ ޑެންމާކު
  • މޭލާ ފޮނުވާލި ހަމަލާ ޑިފެންޑަރު ވަނީ ބްލޮކް ކޮށްފައި
  • ދެވަނަ ހާފް ފަށައިގެން ފަސް މިނެޓްވެސް ނުވަނީސް ޑޮލްބާގްގެ ދެވަނަ ގޯލާއެކު ޑެންމާކު ލީޑު ފުޅާކުރި
  • އޭގެ ފަހުން ވޭލްސްއިން އަނެއްކާވެސް ކުރިއަށް ޖެހި ހަމަލާތައް އުފެއްދި ނަމަވެސް ކާމިޔާބެއް ނުވި
  • ރަނގަޅަށް ކުޅެމުން ދިޔަ ޑެންމާކުން މެޗު 4-0 އިން ނިންމާލީ މައޭލާއާއި ބްރައިތުވެއިޓްގެ ގޯލުން
  • ވޭލްސްއިން މެޗު ނިންމާލީ ރަތް ކާޑަކާއެކު، ވިލްސަންގެ ނުރައްކާތެރި ޓެކްލަކަށް ރެފްރީ ވަނީ ސީދާ ރަތް ދައްކާފައި
  • މިއީ 2004 ވަނަ އަހަރަށްފަހު ޑެންމާކުން ކުއާޓާއަށް ދިޔަ ފުރުތަމަ ފަހަރު
27 Jun 08:55

މެޗުގެ ފުރިހަމަ ވަގުތުގެ ކުޅުން ނިންމާލައިފި. މެޗު ނިމިގެންދިޔައީ 4-0ގެ ނަތީޖާއަކުން ޑެންމާކު ކުރީގައި އޮވެގެން.

27 Jun 08:51

'90+4 - ޑެންމާކުން ހަތަރުވަނަ ލަނޑެއް ކާމިޔާބުކޮށްފި. ކޯނެލިއަސް ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން ފޮނުވާލި ހަމަލާއަކުން ޑެންމާކަށް އެ ލަނޑު ކާމިޔާބުކޮށްދިނީ ބްރެތުވެއިޓް. ވީއޭއާރުން އޭނާ އޮފްސައިޑު މަގާމެއްގައި ހުރިތޯ ބެލުމަށްފަހު، ނިންމީ ގޯލެއް ކަމަށް.

27 Jun 08:49

'90 - މައޭލާއަށް ކުރި ފައުލަކާ ގުޅިގެން ވޭލްސްގެ ހެރީ ވިލްސަންއަށް ރަތް ކާޑެއް ދައްކައިފި.

27 Jun 08:47

'88 - ޑެންމާކުން ތިން ލަނޑުގެ ލީޑެއް ހޯދައިފި. ޕެނަލްޓީ އޭރިއާ ތެރޭ ހުސްކޮށް ހުއްޓައި ޖެންސެން ދިން ބޯޅައަކުން ފޮނުވާލި ހަމަލާއަކުން ޑެންމާކަށް އެ ލަނޑު ކާމިޔާބުކޮށްދިނީ މައޭލާ.

27 Jun 08:46

'86 - ޑެންމާކަށް ހުސް ފުރުސަތުތަކެއް. ޖެންސެން ނަގައިދިން ހުރަހަކުން ޕެނަލްޓީ އޭރިއާ ތެރެއިން ކޯނެލިއަސް ބޮލުން ފޮނުވާލި ހަަމަލާ، ވޭލްސްގެ ކީޕަރު ވާޑް ދިފާއުކުރި އިރު، ރީބައުންސް ބޯޅައިން ބްރެތުވެއިޓް ފޮނުވާލި ހަމަލާ އަމާޒުވީ ގޯލުގެ އަރިމަތީ ދަނޑިއަށް. ދަނޑީގައި ޖެހިފައި ނުކުތުމާއެކު ވެސްޓާގާޑަށް ފުރުސަތެއް ލިބުނު ނަމަވެސް، ޕެނަލްޓީ އޭރިއާ ތެރެއިން އޭނާ ފޮނުވާލި ހަމަލާ ގޯލާ އަމާޒުވެފައެއް ނުވޭ.

