ޔޫރޯ 2020

މި ފަހަރުގެ ޔޫރޯއަކީ ޔޫރަޕްގެ ތާރީހީ ސްޓޭޑިއަމްތަކުގެ ޔޫރޯއެއް

މިހާރު ކުރިޔަށް މިދާ ޔޫރޯ ފުޓުބޯޅަ މުބާރާތަކީ މިހާތަނަށް ޔޫރަޕްގެ އެންމެ ގިނަ ސިޓީގައި ހޯސްޓް ކުރާ ޔޫރޯ މުބާރާތެވެ. 2014 ވަނަ އަހަރު ޔޫއެފާއިން އިއިލާން ކުރީ ޔޫރޯ ކުޅޭނީ ޔޫރަޕްގެ 13 ގައުމެއްގެ، 13 ސިޓީއެއްގައި ކަމަށެވެ. އޭގެ ފަހުން ކޮވިޑް 19ގެ ހާލަތާ ހެދި ޔޫރޯ އެއް އަހަރަށް ފަސްކުރަން ޖެހުނެވެ. އަދިވެސް ކޮވިޑް 19 ގެ ހާލަތުގައި ދުނިޔެ އޮތް ނަމަވެސް ޔޫރޯގެ ހޯސްޓިން ސިޓީތަކަށް ޔޫއެފާއިން މާ ބޮޑު ބަދަލެއް ގެނެސްފައެވެ. އެހެންނަމަވެސް މުބާރާތް ފެށިގެން ކުރިޔަށް ދާއިރު، ހޯސްޓިން ސިޓީގެ އަދަދު 11 އަށް އޮތީ ދަށް ކޮށްފައެވެ.

ބްރުސަލްސްއިން ޔޫރޯ ސްޓޭޑިއަމެއް ބިނާކޮށް މެޗުތައް ހޯސްޓް ކުރަން އުޅުނު ނަމަވެސް އެކަމަށް ލަސްތަކެއް ދިމާވުމުން ޔޫއެފާއިން ވަނީ އެ ސިޓީގެ ނަން ހޯސްޓް ސިޓީތަކުގެ ލިސްޓުން މާ ކުރީން ނަގައިފައެވެ. ކޮވިޑް 19ގެ ހާލަތާއެކު ކޮންމެ ގައުމަކަށްވެސް ސަޕޯޓަރުން ވެއްދޭނެ އަންދާޒާއެއް ކޮށް، އެ ސަޕޯޓަރުން ވައްދާނެ ގޮތެއް ކަނޑައަޅަން ޔޫއެފާއިން ވަކި މުއްދަތެއް ދިނެވެ. އެ އިންސްޕެކްޝަންގެ ތެރެއިން ސަޕޯޓަރުން ވެއްދެން ނެތުމާއެކު އަޔަލޭންޑް ޑަބްލިންވެސް ވަނީ ހޯސްޓް ސިޓީތަކުން އުނިކޮށްފައެވެ.

ސްޕެއިންގައި ހޯސްޓް ކުރަން އޮތް މެޗުތައް ކުރިން އޮތީ ބިލްބާއޯގެ ސެން މަމޭސްގައި ކުޅޭ ގޮތަށް ނަމަވެސް ޔޫއެފާއިން ވަނީ ފަހުން އެ މެޗުތައް ސެވިއްޔާއަށް ބަދަލުކޮށްފައެވެ. ޓީމުތައް ބޭސްއެއް ކަނޑައަޅައި އެތަނުގައި އެކަހެރިކޮށް ތިބެފައި މެޗުތަކަށް ގޮސް، ފަރިތަކުރުންތަކާއެކު ކުރިއަށް ގެންދަން ޔޫއެފާއިން ނިންމާފައިވާއިރު، މިހާރު އޮތް ކޮވިޑްގެ ހާލަތުގެ ތެރެއިންވެސް ޔޫރޯގެ މެޗުތައް ފެނިގެން ދަނީ ސަޕޯޓަރުންނާ އެކުގައެވެ.

ސިޓީ: އެމްސްޓެޑާމް ސްޓޭޑިއަމް: ޔޯހަން ކްރައިފް އެރީނާ

ސަޕޯޓަރުންގެ ޖާގަ: 54،990 މީހުން
އުސޫލުތަކާއެކު ސަޕޯޓަރުން ވެއްދޭނެ ކަމަށް ބުނެފައިވާ އަދަދު: 12،000 މީހުން (25 ޕަސެންޓް)

ކުޅެވޭނެ މެޗުތައް:

ނެދަލޭންޑް – ޔޫކުރެއިން (13 ޖޫން)
ނެދަލޭންޑް – އޮސްޓްރިއާ (ޖޫން 17)
ނޯތު މެސަޑޯނިއާ – ނެދަލޭންޑް (21 ޖޫން)
ގަދަ 16: ގްރޫޕް އޭގެ 2 ވަނަ ޓީމް – ގްރޫޕް ބީގެ 2 ވަނަ ޓީމް

