މެޗުގެ ފުރިހަމަ ވަގުތުގެ ކުޅުން ނިންމާލައިފި. މެޗު ނިމިގެންދިޔައީ 1-0ގެ ނަތީޖާއަކުން ރަޝިއާ ކުރީގައި އޮވެގެން.
'90+3 - ރަޝިއާއަށް ހުސް ފުރުސަތެއް. ސޮބޮލޭވް ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރޭ ވަރަށް ހުސްކޮށް ހުރެ ޒެމަލެޓްޑިނޯވް ފޮނުވާލި ހަމަލާ ދިޔައީ ފިންލެންޑް ގޯލުގެ ހުރަސްދަނޑި މަތިން ބޭރަށް.
'89 - ފިންލެންޑަށް ފުރުސަތެއް. ހިލޭ ޖެހުމެއްގެ ތެރެއިން ލިބުނު ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުރެ އަރަޖޫރީ ބޮލުން ފޮނުވާލި ހަމަލާ ދިޔައީ ރަޝިއާ ގޯލުގެ ހުރަސް ދަނޑިމަތިން ބޭރަށް.
'73 - ފިންލެންޑް ކީޕަރު ހްރަޑެޓްސްކީގެ މޮޅު ސޭވްއެއް. ޒޫބާ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން ފިންލެންޑުގެ ގޯލުގެ ތިރީ ކަނަކަށް އަމާޒުކޮށް ކުޒްޔައޭވް ފޮނުވާލި ހަމަލާ، ކީޕަރު ހްރަޑެޓްސްކީ ވަނީ ހުޝިޔާރުކަމާއެކު މަތަކޮށްފައި.
'66 - ރަޝިއާއަށް ރަނގަޅު ފުރުސަތެއް. މިރާންޗުކް ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން ޒެމަލެޓްޑިނޯވް ފޮނުވާލި ހަމަލާ ދިޔައީ ފިންލެންޑް ގޯލުގެ އަރިމަތީ ދަނޑި ކައިރިން ބޭރަށް.
'60 - ފިންލެންޑުގެ އިތުރު ހަމަލާއެއް. ޕެނަލްޓީ އޭރިއާ ތެރެއިން ޕޯޖަންޕާލޯ ފޮނުވާލި ހަމަލާ މިފަހަރުވެސް ބްލޮކްކުރީ ރަޝިއާގެ ޑިފެންޑަރު ޒިކިޔާ.
'58 - ފިންލެންޑްގެ ހަމަލާއެއް. ޕެނަލްޓީ އޭރިއާ ތެރެއަށް ވަނުމަށްފަހު ލޮޑް ފޮނުވާލި ބާރު ހަމަލާ، ރަޝިއާގެ ޑިފެންޑަރު ޒިކިޔާ ވަނީ ބްލޮކްކޮށްފައި.
'53 - ފިންލެންޑް ކެޕްޓަން ޕުއްކިއަށް އިތުރު ފުރުސަތެއް. ރަޝިއާގެ ޑިފެންޑަރެއް ކައިރިން ނައްޓާލުމަށްފަހު ޕެނަލްޓީ އޭރިއާ ތެރެއިން ޕިއްކި ފޮނުވާލި ހަމަލާ، ކީޕަރު ސަފޮނޯވް ވަނީ މަތަކޮށްފައި.
'52 - ރަޝިއާގެ ހަމަލާއެއް. ޕެނަލްޓީ އޭރިއާ ބޭރުން ގޮލޮވިން ފޮނުވާލި ހަމަލާ ދިޔައީ ފިންލެންޑް ގޯލުގެ އަރިމަތީ ދަނޑި ކައިރިން ބޭރަށް.
'49 - ފިންލެންޑަށް ފުރުސަތެއް. ކެޕްޓަން ޕުއްކިއަށް ލިބުނު ބޯޅައަކުން ގޯލު ކުރިމަތިން، ޕެނަލްޓީ އޭރިއާ ބޭރުން ފޮނުވާލި ހަމަލާ، ޓެކަލްކޮށް ރަޝިއާގެ ޑިފެންޑަރު ޑިވީވް ވަނީ ދިފާއުކޮށްފައި.
މެޗުގެ ދެވަނަ ހާފުގެ ކުޅުން ފަށައިފި.
މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިންމައިފި. ހާފު ނިމިގެންދިޔައީ 1-0ގެ ނަތީޖާއަކުން ރަޝިއާ ކުރީގައި އޮވެގެން.
'45+5 - ރަޝިއާއަށް އިތުރު ފުރުސަތެއް. ގޮލޮވިން ނަގައިދިން ހުރަހަކުން ޕެނަލްޓީ އޭރިއާ ތެރެއިން ކެޕްޓަން ޒޫބާ ބޮލުން ފޮނުވާލި ހަމަލާ، ފިންލެންޑުގެ ކީޕަރު ހްރަޑެޓްސްކީ ވަނީ ފަސޭހަކަމާއެކު މަތަކޮށްފައި.
'45+2 - ރަޝިއާ އިން ލީޑު ހޯދައިފި. ޒޫބާ ދިން ބޯޅައަކުން ފިންލެންޑުގެ ޕެނަލްޓީ އޭރިއާ ތެރެއިން ފޮނުވާލި ހަމަލާއަކުން ރަޝިއާއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ މިރަންޗުކް.
