އިންގްލެންޑަށް ގްރޫޕުގެ އެއްވަނަ. ދެވަނައިގެ ގޮތުގައި ގަދަ 16 އިން ޖާގައެއް ކަށަވަރުކުރީ ކްރޮއޭޝިއާ އިން. ކްރޮއޭޝިއާ އާއި ޗެކަށް ވެސް ލިބުނީ ހަތަރު ޕޮއިންޓް. ކްރޮއޭޝިއާއަށް ދެވަނަ ލިބެނީ ފައިދާ ގޯލުގެ ތަފާތުން. ގްރޫޕުތަކުގެ ތިންވަނަ ހޯދި ޓީމުތަކުގެ ތެރެއިން އެންމެ ރަނގަޅު ނަތީޖާއެއް ހޯދި ޓީމުތަކުގެ ތެރޭގައި ހިމެނުމުން ޗެކަށް ވެސް ގަދަ 16ގެ ޖާގައެއް ލިބޭނެ.
މެޗުގެ ފުރިހަމަ ވަގުތުގެ ކުޅުން ނިންމާލައިފި. މެޗު ނިމިގެންދިޔައީ 1-0ގެ ނަތީޖާއަކުން އިންގްލެންޑް ކުރީގައި އޮވެގެން.
ދެވަނަ ހާފުގެ އިތުރު ވަގުތުގެ ގޮތުގައި ތިން މިނެޓުގެ ކުޅުން ދައްކައިފި.
'86 - ޕެނަލްޓީ އޭރިއާ ތެރެއިން ޗެކް ގޯލުގެ ތެރެއަށް ހެންޑަސަން ބޯޅަ ފޮނުވާލި ނަމަވެސް، އޭނާ ހުރީ އޮފްސައިޑް މަގާމެއްގައި.
'83 - ޗެކްއަށް ފުރުސަތެއް. ޕެނަލްޓީ އޭރިއާ ތެރެއިން ޕެކްހާޓް ފޮނުވާލި ބާރު ހަމަލާ ދިޔައީ އިންގްލެންޑް ގޯލުގެ އަރިމަތީ ދަނޑި ކައިރިން ބޭރަށް.
'74 - އިންގްލެންޑަށް ފުރުސަތެއް. މެގުއާ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން ބެލިންގްހަމް ނުރައްކާކުރުމުގެ ކުރިން ޗެކްގެ މިޑްފީލްޑަރު ހޯލްސް ވަނީ ދިފާއުކޮށްފައި.
'70 - މި ހާފުގައި ދެ ޓީމުގެ ފަރާތުން ވެސް ފެންނަނީ ދާދި ހަމަހަމަ ކުޅުމެއް. ދެ ޓީމަށް ވެސް އަދި ރަނގަޅު ފުރުސަތެއް ތަނަވަސްކުރެވިފައެއް ނުވޭ.
'60 - ކޫފަލް ނަގައިދިން ހުރަސް، ޕެނަލްޓީ އޭރިއާ ތެރެއިން ނުރައްކާވުމުގެ ކުރިން އިންގްލެންޑް ކީޕަރު ޕިކްފޯޑް ކުރިއަށް ނުކުމެ، ދިފާއުކޮށްފި.
ދެވަނަ ހާފުގެ ފުރަތަމަ ދިހަ މިނެޓު ތެރޭ ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑުޖަހާނެ ރަނގަޅު ފުރުސަތެއް ތަނަވަސްކުރެވިފައެއް ނުވޭ.
'50 - ހެންޑަސަން ދިން ބޯޅަ، ޕެނަލްޓީ އޭރިއާ ތެރެއިން ކޭންއަށް ލިބުމުގެ ކުރިން ޗެކްގެ ޑިފެންޑަރުން ދިފާއުކޮށްފި.
ދެވަނަ ހާފުގެ ކުޅުން ފަށައިފި.
މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިންމާލައިފި. ހާފު ނިމިގެންދިޔައީ 1-0ގެ ނަތީޖާއަކުން އިންގްލެންޑް ކުރީގައި އޮވެގެން.
'43 - އިންގްލެންޑަށް ފުރުސަތެއް. ޕެނަލްޓީ އޭރިއާ ތެރެއިން ކޭން ފޮނުވާލި ބާރު ހަމަލާ، ޗެކްގެ ކީޕަރު ވަސްލިކް ވަނީ މަތަކޮށްފައި.
'37 - އިންގްލެންޑްގެ ހަމަލާއެއް. ގްރީލިޝް ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ބޭރުން ލޫކް ޝޯ ފޮނުވާލި ހަމަލާ، ޗެކްގެ ކީޕަރު ވަސްލިކް ވަނީ މަތަކޮށްފައި.
'35 - ޗެކްއަށް ހުސް ފުރުސަތެއް. ޕެނަލްޓީ އޭރިއާ ތެރެއިން ހުސްކޮށް ލިބުނު ބޯޅައަކުން ސޯޗެކް ފޮނުވާލި ހަމަލާ، އިންގްލެންޑްގެ ގޯލާ އަމާޒުވެފައެއް ނުވޭ.
'29 - ޗެކްގެ އިތުރު ހަމަލާއެއް. ޕެނަލްޓީ އޭރިއާ ތެރެއިން ސޯޗެކްއަށް ލިބުނު ފުރުސަތުން އޭނާ ފޮނުވާލި ހަމަލާ، އިންގްލެންޑްގެ ޑިފެންޑަރު މެގުއާ ވަނީ ބްލޮކްކޮށްފައި.
