ޔޫރޯ 2020

ޔޫރޯ: ޕޯޗުގަލް 2-4 ޖަރުމަން

20 Jun 08:53

މެޗުގެ ފުރިހަމަ ވަގުތުގެ ކުޅުން ނިންމާލައިފި. މެޗު ނިމިގެންދިޔައީ 4-2ގެ ނަތީޖާއަކުން ޖަރުމަން ކުރީގައި އޮވެގެން.

20 Jun 08:49

މެޗުގެ ދެވަނަ ހާފުގެ އިތުރު ވަގުތުގެ ގޮތުގައި ހަތަރު މިނެޓުގެ ކުޅުން ދައްކައިފި.

20 Jun 08:46

'83 - ކައުންޓާ އެޓޭކެއްގައި ޕެނަލްޓީ އޭރިއާ ބޭރުން ގޮރެޓްޒްކާ ފޮނުވާލި ބާރު ހަމަލާ ދިޔައީ ޕޯޗުގަލް ގޯލުގެ ހުރަސް ދަނޑީގެ ކުޑަތަންކޮޅެއް މަތިން ބޭރަށް.

20 Jun 08:40

'78 - ޕޯޗުގަލަށް ފުރުސަތެއް. ރެނާޓޯ ސަންޗޭޒް ދުރުން ފޮނުވާލި ބާރު ހަމަލާ އަމާޒުވީ ޖަރުމަން ގޯލުގެ އަރިމަތީ ދަނޑިއަށް.

20 Jun 08:28

66' ޕޯޗުގަލްއިން ފަރަގު ކުޑަކޮށްފި. އަރިމަތިން މުޓީނިއޯ ނެގި ހުރަސް، ރޮނާލްޑޯ އޭރިއާ ތެރެއިން ޖައްސާލުމުން ބޮލުން ގޯލަށް ނިންމާލީ ޖޮޓާ.

20 Jun 08:25

65' އަރިމަތިން ކައި ހަވާޓްސް ރޮނާލްޑޯއަށް ފައުލް ކުރުމުން ޕޯޗުގަލްއަށް ހިލޭ ޖެހުމެއް.

20 Jun 08:21

މިއީ ޗެމްޕިއަން ޕޯޗުގަލަށް ފަހަތުން އަރަން އުނދަގޫވާނެ ނަތީޖާއެއް. މިއީ އެގައުމުގެ ތާރީހުގައިވެސް ޔޫރޯގައި ދަށް ނަތީޖާއަކަށް ވެގެންދާނެ.

20 Jun 08:20

59' ޖަރުމަނުން ހަތަރުވަނަ ގޯލެއް ޖަހައިފި. ކިމިޗްގެ ހިތްގައިމު ހުރަސް ގޯލަށް ވައްދާލީ ގޮސެންސް.

20 Jun 08:20

57' ޕޯޗުގަލްއިން އެޓޭކް ވަރުގަދަ ކުރުމަށް ދަނީ މަސައްކަތް ކުރަމުން. ވިލިއަމް ކާވާލިއޯގެ ބަދަލުގައި ކުޅެން ނުކުތީ ރަފާ ސިލްވާ.

20 Jun 08:14

52' ރޮނާލްޑޯ އަރިމަތިން ފޮނުވާލި ބާރު ހިލޭ ޖެހުން ގޯލުގެ ހުރަސް ދަނޑިމަތިން ބޭރަށް.

20 Jun 08:12

51' ޖަރުމަނުން ލީޑު ފުޅާކޮށްފި. ގޮސެންސް ނަގައިިދިން ހުރަސް މެދުތެރެއިން ހުހަށް އޮވެ ގޯލަށް ވައްދާލީ ކައި ހަވާޓްސް.

20 Jun 08:08

ދެވަނަ ހާފަށް ޕޯޗުގަލްއިން ނުކުތީ ބަދަލަކާއެކު. ބާނާޑޯ ސިލްވާގެ ބަދަލުގައި ނުކުތީ ރެނާޓޯ ސަންޗޭޒް.

