ރައްޔިތުންގެ މަޖިލީހުގައި އަންހެނުންގެ ނިސްބަތް އިތުރުކުރަން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ޖޭޕީގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރައްވާ އައިޝަތު ނާޒިމާގެ ކެމްޕޭން ފެށުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ގާސިމް ވިދާޅުވީ ބައިނަލްއަގުވާމީ ދުނިޔޭގެ ކުރިމަތީގައި އަންހެނުންނާއި ފިރިހެނުންނަށް އެއްގޮތަކަށް ގަދަރާއި އިހުތިރާމް ދޭކަން ސާބިތުކޮށްދިނުމަށްޓަކައި ވެސް އެ ނިސްބަތް އިތުރުކުރަން ޖެހޭ ކަމަށެވެ.
"ދުނިޔޭގެ ތަރައްގީވެފައިވާ ގައުމުތަކަށް އަޅުގަނޑުމެން ދަތުރުކުރާ އިރު އަޅުގަނޑުމެންނަށް ކުރިމަތިވާ ސުވާލެއް، ތިބޭފުޅުންގެ ރައްޔިތުންގެ މަޖިލީހުގައި ކިތައް މެމްބަރުން ތިއްބަވާހޭ. އަޅުގަނޑު ދަންނަވަން މިޖެހެނީ ތިނެއް ނުވަތަ ހަތަރެކޭ، ފަހަކޭ. އެ ނިސްބަތް އަޅުގަނޑުމެންނަށް ތަފާތު ކުރެވޭނީ ކުރިމަތިލައްވާފައިވާ އަންހެން ބޭފުޅުންނަށް އަޅުގަނޑުމެންގެ ރާއްޖޭގެ ރައްޔިތުން ވޯޓު ދެއްވުމުގައި އަޅުގަނޑުމެން އެކަން ދެނެގަނެ، އެގޮތަށް އެކަން ކުރިއަށްގެންދަން އަޅުގަނޑުމެން އަޒުމު ކަނޑައަޅައިގެން،" އޭނާ ވިދާޅުވިއެވެ.
ގާސިމް ވިދާޅުވީ ފިރިހެނުން ނުދަންނަ ކިތަންމެ ކަމެއް އަންހެންނަށް އެނގޭނެ ކަމަށާއި އަންހެން ބޭފުޅުންނަށް ދިމާވާ ކަންތައްތައް އެނގޭނީ އަންހެން ބޭފުޅުންނަށް ކަމަށެވެ.
"މުލިއްސެއް ޖަހައިގެން ރިއްސި މީހަކަށް އެނގޭނީ މުލިހީގައި ރިހުން ހުރި މިންވަރު. އެހެންވީމާ ތަކުލީފެއް އުފުލާ މީހަކަށް އެނގޭނީ ތަކުލީފުގެ ހުރި ބޮޑުމިނާއި ކުޑަމިން. އަންހެން ބޭފުޅުންނަށް ދިމާވާ ކަންތައްތައް އަންހެން ބޭފުޅުންނަށް އެނގޭނީ. ގައުމަށް ދިމާވެފައިވާ އިޖުތިމާއީ އަދި އިގުތިޞާދީ ކަންތައްތައް ނިންމުމަށް، އަދި އުމްރާނީ އެނޫން ވެސް ކަންތައްތައް، ކުޅިވަރުގެ ދާއިރާގެ މަސައްކަތްތައް ކުރުމަށް، ރައްޔިތުންގެ މަޖިލީހުން ކަންތައްތައް ނިންމުމަށް އަންހެނުން ދައުރު ފުޅާކޮށް ކުރިއެރުވުމަށްޓަކައި ހަމަގައިމުވެސް މި ދާއިރާގެ އަންހެން ބޭފުޅުންނަށް އަޅުގަނޑު ދަންނަވާލާނީ ކަމަނާއަށް ވޯޓު ދެއްވާށޭ،" އޭނާ ވިދާޅުވިއެވެ.
ގާސިމް ވިދާޅުވީ އަންހެނުން ރައްޔިތުންގެ މަޖިލީހަށް ވެސް އަދި އެހެނިހެން ސިޔާސީ ދާއިރާތަކަށް ބޭނުންކަން އެބަ އެނގޭ ކަމަށާއި އަންހެނުންގެ ހުރި އުނދަގުލާއި ވޭނާއި ހޫނު އެނގިވަޑައިގަންނަވާނީ ހަމަ އަންހެން ބޭފުޅަކަށް ކަމަށެވެ. އަދި ނާޒިމާ ކުރިމަތިލައްވާ ހެންވޭރު ހުޅަނގު ދާއިރާއަށް އޭނާއަށް ވުރެ ގާބިލް، އެކަށީގެންވާ އިތުރު ބޭފުޅަކު ނެތް ކަމަށް ވެސް ގާސިމް ވިދާޅުވިއެވެ.