ޔޫރޯ 2020

ޔޫރޯ: ޔޫކްރެއިން 0-1 އޮސްޓްރިއާ

22 Jun 08:56

މެޗުގެ އުސްއަލިތައް

  • ގިނަ ޕާސްތައް ޖަހައިގެން މެޗު ކޮންޓްރޯލް ކޮށްގެން ކުޅުނީ އޮސްޓްރިއާ
  • އަލާބާގެ ކޯނަރުން އޮސްޓްރިއާއަށް ގޯލް ޖަހައިދިނީ ބާމްގޭޓްނާ
  • ކައުންޓާގައި ޔޫކްރެއިންގެ ޝަޕަރެންކޯ އަރިމަތިން ވަދެ އުފެއްދި ހަމަލާ މަތަކުރީ އޮސްޓްރިއާ ކީޕަރު
  • ހާފް ނިމެންދަނިކޮށް އާނޯޓޮވިޗަށް ހުސް ފުރުސަތެއް ލިބި ބޭކާރުވި
  • ދެވަނަ ހާފްގައިވެސް ފެނުނީ މަދު ހަމަލާއެއް
  • ހިލޭ ޖެހުމަކުން ލައިނާ ބޮލުން ޖެހި ނަމަވެސް އޮސްޓްރިއާ ގޯލްކީޕަރު ބަޗްމަން ވަނީ މަތަކޮށްފައި
  • ޔަރެމްޗުކުގެ ހަމަލާ ދިޔައީ ގޯލް ހުރަސްކޮށް ބޭރަށް
  • މިއީ އޮސްޓްރިއާ ތާރީހުގައި ގަދަ 16 އަށް ދިޔަ ފުރަތަމަ ފަހަރު
22 Jun 08:54

މެޗުގެ ކުޅުން ނިމިއްޖެ. އޮސްޓްރިއާ ވަނީ މެޗުން މޮޅުވެ ގަދަ 16 ޔަގީންކޮށްފައި.

22 Jun 08:49

87' ޔަރެމްޗުކްގެ ހަމަލާއެއް. ޔޫކްރެއިން ފޯވަޑުގެ ފޮނުވާލި ހަމަލާ ދިޔައީ ގޯލު ހުރަސްކޮށް ބޭރަށް.

22 Jun 08:42

މި ނަތީޖާއާއެކު ނިމިއްޖެނަމަ އޮސްޓްރިއާއަށް ތާރީހުގައިވެސް ފުރަތަމަ ފަހަރަށް ޔޫރޯގެ ގަދަ 16 އިން ޖާގަ ލިބޭނެ. އެއީ ބޮޑު ކާމިޔާބީއަކަށް ވާނެ.

22 Jun 08:39

76' ކޯނަރެއްގައި އޮސްޓްރިއާއަށް ފުރުސަތެއް. އޭރިއާ ތެރެއަށް އަލާބާ ނަގައިދިން ރީތި ކޯނަރު އާނޯޓޮވިޗް ބޮލުގައި ލައްވައެއް ނުލި.

22 Jun 08:33

މި ހާފްގައިވެސް ފެންނަނީ ހަމަލާތައް މަދުކޮށް. ހާއްސަކޮށް އޮސްޓްރިއާއިން މަސައްކަަތް ކުރަމުން އަންނަނީ ލީޑު ދަމަހައްޓަން. ބޮޑަށް ކުރިއަށް ޖެހިގެން ކުޅުނީ ޔޫކްރެއިން.

22 Jun 08:23

61' އޮސްޓްރިއާ ގޯލްކީޕަރު ބަޗްމަންގެ މޮޅު ސޭވްއެއް. ހިލޭ ޖެހުމަކުން ޔޫކްރެއިން ހުރަސް ކޮށްލި ބޯޅަ ލައިނާ ބޮލުން ޖެހި ނަމަވެސް ބަޗްމަން ވަނީ މަތަކޮށްފައި.

22 Jun 08:19

54' އާނޯޓޮވިޗަށް އަނެއްކާވެސް ފުރުސަތެއް. ހިލޭ ޖެހުމަކުން އޭނާއަށް ލިބުނު ފުރުސަތު ގޯލާ އަމާޒެއް ނުވި.

22 Jun 08:12

50' އޮސްޓްރިއާގެ ހަމަލާއެއް. ޝްލާގާ ދުރުން ފޮނުވާލި ހަމަލާ ސީދާ ކީޕަރު އަތަށް.

22 Jun 08:11

48' އޮސްޓްރިއާ އޭރިއާ ތެރެއިން ޔަރެމްޗުކް، އޮސްޓްރިއާގެ ޑިފެންޑަރު ހިންޓަރެގާ ބޯޅަ ނެތި ކޮއްޕާލުމުން ރެފްރީ ވަނީ ފައުލްއަށް ކަށިގަނޑުފުމެ، ކާޑެއް ދައްކަން ޖެހޭތޯ ވީއޭއާރް އެހީގައި ބަލާފައި. ބެލުމަށްފަހު ކާޑެއް ނުދައްކައި ރެފްރީ ވަނީ ދެކުޅުންތެރިންނަށް ނަސޭހަތް ދީފައި.

