މެޗުގެ ފުރިހަމަ ވަގުތުގެ ކުޅުން ނިންމާލައިފި. މެޗު ނިމިގެންދިޔައީ 3-0ގެ ނަތީޖާއަކުން އިޓަލީ ކުރީގައި އޮވެގެން.
މެޗުގެ ދެވަނަ ހާފުގެ އިތުރު ވަގުތުގެ ގޮތުގައި ތިން މިނެޓުގެ ކުޅުން ދައްކައިފި.
'89 - އިޓަލީން ތިން ލަނޑުގެ ލީޑެއް ހޯދައިފި. އިޓަލީއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ ސިރޯ އިމޯބިލޭ. ޕެނަލްޓީ އޭރިއާ ބޭރުން އިމޯބިލޭ ފޮނުވާލި ބާރު ހަމަލާ އަމާޒުވީ ސްވިޒަލެންޑް ގޯލުގެ ތިރީ ކަނަށް. އިމޯބިލޭ ވަނީ ގްރޫޕު ސްޓޭޖުގައި އިޓަލީން ކުޅުނު ފުރަތަމަ މެޗުގައި ވެސް ލަނޑެއް ކާމިޔާބުކޮށްފައި.
'75 - އިޓަލީއަށް އިތުރު ފުރުސަތެއް. ކިއޭސާ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން އިމޯބިލޭ މިފަހަރު ފޮނުވާލި ހަމަލާވެސް ސްވިޒަލެންޑް ގޯލާ އަމާޒެއް ނުވި.
'72 - އިޓަލީއަށް ފުރުސަތެއް. ބޮނޫޗީ ދިން ބޯޅައެއް ހިފައިގެން ޕެނަލްޓީ އޭރިއާ ތެރެއަށް ވަނުމަށްފަހު އިމޯބިލޭ ފޮނުވާލި ހަމަލާ ސްވިޒަލެންޑްގެ ގޯލާ އަމާޒެއް ނުވި.
'65 - އިޓަލީގެ ހަމަލާއެއް. ޕެނަލްޓީ އޭރިއާ ތެރެއަށް ވަނުމަށްފަހު ބެރާޑީ ފޮނުވާލި ހަމަލާ ދިޔައީ ސްވިޒަލެންޑް ގޯލުގެ ހުރަސް ދަނޑި މަތިން ބޭރަށް.
'64 - އިޓަލީ ކީޕަރު ޑޮނަރުއްމާގެ މުހިއްމު ދެ ސޭވްއެއް. ޕެނަލްޓީ އޭރިއާ ތެރެއިން ޒޫބާ ފޮނުވާލި ހަމަލާ ކީޕަރު ޑޮނަރުއްމާ މަތަކުރުމާއެކު ލިބުނު ރީބައުންސް ބޯޅައިން ޒޫބާ ފޮނުވާލި ދެވަނަ ހަމަލާވެސް ޑޮނަރުއްމާ ވަނީ މަތަކޮށްފައި.
'52 - އިޓަލީން ލީޑު ފުޅާކޮށްފި. ބަރެއްލާ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ބޭރުން ފޮނުވާލި ބާރު ހަމަލާއަކުން އިޓަލީއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އެޓީމުގެ ފުރަތަމަ ލަނޑުވެސް ކާމިޔާބުކޮށްދިން ލޮކަޓެލީ. އޭނާގެ ހަމަލާ އަމާޒުވީ ސްވިޒަލެންޑް ގޯލުގެ ތިރީ ކަނަކަށް.
ސްވިޒަލެންޑުން ޕްރެސްކޮށްގެން ކުޅެމުންދާތީ އިޓަލީއަށް ދަނީ އުނދަގޫތަކަކާ ކުރިމަތިވަމުން.
މެޗުގެ ދެވަނަ ހާފުގެ ކުޅުން ފަށައިފި.
މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިންމާލައިފި. ހާފު ނިމިގެންދިޔައީ 1-0ގެ ނަތީޖާއަކުން އިޓަލީ ކުރީގައި އޮވެގެން.
'37 - އިޓަލީއަށް އިތުރު ފުރުސަތެއް. އިންސީނިއޭ ދިން ބޯޅައެއް ހިފައިގެން ޕެނަލްޓީ އޭރިއާ ތެރެއަށް ވަނުމަށްފަހު ސްޕިނަޒޯލާ ފޮނުވާލި ހަމަލާ، ސްވިޒަލެންޑްގެ ގޯލާ އަމާޒެއް ނުވި. އޭނާ ފޮނުވާލި ހަމަލާގައި ވެސް ބާރެއް ނެތް.
'33 - އިޓަލީއަށް ފުރުސަތެއް. ޕެނަލްޓީ އޭރިއާ ތެރެއިން އިމޯބިލޭ ފޮނުވާލި ހަމަލާ، ސްވިޒަލެންޑްގެ ކީޕަރު ސޮމާ މަތަކުރުމާއެކު ލިބުނު ރީބައުންސް ބޯޅައިން ގޯލުގެ މަތީ ކަނަކަށް އަމާޒުކޮށް އިންސީނިއާ ފޮނުވާލި ހަމަލާ ސްވިޒަލެންޑްގެ ޑިފެންޑަރު އަކާންޖީ ވަނީ ދިފާއުކޮށްފައި.
'26 - އިޓަލީން ލީޑު ހޯދައިފި. ބެރާޑީ ދިން ބޯޅައަކުން ސްވިޒަލެންޑްގެ ޕެނަލްޓީ އޭރިއާ ތެރެއިން ފޮނުވާލި ހަމަލާއަކުން އިޓަލީއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ ލޮކަޓެލީ. ޕެނަލްޓީ އޭރިއާ ތެރެއިން ބޯޅަ ލިބުނު އިރު، އޭނާ ހުރީ ވަރަށް ހުސްކޮށް.
