ޔޫރޯ 2020

ޔޫރޯ: އިޓަލީ 1-0 ވޭލްސް

21 Jun 08:56

މެޗުގެ އުސްއަލިތައް

  • ލަނޑުޖަހާނެ ގިނަ ފުރުސަތުތަކެއް ތަނަވަސްކުރީ އިޓަލީން.
  • އިޓަލީގެ ބެލޮއްޓީ ފޮނުވާލި ހަމަލާ ދިޔައީ ގޯލާ އަމާޒުނުވެ ބޭރަށް.
  • ކިއޭސާ ފޮނުވާލި ހަމަލާ، ގޯލު ކުރިމަތިން ވޭލްސްގެ ޑިފެންޑަރު އަމްޕަޑޫ ވަނީ ދިފާއުކޮށްފައި.
  • ވޭލްސްއަށް ލިބުނު އެންމެ ރަނގަޅު ފުރުސަތަކީ ކޯނަރެއްގެ ތެރެއިން ގަންޓާއަށް ލިބުނު ފުރުސަތު. އޭނާ ބޮލުން ފޮނުވާލި ހަމަލާ ދިޔައީ ގޯލުގެ ހުރަސް ދަނޑިމަތިން ބޭރަށް.
  • އިޓަލީން ލީޑު ހޯދީ ފުރަތަމަ ހާފު ނިމެން ހަ މިނެޓަށް ވެފައި ވަނިކޮށް. އެ ލަނޑު ކާމިޔާބުކޮށްދިނީ ޕެސީނާ.
  • ދެވަނަ ހާފުގައި ވެސް އިޓަލީ ފެނުނީ ނުރައްކާކޮށް، ވޭލްސް އިން ރަނގަޅަށް ޑިފެންސް ކުރި.
  • ހިލޭ ޖެހުމަކުން އިޓަލީގެ ބެނަޑާސްކީ ފޮނުވާލި ހަމަލާ އަމާޒުވީ ގޯލުގެ އަރިމަތީ ދަނޑިއަށް.
  • ބެލޮއްޓީ ފޮނުވާލި ހަމަލާ، ވޭލްސްގެ ކީޕަރު ވޯޑް ވަނީ މަތަކޮށްފައި.
  • ދެވަނަ ހާފުގައި ވޭލްސްއަށް ލިބުނު އެންމެ ރަނގަޅު ފުރުސަތަކީ ބޭލްއަށް ލިބުނު ފުރުސަތެއް. އޭނާ ފޮނުވާލި ވޮލީ ދިޔައީ އިޓަލީ ގޯލުގެ ހުރަސް ދަނޑި މަތިން ބޭރަށް.
  • މެޗު ނިމެނިކޮށް ބެލޮއްޓީ ފޮނުވާލި ބާރު ހަމަލާ، ވޭލްސްގެ ކީޕަރު ވޯޑް ވަނީ މަތަކޮށްފައި.
21 Jun 08:53

މި ނަތީޖާއާއެކު ވޭލްސްއަށް ވަނީ ގްރޫޕުގެ ދެވަނަ ޓީމުގެ ގޮތުގައި ގަދަ 16ގެ ޖާގައެއް ކަށަވަރުވެފައި. ސްވިޒަލެންޑާ ޕޮއިންޓްގެ ގޮތުން އެއްވަރުވެފައި އޮތް ނަމަވެސް، ވޭލްސްއަށް ދެވަނަ ލިބެނީ ގޯލުގެ ތަފާތުން.

21 Jun 08:52

މެޗުގެ ފުރިހަމަ ވަގުތުގެ ކުޅުން ނިންމާލައިފި. މެޗު ނިމިގެންދިޔައީ 1-0ގެ ނަތީޖާއަކުން އިޓަލީ ކުރީގައި އޮވެގެން.

21 Jun 08:48

މެޗުގެ ދެވަނަ ހާފުގެ އިތުރު ވަގުތުގެ ގޮތުގައި ތިން މިނެޓުގެ ކުޅުން ދައްކައިފި.