27 Jun 08:42

ޑެންމާކުން ދެ ލަނޑުގެ ލީޑެއްގައި އޮތުމުން އެޓީމުން އަންނަނީ ޑިފެންސަށް އިސްކަންދީ، ކައުންޓާ އެޓޭކުތަކުގައި ނުރައްކާ ކުރުމަށް މަސައްކަތްކުރަމުން.

27 Jun 08:41

'82 - ޑެންމާކަށް ފުރުސަތެއް. ބްރެތުވެއިޓް ދިން ބޯޅައަކުން ވޭލްސްގެ ޕެނަލްޓީ އޭރިއާ ތެރެއިން މައޭލާ ފޮނުވާލި ހަމަލާ، ރޮޑަން ވަނީ ދިފާއުކޮށްފައި.

27 Jun 08:32

'74 - ކައުންޓާ އެޓޭކެއްގައި ބޯޅަ ހިފައިގެން ޕެނަލްޓީ އޭރިއާ ތެރެއަށް ވަނުމަށްފަހު ބޭލް ދިން ބޯޅަ، ޑެންމާކުގެ ޕެނަލްޓީ އޭރިއާ ތެރެއިން ވޭލްސްގެ އިތުރު ކުޅުންތެރިޔަކަށް ލިބުމުގެ ކުރިން ކެޕްޓަން ސިމޮން ކިއާ ދިފާއުކޮށްފި.

27 Jun 08:24

'65 - ޑެންމާކަށް ފުރުސަތެއް. ޕެނަލްޓީ އޭރިއާ ބޭރުން ޖެންސެން ފޮނުވާލި ހަމަލާ ދިޔައީ ވޭލްސް ގޯލުގެ އަރިމަތީ ދަނޑި ކައިރިން ބޭރަށް.

27 Jun 08:21

'63 - ވޭލްސްގެ ހަމަލާއެއް. ޕެނަލްޓީ އޭރިއާ ބޭރުން ޖޯ އެލަން ފޮނުވާލި ހަމަލާ ދިޔައީ ޑެންމާކުގެ ގޯލާ އަމާޒު ނުވެ ބޭރަށް.

27 Jun 08:17

'59 - ވޭލްސްއަށް ފުރުސަތެއް. ބޭލް ނަގައިދިން ހުރަހަކުން ޕެނަލްޓީ އޭރިއާ ތެރެއިން ލިބުނު ބޯޅައަކުން ޑިނިއެލް ޖޭމްސް ފޮނުވާލި ހަމަލާ، ކްރިސްޓެންސެން ވަނީ ބްލޮކްކޮށްފައި.

27 Jun 08:11

'53 - ވޭލްސްއަށް ފުރުސަތެއް. ނިކޯ ވިލިއަމްސް ނަގައިދިން ހުރަހަކުން ޕެނަލްޓީ އޭރިއާ ތެރެއިން ބޭލް ބޮލުން ފޮނުވާލި ހަމަލާ، ޑެންމާކުގެ ގޯލާ އަމާޒުވެފައެއް ނުވޭ.

27 Jun 08:09

ޑޮލްބާގަށް އެ ބޯޅަ ލިބުނީ ޕެނަލްޓީ އޭރިއާ ތެރެއަށް ވަނުމަށްފަހު ބެރެތުވެއިޓް ދިން ބޯޅަ، ވޭލްސްގެ ނިކޯ ވިލިއަމްސްއަށް ރަނގަޅަށް ދިފާއު ނުކުރެވުމުގެ ސަބަބުން.

27 Jun 08:06

'48 - ޑެންމާކުން ލީޑު ފުޅާކޮށްފި. ޕެނަލްޓީ އޭރިއާ ތެރެއިން ފޮނުވާލި ހަމަލާއަކުން ޑެންމާކުގެ ދެވަނަ ލަނޑުވެސް ކާމިޔާބުކޮށްދިނީ އެޓީމުގެ ފުރަތަމަ ލަނޑުވެސް ކާމިޔާބުކޮށްދިން ޑޮލްބާގް.

