މުނިފޫހިފިލުވުން

''ފްރެންޑްސް'' ސީރީސްގެ ''ގަންތާ'' ކެންސަރަށް ފަރުވާކުރަނީ

މަޝްހޫރު ސީރީސް ''ފްރެންޑްސް'' ގައި ފެނިގެންދާ ގަންތާގެ ރޯލު ކުޅެދިން ޖޭމްސް މައިކަލް ޓައިލާ ކެންސަރާ ހަނގުރާމަ ކުރަމުން އަންނަ ކަމުގައި އޭނާ ބުނެފިއެވެ.

59 އަހަރުގެ ޖޭމްސް ބުނެފައިވާގޮތުގައި އޭނާ އަންނަނީ 2018 ވަނަ އަހަރުން ފެށިގެން ޕްރޮސްޓޭޓު ކެންސަރު ޖެހިގެން ފަރުވާ ހޯދަމުންނެވެ.

''ފްރެންޑްސް''ގެ ރޭޗެލް އާއި އަޅައިގަނެގެން އުޅޭ ސެންޓްރަލް ޕަރކް މެނޭޖަރު ގަންތާގެ ކެރެކްޓާގައި އޭނާ އެ ޝޯގެ 10 ސީޒަނުގައިވެސް ވަނީ ފެނިގެން ގޮސްފައެވެ.

ކެންސަރު ބަލީގެ ޝިކާރައަކަށް ވެފައިވާކަން ޖޭމްސް އާންމުކޮށްފައި ވަނީ އެންބީސީއަށް ހޯމަ ދުވަހު ދިން ހާއްސަ އިންޓަވިއުއެއްގައެވެ. 2018 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި އޭނާއަށް ކެންސަރު ޖެހިފައިވާކަން އެނގުނީ އުމުރުން 56 އަހަރުގައި ޑޮކްޓަރަށް ދައްކައި ހެދި ރޫޓިން ޗެކަޕަކުން ކަމަށް އޭނާ ވަނީ ބުނެފައެވެ.

އޭނާ އިތުރަށް ބުނީ ޕެންޑެމިކުގެ ތެރޭގައި އޭނާގެ ހަށިގަނޑުގައި ކެންސަރު އިތުރަށް ފެތުރިގެން ގޮސްފައިވާ ކަމަށާއި މިހާރު ހުރީ 4ވަނަ ސްޓޭޖުގައި ކަމަށެވެ. އޭނާގެ ބަލީގެ ހަބަރު ފްރެންޑްސްގެ ބައިވެރިންނަށް އެނގޭތޯ ސުވާލު ކުރުމުން ޖޭމްސް ބުނީ ޝޯގެ ޕްރޮޑިއުސަރުންނަށް އެނގިފައިވާ ކަމަށާއި އަދި ރޮސްގެ ކެރެކްޓާ ކުޅެދީފައިވާ ޑޭވިޑް ޝުވިމާ އިންސްޓަގްރާމުގައި އޭނާއާ ވާހަކަ ދައްކާފައިވާ ކަމަށެވެ.

ޖޭމްސް ބުނީ ޑޮކްޓަރަށް ދެއްކުމަށް އަންހެނުން ބުނުމުންވެސް ފަރުވާކުޑަކުރެވުނީތީ އެކަމާ ދެރަވާ ކަމަށާއި، ޑޮކްޓަރަށް ދައްކައި ފަރުވާ ހޯދުމުގެ މުހިންމުކަން ވިސްނިފައިވާ ކަމަށެވެ. އަދި ބެލުންތެރިންގެ ކިބައިންވެސް އޭނާ ވަނީ ޑޮކްޓަރަށް ދައްކައި ޓެސްޓުތައް ހެދުމުގައި ފަރުވާތެރި ވުމަށް ނަސޭހަތްތެރިވެފައެވެ.

ފްރެންޑްސްގައި ކުޑަ ރޯލަކުން ބެލުންތެރިންގެ ލޯބި ހޯދާފައިވާ ޖޭމްސް އެންމެފަހުން ފެނިގެން ގޮސްފައިވެސް ވަނީ މިދިޔަ މަހު ބެލުންތެރިންނާ ހަމައަށް ގެނެސްދީފައިވާ ފްރެންޑްސް ރީޔުނިއަންގައެވެ.