މެޗުގެ ފުރިހަމަ ވަގުތުގެ ކުޅުން ނިންމާލައިފި. މެޗު ނިމިގެންދިޔައީ 2-0ގެ ނަތީޖާއަކުން ނެދަލެންޑްސް ކުރީގައި އޮވެގެން.
'84 - އޮސްޓްރިއާއަށް އިތުރު ފުރުސަތެއް. ކަލާޒިޗް ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން އޮނިސިވޯ ބޮލުން ފޮނުވާލި ހަމަލާ އަމާޒުވީ ނެދަލެންޑްސްގެ ކީޕަރު ސްޓެކެލެންބާގްއާ ދިމާއަށް. މި ހަމަލާއަކީ މެޗުގައި ގޯލާ އަމާޒުކޮށް އޮސްޓްރިއާއަށް ފޮނުވައިލެވުނު ފުރަތަމަ ހަމަލާ.
'81 - އޮސްޓްރިއާއަށް ފުރުސަތެއް. ޕެނަލްޓީ އޭރިއާ ބޭރުން އަލާބާ ފޮނުވާލި ހަމަލާ ދިޔައީ ނެދަލެންޑްސް ގޯލުގެ އަރިމަތީ ދަނޑި ކައިރިން ބޭރަށް.
'67 - ނެދަލެންޑްސް އިން ލީޑު ފުޅާކޮށްފި. މާލެން ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރޭ ވަރަށް ހުސްކޮށް ހުރެ ފޮނުވާލި ހަމަލާއަކުން ނެދަލެންޑްސްއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ ޑަމްފްރީސް. އޭނާ ވަނީ ޔޫކްރޭނާ ދެކޮޅަށް ކުޅުނު މެޗުގައި ވެސް ނެދަލެންޑްސް އިން ތިން ޕޮއިންޓް ކަށަވަރުކުރި ލަނޑު ޖަހައިދީފައި.
'61 - ނެދަލެންޑްސްއަށް ރަނގަޅު ދެ ފުރުސަތެއް. ކޯނަރުން ވެގްހޯސްޓް ޖައްސާލި ބޯޅައިން ޕެނަލްޓީ އޭރިއާ ތެރެއިން ޑި ވްރައި ފޮނުވާލި ހަމަލާ އޮސްޓްރިއާގެ ކީޕަރު ބެޗްމަން މަތަކުރި އިރު، ރީބައުންސް ބޯޅައިން ޑި ލީގްޓް ފޮނުވާލި ހަމަލާ ވަނީ ބްލޮކްވެފައި.
މި ހާފުގައި ވެސް ނެދަލެންޑްސްގެ އެޓޭކް ފެންނަނީ ވަރަށް ނުރައްކާކޮށް.
'49 - ނެދަލެންޑްސްގެ ހަމަލާއެއް. ޕެނަލްޓީ އޭރިއާ ބޭރުން ވައިނާލްޑަމް ފޮނުވާލި ބާރު ހަމަލާ ވަނީ ބްލޮކްވެފައި.
މެޗުގެ ދެވަނަ ހާފުގެ ކުޅުން ފަށައިފި.
މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިންމާލައިފި. ހާފު ނިމިގެންދިޔައީ 1-0ގެ ނަތީޖާއަކުން ނެދަލެންޑްސް ކުރީގައި އޮވެގެން.
'40 - ނެދަލެންޑްސްއަށް ހުސް ފުރުސަތެއް. ވެގްހޯސްޓް ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރޭ ވަރަށް ހުސްކޮށް ހުރެ، ޑިޕާއީ ފޮނުވާލި ހަމަލާ ދިޔައީ އޮސްޓްރިއާ ގޯލުގެ ހުރަސް ދަނޑިމަތިން ބޭރަށް.
'35 - އޮސްޓްރިއާގެ ހަމަލާއެއް. ހިންޓެރޭގާ ދުރުން ފޮނުވާލި ބާރު ހަމަލާ ދިޔައީ ނެދަލެންޑްސް ގޯލުގެ ހުރަސް ދަނޑި މަތިން ބޭރަށް.
'28 - އޮސްޓްރިއާގެ ފުރަތަމަ ފުރުސަތު. ޕެނަލްޓީ އޭރިއާ ތެރެއިން ބައުމްގާޓްނާ ފޮނުވާލި ހަމަލާ، ނެދަލެންޑްސްގެ ޑިފެންޑަރު ޑި ލީގްޓް ވަނީ ބްލޮކްކޮށްފައި.
'24 - ނެދަލެންޑްސްއަށް ފުރުސަތެއް. އޮސްޓްރިއާގެ ކެޕްޓަން އަލާބާއަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި، ޕެނަލްޓީ އޭރިއާ ތެރެއަށް ވަނުމަށްފަހު ޑިޕާއީ ފޮނުވާލި ހަމަލާ، ގޯލާ އަމާޒުވެފައެއް ނުވޭ.