22 Jun 08:06

ދެވަނަ ހާފުގެ ކުޅުން ފަށައިފި.

22 Jun 07:53

ފުރަތަމަ ހާފުގެ އުސްއަލިތައް

  • ގިނަ ޕާސްތައް ޖަހައިގެން މެޗު ކޮންޓްރޯލް ކޮށްގެން ކުޅުނީ އޮސްޓްރިއާ
  • އަލާބާގެ ކޯނަރުން އޮސްޓްރިއާއަށް ގޯލް ޖަހައިދިނީ ބާމްގޭޓްނާ
  • ކައުންޓާގައި ޔޫކްރެއިންގެ ޝަޕަރެންކޯ އަރިމަތިން ވަދެ އުފެއްދި ހަމަލާ މަތަކުރީ އޮސްޓްރިއާ ކީޕަރު
  • ހާފް ނިމެންދަނިކޮށް އާނޯޓޮވިޗަށް ހުސް ފުރުސަތެއް ލިބި ބޭކާރުވި
22 Jun 07:50

ފުރަތަމަ ހާފްގެ ކުޅުން ނިންމާލައިފި. ކުރީގައި އޮތީ އޮސްްޓްރިއާ.

22 Jun 07:50

45+1' އާނޯޓޮވިޗަށް އަނެއްކާވެސް ފުރުސަތެއް. އޭރިއާ ތެރެއަށް ވަދެ އޭނާ ފޮނުވާލި ހަމަލާ ރަނގަޅަށް ފޮނުވާނުލެވި ދިޔައީ ގޯލްކީޕަރު އަތަށް.

22 Jun 07:47

ފުރަތަމަ ހާފްގެ އިތުރު ވަގުތަށް ތިން މިނެޓް ދައްކައިފި.

22 Jun 07:46

41' އޮސްޓްރިއާގެ އާނޯޓޮވިޗަށް މުޅިން ހުސް ފުރުސަތެއް. އަރިމަތިން ހުރަސް ވެގެން ދިޔަ ބޯޅަ އޭރިއާ ތެރޭގައި ހުސްކޮށް ހުރި އާނޯޓޮވިޗަށް ލިބުނު ނަމަވެސް އޭނާ ފޮނުވާލި ހަމަލާ ދިޔަައީ އަރިމަތިން ބޭރަށް.

22 Jun 07:37

34' އޮސްޓްރިއާއަށް ފުރުސަތެއް. ލައިމާ ދުރުން ފޮނުވާލަން މަސައްކަތް ކުރި ބޯޅަ ޔޫކްރެއިންގެ ޑިފެންޑަރު ވަނީ މަތަކޮށްފައި.

22 Jun 07:36

ގޯލަށްފަހުވެސް ބޯޅަ ކޮންޓްރޯލްކޮށް ކުޅެމުންދަނީ އޮސްޓްރިއާ. ޔޫކްރެއިން ފެންނަނީ ވަރަށް ބޮޑަށް ފަހަތަށް ޖެހި ކުޅެމުންދާ ތަން.

22 Jun 07:31

28' ޔޫކްރެއިންގެ ނުރައްކާތެރި ހަމަލާއެއް. ޝަޕަރެންކޯ އަރިމަތިން ވަދެ ފޮނުވާލި ބާރު ހަމަލާ އޮސްޓްރިއާ ގޯލްކީޕަރު ބަޗްމަން ދިފާއުކުރި އިރު، ރީބައުންސް ފުރުސަތު ޔާމަލެންކޯއަށް ނުލިބުނީ ކިރިޔާ.

22 Jun 07:27

21' އޮސްޓްރިއާ ލީޑު ނަގައިފި. އަލާބާގެ ކޯނަރުން ގޯލު ޖެހީ ބާމްގޭޓްނާ.

22 Jun 07:17

15' އާނޯޓޮވިޗްގެ ޝޮޓެއް. އޭނާ އޭރިއާ ބޭރުން ފޮނުވާލި ހަމަލާ ގޯލާ އަމާޒެއް ނުވި. މެޗުގައި އަދި ގޯލަށް ޝޮޓެއް ފެނިފައެއް ނުވޭ.

22 Jun 07:11

މެޗުގެ ފުރަތަމަ 10 މިނެޓުގައި ނުރައްކާތެރި ހަމަލާއެއް ފެނިފައެއް ނުވޭ. ކުރިއަށް ޖެހި ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެނީ އޮސްޓްރިއާ.

22 Jun 07:08

މިފަހަރު ޔޫރޯގެ އެންމެ ހަގު ކޯޗަކީ ޔޫކްރެއިން ކޯޗު ޝެވްޗެންކޯ. އޭނާގެ އުމުރުން 44 އަހަރު. ޝެވްޗެންކޯއަކީ ޔޫކްރެއިންގެ ފުޓުބޯޅަ އައިކަންއެއް. އޭނާ ވަނީ ކުޅުންތެރިއެއްގެ ގޮތުގައި ގިނަ ކާމިޔާބީތަކެއް ހޯދާ ބެލޮންޑިއޯވެސް ހޯދާފައި.

