ޔޫރޯ 2020

ޔޫރޯ: ޖަރުމަނު 2-2 ހަންގޭރީ

24 Jun 12:00

މެޗުގެ އުސްއަލިތައް

  • ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅުނީ ޖަރުމަނުން
  • ފުރަތަމަ ހާފުގައި ހަންގޭރީން އުފެއްދި ހަމައެކަނި ހަމަލާގައި ގޯލު ޖެހީ އެޑަމް ޒަލާއީ
  • ޖަރުމަނުން ޕާސް ޖަހައިގެން ކުޅުނު ނަމަވެސް ފުރުސަތުތައް މަދު
  • ކިމިޗްގެ ހަމަލާއެއް ގޯލްކީޕަރު މަތަކުރިއިރު ހަމުލްސް ބޮލުން ޖެހި ބޯޅަ އަމާޒުވީ ދަނޑިއަށް
  • ކައި ހަވާޓްސްއަށް ލިބުނު ފުރުސަތު އޭނާ ބޭކާރު ކޮށްލި
  • ދެވަނަ ހާފްގައި ޖަރުމަނުން ކައި ހަވާޓްސްގެ ގޯލުން ނަތީޖާ ހަމަހަމަކުރި
  • އެ ގޯލަށް ވަގުތު ކޮޅެއްވެސް ނުދީ ކޮއްޓައިގެން އަރައި މަޑުވެސް ކޮށްނުލައި އުފެއްދި ހަމަލާގައި ހަންގޭރީން އަނެއްވެސް ލީޑު ނެގި
  • ލީޑު ނެގީ ޝޭފާ
  • ޖަރުމަނުން ފަހުވަގުތު ގަދަ 16 ޔަގީން ކުރީ ގޮރެޓްސްކާގެ ގޯލުން
24 Jun 11:56

މެޗުގެ ކުޅުން ނިންމާލައިފި. މެޗު ނިމިގެންދިޔައީ 2-2ގެ ނަތީޖާއަކުން ދެ ޓީމު އެއްވަރުވެގެން. ޖަރުމަން ގަދަ 16 އަށް، ހަންގޭރީއަށް ވަނީ ޖާގަ ގެއްލިފައި.

24 Jun 11:45

84' ޖަރުމަނުން އަނެއްކާވެސް ނަތީޖާ ހަމަހަމަ ކޮށްފި. އެޓޭކަށް އަރައި ކުރި ޕްރެޝަރުގައި ހޯދި ފުރުސަތުގައި ޖަރުމަނަށް ނަތީޖާ ހަމަހަަމަކޮށްދިނީ ގޮރެޓްސްކާ.

24 Jun 11:44

81' ޓޯނީ ކުރޫސްގެ ނުރައްކާތެރި ހަމަލާއެއް. އޭރިއާ ތެރެއަށް ވަދެ ފޮނުވާލި ހާފް ވޮލީގައި ބޯޅަ ގޯލަށް އަމާޒުނުވެ ބޭރަށް ދިޔައީ ކިރިޔާ.

24 Jun 11:44

79' ކްރޫސްގެ ހުރަހަކުން މުލާ ބޮލުން ޖެހި ބޯޅަ ދިޔައީ ގޯލާ އަމާޒުނުވެ ބޭރަށް.

24 Jun 11:34

73' ޖަރުމަނުން ހަމަލާތައް އުފައްދަން ބޮޑެތި ބޯޅަތަކެއް ކުރިއަށް ލާތަން ފެންނަމުންދޭ. މުލާ ކުޅުމަށް ނެރެ އެޓީމުން ވަނީ އެޓޭކް ވަރުގަދަކޮށްފައި.

24 Jun 11:33

67' އަނެއްކާވެސް ހަންގޭރީން ލީޑު ނަގައިފި. ކޮއްޓައިގެން އަރައި މަޑުވެސް ކޮށްނުލައި އުފެއްދި ހަމަލާގައި ހަންގޭރީން ލީޑު ނެގީ ޝޭފާ.

24 Jun 11:27

66' ޖަރުމަނުން ނަތީޖާ ހަމަހަމަކޮށްފި. ހިލޭ ޖެހުމެއްގެ ބޭނުން ހިފައި ބޯޅަ ގޯލަށް ވައްދާލީ ކައި ހަވާޓްސް.

24 Jun 11:25

61' ސަލާއީގެ ހިލޭ ޖެހުމެއް ގޯލުގެ ދަނޑިއަށް. ހަންގޭރީގެ ނުރައްކާތެރި ހަމަލާއެއް.

24 Jun 11:12

51' ކައި ހަވާޓްސްގެ ބާރު ހަމަލާއެއް. އޭރިއާ ބޭރުގައި ހުރެ އެނބުރިލާފައި އޭނާ ފޮނުވާލި ހަމަލާ އަމާޒުވީ ހަންގޭރީ ގޯލްކީޕަރު އަތަށް.

24 Jun 11:07

ދެވަނަ ހާފުގެ ކުޅުން ފަށައިފި.

