ޔޫރޯ 2020

ޝެވްޗެންކޯ: ޗެމްޕިއަނެއް، ސިޔާސީ މައިދާނުގައި "ޗޮކުން"، މިހާރު ކޯޗު!

އަންދްރޭ ޝެވްޗެންކޯއަކީ ޔޫކްރެއިންގައި އުފެދުނު އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔާއެވެ. ގޯލް ޖެހުމުގައި ތަފާތު ދެއްކި ދުނިޔޭގެ އެންމެ މަތީ ފަންތިއަށް ވާސިލުވި މޮޅު ފޯވަޑެކެވެ. އޭސީ މިލާނާއެކު ޗެމްޕިއަންސް ލީގު އުފުލާލައި ޝެވްޗެންކޯ ވަނީ 2004 ވަނަ އަހަރު ބެލޮންޑިއޯ ވެސް ހޯދައިފައެވެ. 1999 ވަނަ އަހަރުވެސް ޔޫއެފާ އެންމެ މޮޅު ފޯވަޑްގެ މަގާމު ހޯދި ޝެވްޗެންކޯގެ ޕްރޮފެޝަނަލް ކެރިއަރު ތަފްސީލުކޮށް ކިޔައިދޭކަށް ނުވެސް ޖެހޭނެއެވެ. ފުޓުބޯޅައިގައި އޭނާގެ ހުނަރު ނުދަންނަ މީހަކުވެސް މަދުވާނެއެވެ. ދޭތެރެއަކުން ސިޔާސީ ދާއިރާއިން ފެނުނު ނަމަވެސް މިހާރު ޝެވްޗެންކޯ އަނެއްކާވެސް ހުރީ ފުޓުބޯޅައިގައެވެ. ޒުވާން ޖީލެއް ލީޑު ކުރުމުގެ ހުންގާނުގައެވެ.

ކެރިއަރުގައި ޑައިނަމޯ ކިއޭވްއާއި ޗެލްސީ އަދި އޭސީ މިލާނަށް ގާތްގަނޑަކަށް 500 މެޗު ކުޅެދީފައިވާ އިރު، ޝެވްޗެންކޯ ވަނީ 235 ގޯލް ކާމިޔާބުކޮށްފައެވެ. އޭގެ ތެރެއިން 127 ގޯލް ޖަހާފައިވަނީ އޭނާ އޭސީ މިލާނުގައި ހޭދަކުރި ކާމިޔާބު ދުވަސްތަކުގައެވެ. އެއީ ކްލަބުގެ ރެކޯޑެވެ. ގައުމީ ޓީމަށްވެސް ޝެވްޗެންކޯ ވަނީ 111 މެޗުން 48 ގޯލް ޖަހައިދީފައެވެ. އޭނާއަކީ ގައުމީ ޓީމަށް އެންމެ ގިނަ ގޯލް ޖަހައިދީފައިވާ ކުޅުންތެރިޔާވެސް މެއެވެ. ޔޫކްރޭނުން ވާދަކުރި ހަމައެކަނި ވޯލްޑް ކަޕުގައި ކުއާޓާއާ ހަމައަށް ޓީމު ގެންގޮސްދިނުމުގައި އެންމެ އިސް ދައުރެއް އަދާކުރި ކުޅުންތެރިޔަކީ ޝެވްޗެންކޯއެވެ. ވޯލްޑް ކަޕް 2006ގައި ޔޫކްރޭނުގެ ކެޕްޓަން ޝެވްޗެންކޯ ވަނީ ދެ ގޯލު ޖަހައިފައެވެ. އޭނާ ކުޅުން ހުއްޓާލީ 19 އަހަރުގެ ކެރިއަރަކަށް ފަހު 2012 ވަނަ އަހަރުއެވެ.

ކާމިޔާބު ފުޓުބޯޅަ ކެރިއަރާއެކު ޝެވްޗެންކޯ ވީ އެގައުމުގެ އެންމެ މަގުބޫލު މޫނަށެވެ. މަގުބޫލުކަމުގެ އެންމެ ބޭނުންތެރި ދާއިރާތަކަށް އޭނާ މިސްރާބުވެސް ބަދަލު ކޮށްލިއެވެ. 2021 ވަނަ އަހަރު އޭނާ އިއުލާންކުރީ ސިޔާސީ ދާއިރާއަށް ބަދަލުވާނެ ކަމަށެވެ. ފުޓުބޯޅައިގެ ތެރޭގައި އުޅުނުއިރުވެސް ޔޫކްރެއިންގެ ސިޔާސީ ކަންކަމުގައި ފާޅުގައި ބަސް ބުނަމުންދިޔަ ޝެވްޗެންކޯ، 2012 ވަނަ އަހަރު ސިޔާސީ ދާއިރާއަށް ނުކުމެ "ޔޫކްރެއިން ފޯވަޑް" ނަމަކަށް ކިޔާ ޕާޓީގެ އެންމެ އިސް ސަފުން ފެނިލިއެވެ. އޭރު ޕާޓީގެ ނައިބު ލީޑަރު ކަމުގައި ހުރީ އޭނާއެވެ. އެ ޕާޓީން މަޖިލީހުގެ ގޮނޑިތަކަށް ވާދަކުރި މީހުންގެ ތެރޭގައި ޝެވްޗެންކޯ ހިމެނެއެވެ. އޭނާއާއި ޕާޓީއަށްވެސް ގޮނިޑއެއް ނުހޯދި، ސިޔާސީ ކެރިއަރު ނިންމާލަން ޖެހުނީއެވެ.

ސިޔާސީ ދާއިރާއިން "ޗޮކުން" ދިޔަ ނަމަވެސް ޝެވްޗެންކޯއަށް ކުރަން އެނގޭނެ ކަމެއް އޮތެވެ. އެއީ ފުޓުބޯޅައެވެ. 2016 ވަނަ އަހަރުގެ ޔޫރޯގެ ގްރޫޕް ސްޓޭޖުން ޔޫކްރެއިން ވަކިވި ހިސާބުން ގައުމީ ޓީމާ ހަވާލުވީ ޝެވްޗެންކޯއެވެ. އެއީ އޭނާގެ ފުރަތަމަ ކޯޗިން ތަޖުރިބާވެސް މެއެވެ. ފުޓުބޯޅަ ޝެވްޗެންކޯއަށް އާ ނުވާނެކަން ޔޫރޯ 2020ގެ ކާމިޔާބު ކޮލިފިކޭޝަނުން އޭނާ ދައްކާލިއެވެ. 2019 ވަނަ އަހަރު ކުޅުނު ކޮލިފިކޭޝަން އެއްވެސް މެޗަކުން ޝެވްޗެންކޯއާއެކު ޔޫކްރެއިން ބަލިނުވެ ހިފަހައްޓައިލިއެވެ. އެ ކެމްޕޭނުގައި އެންމެފަހުގެ ޔޫރޯ ޗެމްޕިއަން ޕޯޗުގަލްވެސް ބަލިކުރިއެވެ. ޒުވާން ހުނަރުވެރި ކުޅުންތެރިންނަށް ސެވްޗެންކޯ ވެގެންދަނީ ހިތްވަރަކަށެވެ. އޭނާގެ ލެޖެންޑަރީ ސްޓެޓަސްގެ ސަބަބުންނެވެ.

ނޭޝަންސް ލީގު އެންމެ ކާމިޔާބު ނޫން ނަމަވެސް މިއަހަރުގެ ޔޫރޯއަށް ޔޫކްރެއިން އައީވެސް އުންމީދުތަކާއެކުގައެވެ. މިއަހަރު މާޗުމަހު ދުނިޔޭގެ ޗެމްޕިއަނުންނާ ދެކޮޅަށް ކުޅުނު ވޯލްޑް ކަޕް ކޮލިފިކޭޝަން މެޗެއްގައި، އެގައުމުގައި ޔޫކްރެއިންއިން އެއްވަރު ކޮށްފައިވާ އިރު، އެއީ ޔޫރޯއަށް އައިއިރު ޓީމަށް ފޯކަސް އަމާޒުވި އެއް ސަބަބެވެ. ފުރަތަމަ މެޗުގައި ޝެވްޗެންކޯއާއެކު އޮތް ޔޫކްރެއިންއަށް ނަތީޖާ ގޯހެއް ނޫނެވެ. ނެދަލޭންޑްސް އަތުން ބަލިވީ 3-2 އިންނެވެ. ޔޫކްރެއިންއިން ފެންނަނީ ހިތްވަރުގަދަ، ޑިސިޕްލިން ޓީމެއްގެ ގޮތުގައެވެ. މިއަދުގެ މެޗުގައި ނޯތު މެސަޑޯނިއާ ބަލިކޮށް އުންމީދު ދަމަހައްޓަން ޝެވްޗެންކޯގެ ޓީމަށް ކޮންމެހެން މުހިއްމެވެ.

ޔޫކްރެއިނާއި ނޯތު މެސަޑޯނިއޯ ކުޅޭ މެޗު އޮންނާނީ މިއަދު 18:00 ގައެވެ.