ކަންޔޭ ވެސްޓް ވާނީ އަބަދުވެސް އޭނާގެ އާއިލާއަށް ކަމަށް ކިމް ކާޑޭޝިއަން ބުނެފިއެވެ.
20 ސީޒަނަށްފަހު ''ކީޕިން އަޕް ވިތުދަ ކާޑޭޝިއަން'' ނިމުމަކާ ހަމައަށް އައިސްފައިވާއިރު އެންޑީ ކޯހެން ހޯސްޓް ކުރި ރިޔޫނިއަން އެޕިސޯޑެއްގައި މިވަނީ ކާޑޭޝިއަން/ޖެނާ އާއިލާގެ މެންބަރުން ބައިވެރި ވެފައެވެ.
މި އެޕިސޯޑުގައި މެންބަރުންނަށް ވަނީ ތަފާތު ގިނަ ސުވާލުތައް ކުރިމަތި ކޮށްފައެވެ. ކިމް އަދި ކަންޔޭގެ ވަރިއާ ގުޅުވައިގެންވެސް ގިނަ ސުވާލުތަކެއް ވަނީ އަމާޒުކޮށްފައެވެ.
ގާތްގަނޑަކަށް 10 އަހަރު އެކުގައި އުޅުމަށްފަހު ވަރިއާ ހިސާބަށް ދާން ޖެހުނީ ކީއްވެތޯ އެހުމުން ކިމް ބުނީ އެއީ ކަންކަމާ ދެމީހުންގެ ހިޔާލު ތަފާތު ވެ އުފެދެމުން އައި ކަންތައްތަކުގެ ސަބަބުން ނިންމަން ޖެހުނު އުނދަގޫ ނިންމުމެއް ކަމަށާއި، އެ ހިސާބަށް ނުގޮސް ކަންކަން ހައްލު ކުރަން އޭނާ ނޫޅޭ ކަމަށް އެއްވެސް މީހަކަށް ބުނެވެން ނޯންނާނެ ކަމަށާއި އެކަމުގައި އޭނާއަށް ވީ އެންމެ ބޮޑަކަށް މަސައްކަތް ކޮށްފައި ވާނެ ކަމަށެވެ. ދަރީންގެ ކަންކަމުގައި ދެމީހުންގެ އޮންނަނީ ރަނގަޅު ގުޅުމެއް ކަމުގައިވެސް ކިމް ވަނީ ބުނެފައެވެ.
ކިމް އިތުރަށް ބުނީ ކަންޔޭއަށް ވަރަށް އިހުތިރާމު ކުރާ ކަމަށާއި، އެންމެ ފުރަތަމަ ކަމަކަށް އެއީ އޭނާގެ ގާތް ރަހުމަތްތެރިއެއް ކަމާއި އެކަން ދުރު ކުރެވޭނެ ގޮތެއް ނޯންނާނެ ކަމަށެވެ. އޭގެ އިތުރުން ކިމް އަކީ ކަންޔޭގެ އެންމެ ބޮޑު ފޭނަށް އަބަދުވެސް ވާނެ ކަމަށާއި އެއީ އޭނާގެ ކުދިންގެ ބައްޕަ ކަމަށާއި އަދި އަބަދުވެސް ކިމްގެ އާއިލާއަށް ކަންޔޭ ވާނެ ކަން އޭނާ ވަނީ ފާހަގަކޮށްފައެވެ.
ކިމް ކާޑޭޝިއަން އަދި ކަންޔޭ ވެސްޓް ކައިވެނިކޮށްފައިވަނީ 2014 ވަނަ އަހަރުގައެވެ. އެކުގައި ގާތްގަނޑަކަށް 7 އަހަރު އުޅުމަށްފަހު ދެމީހުން ދުރުވާން ނިންމި ހަބަރު އިއުލާނު ކުރީ މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގައެވެ.