މެޗުގެ ކުޅުން ނިންމާލައިފި. މެޗު ސްވިޑެންއިން ކާމިޔާބުކުރީ 3-2 ގެ ނަތީޖާއަކުން.
90+4' ސްވިޑެން އަނެއްކާވެސް ލީޑު ނަގައިފި. ކްލާސެން ޖަހައިދިން އެ ގޯލާއެކު އެޓީމަށް ގްރޫޕްގެ އެއްވަނަ ލިބޭނެކަން ވަރަށް ބޮޑަށް ވަނީ ޔަގީންވެފައި. ޕޮލެންޑަށް އުންމީދު ގެއްލިއްޖެ.
މެޗުގެ އިތުރު ވަގުތަށް ފަސް މިނެޓް ދައްކައިފި.
88' ލެވަންޑޯސްކީގެ ހުރަސް ނުރައްކާކޮށް ދިޔައިރު، ކީޕަރު އޮލްސަން ވަނީ ޕަންޗުކޮށް ބޭރުކޮށްލާފައި.
84' ލެވަންޑޯސްކީ ޕޮލެންޑަށް ނަތީޖާ ހަމަހަމަ ކޮށްދީފި. އޭރިއާ ތެރޭ ހުސްކޮށް ހުރެ އޭނާ ވައްދާލި ގޯލާއެކު ފަހު ފަސްވަރަކަށް މިނެޓުގައި ޕޮލެންޑަށް އުންމީދު އެބައޮތް.
70' ފޯސްބާގު ހެޓްރިކް ހެދުމާ ގާތަށް. ދުރުން ފޮނުވާލި ހަމަލާ ދިޔައީ އަރިމތިން ބޭރަށް.
65' ސްވިއާޒޮކް ސްވިޑެން ގޯލް ތެރެއަށް ބޯޅަ ވައްދާލައި ޕޮލެންޑަށް ނަތީޖާ ހަމަހަމަކޮށްދިން ކަމަށް ބެލެވުނު ނަމަވެސް ވީއޭއާރް ބަލައި ރެފްރީ ނިންމީ އޭނާ ހުރީ އޮފްސައިޑް މަގާމެއްގައި ކަމަށް.
61' ޕޮލެންޑުގެ ކެޕްޓަން ލެވަންޑޯސްކީ ގޯލް ޖަހައި ޕޮލެންޑަށް އުންމީދު އާކޮށްދިފި. އޭނާގެ ހިތްގައިމު ގޯލެއް.
އަރިމަތިން ވަދެ ކުލުސޭވްސްކީ ދެ ކުޅުންތެރިން ނައްޓާލުމަށްފަހު ދިން ބޯޅަ ފޯސްބާގު ނިންމާލީ ގޯލްގެ ކަނަށް.
59' ފޯސްބާގު ސްވިޑެންގެ ލީޑު ފުޅާކޮށްފި.
57' ސްވިޑެންގެ ނުރައްކާ އިސާކް ފަރާތުން. އަރިމަތިން ވަދެ ނަގައިދިން ބޯޅަ ޕޮލެންޑް ޑީފެންޑަރު ފައިގައި ޖެހި ބޭރަށް.
52' ޕޮލެންޑުގެ ޖޮޒްވިއާކް ދުރުން ފޮނުވާލި ހަމަލާ ސްވިޑެންގެ ގޯލްކީޕަރު ބިންމައްޗަށް ވެއްޓި ސޭވްކޮށްފި.
50' ސްވިޑެންއަށް ފުލުފުލުގައި ދެ ފުރުސަތު. ގުއިސަން ފޮނުވާލި ހަމަލާ ގޯލްކީޕަރު މަތަކުރިއިރު، ރީބައުންސްގައި ފޯސްބާގު ޖެހި ބޯޅަ ބްލޮކް ކުރީ ޑިފެންޑަރު.
49' ޒެލިންސްކީގެ އިތުރު ހަމަލާއެއް. އޭނާ އޭރިއާ ތެރެއިން ފޮނުވާލި ހަމަލާ ދިޔައީ ގޯލުގެ އަރިމަތީ ދަނޑީ ކައިރިން ބޭރަށް. ޕޮލެންޑުން ދެވަނަ ހާފް ފެށީ ވަރުގަދަކޮށް.
47' ޕޮލެންޑްގެ ޒެލިންސްކީ ދުރުން ފޮނުވާލި ބާރު ހަމަލާ މިފަހަރުވެސް މަތަކުރީ ސްވިޑެން ގޯލްކީޕަރު އޮލްސަން.
ދެވަނަ ހާފްގެ ކުޅުން ފަށައިފި.
ފުރަތަމަ ހާފްގެ ކުޅުން ނިންމާލައިފި. 1-0 އިން ލީޑުގައި އޮތީ ސްވިޑެން.
ފުރަތަމަ ހާފްގެ އިތުރު ވަގުތަށް ތިން މިނެޓް ދީފި.
42' ކޯނަރަކުން ޕޮލެންޑުން ނުރައްކާ ކޮށްފި. ކޯނަރު ސްވިޑެންއިން ޑިފެންސްކޮށް އޭރިއާއިން ބޭރުކޮށްލި ނަމަވެސް ކްލިކް ދުރުން ފޮނުވާލި ހަމަލާ ވީ ބްލޮކް.
