ޕޮލިސް

މަކުނުދޫ ވިލުތެރެއިން ހިފި ހަރުފަ ފުލުހުންނާ ހަވާލުކޮށްފި

ހދ. މަކުނުދޫ ޒުވާނަކު އެރަށު ވިލުތެރެއިން ހިފި ހަރުފައެއް ފުލުހުންނާ ހަވާލުކޮށްފިއެވެ.

''ވަންއޮންލައިން'އަށް މައުލޫމާތު ދެމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މަކުނުދޫ މީހަކު ހިފި އެހަރުފަ މިހާރު އޮތީ ފުލުހުންގެ ބެލުމުގެ ދަށުގައި ކަމަށާއި ބެލެވޭ ގޮތުގައި އެއީ ފެން ހަރުފައެއް ކަމަށެވެ.

ހަރުފަ ހިފާފައިވަނީ މަކުނުދޫ އަހުމަދު ތަހުސީމުއެވެ. ތަހުސީމު ބައެއް މީޑިއާ ތަކަށް މައުލޫމާތު ދެމުން ބުނެފައިވާ ގޮތުގައި ހަރުފަ ހިފާފައިވަނީ އެރަށު ވިލުތެރެއަށް އިއްޔެ ވެލިނަގަން ގޮސް އުޅުމުގެ ތެރޭގައެވެ.

ވެލިނަގަން ގޮސް އުޅުމުގެ ތެރޭގައި އިއްޔެ ފެނު އެހަރުފަ ނެގީ ދާގަނޑެއް ޖަހައިގެން ކަމަށާއި ރަށަށް ގެނައީ ގިނަ މީހުން ހަރުފަ ބަލައިލަން ބޭނުންވާނެތީކަމަށް އޭނާ ބުންޏެވެ. އަދި ފުޅިއަކަށް ލައިގެން ގެނައި އެހަރުފަ ގޭގައި ހުރި ޓޭންކަކަށް ލައިގެން ގެންގުޅުމަށްފަހު މިއަދު ފުލުހުންނާ ހަވާލުކޮށްފައިވާ ކަމަށް އޭނާ ބުންޏެވެ.

ރާއްޖޭގެ ބައެއް ރަށްރަށުގެ ފަޅުތެރެއާއި ވިލުތެރެއިން ފެންހަރުފަ ފެނިގެން ހިފުމަށްފަހު، މީގެކުރިންވެސް ވަނީ ފުލުހުންނާ ހަވާލުކޮށްފައެވެ.