'28 - ޗެކްގެ ނުރައްކާތެރި ހަމަލާއެއް. ގޯލުގެ މަތީ ކަނަކަށް އަމާޒުކޮށް ޕެނަލްޓީ އޭރިއާ ބޭރުން ހޯލްސް ފޮނުވާލި ހަމަލާ، އިންގެލެންޑްގެ ކީޕަރު ޕިކްފޯޑް ވަނީ ހުޝިޔާރުކަމާއެކު މަތަކޮށްފައި.
'26 - ޗެކްގެ ކީޕަރު ވަސްލިކްގެ މޮޅު ސޭވްއެއް. ހެރީ މެގުއާ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން ކޭން ފޮނުވާލި ހަމަލާ، ޗެކްގެ ކީޕަރު ވަސްލިކް ވަނީ ހުޝިޔާރުކަމާއެކު މަތަކޮށްފައި.
މެޗުގައި އަދިވެސް ނުރައްކާކޮށް ފެންނަނީ އިންގްލެންޑް. ނަމަވެސް ލަނޑުޖަހާނެ މާގިނަ ފުރުސަތުތަކެއް ތަނަވަސްކުރެވޭ ގޮތެއް ނުވޭ.
ކޮވިޑަށް ޕޮޒިޓިވްވެފައިވާ ސްކޮޓްލެންޑް މިޑްފީލްޑަރު ބިލީ ގިލްމޯއާ ކޮންޓެކްޓުވުމުގެ ސަބަބުން އިންގްލެންޑުގެ ފުރަތަމަ ދެ މެޗުގައި ފުރަތަމަ 11 އިން ފެނުނު މިޑްފީލްޑަރު މޭސަން މައުންޓް ހުރީ އައިސޮލޭޝަނުގައި. އެހެންކަމުން މި މެޗުގައި އޭނާގެ ބަދަލުގައި އެ މަގާމަށް ކުޅެމުން އަންނަނީ ޖެކް ގްރީލިޝް.
މިހާތަނަށް މުބާރާތުގައި އިންގްލެންޑަށް ޖެހިފައިވަނީ ދެ ލަނޑު. އެ ދެ ލަނޑުވެސް އިންގްލެންޑަށް ކާމިޔާބުކޮށްދިނީ ރަހީމް ސްޓާލިން.
'12 - އިންގްލެންޑުން ލީޑު ހޯދައިފި. ގްރީލިޝް ނަގައިދިން ހުރަހަކުން ޕެނަލްޓީ އޭރިއާ ތެރޭ ވަރަށް ހުސްކޮށް ހުރެ ސްޓާލިން ބޮލުން ފޮނުވާލި ހަމަލާއަކުން އިންގްލެންޑަށް އެ ލަނޑު ކާމިޔާބުކޮށްދިނީ ސްޓާލިން.
'2 - އިންގްލެންޑަށް ހުސް ފުރުސަތެއް. ލޫކް ޝޯ ދިން ރީތި ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން ޗެކްގެ ކީޕަރު ވެސްލިކް ބޯމަތިން ސްޓާލިން ފޮނުވާލި ހަމަލާ އަމާޒުވީ ގޯލުގެ އަތިމަތީ ދަނޑިއަށް.
މެޗުގެ ކުޅުން ފަށައިފި. ކިކްއޯފް ކުރީ ޗެކުން.
ޔޫރޯ 2020ގައި ގްރޫޕް ޑީ ގައި ޗެކު ރިޕަބްލިކާއި އިންގްލެންޑް ވާދަކުރާ މެޗުގެ ލައިވް ކަވަރޭޖަށް "ވަން" ގެ ކިޔުންތެރިންނަށް މަރުހަބާ!
އިންގްލެންޑާއި ޗެކު ރިޕަބްލިކަށް ވަނީ ގަދަ 16 ޔަގީންވެފައި. އިންގްލެންޑް ކައިރިން ބަލިނުވެއްޖެނަމަ، ޗެކަށް ގްރޫޕް އެއްވަނަވެސް ލިބޭނެ. ސްކޮޓްލޭންޑުން ކްރޮއޭޝިއާ ބަލިކޮށްފި ނަމަ މިރޭގެ މެޗުން ޗެކު ބަލިވިޔަސް އެޓީމަށް ދެވަނަ ލިބޭނެ. ތިންވަނައަށް ޗެކު ވެއްޓޭނީ ކްރޮއޭޝިއާއިން ގިނަ ގޯލުތަކެއް ޖަހައިގެން ސްކޮޓްލޭންޑް ބަލިކޮށްފިނަމަ. އެހެން ގްރޫޕުތަކުގެ ތިންވަނަ ޓީމުތަކުގެ ނަތީޖާއަށް ބަލައި ޗެކު ތިންވަނައަށް ދިޔަޔަސް ގަދަ 16 ލިބޭނެ.
ޗެކު ބަލިކޮށްފި ނަމަ އިންގްލެންޑަށް ގްރޫޕުގެ އެއްވަނަ ޔަގީންވާނެ. ސްކޮޓްލޭންޑުން ކްރޮއޭޝިއާ ކައިރިން ގިނަ ގޯލުތަކެއް ޖަހައިގެން މޮޅުވިޔަސް އިންގްލެންޑް ވެއްޓޭނީ ތިންވަނައަށް. އެހެން ގްރޫޕުތަކުގެ ތިންވަނަ ޓީމުތަކުގެ ނަތީޖާއަށް ބަލައި އިންގްލެންޑް ތިންވަނައަށް ދިޔަޔަސް ގަދަ 16 ލިބޭނެ.
މެޗަށް ދެޓީމު ނުކުންނާނީ ވެމްބްލީ ސްޓޭޑިއަމްގައި.