20 Jun 08:05

މެޗުގެ ދެވަނަ ހާފުގެ ކުޅުން ފަށައިފި.

20 Jun 07:52

ފުރަތަމަ ހާފުގެ އުސްއަލިތައް

  • ކުރީކޮޅުގައި ޖަރުމަނުގެ ހަމަލާތައް ފުލުފުލުގައި ފެނުނު
  • ކައި ހަވާޓްސްއާއި ގްނަބެރީގެ ހަމަލާތައް ފެނުނު
  • އޮއިވަރާ އިދިކޮޅަށް ޕޯޗުގަލްއަށް ލީޑު ނަގައިދިނީ ރޮނާލްޑޯ
  • ޖަރުމަނުން ނަތީޖާ އަނބުރާލީ ފުލުފުލުގައި ދެ ގޯލު ޖަހައިގެން
  • ޖަރުމަނުގެ ގޯލުތަކަކީ ޕޯޗުގަލްގެ ރުބެން ޑިއާޒް އާއި ގޮރޭރޯ އަތުން ބައިކޮޅަށް ވަން ގޯލުތަކެއް
  • ގްނަބްރީއަށް ފަހު މިނެޓް ލިބުނު ފުރުސަތުގައި ޖެހި ބޯޅަ ޕެޓްރީޝިއޯ މަތަކުރި
20 Jun 07:50

'45+3 - ޖަރުމަނަށް އިތުރު ފުރުސަތެއް. ބެނާޑޯ ސިލްވާ އަތުން ގެއްލުނު ބޯޅައެއް ހިފައިގެން ޕެނަލްޓީ އޭރިއާ ތެރެއަށް ވަނުމަށްފަހު، ގްނަބްރީ ފޮނުވާލި ހަމަލާ، ޕޯޗުގަލްގެ ކީޕަރު ރުއި ޕެޓްރީސިއޯ ވަނީ މަތަކޮށްފައި.

20 Jun 07:50

'45+3 - ޖަރުމަނަށް އިތުރު ފުރުސަތެއް. ބެނާޑޯ ސިލްވާ އަތުން ގެއްލުނު ބޯޅައެއް ހިފައިގެން ޕެނަލްޓީ އޭރިއާ ތެރެއަށް ވަނުމަށްފަހު، ގްނަބްރީ ފޮނުވާލި ހަމަލާ، ޕޯޗުގަލްގެ ކީޕަރު ރުއި ޕެޓްރީސިއޯ ވަނީ މަތަކޮށްފައި.

20 Jun 07:47

'45 - ޖަރުމަނަށް އިތުރު ފުރުސަތެއް. ހަވާޓްޒް ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން ގޮސެންސް ފޮނުވާލި ބާރު ހަމަލާ، ޕޯޗުގަލްގެ ކީޕަރު ރުއި ޕެޓްރީސިއޯ ވަނީ މަތަކޮށްފައި.

20 Jun 07:41

'39 - ޖަރުމަނުން ލީޑު ހޯދައިފި. ޕެނަލްޓީ އޭރިއާ ތެރެއަށް މުލާ ޖައްސާލި ބާރު ބޯޅަ ގޯލުގެ ތެރެއަށް ވަދެފައިވަނީ ޕޯޗުގަލް ޑިފެންޑަރު ގުރޭރޯ އަތުން ބައިކޮޅަށް.

20 Jun 07:35

'35 - ޖަރުމަނުން ނަތީޖާ ހަމަހަމަކޮށްފި. ކައި ހަވާޓްޒްއަށް ގޮސެންސް ޖައްސާލި ބޯޅަ ގޯލަށް ވަދެފައިވަނީ ޕޯޗުގަލް ޑިފެންޑަރު ރުބެން ޑިއާޒް އަތުން ބައިކޮޅަށް.

20 Jun 07:28

'28 - ޕޯޗުގަލަށް ފުރުސަތެއް. ގުރޭރޯ ނަގައިދިން ހިލޭ ޖެހުމުން ޕެނަލްޓީ އޭރިއާ ތެރެއިން ޖޮޓާ ބޮލުން ފޮނުވާލި ހަމަލާ ދިޔައީ ޖަރުމަނުގެ ގޯލާ އަމާޒުނުވެ ބޭރަށް.