އެމްސްޓަޑާމް

- 60 ޕަސެންޓް ދަތުރުތަކަށް ބޭނުން ކުރަނީ ބައިސްކަލް
- އެންމެ މަގުބޫލު މަންޒިލަކީ ކެނަލްސް ގެލޯ، ކެނަލްގައި 1500 ފާލަން ހުރަސްކޮށްފައިވޭ
- އަހަރަކު ގާތް ގަނޑަކަށް 17 މިލިއަން ފަތުރުވެރިން ޒިޔާރަތް ކުރޭ

ޔޯހަން ކްރައިފް އެރީނާ

- މަތި ކަހާލެވޭ ފުރާޅަކާއެކު ޔޫރަޕްގައި ބިނާކުރި ފުރަތަމަ ސްޓޭޑިއަމް
- 2018 ވަނަ އަހަރު ނަން ބަދަލުކުރީ ނެދަލެންޑްގެ ފުޓުބޯޅަ ލެޖެންޑް ޔޯހަން ކްރައިފްގެ ނަމާ ގުޅުވާފައި
- ނެދަލެންޑްގެ ވަރުގަދަ ކްލަބު އަޔެކްސްގެ ހޯމް ސްޓޭޑިއަމް

ސިޓީ: ބަކޫ ސްޓޭޑިއަމް: އޮލިމްޕިކް ސްޓޭޑިއަމް

ސަޕޯޓަރުންގެ ޖާގަ: 68،700 މީހުން
އުސޫލުތަކާއެކު ސަޕޯޓަރުން ވެއްދޭނެ ކަމަށް ބުނެފައިވާ އަދަދު: 34،350 މީހުން (50 ޕަސެންޓް)

ކުޅެވޭނެ މެޗުތައް:

ވޭލްސް – ސްވިޒަލޭންޑް (ޖޫން 12)
ތުރުކީ – ވޭލްސް (ޖޫން 16)
ސްވިޒަލޭންޑް – ތުރުކީ (ޖޫން 20)
ކުއާޓާ ފައިނަލް: ގަދަ 16ގެ މެޗު 3 އިން މޮޅުވާ ޓީމު – ގަދަ16ގެ މެޗު 1 އިން މޮޅުވާ ޓީމް (ޖުލައި 3)

ބަކޫ

- އަޒަރުބައިޖާންގެ ވެރިރަށް
- ދުނިޔޭގެ އެންމެ ތިރި ވެރިރަށް، އެސިޓީއަކީ މޫދު ލެވެލްއަށްވުރެ 28 މީޓަރު ތިރި ސިޓީއެއް
- ޔުނެސްކޯގެ ހެރިޓޭޖް ސައިޓުގައި ހިމެނޭ މައިޑެން ޓަވަރާއި ޝިރްވަންޝާހްސް ގަނޑުވަރަކީ މަގުބޫލު ބިނާތައް

އޮލިމްޕިކް ސްޓޭޑިއަމް

- 2019 ވަނަ އަހަރު ޔޫރޮޕާ ލީގު ފައިނަލް ކުޅުނު ސްޓޭޑިއަމް، ވާދަކުރީ ޗެލްސީއާއި އާސެނަލް
- އަޒަރުބައިޖާން ގައުމީ ޓީމުގެ ހޯމް ސްޓޭޑިއަމް

ސިޓީ: ބުޗަރެސްޓް ސްޓޭޑިއަމް: އެރީނާ ނޭޝިއޮނާލޭ

ސަޕޯޓަރުންގެ ޖާގަ: 55،600 މީހުން
އުސޫލުތަކާއެކު ސަޕޯޓަރުން ވެއްދޭނެ ކަމަށް ބުނެފައިވާ އަދަދު: 13،000 (25 ޕަސެންޓް)

ކުޅެވޭނެ މެޗުތައް:

އޮސްޓްރިއާ – ނޯތު މެސަޑޯނިއާ (ޖޫން 13)
ޔުކްރެއިން – ނޯތު މެސަޑޯނިއާ (ޖޫން 17)
އުކްރެއިން – އޮސްޓްރިއާ (ޖޫން 21)
ގަދަ 16: ގްރޫޕް އެފްގެ 1 ވަނަ ޓީމް – ގްރޫޕް، އޭ،ބީ ނުވަތަ ސީ އެންމެ މޮޅު 3 ވަނަ ޓީމް (ޖޫން 28)

ބުޗަރެސްޓް

- ރޮމޭނިއާގެ ވެރިރަށް
- "މުކެލް ޕެރިސް" (ކުޑަކުޑަ ޕެރިސް)އެއްގެ ގޮތުގައި 1918-47 ވަނަ އަހަރަށް މަޝްހޫރު ސިޓީއެއް