24 Jun 10:52

ފުރަތަމަ ހާފުގެ އުސްއަލިތައް

  • ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅުނީ ޖަރުމަނުން
  • ފުރަތަމަ ހާފުގައި ހަންގޭރީން އުފެއްދި ހަމައެކަނި ހަމަލާގައި ގޯލު ޖެހީ އެޑަމް ޒަލާއީ
  • ޖަރުމަނުން ޕާސް ޖަހައިގެން ކުޅުނު ނަމަވެސް ފުރުސަތުތައް މަދު
  • ކިމިޗްގެ ހަމަލާއެއް ގޯލްކީޕަރު މަތަކުރިއިރު ހަމުލްސް ބޮލުން ޖެހި ބޯޅަ އަމާޒުވީ ދަނޑިއަށް
  • ކައި ހަވާޓްސްއަށް ލިބުނު ފުރުސަތު އޭނާ ބޭކާރު ކޮށްލި
24 Jun 10:49

ފުރަތަމަ ހާފުގެ ކުޅުން ނިންމާލައިފި. 1-0 އިން ކުރީގައި އޮތީ ހަންގޭރީ.

24 Jun 10:48

44' ކައި ހަވާޓްސްއަށް ފުރުސަތެއް. އޭނާ ފުރުތަމަ ފޮނުވާލި ހަމަލާ ޑިފެންޑަރު ބްލޮކް ކޮށްލި ނަމަވެސް ހުސްކޮށް އޮވެ ފޮނުވާލި ދެވަނަ ބޯޅަ ދިޔައީ އަރިމަތިން ބޭރަށް.

24 Jun 10:39

37' ހަންގޭރީގެ ހަމަލާއެއް. ދުރުން ޝޭފާ ފޮނުވާލި ހަމަލާ ދިޔައީ ގޯލަށް އަމާޒުނުވެ މަތިން.

24 Jun 10:38

ޖަރުމަނުގެ އެލިއާންޒް އެރީނާއަށް ދަނީ ވަރަށް ބޯކޮށް ވާރޭ ވެހެމުން. ކުޅުންތެރިންނަށް ބޯޅަ ކޮންޓްރޯލް ކުރަން ކޮންމެވެސް ވަރެއްގެ އުނދަގޫތަކަކާ ދިމާވަމުންދޭ.

24 Jun 10:37

27' ކްރޫސްގެ ހިލޭ ޖެހުމަކުން ހުރަސް ކުރި ބޯޅައިން ހަމުލްސް ފޮނުވާލި ހަމަލާ ދިޔައީ ގޯލާ އަމާޒުނުވެ މަތިން.

24 Jun 10:23

21' ޖަރުމަނުން ގޯލަކާ ގާތަށް. ކޯނަރަކުން މެޓްސް ހަމުލްސް ބޮލުން ފޮނުވާލި ހަމަލާ އަމާޒުވީ ގޯލުގެ ދަނޑިއަށް.

24 Jun 10:19

16' ޖަރުމަނުގެ ނުރައްކާތެރި ހަމަލާއެއް. ކައި ހަވާޓްސް އަރިމަތިން އޭރިއާ ތެރެއަށް ވަދެ ނުރައްކާތެރި ހުރަހެއް ކުރި ނަމަވެސް އެ ބޯޅައިގައި ފައިޖައްސާލާނެ ޖަރުމަނު ކުޅުންތެރިޔަކު ނެތް.

24 Jun 10:18

ހަންގޭރީގެ ގޯލަށްފަހު ޖަރުމަނުން ދަނީ ބޯޅަ ހިފަހައްޓައި ހަމަލާއެއް އުފެއްދުމަށް ބުރަކޮށް މަސައްކަތް ކުރަމުން. އެހެންނަމަވެސް ހަންގޭރީގެ ޑިފެންސް ތެރެއިން ޖާގައެއް ނުލިބޭ. ހަންގޭރީން ދަނީ ވަރުގަދައަށް ޑިފެންސް ކުރަމުން.

24 Jun 10:13

އެ ޓީމަށް ގޯލް ޖަހައިދިނީ އެޑަމް ޒަލާއީ. އޭރިއާ ތެރެއަށް ހުރަސްވި ބޯޅަ ޒަލާއީ ގޯލަށް ވައްދާލީ ބޮލުން.

24 Jun 10:13

11' ހަންގޭރީގެ ފުރަތަމަ ހަމަލާގައި ލީޑު ނަގައިފި.

24 Jun 10:10

ހަންގޭރީން ބޭނުން ކުރަމުން ދަނީ ގްރޫޕްގެ އެހެން މެޗުތަކުގައިވެސް ބޭނުންކުރި ޓެކްޓިކްސް. އިދިކޮޅު ޓީމަށް އެޓޭކް ކުރަން އުނދަގޫވާނެހެން ފަހަތުގައި ގިނަ ކުޅުންތެރިންތަކެއް މަޑުކޮށްގެން ހަންގޭރީން ކުޅެމުންދަނީ ކައުންޓާގައި އެޓޭކް ކުރަން ވިސްނައިގެން. ޖަރުމަނުން ޕާސްތައް ޖެހި ނަމަވެސް ހަންގޭރީގެ ޑިފެންސް ފޫއަޅުވާލަން އުނދަގޫވާނެ ކަމަށް ބެލެވޭ.

