ގާސިމް އިބްރާހިމް

އަޅުގަނޑު ގަބޫލުކުރަނީ މާ ލަހެއް ނުވެ، ކޯލިޝަން ބައްދަލުވުމެއް ބޭއްވިގެންދާނެ ކަމަށް: ގާސިމް

1

މާ ލަހެއް ނުވެ، ކޯލިޝަން ބައްދަލުވުމެއް ބޭއްވިގެންދާނެ ކަމަށް ގަބޫލުކުރައްވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ޖޭޕީގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރައްވާ އައިޝަތު ނާޒިމާގެ ކެމްޕޭން ފެށުމަށް މިރޭ ބޭއްވި ރަސްމިއްޔާތަށް ފަހު ގާސިމް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް ވަގުތުވެވަޑައިގެންނެވީމާ އެ ބައްދަލުވުން ހަމަޖެހިގެންދާނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ.

"އަޅުގަނޑު އުންމީދުކުރަނީ ވަރަށް އަވަހަށް ކޯލިޝަން ބައްދަލުވުމެއް އޮންނާނެ ކަމަށް. މިހާރު އެ ކޯލިޝަންގެ ވެރިއެއްގެ ގޮތުގައި ހިމެނިވަޑައިގަންނަވަނީ ރައީސުލްޖުމްހޫރިއްޔާ. އެމަނިކުފާނަށް ވަގުތުވެވަޑައިގެންނެވީމާ ހަމަޖައްސަވާނެ. އަޅުގަނޑުމެން އިންތިޒާރުގައި މިތިބެނީ. އިންތިޒާރޭ މި ދެންނެވީ އަޅުގަނޑުމެން ވަކި ދުވަހަކު ބާއްވައިދޭށޭ ދަންނަވާފައެއް ނެތް. އެހެންވީމާ އަޅުގަނޑުމެންނަށް ގަބޫލުކުރެވެނީ މާ ލަހެއް ނުވެ، ބޭއްވިގެންދާނެ ކަމަށް،" ގާސިމް ވިދާޅުވިއެވެ.

މި ދުވަސްވަރަކީ މަޖިލީހުގެ ރައީސްގެ ހައިސިއްތުން ވެސް މާގިނަ މަސައްކަތްތަކެއް ކުރަންޖެހޭ ދުވަސްވަރެއް ނޫންކަން ވެސް ގާސިމް ފާހަގަކުރެއްވިއެވެ.

ރައީސް ސޯލިހު ވެރިކަމާ ހަވާލުވެވަޑައިގެންނެވުމަށް ފަހު، ކޯލިޝަން ބައްދަލުވުންތަކެއް ބޭއްވިގެންދިޔަ ނަމަވެސް އެ ބައްދަލުވުންތަކުގައި އެންމެ އެކަށީގެންވާ ނަތީޖާތަކެއް ނެރެވިފައެއް ނުވެއެވެ. ހާއްސަކޮށް ކޯލިޝަނެއްގެ ގޮތުގައި ކުރިއަށްއޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރުމާ މެދު ގޮތެއް ނިންމިފައެއް ނުވެއެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