މެޗުގެ ފުރިހަމަ ވަގުތުގެ ކުޅުން ނިންމާލައިފި. މެޗު ނިމިގެންދިޔައީ 1-1ގެ ނަތީޖާއަކުން ދެ ޓީމު އެއްވަރުވެގެން.
'90+3 - ގްރީޒްމަން ނަގައިދިން ހިލޭ ޖެހުން ޕެނަލްޓީ އޭރިއާ ތެރެއިން ނުރައްކާވުމުގެ ކުރިން ހަންގޭރީގެ ކީޕަރު ގުލާޗީ ދިފާއުކޮށްފި.
ދެވަނަ ހާފުގެ އިތުރު ވަގުތުގެ ގޮތުގައި ހަތަރު މިނެޓުގެ ކުޅުން ދައްކައިފި.
82' އަނެއްކާވެސް ފްރާންސްގެ ހަމަލާއެއް. މިފަހަރު ޓޮލީސޯ ފޮނުވާލި ހަމަލާ ފަސޭހަކަމާއެކު އަތަށް ނެގީ ހަންގޭރީގެ ގޯލްކީޕަރު ގުލާސީ.
81' އެމްބާޕޭގެ ނުރައްކާތެރި ހަމަލާއެއް. ޖިރޫ ޖައްސާލި ބޯޅައަކުން ފޮނުވާލި ބާރު ހަމަލާ ސޭވްކުރީ ހަންގޭރީ ގޯލްކީޕަރު.
ފްރާންސްގެ ލަނޑަށްފަހު މިހާރު ހަންގޭރީން ވެސް އަންނަނީ އެޓޭކް ރަނގަޅުކޮށް، ލަނޑެއް ޖެހުމަށް މަސައްކަތްކުރަމުން. ފްރާންސުން ވެސް މިހާރު މަސައްކަތްކުރަމުންދަނީ ލީޑު ހޯދުމަށް.
'69 - ފްރާންސަށް ފުރުސަތެއް. ހިލޭ ޖެހުމަކުން ގްރީޒްމަން ޖައްސާލި ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން އެމްބާޕޭ ފޮނުވާލި ހަމަލާ، ހަންގޭރީގެ ގޯލާ އަމާޒުވެފައެއް ނުވޭ.
'66 - ފްރާންސުން ނަތީޖާ ހަމަހަމަކޮށްފި. އެމްބާޕޭ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން ފޮނުވާލި ހަމަލާއަކުން ފްރާންސަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އެންޓޮއިން ގްރީޒްމަން. އޭނާއަށް ބޯޅަ ލިބުނު އިރު، ހަންގޭރީގެ ޕެނަލްޓީ އޭރިއާ ތެރޭ ހުރީ ވަރަށް ހުސްކޮށް. ގްރީޒްމަނަށް ބޯޅަ ލިބުނީ އެމްބާޕޭ ޖައްސާލި ބޯޅަ ހަންގޭރީ ޑިފެންޑަރު އޯބަންގެ ފައިގައި ޖެހުމުން.
'59 - ފްރާންސަށް ފުރުސަތެއް. ބޯޅަ ހިފައިގެން ޕެނަލްޓީ އޭރިއާ ތެރެއަށް ވަނުމަށްފަހު، ޑެމްބެލޭ ފޮނުވާލި ބާރު ހަމަލާ އަމާޒުވީ ހަންގޭރީ ގޯލުގެ އަރިމަތީ ދަނޑިއަށް.
މި ހާފު ފްރާންސުން ފެށީ ވަރަށް ބޮޑަށް ކުރިއަށް ޖެހި، އެޓޭކިން ޓީމެއްގެ ގޮތުގައި. ނަމަވެސް ކައުންޓާ އެޓޭކްތަކުގައި ހަންގޭރީން އަންނަނީ ނުރައްކާކުރުމަށް މަސައްކަތްކުރަމުން. މި ހާފުގައި ވެސް ހަންގޭރީ ފޯވަޑް ސަލާއީގެ ނުރައްކާ ފާހަގަކޮށްލެވޭ.