27 Jun 08:02

މެޗުގެ ދެވަނަ ހާފުގެ ކުޅުން ފަށައިފި.

27 Jun 07:49

ފުރަތަމަ ހާފުގެ އުސްއަލިތައް

  • ފުރަތަމަ ހާފުގެ ކުރީކޮޅުގައި ރަނގަޅަށް ކުޅުނީ ވޭލްސް
  • ބޭލްގެ ނުރައްކާ ފާހަގަވި، އޭނާގެ ދެ ހަމަލާއެއްވެސް ދިޔައީ ބޭރަށް
  • ރެމްސީގެ ހަމަލާ ބްލޮކް ކުރީ ޑެންމާކު ޑިފެންޑަރު
  • ޑެންމާކުން ކުޅުން ރަނގަޅުކޮށް ލީޑު ނެގީ ޑޮލްބާގްގެ ގޯލުން
  • އެ ގޯލަށްފަހު ރަނގަޅަށް ކުޅެފައި ވަނީ ޑެންމާކު
  • މޭލާ ފޮނުވާލި ހަމަލާ ޑިފެންޑަރު ވަނީ ބްލޮކް ކޮށްފައި
27 Jun 07:48

މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިންމާލައިފި. ހާފު ނިމިގެންދިޔައީ 1-0ގެ ނަތީޖާއަކުން ޑެންމާކު ކުރީގައި އޮވެގެން.

27 Jun 07:47

'45 - ޑެންމާކަށް ހުސް ފުރުސަތެއް. ސްޓްރައިގާ ލާސަން ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރޭ ވަރަށް ހުސްކޮށް ހުރެ މޭލާ ފޮނުވާލި ހަމަލާ، ވޭލްސްގެ ޑިފެންޑަރުން ވަނީ ދިފާއުކޮށްފައި.

27 Jun 07:43

ވޭލްސްއަށް އަދިވެސް އެޓޭކުގައި ރަނގަޅު ކުޅުމެއް ދެއްކޭ ގޮތް ވަނީ ނުވެފައި. ޑެންމާކުގެ ލަނޑަށްފަހު، އެޓީމަށް ވެސް ރަނގަޅު ފުރުސަތެއް ތަނަވަސްކުރެވިފައެއް ނުވޭ.

27 Jun 07:32

'32 - ވޭލްސްގެ ޕެނަލްޓީ އޭރިއާ ތެރެއިން ޑެމްސްގާޑް ދިން ބޯޅަ، ޑޮލްބާގަށް ނިންމައިލެވޭ ގޮތެއް ނުވި.

27 Jun 07:28

ވީއޭއާރުން ބެލުމަށްފަހު ނިންމީ ގޯލެއް ކަމަށް.

27 Jun 07:28

'27 - ޑެންމާކުން ލީޑު ހޯދައިފި. ވޭލްސް ގޯލުގެ ތިރީ ކަނަކަށް އަމާޒުކޮށް، ޕެނަލްޓީ އޭރިއާ ބޭރުން ފޮނުވާލި ހަމަލާއަކުން ޑެންމާކަށް އެ ލަނޑު ކާމިޔާބުކޮށްދިނީ ޑޮލްބާގް.

27 Jun 07:26

'25 - ޑޮލްބާގަށް ކުރި ފައުލަކާ ގުޅިގެން ވޭލްސްގެ ޖޯ ރޮޑަންއަށް ރީނދޫ ކާޑެއް.

27 Jun 07:24

'23 - ޑެލެއިނީ ނަގައިދިން ހުރަސް، ޑެންމާކުގެ ކުޅުންތެރިޔަކަށް ލިބުމުގެ ކުރިން ވޭލްސްގެ ޕެނަލްޓީ އޭރިއާ ތެރެއިން ރޮބާޓްސް ދިފާއުކޮށްފި.