20 Jun 07:25

'25 - ގްނަބްރީ ނަގައިދިން ހުރަސް، ޕޯޗުގަލް ޕެނަލްޓީ އޭރިއާ ތެރޭ ހުރި ޖަރުމަން ޑިފެންޑަރު ހުމެލްސްގެ ބޮލުގައި ލައްވައެއް ނުލި.

20 Jun 07:22

'22 - ޕޯޗުގަލަށް ފުރުސަތެއް. ޕެނަލްޓީ އޭރިއާ ބޭރުން ޖޮޓާ ފޮނުވާލި ހަމަލާ، ޖަރުމަނުގެ ކީޕަރު ނޯޔާ ވަނީ މަތަކޮށްފައި.

20 Jun 07:18

މި ލަނޑުގައި ބެނާޑޯ ސިލްވާގެ ހިއްސާ ވެސް ބޮޑު.

20 Jun 07:15

'15 - ޕޯޗުގަލުން ލީޑު ހޯދައިފި. ކައުންޓާ އެޓޭކެއްގައި ޖޮޓާ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުސްކޮށް ހުރެ ރޮނާލްޑޯ ފޮނުވާލި ހަމަލާއަކުން ޕޯޗުގަލަށް ލީޑު ހޯދައިދިނީ ކެޕްޓަން ރޮނާލްޑޯ. މިއީ މި މުބާރާތުގައި ރޮނާލްޑޯ ޖެހި ތިންވަނަ ލަނޑު.

20 Jun 07:13

11' އަނެއްކާވެސް ޖަރުމަނުން ނުރައްކާ ކޮށްފި. އަރިމަތިން ކްރޫސް ނަގައިދިން ބޯޅަ ކައި ހަވާޓްސް ފޮނުވާލި ނަމަވެސް ޕޯޗުގަލް ޑިފެންޑަރު ވަނީ ބްލޮކް ކޮށްލާފައި.

20 Jun 07:12

މެޗުގެ ރެފްރީއަކީ އެންތޮނީ ޓެއިލާ. އޭނާއަކީ ޑެންމާކާއި ފިންލޭންޑް ވާދަކުރި މެޗުގައި ހުރި ރެފްރީ. އެ މެޗުގައި ޑެންމާކުގެ ތަރި އެރިކްސަން ކާޑިއެކް އެރެސްޓެއް ޖެހިގެން ދަނޑު މައްޗަށް ވެއްޓުމުން ރެފްރީ ޓެއިލާ ނިންމި އަވަސް އަދި ރަނގަޅު ނިންމުންތަކަށް ގިނަ ބަޔަކު ވަނީ ތައުރީފު ކޮށްފައި.

20 Jun 07:10

9' އަނެއްކާވެސް ޖަރުމަނުން ނުރައްކާތެރި ހަމަލާއެއް. ކައި ހަވާޓްސް ދުރުން ފޮނުވާލި ހަމަލާ މަތަކުރީ ޕޯޗުގަލް ގޯލްކީޕަރު ޕެޓްރީޝިއޯ. ރީބައުންސްގައި ގްނަބެރީއަށް ހުރަހަކަށް ފުރުސަތު ލިބުނު ނަމަވެސް އޭނާ ނެގި ބޯޅަ ޑިފެންސުން ސާފު ކޮށްލި.

20 Jun 07:08

5' ފުރަތަމަ ހަމަލާގައި ޖަރުމަނު ލީޑު ނެގުމާ ގާތަށް. އަރިމަތިން ނެގި ހުރަހަކުން ގޯސެންސް ބޯޅަ ގޯލަށް ވައްދާލި ނަމަވެސް، އެ ހަމަލާ ތަނަވަސްކުރަން ކުރިއަށް ޖެހުނުއިރު ގްނަބްރީ އޮސްފައިޑްގައި ހުރުމުން ވީއޭއާރް އެހީގައި ރެފްރީ ވަނީ އެއީ ގޯލެއް ނޫން ކަމަށް ނިންމާފައި.