'51 - ފްރާންސްގެ އިތުރު ހަމަލާއެއް. ޕެނަލްޓީ އޭރިއާ ބޭރުން ޕޮގްބާ މިފަހަރު ފޮނުވާލި ހަމަލާ ދިޔައީ ހަންގޭރީ ގޯލުގެ އަރިމަތީ ދަނޑި ކައިރިން ބޭރަށް.
'48 - ފްރާންސަށް ފުރުސަތެއް. ޕެނަލްޓީ އޭރިއާ ބޭރުން ޕޮގްބާ ފޮނުވާލި ބާރު ހަމަލާ، ހަންގޭރީ ކީޕަރު ގުލާޗީ ވަނީ މަތަކޮށްފައި.
މެޗުގެ ދެވަނަ ހާފުގެ ކުޅުން ފަށައިފި.
މެޗުގެ ފުރަތަމަ ހާފު ނިންމާލައިފި. ހާފު ނިމިގެންދިޔައީ 1-0ގެ ނަތީޖާއަކުން ހަންގޭރީ ކުރީގައި އޮވެގެން.
ހުނަރުވެރި އެތައް ކުޅުންތެރިންތަކަކާއެކު ކުޅެމުން އަންނަ ދުނިޔޭގެ ޗެމްޕިއަން، ފްރާންސް ކޮޅަށް ޖެހި ލަނޑާއެކު ހަންގޭރީއަށް އިތުރު ހިތްވަރެއް ލިބިގެންދާނެ. އަދި ފްރާންސުން ލަދުން ސަލާމަތްވުމަށް އެތައް މަސައްކަތްތަކެއް ކުރަން ޖެހޭނެ.
'45+2 - ހަންގޭރީން ލީޑު ހޯދައިފި. ސަލާއީ ދިން ބޯޅައެއް ހިފައިގެން ޕެނަލްޓީ އޭރިއާ ތެރެއަށް ވަނުމަށްފަހު ފޮނުވާލި ހަމަލާއަކުން ހަންގޭރީއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ ފިއޯލާ.
ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ގޮތުގައި ފަސް މިނެޓުގެ ކުޅުން ދައްކައިފި.
'40 - ބެންޒެމާ ދިން ބޯޅައިން ޕެނަލްޓީ އޭރިއާ ތެރެއިން އެމްބާޕޭ ނުރައްކާކުރުމުގެ ކުރިން ހަންގޭރީ ޑިފެންޑަރުން ދިފާއުކޮށްފި.
'36 - ފްރާންސްގެ ހަމަލާއެއް. ހަނި އޭންގަލުން ގޯލަށް ފޮނުވާލުމަށް ޕެނަލްޓީ އޭރިއާ ތެރެއިން ޕޮގްބާ ފޮނުވާލި ހަމަލާ ހަންގޭރީގެ ގޯލާ އަމާޒުވެފައެއް ނުވޭ.
'33 - ފްރާންސަށް ފުރުސަތެއް. ޕޮގްބާ ދިން ބޯޅައެއް ހިފައިގެން ޕެނަލްޓީ އޭރިއާ ތެރެއިން ދެ ކުޅުންތެރިއެއް ކައިރިން ނައްޓާލުމަށްފަހު، އެމްބާޕޭ ފޮނުވާލި ހަމަލާ ހަންގޭރީ ގޯލާ އަމާޒުވެފައެއް ނުވޭ. އެ ހަމަލާ ދިޔައީ ހަންގޭރީ ކީޕަރު ގުލާޗީ ކުރިމަތިން ބޭރަށް.
ބޮލަށް ލިބުނު އަނިޔާއެއްގެ ސަބަބުން ހަންގޭރީގެ ކެޕްޓަން ވަނީ ބާލަން ޖެހިފައި. ކޮންކަޝަނެއް ކަމަށް ބަލައި އޭނާ ގެންގޮސްފައި ވަނީ ޓަނަލްގެ ތެރެއަށް. ބަދަލުގައި ކުޅެން އެރުވީ ނިކޮލިޗް.