27 Jun 07:23

މެޗުގެ ކުރީކޮޅު ވޭލްސް އިން ވަރުގަދަ ކުޅުމެއް ދެއްކި ނަމަވެސް، މިހާރު ރަނގަޅު ކުޅުމެއް ދައްކަމުން އަންނަނީ ޑެންމާކުން. ނަމަވެސް ޑެންމާކަށް އަދި ލަނޑުޖަހާނެ ރަނގަޅު ފުރުސަތެއް ލިބިފައެއް ނުވޭ.

27 Jun 07:15

'14 - ވޭލްސްއަށް އިތުރު ފުރުސަތެއް. ބޭލް ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ބޭރުން ރަމްސީ ފޮނުވާލި ހަމަލާ، ޑެންމާކް ޑިފެންޑަރުން ވަނީ ބްލޮކްކޮށްފައި.

27 Jun 07:14

12' އަނެއްކާވެސް ބޭލްގެ ނުރައްކާ. ދުރުން ފޮނުވާލި ހަމަލާ ދިޔައީ ގޯލާ އަމާޒުނުވެ. މެޗުގެ ކުރީކޮޅުގައި ވޭލްސްގެ އެންމެ ނުރައްކާތެރި ކުޅުންތެރިއެއްގެ ގޮތުގައި ފާހަގަކޮށްލެވެނީ ބޭލް. އޭނާ ހަމަޖެހިލައިގެން ހަމަލާތައް އުފައްދަމުން ދިޔުމަކީ ޑެންމާކުގެ ޑިފެންސަށް އުނދަގޫތަކެއް ކުރިމަތިވާނެ ކަމެއް.

27 Jun 07:13

10' ވޭލްސްގެ ނުރައްކާތެރި ހަމަލާއެއް. ރެމްސީ އޭރިއާ ތެރެއިން ފޮނުވާލި ހަމަލާ ޑެންމާކު ޑިފެންޑަރު ވަނީ ބްލޮކް ކޮށްފައި.

27 Jun 07:11

8' ބޭލްގެ ނުރައްކާތެރި ހަމަލާއެއް. އަރިމަތިން އޭރިއާ ކަނާ ދިމާލަށް ވަދެ ފޮނުވާލި ބާރު ހަމަލާ ދިޔައީ އަރިމަތީ ދަނޑި ކައިރިން ބޭރަށް.

27 Jun 07:10

6' ޑެންމާކުގެ އެޓޭކެއް. ބްރައިތުވެއިޓް އަރިމަތިން ކުރިއަށް ޖެހި ހުރަސްކޮށްދޭން މަސައްކަތް ކުރި ބޯޅަ ވޭލްސްގެ ޑިފެންޑަރު ވަނީ ބޭރު ކޮށްލާފައި.

27 Jun 07:02

މެޗުގެ ކުޅުން ފަށައިފި.

ޔޫރޯ 2020ގެ ގަދަ 16ގައި ވޭލްސްއާއި ޑެންމާކު ވާދަކުރާ މެޗުގެ ލައިވް ބްލޮގަށް "ވަން"ގެ ކިޔުންތެރިންނަށް މަރުހަބާ!

ވޭލްސްއާއި ޑެންމާކު މިރޭ ކުޅޭ މެޗަކީ ޔޫރޯ 2020ގެ ގަދަ 16 ގައި ކުޅޭ ފުރަތަމަ މެޗު. ވޭލްސްއިން ގަދަ 16 އަށް ދިޔައީ ގްރޫޕް އޭގެ ދެވަނަ ޓީމުގެ ގޮތުގައި. ޑެންމާކުން ގަދަ 16 އަށް ދިޔައީ ގްރޫޕް ބީގެ ދެވަނަ ޓީމުގެ ގޮތުގައި. މިހާތަނަށް ވޭލްސްއާއި ޑެންމާކު ވަނީ 10 މެޗެއްގައި ކުރިމަތިލާފައި. ހެޑް ޓު ހެޑް ރެކޯޑަށް ބަލާއިރު، ޑެންމާކު ހަ މެޗުން މޮޅުވެފައިވޭ. ވޭލްސްއަށް ޑެންމާކު ކައިރިން މޮޅުވެވުނީ ހަތަރު ފަހަރު.