20 Jun 07:05

ފުރަތަމަ ފަސްވަރަކަށް މިނެޓުގައި މި ފެންނަނީ ދެޓީމުންވެސް ހަމަޖެހިލައިގެން ތިބެ ކުޅޭ މަންޒަރު. ހާއްސަކޮށް ޖަރުމަނުން ޕާސްތައް ގިނަކޮށްލައި ބޯޅަ ހިފަހައްޓައިގެން ކުޅެމުންދާއިރު، ޕޯޗުގަލްވެސް ފެންނަނީ ޖާގަ ދީގެން ތިބިތަން.

20 Jun 07:01

މެޗުގެ ކުޅުން ފަށައިފި. ކިކްއޯފް ކުރީ ޖަރުމަނުން.

ޔޫރޯ 2020 ގްރޫޕް އެފްގައި ޕޯޗުގަލްއާއި ޖަރުމަނު ވާދަކުރާ މެޗުގެ ލައިވް ބްލޮގަށް "ވަން" ގެ ކިޔުންތެރިންނަށް މަރުހަބާ!

ޕޯޗުގަލް އާއި ޖަރުމަނުގެ ކުރިމަތިލުމަކީ އާދައިގެ މެޗަކަށް ނުވާނެ. ޕޯޗުގަލް މެޗަށް ނުކުންނަނީ އެންމެފަހުގެ ޔޫރޯ ޗެމްޕިއަނުންގެ ގޮތުގައި. އަނެއްކޮޅުން ޖަރުމަނަކީ ޔޫރޯ ތާރީހުގައިވެސް އެންމެ ކާމިޔާބު އެއް ޓީމް. ޖަރުމަނާއި ސްޕެއިން އިން ވަނީ މިހާތަނަށް ތިން ފަހަރަށް ޔޫރޯ ކާމިޔާބު ކޮށްފައި.

ދެޓީމުގެ ތާރީހަށް ނަޒަރެއް
  • ޖަރުމަނުން އެންމެ ފުރަތަމަ ޔޫރޯ ކާމިޔާބުކުރީ 1972 ވަނަ އަހަރު ވެސްޓް ޖާމަނީގެ ގޮތުގައި އޮވެގެން
  • ޖަރުމަނުން 1976 ވަނަ އަހަރު ޔޫރޯގެ ފައިނަލްވެސް ކުޅުނު. އަދި 1980 ވަނަ އަހަރު ޔޫރޯގެ ތަށި ހޯދި
  • ޖަރުމަނުން އަނެއްކާވެސް 1996 ވަނަ އަހަރު ޔޫރޯ ހޯދައި ތާރީހުގެ ތެރެއަށް ޖެހިލި
  • ޕޯޗުގަލްއަށް ކާމިޔާބީ ފެށުނީ ދާދި ފަހުން
  • މިވަގުތު ޔޫރަޕުގައި އޮތް އެންމެ ގަދަރުވެރި ޓީމުތަކުގެ ތެރެއަށް ޕޯޗުގަލް ޖެހިލީ އެންމެ ފަހުން ކުޅުނު ޔޫރޯއަށްފަހު ނޭޝަންސް ލީގުވެސް ކާމިޔާބު ކޮށްގެން
  • 1960 އިން 1980 އާ ހަމައަށް އެގައުމުން ޔޫރޯއަށް ކޮލިފައި ވެފައެއް ނުވޭ. އެހެންނަވެސް 1984 ވަނަ އަހަރު ކުޅުނު ޔޫރޯގައި ޕޯޗުގަލް ސެމީ ފައިނަލްގައި ވާދަކުރި
  • 2000 ވަނަ އަހަރުގެ ޔޫރޯގައި ޕޯޗުގަލްއިން 3-0 އިން ޖަރުމަނު ބަލިކުރި ކުރުން އެއީ އެންމެ ފަހުން ޕޯޗުގަލްއަށް ޖަރުމަނު ބަލިކުރެވުނު މެޗު
  • އޭގެ ފަހުން ޔޫރޯ 2008 އަދި 2012 ގައި ދެޓީމު ވާދަކުރި މެޗުންވެސް މޮޅުވީ ޖަރުމަނު.
  • 2014 ވަނަ އަހަރު ވޯލްޑް ކަޕް ގްރޫޕް ސްޓޭޖުގައި ކުޅުނު މެޗުގައި ޖަރުމަނުން ވަނީ 4-0 އިން ޕޯޗުގަލް ބަލިކޮށްފައި

ތަރިންގެ ދެޓީމު

ޕޯޗުގަލް

ޕޯޗުގަލްއަކީ މިހާރު ޔޫރަޕްގެ އެންމެ މަތީ ފަންތީގެ ކުޅުންތެރިން ހިމެނޭ ތަރިންގެ ޓީމެއް. ހާއްސަކޮށް ޔޫރަޕްގެ އެންމެ ނުފޫޒުގަދަ ލީގުތަކަށް ގެންދާ އެންމެ ހުނަރުވެރި ޒުވާން ކުޅުންތެރިން ނިސްބަތްވަނީ ޕޯޗުގަލްއަށް. ޕްރިމިއާ ލީގުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ސިޓީގެ ޑިފެންޑަރު ރުބެން ޑިއާޒްއާއި އެ ކްލަބަށް ކުޅޭ ބާނާޑޯ ސިލްވާގެ ނަން ތަރިންގެ ލިސްޓްގައި ހިމެނޭ އިރު، އެންމެ ކުރިއަށް ކުޅޭ ރޮނާލްޑޯއަކީ އަދިވެސް ދުނިޔޭގެ ފުޓުބޯޅައިގައި ދެވަނައެއް ނުވާ ފޯވަޑެއް. އޭގެ އިތުރުން ޑޯޓުމަންޑްގެ ޑިފެންޑަރު ރަފޭލް ގޮރޭރޯވެސް ޕޯޗުގަލްގެ ޓީމަށް މުހިއްމު ވާނެ. މެދުތެރޭގައި އެންމެ އިސް ރޯލެއް އަދާކުރާނީ މެންޗެސްޓާ ޔުނައިޓެޑްގެ ބްރޫނޯ ފެނާންޑޭޒްއާއި ލިލްއާއެކު ފްރާންސްގެ ލީގު ނެގި ރެނާޓޯ ސަންޗޭޒް.

ޖަރުމަނު

ތާރީހުގައި ފެނުނު ޖަރުމަނުގެ ކޮންމެ ސްކޮޑަކީވެސް ހުނަވެރި އެތައް ކުޅުންތެރީންނެއް އެކުލެވޭ ޓީމުތަކެއް. މިފަހަރުގެ ޔޫރޯއަށް ނުކުންނާނެ ޖަރުމަނުގެ ޓީމަކީވެސް އެފަދަ ތަރިންގެ ޓީމެއް. މެނުއަލް ނޯޔާ ގޯލުން ފެންނަ އިރު، ޖޯޝުއާ ކިމިކާއި ލިއޮން ގޮރެޓްސްކާ އަދި ޓޯނީ ކްރޫސްގެ ތަޖުރިބާ މެދުތެރެއިން ފެންނާނެ. މެންޗެސްޓާ ސިޓީއަށް ކާމިޔާބު ސީޒަނެއް ކުޅެދިން އިލްކޭ ގުންޑޮގަންވެސް ޖަރުމަނު ޓީމުގައި މުހިއްމު ރޯލެއް އަދާކުރާނެ. ފޯވަޑް ލައިންގައި ޒުވާން ހުނަރުވެރި ޓީމޯ ވާނާގެ އިތުރުން ޗެލްސީއަށް އޭނާއާއެކު ކުޅެމުން އަންނަ ކައި ހަވާޓްސް އާއެކު ދެން ފެންނާނީ ސާޖް ނަބެރީއާއި ލެރޮއި ސާނޭ ފަދަ ދުވެލި ބާރު ކުޅުންތެރިން.