30' ފްރާންސަށް ރަނުގެ ފުރުސަތެއް. އެމްބާޕޭގެ ބޯޅައަކުން ބެންޒެމާއަށް މުޅިން ހުސްކޮށް ލިބުނު ބޯޅަ ފަޔާ ލައްވާނުލައި ދިޔައީ ގޯލު ދަނޑި ކައިރިން ބޭރަށް. އޭނާ އޮތީ މުޅިން ހުސްކޮށް.
25' އެމްބާޕޭގެ ހިލޭ ޖެހުން ފާރަށް. ބޯޅަ ޖެހުނީ ހަންގޭރީގެ ނިކޮލިޗް މޫނު މަތީގައި. އޭނާއަށް ވަނީ ފަރުވާ ދީފައި.
ހިލޭ ޖެހުމުގެ ކުރިން ރެފްރީ ވޯޓާ ބްރޭކް ދީފި. މިއަދުގެ މެޗު ކުޅެވެމުންދަނީ ހަންގޭރީގައި. ފިނިހޫނުމިން ހުރީ ގާތްގަނޑަކަށް 30 ޑިގްރީ ސެލްސިއަސްގައި.
22' ރަނގަޅު ހިސާބަކުން ފްރާންސަށް ހިލޭ ޖެހުމެއް. ހަންގޭރީގެ ޝޭފާ، ޕޮގްބާއަށް ކުރި ފައުލަށް ރެފްރީ ހިލޭ ޖެހުން ދީފައި ވަނީ ގޯލް އޭރިއާ ބޭރުން ރަނގަޅު ހިސާބަކުން.
'17 - ފްރާންސަށް ފުރުސަތެއް. ޑީނިއާ ނަގައިދިން ރީތި ހުރަހަކުން ޕެނަލްޓީ އޭރިއާ ތެރެއިން އެމްބާޕޭ ބޮލުން ފޮނުވާލި ހަމަލާ ދިޔައީ ހަންގޭރީ ގޯލުގެ އަރިމަތީ ދަނޑި ކައިރިން ބޭރަށް.
'14 - ހަންގޭރީގެ ކީޕަރު ގުލާޗީގެ މޮޅު ދެ ސޭވްއެއް. ޕެނަލްޓީ އޭރިއާ ތެރެއިން އެމްބާޕޭ ފޮނުވާލި ބާރު ހަމަލާ ގުލާޗީ މަތަކުރި އިރު، ރީބައުންސް ބޯޅައިން ގްރީޒްމަން ފޮނުވާލި ހަމަލާ ވެސް ވަނީ މަތަކޮށްފައި. ނަމަވެސް އޭރު ފްރާންސް ފޯވަޑް ގްރީޒްމަން ހުރީ އޮފްސައިޑް މަގާމެއްގައި.
އަދިވެސް ހަންގޭރީން އަންނަނީ ފްރާންސަށް އުނދަގޫތަކެއް ކުރިމަތިކުރުވައި، ނުރައްކާކުރަމުން. ނަމަވެސް ލަނޑު ޖަހާނެ ފުރުސަތެއް ތަނަވަސްކުރެވިފައެއް ނުވޭ. ދެ ޓީމަށް ވެސް އަދި އިދިކޮޅު ގޯލަށް އަމާޒުކޮށް ހަމަލާއެއް ފޮނުވައިލެވިފައެއް ނުވޭ.
'10 - މި މުބާރާތުގައި ފްރާންސަށް ދެއްކި ފުރަތަމަ ރީނދޫ ކާޑު ޕަވާޑަށް.
'9 - ގްރީޒްމަން ނަގައިދިން ކޯނަރު، ޕެނަލްޓީ އޭރިއާ ތެރެއިން ނުރައްކާވުމުގެ ކުރިން ހަންގޭރީން ދިފާއުކޮށްފި.