36' ރަޝިއާގެ ނުރައްކާތެރި ހަމަލާއެއް. އޭރިއާ ތެރެއިން ތިރިތރީން ހުރަސްވި ބޯޅައެއް ރަޝިއާ ކުޅުންތެރިޔާއަށް ނުލިބި ދިޔައީ ހަމަ ކިރިޔާ. ފިންލޭންޑްގެ ސައިޑްބެކް ކަރަވައޭވްގެ ޑިފެންޑިން ފާހަގަކޮށްލެވުނު.
ފުރަތަމަ ހާފުގައި ބޮޑަށް ފެންނަނީ ރަޝިއާއިން ބޯޅަ ކޮންޓްރޯލްކޮށްގެން ހަމަލާތައް އުފައްދާ މަންޒަރު. އެހެންނަމަވެސް ކައުންޓާގައި ބޮޑަށް ނުރައްކާކޮށް ފެންނަނީ ފިންލޭންޑް. މެޗުގައި ފެންނަނީ ދާދި ހަމަހަމަ ކުޅުމެއް.
30' ޒޫބާއަށް ފުރުސަތެއް. މިފަހަރު އޭނާ ފޮނުވާލި ހަމަލާ ވަނީ ބްލޮކްވެފައި.
27' އަނެއްކާވެސް ފިންލޭންޑްގެ ޕޯޖަންޕާލޯއަށް ފުރުސަތެއް. އޭރިއާ ތެރެއަށް ވަދެ ބޯޅަ ފޮނުވާލަން ފުރުސަތު ލިބުނު ނަމަވެސް ލަސްވުމުން ފުރުސަތު ވަނީ ގެއްލިފައި.
22' ގޮލިވިން އަރިމަތިން ނަގައިދިން ބޯޅައަކުން ޒޫބާއަށް ފުރުސަތެއް. އޭރިއާ ތެރޭގައި ހުރެ ބޯޅަ ގޯލަށް ވައްދާލެވޭ ގޮތެއް ނުވި.
20' ފިންލޭންޑްގެ ޕޯޖަންޕާލޯއަށް ރަނގަޅު ފުރުސަތެއް. ޕުއްކި ދިން ބޯޅައަކަށް އޭރިއާ ތެރެއަށް ވަދެ ގޯލަށް ބޯޅަ ފޮނުވާލި ނަމަވެސް ޑިވޭވް ވަނީ ހަމަލާ ބްލޮކް ކޮށްފައި.
12' ޒޫބާގެ ހަމަލާއެއް ދަނޑީގައި. ނުރައްކާކޮށް ފެނުނު ހަމަލާއެއް ނަމަވެސް ބޯޅައަށް މަސައްކަތް ކުރިއިރު އޭނާ ހުރީ އޮފްސައިޑް މަގާމެއްގައި.
9' ރަޝިއާއަށް ފުރުސަތެއް. އޭރިއާ ތެރޭގައި ހުރި އޮޒްޑޮއޭވްއަށް ގޯލަށް ފޮނުވާލަން ފުރުސަތު ލިބުނު ނަމަވެސް އޭނާ ހަމަލާ ދިޔައީ އަމާޒުނުވެ ބޭރުން.
'5 - ރައިޓަލާ ނަގައިދިން ހުރަހަކުން ފިންލެންޑް ފޯވަޑް ޕޮޖަންޕާލޯ ބޮލުން ގޯލުގެ ތެރެއަށް ރަޝިއާގެ ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލި ނަމަވެސް، ވީއޭއާރުން އޮފްސައިޑް ކަމަށް ދެއްކުމުން ރެފްރީ ވަނީ އެއީ ގޯލެއް ނޫން ކަމަށް ބަލާފައި.
މެޗުގެ ކުޅުން ފަށައިފި.
ޔޫރޯ 2020 ގެ ގްރޫޕް ސްޓޭޖުގެ ދެވަނަ ބުރުގައި ރަޝިއާއި ފިންލޭޑް ކުޅޭ މެޗުގެ ލައިވް ކަވަރޭޖަށް "ވަން" ގެ ކިޔުންތެރިންނަށް މަރުހަބާ!
ގްރޫޕް ސްޓޭޖުގައި ރަޝިއާއިން ބެލްޖިއަމްއާ ދެކޮޅަށް ކުޅުނު މެޗުން އޮތީ ބަލިވެފައި. ފިންލޭންޑް އޮތީ ފުރަތަމަ މެޗުގައި ޑެންމާކު ބަލިކޮށް، ގަދަ 16 އަށް ދިޔުމަށް ބޮޑު އުންމީދެއްގައި. ފިންލޭންޑާއި ރަޝިއާ ވާދަކުރާ މެޗު އޮންނާނީ ރަޝިއާގެ ސެއިންޓް ޕީޓާސްބާގު ސްޓޭޑިއަމްގައި.
ފިންލޭންޑުގެ ބޯޑަރާ 200 ވަރަކަށް ކިލޯމިޓަރު ކައިރީގައި އޮތް ސެއިންޓް ޕީޓާސްބާގުގެ ސްޓޭޑިއަމްގައި މީގެ ކުރިން ފިންލޭންޑް ކުޅެފައެއް ނުވޭ. މީގެ ކުރިން ރަޝިއާއާ ދެކޮޅަށް ފިންލޭންޑް ކުޅުނު އަވޭ މެޗު ކުޅުނީ މޮސްކޯގައި.