ޔޫރޯ 2020 ގެ ގްރޫޕް ސީގައި މިއަދު ކުޅުނު މެޗުގައި ޔޫކްރެއިނުން ނޯތު މެސަޑޯނިއާ ބަލިކޮށްފިއެވެ.
ބުޗަރެސްޓްގެ ނޭޝަނަލް އެރީނާގައި ކުޅުނު މެޗު ޔޫކްރެއިންއިން ކާމިޔާބުކުރީ 2-1 ގެ ނަތީޖާއަކުންނެވެ. މެޗުގައި ހަމަލާތައް ގިނަކޮށް ފެނުނުއިރު، ދެޓީމަށްވެސް ވަނީ ޕެނެލްޓީއެއް ލިބިފައެވެ. ނޯތު މެސަޑޯނިއާއިން ޕެނެލްޓީގެ އެހީގައި ގޯލު ޖެހި ނަމަވެސް ޔޫކްރެއިންގެ ޕެނެލްޓީ ވަނީ ނާކާމިޔާބު ވެފައެވެ.
މެޗަށް ނުކުތްއިރު، ދެޓީމުވެސް އޮތީ ގްރޫޕް ސްޓޭޖުގައި ކުޅުނު ފުރަތަމަ މެޗުން ބަލިވެފައެވެ. ގަދަ 16 އަށް ދިއުމުގެ އުންމީދު ދެމެހެއްޓުމަށް ދެޓީމަށްވެސް މެޗުން ތިން ޕޮއިންޓް މުހިއްމުވެފައި އޮތްއިރު، ފެވަރިޓުންގެ ގޮތުގައި އޮތީ ޔޫކްރެއިނެވެ.
ތާރީހުވެސް އޮތީ ޔޫކްރެއިން ކޮޅުގައެވެ. މި ދެޓީމު ވާދަވެރި މުބާރާތްތަކުގައި މިހާތަނަށް ދެފަހަރަށް ކުޅެފައިވާ އިރު، ޔޫކްރެއިން ވަނީ ދެމެޗުވެސް ކާމިޔާބު ކޮށްފައެވެ. މިއީ ނޯތު މެސަޑޯނިއާގެ ތާރީހުގައި އެންމެ ފުރަތަމަ ބޮޑު މުބާރާތެވެ. ތާރީހީ މި މުބާރާތުގެ ގަދަ 16 ވެގެންދާނީ އެޓީމަށް ބޮޑު ބޯނަހަކަށެވެ. ފުރަތަމަ މެޗުގައި އޮސްޓްރިއާ ކައިރީ ހިތްވަރު ކުރި ނަމަވެސް ނިންމާލަން ޖެހުނީ 3-1 ގެ ބައްޔަކުންނެވެ.
މެޗުގެ ފުރަތަމަ ހާފް އަންދްރޭ ޝެވްޗެންކޯގެ ޔޫކްރެއިން ޓީމުން ޑޮމިނޭޓް ކުރިއެވެ. ކުރިއަށް ޖެހި ގިނަ އެޓޭކްތަކެއް މެޗުގެ ކުރީކޮޅުގައި އުފެއްދިއެވެ. އެ ހަމަލާތަކުގެ މޭސްތެރިންނަކީ ފޯމުގައި ތިބި ޔޫކްރެއިންގެ ދެ ފޯވަޑުންނެވެ. އަންދްރޭ ޔާމަލެންކޯއާއި ރޯމަން ޔަރެމްޗުކްގެ ހަމަލާތައް ކުރީކޮޅުގައިވެސް ފާހަގަވެގެން ދިޔައެވެ.
ފުރަތަމަ ހާފުގައި ނޯތު މެސަޑޯނިއާއަށް ހަމަލާ އުފައްދަން އުނދަގޫތަކާ ކުރިމަތިވެ ހާފުގެ ފަހުކޮޅަށް ދިޔައިރު އެޓީމުގެ ޑިފެންސަށް ވަނީ ޕްރެޝަރުވެފައެވެ. ޕެނަލްޓީ އޭރިއާ ބޭރުން މަލިނޯވްސްކީ ފޮނުވާލި ހަމަލާއާއި ޔާމަލެންކޯގެ ހަމަލާއެއްވެސް ނޯތު މެސަޑޯނިއާގެ ކީޕަރު ޑިމިޓްރިއެވްސްކީ މަތަކޮށްފައިވާ އިރު، ޔޫކްރެއިން ވަނީ ފުލުފުލުގައި ދެ ގޯލު ޖަހައި ނޯތު މެސަޑޯނިއޯ މާޔޫސް ކޮށްލައިފައެވެ.
ފުރަތަމަ ގޯލް ކޯނަރަކުން ހުރަސްވި ބޯޅަ ގޯލަށް ވައްދާލީ ޔާމަލެންކޯއެވެ. ޕެނަލްޓީ އޭރިއާ ތެރެއަށް ހުރަސް ވެގެން އައި ބޯޅަ، ޔޫކްރެއިންގެ ކަރަވައޭވް "ފްލިކް" ކޮށްލުމުން ލިބުނީ އަރިމަތިން އެރި ޔާމަލެންކޯއަށެވެ. އޭނާ ފަސޭހަކަމާއެކު ބޯޅަ ވައްދާލީ ތިރިތިރީންނެވެ. އޭގެ ފަސްވަރަކަށް މިނެޓް ފަހުން ޔޫކްރެއިނުން ލީޑު ފުޅާކުރިއެވެ. ޔާމަލެންކޯގެ ބޯޅައަކަށް ކުރިއަށް އަރައި ގޯލަށް ބޯޅަ ވައްދާލީ ޔަރެމްޗުކެވެ.
