އަހްމަދު އަދީބު އަބްދުލްގަފޫރު

އަދީބު ގޭބަންދަން ބަދަލުކުރަން ހައިކޯޓުން ކުރި އަމުރު ފަސްކުރުމަށް ސުޕްރީމް ކޯޓުން އަމުރުކޮށްފި

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ގޭ ބަންދަށް ބަދަލުކުރަން ހައިކޯޓުން އިއްޔެ ނެރުނު އަމުރު ފަންފީޒު ކުރުން ފަސް ކުރުމަށް ސުޕްރީމް ކޯޓުން އަމުރުކޮށްފި އެވެ.

އަދީބު ގެއަށް ބަދަލުކުރުމަށް ހައިކޯޓުން އިއްޔެ ކުރި ހުކުމް ދައުލަތުން ވަނީ ސްޕްރީމް ކޯޓުގައި އިސްތިއުނާފު ކޮށްފައެވެ.

ސުޕްރީމް ކޯޓުން މިއަދު ނެރުނު ވަގުތީ އަމުރުގައި ބުނެފައިވަނީ، ސްޕްރީމް ކޯޓަށް މިހާރު ހުށަހަޅާފައިވާ އިސްތިއުނާފީ މައްސަލައިގައި އެކޯޓުން ވަކިގޮތެއް ކަނޑައަޅަންދެން ނުވަތަ، ވަކި ގޮތެއް އަންގަންދެން، ހައިކޯޓުން ކުރި އަމުރު ތަންފީޒުކުރުން ވަގުތީ ގޮތުން ފަސްކުރުމަށާއި އަދި އެހުކުމް ތަންފީޒުކުރުމަށް އެއްވެސް ފަރާތަކުން ފިޔަވަޅެއް ނޭޅުމަށް ދައުލަތުގެ ކަމާބެހޭ ފަރާތްތަކަށް އަންގާ އަމުރުކުރާ ކަމަށެވެ.

ސްޕްރީމް ކޯޓުގެ އަމުރުގައި ވަނީ އެގޮތައް ކަނޑައަޅައިފައި ވަނީ އެކޯޓަށް ދައުލަތުން ހުށަހަޅާފައިވާ މައްސަލައި ގައި ހުށަހަޅާފައިވާ ހުށަހެޅުމުގެ މައްޗަށާއި ގާނޫނު އަސާސީ އާއި ވަގުތީ އަމުރު ނެރެންޖެހޭ ދުސްތޫރީ ޝަރުއީ އަދި ގާނޫނުތަކުގެ މައްޗަށް ރިއާޔަތްކޮށް ކަމަށެވެ.

ދައުލަތުން ސްޕްރީމް ކޯޓުގައި އިސްތިއުނާފްކުރި މައްސަލައިގައި އެދިފައި ވަނީ އަދީބު ގެއަށް ބަދަލުކުރުމަށް ހައިކޯޓުން ނެރުނު އަމުރަކީ ބާތިލު އަމުރެއް ކަމަށް ކަނޑައަޅައި ދިނުމަށެވެ.

އަދި ޝަރީއަތަށް ހުށަހަޅާފައިވާ ލިޔުންތަކަށް ބަލާއިރު އިޔާދަ ނުކުރެވޭވަރުގެ ގެއްލުމެއް އަދީބަށް ލިބެން ނެތް ކަމަށާއި އެހެންވެ އެ އަމުރު ނެރެން ޖެހޭ ފަދަ ހާލަތެއް ނެތް ކަމަށް ދައުލަތުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލާގައި ވަނީ ބުނެފަ އެވެ.

އަދީބު ގޭބަންދަށް ބަދަލުކުރުމަށް ހައި ކޯޓުން އަމުރު ކުރުމުން އަދީބު އިއްޔެ ވަނީ ޖަލުން ގޭބަންދަށް ބަދަލު ކޮށްފަ އެވެ.