24 Jun 10:05

3' ޖަރުމަނުގެ ފުރަތަމަ ނުރައްކާތެރި ހަމަލާ. މަތިން ކުރިއަށް ލީ ބޯޅައަކަށް އޭރިއާ ތެރެއަށް ވަދެ ކިމިޗް ހަނި އޭންގަލްއަކުން ފޮނުވާލި ހަމަލާ މަތަކުރީ ހަންގޭރީގެ ގޯލްކީޕަރު.

24 Jun 10:01

މެޗުގެ ކުޅުން ފަށައިފި. ކުޅުން ފެށީ ޖަރުމަނުން.

ޔޫރޯ 2020 ގެ ގްރޫޕް އެފްގައި ޖަރުމަނާއި ހަންގޭރީ ކުޅޭ މެޗުގެ ލައިވް ބްލޮގަށް "ވަން"ގެ ކިޔުންތެރިންނަށް މަރުހަބާ!

މިރޭގެ މެޗަކީ ދެޓީމަށްވެސް މުހިއްމު މެޗެއް. ޖަރުމަނު ބަލިނުވެއްޖެ ނަމަ އެޓީމަށް ގަދަ 16 ޔަގީންވާނެ. ފްރާންސަށް ޕޯޗުގަލް ކައިރިން މޮޅު ނުވެވިއްޖެނަމަ، ޖަރުމަނަށް މޮޅަކާއެކު ގްރޫޕް އެއްވަނަވެސް ލިބޭނެ. ފްރާންސް ބަލިވިނަމަވެސް، ޖަރުމަނު ބަލިވެއްޖެ ނަމަ އެޓީމަށް ލިބޭނީ ތިންވަނަ. މޮޅަކާއެކު ހަންގޭރީއަށް ގަދަ 16 ޔަގީން ކުރެވޭނެ. ޖަރުމަނު ކައިރިން ހަންގޭރީ މޮޅުވެ، ފްރާންސް ޕޯޗުގަލް އަތުން ބަލިވެއްޖެނަމަ ދެވަނަ ކަނޑައެޅޭނީ ފައިދާ ގޯލުގެ ތަފާތުން. ހަންގޭރީ މޮޅުވިނަމަވެސް، ޕޯޗުގަލްއާއި ފްރާންސް މެޗު އެއްވަރު ވެއްޖެނަމަ އެޓީމަށް ލިބޭނީ ތިންވަނަ. އަދި ގަދަ 16 ޔަގީނެއް ނުވާނެ.

ހަންގޭރީއާއި ޖަރުމަނު ކުޅޭ މެޗު އޮންނާނީ ޖަރުމަނުގެ ހޯމް އެލިއާންޒް އެރީނާގައި.

ދެޓީމުން މިހާތަނަށް ގްރޫޕްގައި ކުޅެފައި ވަނީ

ޖަރުމަނު
  • ޖަރުމަނުން ފުރަތަމަ ކުޅުނު މެޗުގައި ފްރާންސް އަތުން ބަލިވީ 1-0 ގެ ނަތީޖާއަކުން.
  • ދެވަނަ މެޗުގައި ރަނގަޅު ކުޅުމަކާއެކު 4-2 އިން އެންމެފަހުގެ ޔޫރޯ ޗެމްޕިއަން ޕޯޗުގަލް ބަލިކުރި.
  • ޖަރުމަނުގެ ހަތަރު ގޯލުން ދެ ގޯލަކީ ޕޯޗުގަލް ކުޅުންތެރިން އަތުން ބައިކޮޅަށް ވަން ގޯލުތަކެއް.
  • ޖަރުމަނުގެ އަނެއް ދެ ގޯލު ޖެހީ ކައި ހަވާޓްސްއާއި ގޮސެންސް.
  • ގްރޫޕް ސްޓޭޖުގެ ހުރިހާ މެޗަކަށްވެސް ޖަރުމަނު ނުކުންނާނީ ހޯމް ސްޓޭޑިއަމްގައި.
ހަންގޭރީ
  • ހަންގޭރީން ގްރޫޕް ފުރަތަމަ ދެ މެޗުވެސް ކުޅުނީ ހޯމްގައި.
  • ފުރަތަމަ މެޗުގައި ޕޯޗުގަލް އަތުން ބަލިވީ 3-0 ގެ ނަތީޖާއަކުން.
  • ދެވަނަ މެޗުގައި ދުނިޔޭގެ ޗެމްޕިއަން ކައިރިން ޕޮއިންޓެއް ހޯދި. އެ މެޗު ނިމުނީ 1-1 އިން.
  • ހަންގޭރީގެ ހަމައެކަނި ގޯލް ޖަހައިދިނީ ފިއޯލާ.