މެޗުގެ 20 މިނެޓުގެ ކުޅުން ނިމުނު އިރުވެސް އޮސްޓްރިއާއަށް އަދި ލަނޑުޖަހާނެ ރަނގަޅު ފުރުސަތެއް ތަނަވަސްކުރެވިފައެއް ނުވޭ. ނެދަލެންޑްސް އިން ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅުނު ނަމަވެސް، ފުރުސަތުތައް މަދު.
11' ޕެނަލްޓީ ކާމިޔާބުކޮށް، ނެދަލެންޑްސް އިން ލީޑު ހޯދައިފި. ޕެނަލްޓީ ކާމިޔާބުކޮށްދިނީ މެމްފިސް ޑިޕާއީ.
'9 - ނެދަލެންޑްސްއަށް ޕެނަލްޓީއެއް. ނެދަލެންޑްސްއަށް ރެފްރީ އެ ޕެނަލްޓީ ދީފައިވަނީ ވީއޭއާރްއަށް ބެލުމަށްފަހު. ޕެނަލްޓީ ލިބުނީ އޮސްޓްރިއާގެ ޕެނަލްޓީ އޭރިއާ ތެރެއިން ޑަމްފްރީސްއަށް އަލާބާ ކުރި ފައުލަކާ ގުޅިގެން.
މެޗުގެ ފުރަތަމަ ފަސް މިނެޓުގެ ކުޅުން ނިމުނު އިރު، ނުރައްކާ އެޓޭކެއްގެ ގޮތުގައި ފެނިގެންދަނީ ނެދަލެންޑްސްގެ އެޓޭކު. ނަމަވެސް ދެ ޓީމަށް ވެސް ލަނޑުޖަހާނެ ރަނގަޅު ފުރުސަތެއް ލިބިފައެއް ނުވޭ.
މެޗުގެ ކުޅުން ފަށައިފި. ކިކްއޯފް ކުރީ އޮސްޓްރިއާ އިން.
ޔޫރޯ 2020 ގެ ގްރޫޕް ސީގައި ނެދަލޭންޑްސްއާއި އޮސްޓްރިއާ ވާދަކުރާ މެޗުގެ ލައިވް ބްލޮގަށް "ވަން"ގެ ކިޔުންތެރިންނަށް މަރުހަބާ!
ދެޓީމުވެސް ވަނީ ގްރޫޕް ސްޓޭޖުގައި ފުރަތަމަ ކުޅުނު މެޗުން މޮޅުވެފައި. އޮސްޓްރިއާއިން މޮޅަކާއެކު މުބާރާތް ފެށި މެޗުގައި ނޯތު މެސަޑޯނިއާ ބަލިކުރީ 3-1 ގެ ނަތީޖާއަކުން. ނެދަލޭންޑްސްއިން ފުރަތަމަ މެޗުގައި ޔޫކްރެއިން ބަލިކުރީ 3-2 އިން.
ދެޓީމުގެ ކުރިމަތިލުންތަކުގައި ތާރީހު އޮތީ ނެދަލޭންޑްސް އަތުގައި. އޮސްޓްރިއާއިން އެންމެފަހުން ނެދަލޭންޑްސް ބަލިކުރީ 31 އަހަރު ކުރިން. ވިއޭނާގައި ކުޅުނު އެ މެޗު ނިމުނީ 3-2 ގެ ނަތީޖާއަކުން. އޭގެ ފަހުން ދެ ޓީމު ކުޅުނު ހަ މެޗުންވެސް މޮޅުވީ ނެދަލޭންޑްސް.
މިރޭގެ މެޗަށް ނެދަލޭންޑްސްގެ ހޯމް، ޔޯހަން ކްރައިފް އެރީނާގައި އޮސްޓްރިއާ ނުކުންނަ އިރު، އެޓީމުގެ ވަރުގަދަ ފޯވަޑް އަރްނޯޓޮވިޗް ހުރީ ސަސްޕެންޝަނުގައި. އެންމެފަހުން ކުޅުނު މެޗުގައި ޖެހި ގޯލަށްފަހު އުފާފާޅުކުރަމުގެ ތެރޭގައި އަލްބޭނިއާ ނަސްލަށް ނިސްބަތްވާ މެސަޑޯނިއާގެ ދެ ކުޅުންތެރިޔަކަށް ބޭއަދަބީ ބަހުން ވާހަކަ ދައްކައިގެން ޔޫއެފާއިން ވަނީ އަރްނޯޓޮވިޗް އެއް މެޗަށް ސަސްޕެންޑް ކޮށްފައި.