ޑެންމާކާއި ވޭލްސް މިރޭގެ މެޗަށް ނުކުންނަނީ ޔޯހަން ކްރައިފް އެރީނާއަށް. އެއީ ނެދަލޭންޑްސްގެ އެމްސްޓެޑާމްގެ ހިތްގައިމު ސްޓޭޑިއަމްއެއް.

ދެޓީމުގެ މުހިއްމު ބައެއް މައުލޫމާތު

ވޭލްސް

މިފަހަރުގެ ޔޫރޯ މުބާރާތަކީ އެޓީމުން ކުޅޭ ދެވަނަ ޔޫރޯ. ވޭލްސްގެ ފުރަތަމަ ޔޫރޯއަކީ އެންމެ ފަހުން 2016ގައި ފްރާންސްގައި ބޭއްވި ޔޫރޯ. އެންމެ ފަހުން ބޭއްވި ޔޫރޯގައި ވޭލްސްއިން ވަނީ ބޮޑު ކާމިޔާބެއް ހޯދައިފައި. އެ މުބާރާތުގެ ސެމީ ފައިނަލާ ހަމައިން ވޭލްސްއަށް މުބާރާތާ އަލްވަދާއު ކިޔަން ޖެހުނީ ޗެމްޕިއަން ޕޯޗުގަލް އަތުން ބަލިވެގެން. މިއީ ކާމިޔާބު ތަކުރާރު ކުރުމަށް ވޭލްސްއަށް ލިބުނު މުހިއްމު ފުރުސަތެއް.

ގްރޫޕް ސްޓޭޖު މެޗުތަކުގެ ނަތީޖާ

ވޭލްސް 1-1 ސްވިޒަލޭންޑް
ވޭލްސް 2-0 ތުރުކީ
އިޓަލީ 1-0 ވޭލްސް

ޑެންމާކު

ޔޫރޯގައި ޑެންމާކުން ވަނީ ރަނގަޅު ކާމިޔާބީތަކެއް ހޯދައިފައި. ޔޫރޯގައި ހަތް ފަހަރު ވާދަކޮށްފައިވާ އިރު، ޔޫރޯ 1992ގެ ޗެމްޕިއަން ޓީމަކީ ޑެންމާކު. އޭގެ އިތުރުން ޑެންމާކުން ވަނީ ޔޫރޯ 1984ގެ ސެމީ ފައިނަލުގައި ވާދަކޮށް، ޔޫރޯ 2004ގެ ކުއާޓާ ފައިނަލުގައި ވެސް ވާދަކޮށްފައި.

ގްރޫޕް ސްޓޭޖުގެ މެޗުތަކަކީ ޑެންމާކަށް އުނދަގޫ، އަސަރުގަދަ ކަންތައްތަކެއް ދިމާވި މެޗުތަކެއް. ފުރަތަމަ މެޗުގައި އެޓީމުގެ ތަރި، ކްރިސްޓިއަން އެރިކްސަން ކާޑިއެކް އެރެސްޓެއްގައި ދަނޑު މައްޗަށް ވެއްޓި ހިތާމަވެރި ވަގުތުކޮޅަކާ ޓީމު ކުރިމަތިލާން ޖެހިފައިވީނަމަވެސް ޑެންމާކުން ވަނީ ފަހު މެޗާ ހަމައަށް ހިތްވަރުކޮށް ގަދަ 16 ޔަގީން ކޮށްފައި.

ގްރޫޕް ސްޓޭޖު މެޗުތަކުގެ ނަތީޖާ

ޑެންމާކު 0-1 ފިންލޭންޑް
ޑެންމާކު 1-2 ބެލްޖިއަމް
ޑެންމާކު 4-1 ރަޝިއާ