21 Jun 08:47

'88 - އިޓަލީއަށް ފުރުސަތެއް. ޕެނަލްޓީ އޭރިއާ ބޭރުން ލިބުނު ބޯޅައިން ބެލޮއްޓީ ފޮނުވާލި ބާރު ހަމަލާ، ވޭލްސްގެ ކީޕަރު ވޯޑް ވަނީ މަތަކޮށްފައި.

21 Jun 08:43

އިޓަލީން އިތުރު ލަނޑެއް ޖެހިޔަ ނުދިނުމަށް ވޭލްސް އިން އަންނަނީ ވަރުގަދައަށް ޑިފެންސް ކުރަމުން.

21 Jun 08:35

'76 - ވޭލްސްއަށް ރަނގަޅު ފުރުސަތެއް. ރޮޑޮން ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރޭ ވަރަށް ހުސްކޮށް ހުރެ، ބޭލް ފޮނުވާލި ވޮލީ ދިޔައީ އިޓަލީ ގޯލުގެ ހުރަސް ދަނޑި މަތިން ބޭރަށް.

21 Jun 08:26

'68 - އިޓަލީއަށް ފުރުސަތެއް. ޖޯޖީނިއޯ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން އެމަސަން ފޮނުވާލި ބާރު ހަމަލާ، ވޭލްސްގެ މިޑްފީލްޑަރު ރަމްސީ ވަނީ ބްލޮކްކޮށްފައި.

21 Jun 08:23

'65 - އިޓަލީއަށް ރަނގަޅު ފުރުސަތެއް. ކިއޭސާ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން ބެލޮއްޓީ ފޮނުވާލި ހަމަލާ، ވޭލްސްގެ ކީޕަރު ވޯޑް ވަނީ މަތަކޮށްފައި.

21 Jun 08:14

'55 - ބެނަޑާސްކީއަށް ކުރި ނުރައްކާތެރި ފައުލަކާ ގުޅިގެން ވޭލްސް ޑިފެންޑަރު އަމްޕަޑޫއަށް ރަތް ކާޑެއް.

21 Jun 08:14

'54 - ވޭލްސްއަށް ފުރުސަތެއް. އަޗާބީއަށް ހެދުނު ގޯހަކުން ރަމްސީއަށް ބޯޅަ ލިބުނު ނަމަވެސް، ޕެނަލްޓީ އޭރިއާ ތެރެއިން ބޯޅަ ޖައްސާނެ ވޭލްސްގެ އިތުރު ކުޅުންތެރިއެއް ނެތް. އިޓަލީގެ ޑިފެންޑަރުން ވަނީ އެ ބޯޅަ ދިފާއުކޮށްފައި.

21 Jun 08:11

'53 - އިޓަލީގެ ނުރައްކާތެރި ހަމަލާއެއް. ހިލޭ ޖެހުމަކުން ބެނަޑާސްކީ ފޮނުވާލި ހަމަލާ އަމާޒުވީ ގޯލުގެ އަރިމަތީ ދަނޑިއަށް.

21 Jun 08:03

މެޗުގެ ދެވަނަ ހާފުގެ ކުޅުން ފަށައިފި.

21 Jun 07:47

ފުރަތަމަ ހާފުގެ އުސްއަލިތައް

  • ލަނޑުޖަހާނެ ގިނަ ފުރުސަތުތަކެއް ތަނަވަސްކުރީ އިޓަލީން
  • އިޓަލީގެ ބެލޮއްޓީ ފޮނުވާލި ހަމަލާ ދިޔައީ ގޯލާ އަމާޒުނުވެ ބޭރަށް
  • ކިއޭސާ ފޮނުވާލި ހަމަލާ، ގޯލު ކުރިމަތިން ވޭލްސްގެ ޑިފެންޑަރު އަމްޕަޑޫ ވަނީ ދިފާއުކޮށްފައި
  • ވޭލްސްއަށް ލިބުނު އެންމެ ރަނގަޅު ފުރުސަތަކީ ކޯނަރެއްގެ ތެރެއިން ގަންޓާއަށް ލިބުނު ފުރުސަތު. އޭނާ ބޮލުން ފޮނުވާލި ހަމަލާ ދިޔައީ ގޯލުގެ ހުރަސް ދަނޑިމަތިން ބޭރަށް.
  • އިޓަލީން ލީޑު ހޯދީ ފުރަތަމަ ހާފު ނިމެން ހަ މިނެޓަށް ވެފައި ވަނިކޮށް. އެ ލަނޑު ކާމިޔާބުކޮށްދިނީ ޕެސީނާ.
21 Jun 07:46

މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިންމާލައިފި. ހާފު ނިމިގެންދިޔައީ 1-0ގެ ނަތީޖާއަކުން އިޓަލީ ކުރީގައި އޮވެގެން.

21 Jun 07:40

'39 - އިޓަލީން ލީޑު ހޯދައިފި. ހިލޭ ޖެހުމަކުން ވެރާޓީ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން ފޮނުވާލި ހަމަލާއަކުން އިޓަލީއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ ޕެސީނާ.

21 Jun 07:32

'28 - އިޓަލީއަށް ހުސް ފުރުސަތެއް. ބަސްޓޯނީ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުސްކޮށް ހުރެ ކިއޭސާ ފޮނުވާލި ހަމަލާ، ގޯލު ކުރިމަތިން ވޭލްސްގެ ޑިފެންޑަރު އަމްޕަޑޫ ވަނީ ދިފާއުކޮށްފައި.

21 Jun 07:28

'27 - ވޭލްސްއަށް ފުރުސަތެއް. ޖޭމްސް ނަގައިދިން ހުރަހަކުން ޕެނަލްޓީ އޭރިއާ ތެރެއިން ގަންޓާ ބޮލުން ފޮނުވާލި ހަމަލާ ދިޔައީ އިޓަލީ ގޯލުގެ ހުރަސް ދަނޑި މަތިން ބޭރަށް.

21 Jun 07:27

24' އިޓަލީއަށް ފުރުސަތެއް. ބެނަޑާސްކީ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން ބެލޮއްޓީ ފޮނުވާލި ހަމަލާ ދިޔައީ ގޯލާ އަމާޒުނުވެ ބޭރަށް.

21 Jun 07:25

23' ވޭލްސްއަށް ރަނގަޅު ފުރުސަތެއް. ޖޯ އެލަން ދިން ބޯޅަ، ޕެނަލްޓީ އެރިއާ ތެރެއިން ރަމްސީ ނުރައްކާކުރުމުގެ ކުރިން އިޓަލީގެ ޑިފެންޑަރުން ވަނީ ދިފާއުކޮށްފައި.

21 Jun 07:21

'14 - އިޓަލީގެ ހަމަލާއެއް. އެމަސަން ދުރުން ފޮނުވާލި ހަމަލާ އަމާޒުވީ ވޭލްސްގެ ކީޕަރު ވޯޑްއާ ދިމާއަށް.

21 Jun 07:16

'12 - ބަސްޓޯނީ ދިން ބޯޅަ، ވޭލްސްގެ ޕެނަލްޓީ އޭރިއާ ތެރެއިން ބެލޮއްޓީއަށް ލިބޭ ގޮތެއް ނުވި.

21 Jun 07:13

ގަދަ 16ގެ ޖާގައެއް ހޯދުމަށް މި މެޗަކީ ވޭލްސްއަށް ވަރަށް މުހިންމު މެޗެއް. އަދި އިޓަލީއަށް ގްރޫޕުގެ އެއްވަނަ ކަށަވަރުކުރުމަށް މި މެޗު މުހިންމު.

21 Jun 07:09

މެޗުގެ ފުރަތަމަ ފަސް މިނެޓުގެ ތެރެ ދެ ޓީމުން ކުރެ އެއްވެސް ޓީމަކަށް ލަނޑުޖަހާނެ ފުރުސަތެއް ތަނަވަސް ކުރެވިފައެއް ނުވޭ.