'24 - އަނިޔާއަކާ ގުޅިގެން އިޓަލީގެ ކެޕްޓަން ކިއެލީނީ ބަދަލުކޮށްފި. އޭނާގެ ބަދަލުގައި ކުޅެން ނުކުތީ އަޗާބީ. މިހާރު އިޓަލީގެ ކެޕްޓަން ބޭންޑް އަޅައިގެން ކުޅެނީ ލިއޮނާޑޯ ބޮނޫޗީ.
'19 - އިންސީނިއޭ ނަގައިދިން ކޯނަރަކުން އިޓަލީ ކެޕްޓަން ކިއޭލީނީ، ސްވިޒަލެންޑްގެ ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލި ނަމަވެސް، ވީއޭއާރުން އޭނާގެ އަތުގައި ބޯޅަ ޖެހުނު ކަމަށް ދެއްކުމުން ރެފްރީ ނިންމީ ގޯލެއް ނޫން ކަމަށް.
'16 - ޕެނަލްޓީ އޭރިއާ ބޭރުން އިންސީނިއޭ ފޮނުވާލި ހަމަލާ، ސްވިޒަލެންޑްގެ ގޯލާ އަމާޒުނުވެ ބޭރަށް.
'10 - އިޓަލީއަށް ފުރުސަތެއް. އަރިމަތިން ސްޕިނަޒޯލާ ނަގައިދިން ހުރަހަކުން ޕެނަލްޓީ އޭރިއާ ތެރެއިން ސިރޯ އިމޯބިލޭ ބޮލުން ފޮނުވާލި ހަމަލާ ދިޔައީ ސްވިޒަލެންޑުގެ ގޯލާ އަމާޒުނުވެ، ހުރަސްދަނޑި މަތިން ބޭރަށް.
މެޗުގެ ފުރަތަމަ ފަސް މިނެޓުގައި ދެ ޓީމުގެ ފަރާތުން ވެސް ފެނިގެންދިޔައީ ދާދި ހަމަހަމަ ކުޅުމެއް. ދެ ޓީމަށް ވެސް ލަނޑުޖަހާނެ ރަނގަޅު ފުރުސަތެއް ތަނަވަސްކުރެވިފައެއް ނުވޭ.
މެޗުގެ ކުޅުން ފަށައިފި. ކިކްއޯފް ކުރީ ސްވިޒަލެންޑުން.
ޔޫރޯ 2020 ގްރޫޕް އޭގައި އިޓަލީއާއި ސްވިޒަލޭންޑް ވާދަކުރާ މެޗުގެ ލައިވް ބްލޮގަށް "ވަން" ގެ ކިޔުންތެރިންނަށް މަރުހަބާ!
އިޓަލީއަކީ މިފަހަރުގެ ޔޫރޯ މުބާރާތުގައި އެންމެ ފޯމް ރަނގަޅު އެއް ޓީމު. ގްރޫޕް ސްޓޭޖުގައި ކުޅުނު ފުރަތަމަ މެޗުގައި އެޓީމުން ތުރުކީ ބަލިކުރީ ފަސޭހަ 3-0 ގެ ނަތީޖާއަކުން. އެއީ އިޓަލީން ބަލި ނުވެ ހަމަކުރި 28 ވަނަ މެޗު. ޔޫރޯގައި ކުޅުނު ފުރަތަމަ މެޗާއި އޭގެ ކުރިން ކުޅުނު ނުވަ މެޗުންވެސް އިޓަލީ މޮޅުވެފައި ވަނީ ކޮޅަށް ގޯލެއް ވަނަ ނުދީ ކްލީން ޝީޓާ އެކުގައި. މިއަހަރުގެ ޔުރޯގެ ގްރޫޕް އޭގައި ކުޅުނު ފުރަތަމަ މެޗުގައި ވޭލްސްއާ ދެކޮޅަށް ކުޅެ އެއްވަރުވެފައިވާ ސްވިޒަލޭންޑަށް އިޓަލީ ވާނީ ގްރޫޕް ސްޓޭޖުގެ އެންމެ ބޮޑު ޗެލެންޖަށް.
ވަރުގަދަ އިޓަލީއަށް އޮތް އެންމެ ބޮޑު ހަތިޔާރަކީ ސަޕޯޓަރުން. މިރޭގެ މެޗަށްވެސް އިޓަލީ ނުކުންނާނީ އަމިއްލަ ގައުމު، ރޯމްގެ އޮލިމްޕިކް ސްޓޭޑިއަމްގައި. މިހާތަނަށް ބޮޑު މުބާރާތެއްގައި އިޓަލީން ރޯމްގައި ކުޅުނު އެއްވެސް މެޗަކުން ބަލިވެފައެއް ނުވޭ.
އިޓަލީއާ ސްވިޒަލޭންޑް އެންމެފަހުން ކުޅުނު ވާދަވެރިކަމުގެ މެޗަކީ ޔޫރޯ ކޮލިފިކޭޝަންގައި 2000 ވަނަ އަހަރު ކުޅުނު މެޗު. އެ މެޗު އިޓަލީން ކާމިޔާބުކުރީ 2-0 ގެ ނަތީޖާއަކުން. އެ މެޗުގައި ދެ ގޯލްވެސް ޖެހީ އެލެކްސެންޑްރޯ ޑެލް ޕިއެރޯ. އެންމެފަހުން 2010 ވަނަ އަހަރު ކުޅުނު މެޗު ނިމިގެން ދިޔައީ ދެޓީމު 1-1 އިން އެއްވަރު ވެގެން.