މެޗުގެ ފުރިހަމަ ވަގުތުގެ ކުޅުން ނިންމާލައިފި. މެޗު ނިމިގެންދިޔައީ 1-1ގެ ނަތީޖާއަކުން ދެ ޓީމު އެއްވަރުވެގެން.
ދެވަނަ ހާފުގެ އިތުރު ވަގުތުގެ ގޮތުގައި ތިން މިނެޓުގެ ކުޅުން ދައްކައިފި.
'88 - ކްރޮއޭޝިއާއަށް ފުރުސަތެއް. ޕެނަލްޓީ އޭރިއާ ތެރެއިން ޕެޓްކޮވިޗް ފޮނުވާލި ބާރު ހަމަލާ، ޗެކްގެ ޑިފެންޑަރު ކަލަސް ވަނީ ބްލޮކްކޮށްފައި.
'76 - ޗެކްއަށް ފުރުސަތެއް. ޕެނަލްޓީ އޭރިއާ ތެރެއިން ލޮޒެކް ފޮނުވާލި ވޮލީ ދިޔައީ ކްރޮއޭޝިއާ ގޯލުގެ ހުރަސްދަނޑި މަތިން ބޭރަށް.
'73 - ކްރޮއޭޝިއާއަށް ރަނގަޅު ފުރުސަތެއް. ޕެނަލްޓީ އޭރިއާ ތެރެއިން ލިބުނު ބޯޅައިން ވްލާސިޗް ފޮނުވާލި ހަމަލާ ޗެކްގެ ގޯލާ އަމާޒުވެފައެއް ނުވޭ.
'71 - ގުއާޑިއޯލް ނަގައިދިން ހުރަސް، ޕެނަލްޓީ އޭރިއާ ތެރެއިން ކްރޮއޭޝިއާގެ ކުޅުންތެރިޔަކަށް ލިބުމުގެ ކުރިން ޗެކްގެ ޑިފެންޑަރު ސެލޫޓްސްކާ ދިފާއުކޮށްފި.
'47 - ކްރޮއޭޝިއާ އިން ނަތީޖާ ހަމަހަމަކޮށްފި. ހިލޭ ޖެހުމަކުން ކްރަމަރިޗް އަވަހަށް ޖައްސާލި ބޯޅައެއް ހިފައިގެން ޕެނަލްޓީ އޭރިއާ ތެރެއަށް ވަނުމަށްފަހު ފޮނުވާލި ހަމަލާއަކުން ކްރޮއޭޝިއާއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ ޕެރިސިޗް.
މެޗުގެ ދެވަނަ ހާފު ފަށައިފި.
މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިންމާލައިފި. ހާފު ނިމިގެންދިޔައީ 1-0ގެ ނަތީޖާއަކުން ޗެކް ކުރީގައި އޮވެގެން.
'45+3 - ކްރޮއޭޝިއާގެ ޕެނަލްޓީ އޭރިއާ ބޭރުން ޝިކްއަށް ކޮވަސިޗް ކުރި ފައުލަކާ ގުޅިގެން ޗެކްއަށް ހިލޭ ޖެހުމެއް. ޝިކް ފޮނުވާލި ހިލޭ ޖެހުން ދިޔައީ ކްރޮއޭޝިއާގެ ގޯލާ އަމާޒުނުވެ ބޭރަށް.
ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ގޮތުގައި ތިން މިނެޓުގެ ކުޅުން ދައްކައިފި.
'43 - ކްރޮއޭޝިއާގެ ހަމަލާއެއް. ޕެނަލްޓީ އޭރިއާ ބޭރުން ކްރަމަރިޗް ފޮނުވާލި ހަމަލާ، ޗެކްގެ ކީޕަރު ވަސްލިކް ވަނީ މަތަކޮށްފައި.
'39 - ކްރޮއޭޝިއާއަށް ފުރުސަތެއް. ޕެނަލްޓީ އޭރިއާ ތެރެއަށް ވަނުމަށްފަހު، ރެބިޗް ފޮނުވާލި ހަމަލާ، ޗެކްގެ ގޯލާ އަމާޒުވެފައެއް ނުވޭ.
މިއީ މިފަހަރުގެ ޔޫރޯގައި ޗެކްގެ ޝިކް ޖެހި ތިންވަނަ ލަނޑު. އޭނާ ވަނީ ޗެކްގެ ފުރަތަމަ މެޗުގައި ސްކޮޓްލެންޑް ކޮޅަށް ދެ ލަނޑު ޖަހާފައި.
'37 - ޗެކް އިން ޕެނަލްޓީ ކާމިޔާބުކޮށް، ލީޑު ހޯދައިފި. ޗެކްއަށް ޕެނަލްޓީ ކާމިޔާބުކޮށްދިނީ ޝިކް.
'35 - ލޮވްރެން ފައުލް ކުރި ކަމަށް ނިންމައި، ޗެކްއަށް ޕެނަލްޓީއެއް.
'33 - ޕެނަލްޓީ އޭރިއާ ތެރެއިން ޝިކްއަށް ކްރޮއޭޝިއާގެ ލޮވްރެން ފައުލް ކުރިތޯ ވީއޭއާރުން ބަލަނީ.