22 Jun 07:08

3' ޔާމަލެންކޯގެ ނުރައްކާތެރި ހުރަހެއް. އަރިމަތިން ވަދެ އޭނާގެ ޕާޓްނާ ޔަރެމްޗުކަށް ނަގައިދެން މަސައްކަތް ކުރި ބޯޅަ ދިޔައީ ގޯލްކީޕަރު އަތަށް.

22 Jun 07:08

މިރޭގެ މެޗަކި ދެޓީމަށްވެސްް މުހިއްމު މެޗެއް. ދެގައުމުގެ ތާރީހުގައިވެސް ފުރަތަމަ ފަހަރަށް ޔޫރޯގެ ގަދަ 16 އަށް ދަތުރު ކުރުމަށް މިރޭގެ މެޗަކީ މަރުގެ މެޗެއް. ޔޫކްރެއިންއަށް ބޭނުންވަނީ ޕޮއިންޓެއް. އޮސްޓްރިއާއަށް މޮޅެއް މަޖުބޫރު.

22 Jun 07:03

މެޗުގެ ކުޅުން ފަށައިފި.

ޔޫރޯ 2020 ގެ ގްރޫޕް ސީގައި ޔޫކްރެއިންއާއި އޮސްޓްރިއާ ވާދަކުރާ މެޗުގެ ލައިވް ބްލޮގަށް "ވަން" ގެ ކިޔުންތެރިންނަށް މަރުހަބާ!

މިރޭގެ މެޗަށް ނުކުންނައިރު ޔޫކްރެއިންއަށް އޮތީ މެޗުން ޕޮއިންޓެއް ހޯދުން. ޕޮއިންޓަކާއެކު ޔޫކްރެއިންއަށް ގަދަ 16 ޔަގީން ކުރެވޭނެ. އަނެއްކޮޅުން އޮސްޓްރިއާއަށް އޮތީ މޮޅުވުން. ތިން ޕޮއިންޓް ނުލިބިއްޖެނަމަ އެޓީމަށް ގަދަ ދެ ޓީމުގައި ހިމެނި ގަދަ 16 އަށް ދާން އުނދަގޫވާނެ. މި ގްރޫޕްގައި ނެދަލޭންޑްސްއާއި ނޯތު މެސަޑޯނިއާ ކުޅޭ މެޗުވެސް މިގަނޑީގައި ކުރިއަށްދާނެ.

ޔޫކްރެއިންއާއި އޮސްޓްރިއާ މިރޭގެ މެޗަށް ނުކުންނާނީ ބުޗަރެސްޓްގެ ނޭޝަނަލް އެރީނާ ބުޗަރެސްޓްގައި.

ދެޓީމުން މިހާތަނަށް ޔޫރޯގައި ކުޅުނު މެޗުތަކަށް ނަޒަރެއް

ޔޫކްރެއިން
  • ގްރޫޕް ސްޓޭޑިއަމްގެ ފުރަތަމަ މެޗުން ޔޫކްރެއިން ނެދަލޭންޑްސް އަތުން ބަލިވީ 3-2 ގެ ނަތީޖާއަކުން
  • ނެދަލޭންޑްސްގެ ހޯމް، ޔޯހަން ކްރައިފް އެރީނާގައި ކުޅުނު އެ މެޗުގައި ޔޫކްރެއިންގެ ގޯލްތައް ޖަހައިދިނީ ޔާމަލެންކޯއައި ޔަރެމްޗުކް
  • ޔޫކްރެއިންއިން ދެވަނަ މެޗުގައި ނޯތު މެސަޑޯނިއާ ބަލިކުރީ 2-1 އިން
  • އެ މެޗުގައިވެސް ގޯލްތައް ޖަހައިދިނީ ޔާމަލެންކޯއާއި ޔަރެމްޗުކް
  • ކޯޗު ޝެވްޗެންކޯގެ އެންމެ ވަރުގަދަ ހަތިޔާރަކީ ވަރުގަދަ ދެ ފޯވަޑުން
އޮސްޓްރިއާ
  • އޮސްޓްރިއާއިން ފުރަތަމަ ކުޅުނު މެޗުގައި ނޯތު މެސަޑޯނިއާ ބަލިކުރީ 3-1 ގެ ނަތީޖާއަކުން
  • މެޗުގައި ގޯލްތައް ޖެހީ ލައިނާ، ގްރެގޮރިޗްއާއި އަރުނޯޓިވިޗް
  • ދެވަނަ މެޗުގައި ނެދަލޭންޑްސް އަތުން 2-0 ބަލިވި
  • އޮސްޓްރިއާގެ އެންމެ ބޮޑު އުންމީދަކީ ކެޕްޓަން އަލާބާގެ މޮޅު ކުޅުން