32' ޕޮލެންޑްގެ ލެވަންޑޯސްކީއަށް ރަނގަޅު ފުރުސަތެއް. އޭރިއާ ތެރެއަށް ހުރަސް ވެގެން އައި ބޯޅައަށް ކުރިއަށް ޖެހި އޭނާ ބޮލުން ފޮނުވާލަން މަސައްކަތް ކުރި ނަމަވެސް ރަނގަޅަށް ބޯޅައިގައި ލައްވައެއް ނުލި.
ކޫލިން ބްރޭކަށްފަހު އަލުން ކުޅުން ފަށައިފި. ކުޅުން ފެށީ ސްވިޑެންގެ ފަހަތުން ލިބިފައިވާ ހިލޭ ޖެހުމަކުން.
ކޫލިން ބްރޭކަށް ރެފްރީ ވަގުތު ދީފި.
23' ޕޮލެންޑުން އަންނަނީ ހަމަލާތައް އުފައްދަން މަސައްކަތް ކުރަމުން. ހާއްސަކޮށް އެޓީމުގެ އިތުބާރު ލެވަންޑޯސްކީއަށް ބޯޅަ ފޯރުކޮށްދެވޭތޯ ޕޮލެންޑުން ދަނީ ބުރަކޮށް މަސައްކަތް ކުރަމުން.
17' ޕޮލެންޑުގެ ނުރައްކާތެރި ހަމަލާއެއް. ލެވަންޑޯސްކީ ބޮލުން ފޮނުވާލި ފުރަތަމަ ހަމަލާ ސްވިޑެން ކީޕަރު މަތަކުރިއިރު، ރީބައުންސް ބޯޅައިގައި އޭނާ ބޮލުން ހުސް ގޯލަކަށް ފޮނުވާލަން ލިބުނު ބޯޅަ އަމާޒުވީ ގޯލްގެ ހުރަސް ދަނޑިއަށް.
ގޯލާއެކު ރަނގަޅަށް ކުޅެމުން ދަނީ ސްވިޑެންއިން. ޕޮލެންޑްގެ އޭރިއާ ތެރެއަށް ނުރައްކާކޮށް، ގިނަ ހުރަސްތަކެއް ސްވިޑެންގެ ފަރާތުން ފެނުނު ނަމަވެސް އިތުރު ހަމަލާއެއް މެޗުގައި އަދި ނުފެނޭ.
އޭރިއާ ތެރެއަށް ވަދެ ޑިފެންޑަރު ކައިރިން ނައްޓާލުމަށްފަހު ފޯސްބާގު ފޮނުވާލި ބޯޅަ އަމާޒުކޮށްލީ ގޯލްގެ ތިރީ ކަނަށް.
2' ސްވިޑެން ލީޑު ނަގައިފި. އެޓީމަށް ގޯލް ޖަހައިދިނީ ފޯސްބާގު.
މެޗުގެ ކުޅުން ފަށައިފި. ކުޅުން ފެށީ ސްވިޑެންއިން.
ޔޫރޯ 2020 ގެ ގްރޫޕް އީގައި ޕޮލެންޑާއި ސްވިޑެން ވާދަކުރާ މެޗުގެ ލައިވް ބްލޮގަށް "ވަން" ގެ ކިޔުންތެރިންނަށް މަރުހަބާ!
މިރޭގެ މެޗަށް ނުކުންނައިރު، ސްވިޑެންއަށް އޮތީ ގަދަ 16 ޔަގީންވެފައި. އެޓީމުން މިރޭގެ މެޗުގައި ޕޮލެންޑް ބަލިކޮށްފިނަމަ ގްރޫޕުގެ އެއްވަނަ ޔަގީންވާނެ. ސްވިޑެން ބަލިވެގެންވެސް އެންމެ ދަށަށް ދާން އޮތީ ތިންވަނައަށް. މިހާރުވެސް ހަތަރު ޕޮއިންޓާއެކު އޮތުމުން އެންމެ ނަތީޖާ ރަނގަޅު ތިންވަނަ ޓީމުތަކުގެ ތެރޭގައި ސްވިޑެން ހިމެނޭނެ. އަނެއްކޮޅުން ޕޮލެންޑަށް އޮތީ މޮޅެއް ހޯދުން. އޭރުން ގަދަ 16 ޔަގީންވާނެ.
ގްރޫޕްގެ އެތުރުން މެޗުތަކުގައި ޖަހާ ގޯލުގެ އަދަދުން ބަދަލުވާނެ، އެއީ ޕޮއިންޓް ހަމަހަމަވެ ފައިދާ ގޯލަށް ނަތީޖާ ބަރޯސާވުން ބޮޑުވާނެތީ. މި މެޗާ އެއްގަޑިއެއްގައި ސްޕެއިންއާއި ސްލޮވޭކިއާ ވާދަކުރާ ގްރޫޕް އީގެ މެޗުވެސް ކުރިއަށްދާނެ.
މިރޭގެ މެޗަށް ސްވިޑެންއާއި ޕޮލެންޑް ނުކުންނާނީ ރަޝިއާގެ ސެއިންޓް ޕީޓާސްބާގު ސްޓޭޑިއަމްގައި.