'22 - ކްރޮއޭޝިއާއަށް އިތުރު ފުރުސަތެއް. މޮޑްރިޗް ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން ޕެރިސިޗް ފޮނުވާލި ހަމަލާ އަމާޒުވީ ޗެކްގެ ކީޕަރު ވެސްލިކްއާ ދިމާއަށް. ކީޕަރު ވެސްލިކް ވަނީ ފަސޭހަކަމާއެކު އެ ބޯޅަ ހޯދާފައި.
'21 - ކްރޮއޭޝިއާއަށް ފުރުސަތެއް. ޕެނަލްޓީ އޭރިއާ ތެރެއިން ރެބިޗްއަށް ހުސްކޮށް ލިބެން ދިޔަ ބޯޅަ، އޭނާއަށް ލިބުމުގެ ކުރިން ކުރިއަށް ނުކުމެ ޗެކްގެ ކީޕަރު ވެސްލިކް ވަނީ ދިފާއުކޮށްފައި.
'18 - ޗެކްއަށް ހުސް ފުރުސަތެއް. ކޯފުލް ދިން ބޯޅަ، ޕެނަލްޓީ އޭރިއާ ތެރޭ ހުސްކޮށް ހުރި ޝިކްއަށް ރަނގަޅަށް ނިންމާލެވިފައެއް ނުވޭ. ޝިކް މަޑުމަޑުން ފޮނުވާލި ހަމަލާ، ކްރޮއޭޝިއާގެ ކީޕަރު ލިވަކޮވިޗް ވަނީ ހޯދާފައި.
މިއީ ދެޓީމަށްވެސް މުހިއްމު މެޗެއް. ޗެކު ރިޕަބްލިކަށް މިރޭގެ މެޗުން މޮޅުވެ ގަދަ 16 ޔަގީން ކުރެވިދާނެ. އެންމެފަހުން ކުޅުނު 2018 ވަނަ އަހަރުގެ ވޯލްޑް ކަޕް ފައިނަލްގައި ކުޅުނު ކްރޮއޭޝިއާއަށް މިރޭގެ މެޗުން މޮޅު ނުވެވިއްޖެ ނަމަ ގްރޫޕްގެ ގަދަ ދެޓީމުގެ ތެރޭގައި ހިމެނުމުގެ ފުރުސަތު ގެއްލޭނެ. އެކަން ވެގެންދާނީ ކްރޮއޭޝިއާއަށް ބޮޑު މާޔޫސް ކަމަކަށް.
މެޗުގެ ފުރަތަމަ ފަސް މިނެޓުގެ ތެރޭ ޗެކްގެ އެޓޭކު ފެނިގެންދިޔައީ ނުރައްކާތެރި އެޓޭކެއްގެ ގޮތުގައި.
'4 - ޗެކްއަށް އިތުރު ފުރުސަތެއް. ޕެނަލްޓީ އޭރިއާ ތެރެއިން ސޯޗެކް ފޮނުވާލި ހަމަލާ ދިޔައީ ކްރޮއޭޝިއާ ގޯލުގެ ހުރަސް ދަނޑި މަތިން ބޭރަށް.
'3 - ޗެކްއަށް ފުރުސަތެއް. ޕެނަލްޓީ އޭރިއާ ބޭރުން ކޯފުލް ފޮނުވާލި ބާރު ހަމަލާ، ކްރިއޭޝިއާގެ ޑިފެންޑަރު ވިޑާ ވަނީ ބްލޮކޮށްފައި.
މެޗުގެ ކުޅުން ފަށައިފި.
ޔޫރޯ 2020 ގެ ޑީގައި ކްރޮއޭޝިއާއާއި ޗެކު ރިޕަބްލިކް ކުޅޭ މެޗުގެ ލައިވް ބްލޮގަށް "ވަން"ގެ ކިޔުންތެރިންނަށް މަރުހަބާ!
ގްރޫޕް ޑީގައި ކްރޮއޭޝިއާއިން ފުރަތަމަ ވާދަކުރީ ވަރުގަދަ އިންގްލެންޑާ ދެކޮޅަށް. އެ މެޗުން ކްރޮއޭޝިއާ ބަލިވީ 1-0 ގެ ހަނި ނަތީޖާއަކުން. އަނެއްކޮޅުން ޗެކު ރިޕަބްލިކް ވަނީ ފުރަތަމަ މެޗުގައި ސްކޮޓްލޭންޑް ބަލިކުރީ 2-0 ގެ ނަތީޖާއަކުން. މިރޭގެ މެޗަށް ނުކުތް އިރު، ޗެކު ރިޕަބްލިކަށް އޮތީ މޮޅުވެ ގަދަ 16 ޔަގީން ކުރުން. ކްރޮއޭޝިއާއަށް ގްރޫޕްގެ ގަދަ ދެ ޓީމު ތެރޭގައި ހިމެނުމަށް ތިން ޕޮއިންޓް ވަރަށް މުހިއްމު ވާނެ.
މެޗު ކުޅެވޭނީ ސްކޮޓްލޭންޑްގެ ގްލަސްގޯގެ ހެމްޕްޑެން ޕާކުގައި. މިހާތަނަށް ވާދަވެރި މެޗުތަކުގައި ކްރޮއޭޝިއާ އާއި ޗެކު ރިޕަބްލިކް ކުޅެފައި ވަނީ ތިން މެޗު. އޭގެ ތެރެއިން ދެ މެޗު ހަމަހަމަ ނަތީޖާއަކާއެކު ނިމިފައިވާ އިރު، އަނެއް މެޗުން މޮޅުވީ ކްރޮއޭޝިއާ.