ޖަރުމަނާ ދެކޮޅަށް ކުޅުނު މެޗެކޭ އެއްގޮތަށް މި މެޗުގައި ވެސް ފްރާންސް ފޯވަޑް ގްރީޒްމަން ފަހަތަށް ފައިބައިގެން ޑިފެންސަށް މަސައްކަތްތަކެއް ކުރާކަން ފާހަގަކުރެވޭ.
މެޗުގެ ފުރަތަމަ ފަސް މިނެޓުގެ ތެރޭ ފްރާންސަށް އެންމެ އެދެވޭ ކުޅުން ދެއްކިފައެއް ނުވޭ. ހަންގޭރީން އަންނަނީ ފްރާންސަށް އުނދަގޫތަކެއް ކުރިމަތިކުރަމުން.
މެޗުގެ ކުޅުން ފަށައިފި. ކިކްއޯފް ކުރީ ހަންގޭރީން.
ޔޫރޯ 2020 ގްރޫޕް އެފްގައި ފްރާންސާއި ހަންގޭރީ ވާދަކުރާ މެޗުގެ ލައިވް ބްލޮގަށް "ވަން" ގެ ކިޔުންތެރިންނަށް މަރުހަބާ!
1930 އިން 1980ގެ ފަހު ކޮޅާ ހަމައަށް ހަންގޭރީއަކީ ފުޓުބޯޅައިގެ ގަދަ ބާރެއް. ފްރާންސްގެ ރަން ޒަމާން އައީ އޭގެ ފަހަށް. 1980 ގެ އަހަރުތަކުން ފެށިގެން މިއަދާ ހަމައަށްވެސް ފްރާންސްގެ ނަން ފުޓުބޯޅައިގައި ފަނޑުވުމެއް ނެތް. ހަންގޭރީ އާއި ފްރާންސް މިއަދު ޔޫރޯ 2020 ގެ ގްރޫޕް އެފްގައި ކުރިމަތިލާ އިރު، ހެޑް ޓު ހެޑްއިން ހަންގޭރީއަށް ކުރި ލިބިފައި އޮތުމަކީ ހައިރާން ކަމެއް ނަމަވެސް އެއީ ހަންގޭރީގެ ފުޓުބޯޅަ ތާރީހުގެ ވަރުގަދަކަން ދައްކުވައިދޭ ރަމްޒެއް.
ފްރާންސާއި ހަންގޭރީ މިހާތަނަށް 22 މެޗެއްގައި ކުޅެފައިވާ އިރު، ހަންގޭރީން ވަނީ 12 މެޗެއް ކާމިޔާބު ކޮށްފައި. ފްރާންސުން ހަންގޭރީ ކައިރީ މޮޅުވީ އަށް މެޗުން. ދެ މެޗެއް ނިމުނީ އެއްވަރު ވެގެން. އެހެންނަމަވެސް، އެންމެފަހުން ހަންގޭރީއަށް ފްރާންސް ބަލިކުރެވުނީ 1978 ވަނަ އަހަރު ކުޅުނު އެކުވެރިކަމުގެ މެޗެއްގައި.
ހަންގޭރީއާ ދެކޮޅަށް ނުކުންނަ ފްރާންސަކީ ތަރިންގެ ޓީމެއް. އެންމެފަހުގެ ދުނިޔޭގެ ޗެމްޕިއަނުން. 2016 ވަނަ އަހަރު ޔޫރޯގެ ރަނަރަޕްކަން ލިބުނު ނަމަވެސް އެޓީމުން މިފަހަރުގެ މުބާރާތަށް ނުކުންނާނީ ތާރީހު އިޔާދަކުރަން. ވޯލްޑް ކަޕަށްފަހު ޔޫރޯ ނަގަން. ޖަރުމަނު ބަލިކޮށް ފްރާންސުން ގްރޫޕް ސްޓޭޖު ފެށީ ވަރުގަދަ ރޫހެއްގައި. ހަންގޭރީ އޮތީ ފުރަތަމަ މެޗުގައި ޕޯޗުގަލް އަތުން ބަލިވެފައި.
މިއަދުގެ މެޗު ކުޅެވޭނީ ބުޑަޕެސްޓްގެ ޕުސްކާސް އެރީނާގައި.