21 Jun 07:05

މެޗުގެ ކުޅުން ފަށައިފި.

ޔޫރޯ 2020 ގެ ގްރޫޕް އޭގައި އިޓަލީއާއި ވޭލްސް ވާދަކުރާ މެޗުގެ ލައިވް ބްލޮގަށް "ވަން" ގެ ކިޔުންތެރިންނަށް މަރުހަބާ!

މިރޭގެ މެޗަށް ނުކުންނައިރު އިޓަލީ އޮތީ ގަދަ 16 ޔަގީން ކޮށްފައި. މިރޭ ބަލިނުވެއްޖެ ނަމަ އިޓަލީއަށް ގްރޫޕް އެއްވަނަ ޔަގީންވާނެ. ވޭލްސްއަށް ގަދަ 16 ޔަގީން ކުރުމަށް އޮތް އެންމެ ފަސޭހަ ގޮތަކީ މޮޅުވުން. އޭރުން ގްރޫޕް އެއްވަނައިގައި ގަދަ 16 އަށް ދެވޭނެ. ވޭލްސްއިން އިޓަލީއާ އެއްވަރުކޮށްގެންވެސް ޔަގީން ދެ ޖާގައިގައި ގަދަ 16 އަށް ދެވޭނެ. އެކަމަކު އެއީ ސްވިޒަލޭންޑަށް ތުރުކީ ބަލި ނުކުރެވިއްޖެ ނަމަ. ވޭލްސް ބަލިވެ، ސްވިޒަލޭންޑް މޮޅުވެއްޖެ ނަމަ، ސްވިޒަލޭންޑަށް ގަދަ 16 ޔަގީން ކުރެވޭނެ. ސްވިޒަލޭންޑާއި ތުރުކީ ވާދަކުރާ މެޗުވެސް މިގަޑީގައި ކުރިއަށްދާނެ.

މެޗު އޮންނާނީ އިޓަލީގެ ރޯމްގައި.

ދެޓީމުން މިހާތަނަށް ޔޫރޯގައި ކުޅުނު މެޗުތަކަށް ނަޒަރެއް

އިޓަލީ
  • ރޯމްގައި ކުޅުނު ފުރަތަމަ މެޗުގައި އިޓަލީ ތުރުކީ ކައިރިން މޮޅުވީ 3-0 އިން
  • ގޯލްތައް ޖެހީ އިމޯބިލޭއާއި އިންސީނިއާ، އަނެއް ގޯލަކީ ތުރުކީ ޑިފެންޑަރު މެރިހް ޑެމިރަލް އަތުން ބައިކޮޅަށް ވަން ގޯލެއް
  • ދެވަނަ މެޗުވެސް އިޓަލީ ކުޅުނީ ހޯމްގައި
  • އެ މެޗުގައި ސްވިޒަލޭންޑް ބަލިކުރީވެސް 3-0 އިން
  • މިހާތަނަށް މުބާރާތުގައި އިޓަލީ ކޮޅަށް ގޯލެއް ނުވަދޭ
ވޭލްސް
  • ވޭލްސް ފުރަތަމަ ސްވިޒަލޭންޑާ ދެކޮޅަށް ކުޅުނު މެޗު ނިމުނީ 1-1 އިން އެއްވަރުވެގެން
  • އެ މެޗުގައި ވޭލްސްއަށް ގޯލް ޖަހައިދިނީ ކާޑިފް ސިޓީގެ ފޯވަޑް މޫރު
  • ދެވަނައަކަށް ކުޅުނު މެޗުގައި ތުރުކީ ބަލިކުރީ 2-0 އިން
  • މެޗުގައި ގޯލްތައް ޖަހައިދިނީ ރެމްސީއާއި ކޯނޯ ރޮބާޓްސް
  • މެޗުގައި ވޭލްސް ކެޕްޓަން މޮޅަށް ކުޅުނު