މެޗުގައި ޔާމަލެންކޯ ޖެހި ގޯލަކީ ގައުމީ ޖާޒީގައި އޭނާ ޖެހި 42 ވަނަ ގޯލެވެ. އެ ގޯލާއެކު ގައުމީ ޓީމަށް އެންމެ ގިނަ ގޯލު ޖަހާފައިވާ ޓީމުގެ ކޯޗު ޝެވްޗެންކޯގެ ރެކޯޑާ ހަމަކުރަން ޔާމަލެންކޯއަށް ބޭނުންވަނީ އެންމެ ހަ ގޯލެވެ.
ފުރަތަމަ ހާފަކީ ޔޫކްރެއިނަށް ފަސޭހަ ހާފެއް ނަމަވެސް ދެވަނަ ހާފުގައި މެސަޑޯނިއާއިން އޮއިވަރު ބަދަލުކޮށްލިއެވެ. އެޓީމުން ކޮންޓްރޯލް ނަގައި ހަމަލާތައް އުފައްދަން ފެށިއެވެ. ހާފުގެ ކުރީކޮޅުގައި ޕަންޑޭވް ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން އަޑެމީ ފޮނުވާލި ހަމަލާ، ޔޫކްރޭންގެ ކީޕަރު ބުޝްޗާން މަތަކޮށް ބޭރުކޮށްލާފައިވެއެވެ. އަދި ޕަންޑޭވް ކުރިއަށް ޖެހި ބޯޅައެއް ޔޫކްރެއިން ގޯލަށްވެސް ވައްދާލިއެވެ. އެހެން ނަމަވެސް ރެފްރީ ނިންމީ ބޯޅައަށް މަސައްކަތް ކުރިއިރު ޕަންޑޭވް ހުރީ އޮފްސައިޑުގައި ކަމަށެވެ.
މެޗުގެ 55 ވަނަ މިނެޓުގައި ނޯތު މެސަޑޯނިއާއަށް ލިބުނު ޕެނެލްޓީގައި އެޓީމު ފަރަގު ކުޑަކުރިއެވެ. ޕަންޑޭވްއަށް ކަރަވައޭވް ކުރި ފައުލާ ގުޅިގެން ނޯތު މެސަޑޯނިއާއަށް ލިބުނު ޕެނެލްޓީގައި ލީޑްސް ޔުނައިޓެޑްގެ އަލިއޯސްކީ ފުރަތަމަ ފޮނުވާލި ބޯޅަ ބުޝްޗާން މަތަކުރި ނަމަވެސް، އޭނާ ވަނީ ރީބައުންސް ބޯޅަ ގޯލުގެ ތެރެއަށް ފޮނުވާލައިފައެވެ.
އެ ގޯލާއެކު ނޯތު މެސަޑޯނިއާއަށް އުންމީދު އާވެ މޮޅަކަށް މަސައްކަތް ކުރަން ފެށިއެވެ. ކުޅުން ރަނގަޅުކޮށް ބޮޑު މުބާރާތެއްގެ ފުރަތަމަ ޕޮއިންޓަށް އެޓީމު ވަނީ ބުރަކޮށް މަސައްކަތް ކޮށްފައެވެ.
ނޯތު މެސަޑޯނިއާގެ މަސައްކަތަށް ނާއުންމީދު ކުރިމަތިވީ ވީއޭއާރްގެ އެހީގައި 80 ވަނަ މިނެޓުގައި ޔޫކްރެއިންއަށް ރެފްރީ ދިން ޕެނެލްޓީންނެވެ. ވީއޭއާރް މޮނީޓަރު ކައިރިއަށް ގޮސް ރެފްރީ ބެލިބެލުމުން ފެނުނީ އޭރިއާ ތެރެއިން މެސަޑޯނިއާގެ އަލިއޯސްކީ އަތުން ބޯޅަ ޖެއްސިތަނެވެ. އެ ފައުލްއަށް ލިބުނު ޕެނެލްޓީގައި މެލިނޯވްސްކީ ފޮނުވާލި ޕެނެލްޓީ ނޯތު މެސަޑޯނިއާގެ ގޯލްކީޕަރު ޑިމިޓްރިއޭވްސްކީ ވަނީ ހުޝިޔާރުކަމާއެކު މަތަކޮށްފައެވެ. ނޯތު މެސަޑޯނިއާއަށް އަނެއްކާވެސް އާ ހިތްވަރެއް ލިބުނެވެ. ކުރިއަށް ޖެހި ކުޅުނު ނަމަވެސް މެޗު ނިންމާލަން ޖެހުނީ ހުސް އަތާއެވެ.
ނަތީޖާއާއެކު ޔޫކްރެއިން އޮތީ ތިންވަނައިގައެވެ. އެޓީމަށް ދެ މެޗުން ތިން ޕޮއިންޓް ލިބިފައި އޮތް އިރު، އެއް މެޗު ކުޅެފައިވާ ނެދަލެންޑްސް ވެސް ދެވަނައިގައި އޮތީ ތިން ޕޮއިންޓާއެކުއެވެ. އެއްވަނައިގައި ފައިދާ ގޯލުގެ ތަފާތުން އޮސްޓްރިއާ އޮތް އިރު، މިރޭ މެންދަމު އޮންނަ މެޗުގައި އެޓީމު ކުރިމަތިލާނެއެވެ. ޕޮއިންޓެއް ނުލިބި އޮތް ނޯތު މެސަޑޯނިއާއަށް ދެން ގަދަ 16 އަށް އޮތީ އުނދަގޫ އަދި ވަރަށް ހަނި ފުރުސަތެކެވެ.
21:00 ބެލްޖިއަމް - ޑެންމާކު
00:00 ނެދަލޭންޑްސް - އޮސްޓްރިއާ