އެރީނާ ނޭޝިއޮނާލޭ

- ކުރިން ގައުމީ ސްޓޭޑިއަމް އޮތް ތަނުގައި އިމާރާތް ކޮށްފައިވާ ސްޓޭޑިއަމެއް
- މައިކަލް ޖެކްޝަންގެ ދެ ކޮންސެޓެއް ކުރިން ހޯސްޓް ކުރި
- 2012 ވަނަ އަހަރު ޔޫރޮޕާ ލީގުގެ ފައިނަލުގައި އެތުލެޓިކޯ މެޑްރިޑާއި ބިލްބާއޯ ވާދަކުރި މެޗު ބޭއްވި ސްޓޭޑިއަމް

ސިޓީ: ބުޑަޕެސްޓް ސްޓޭޑިއަމް: ޕުސްކާސް އެރިނާ

ސަޕޯޓަރުންގެ ޖާގަ: 67،215 މީހުން
އުސޫލުތަކާއެކު ސަޕޯޓަރުން ވެއްދޭނެ ކަމަށް ބުނެފައިވާ އަދަދު: 67،215 މީހުން (ފުލް ސްޓޭޑިއަމް)

ކުޅެވޭނެ މެޗުތައް:

ހަންގޭރީ – ޕޯޗުގަލް (ޖޫން 15)
ހަންގޭރީ – ފްރާންސް (ޖޫން 19)
ޕޯޗުގަލް – ފްރާންސް (ޖޫން 23)
ގަދަ 16: ގްރޫޕް ސީގެ1 ވަނަ ޓީމް – ގްރީޕް އީ، އެފް ނުވަތަ ޑީގެ އެންމެ މޮޅު 3 ވަނަ ޓީމް (ޖޫން 27)

ބުޑަޕެސްޓް

- ހަންގޭރީގެ ވެރިރަށް
- 80 ޖިއޯ ތާމަލް ސްޕްރިންގްގެ އިތުރުން ދުނިޔޭގެ އެންމެ ބޮޑު ތާމަލް ވޯޓާ ކޭވް ސިސްޓަމް ހިމެނޭ ސިޓީ
- ބުޑަޕެސްޓްގެ ތާރީހީ ދާރުލް އާސާރުތަކަށް ގިނަ ބަޔަކު ނަޒަރު ހުއްޓޭ

ޕުސްކާސް އެރީނާ

- އެގައުމުގެ ފުޓުބޯޅަ ތާރިޚު ދުށް އެންމެ މޮޅު ކުޅުންތެރިޔާ ފްރޭންކް ޕުސްކާސްގެ ނަމުން ނަން ދީފައިވާ ސްޓޭޑިއަމެއް
- ހަންގޭރީ ގައުމީ ޓީމުގެ ހޯމް ސްޓޭޑިއަމް
- އިންގްލެންޑްގެ އެންމެ ބޮޑު ބަލި ވި ސްޓޭޑިއަމް، 1954 ހަންގޭރީ އަތުން އިންގްލެންޑް ބަލިވީ 7-1 އިން

ސިޓީ: ކޯޕެންހޭގަން ސްޓޭޑިއަމް: ޕާކެން ސްޓޭޑިއަމް

ސަޕޯޓަރުންގެ ޖާގަ: 38،065 މީހުން
އުސޫލުތަކާއެކު ސަޕޯޓަރުން ވެއްދޭނެ ކަމަށް ބުނެފައިވާ އަދަދު: 11،236 މީހުން (25-33 ޕަސެންޓް)

ކުޅެވޭނެ މެޗުތައް:

ޑެންމާކް – ފިންލޭންޑް (ޖޫން 12 )
ޑެންމާކް – ބެލްޖިއަމް (ޖޫން 17)
ރަޝިއާ – ޑެންމާކް (ޖޫން 21)
ގަދަ 16: ގްރޫޕް ޑީގެ 2 ވަނަ ޓީމް – ގްރޫޕް އީގެ 2 ވަނަ ޓީމް (ޖޫން 28)

ކޯޕަންހޭގަން

- ދުނިޔޭގެ އެންމެ އުފާވެރި އެއް ސިޓީ ކަމަށް ދިރާސާތައް ބުނެފައިވޭ
- ބައިސްކަލުގެ ދަތުރުތައް ގިނަ، އާބާދީގެ ދެބައިކުޅަ އެއްބައި ކޮންމެ ދުވަހަކުވެސް ބައިސްކަލް ބޭނުން ކުރޭ
- ސްވިޑެންއާ ޑެންމާކް ގުޅުވައިދޭ އޮރެސުންޑް ބްރިޖު ހިމެނޭ ސިޓީ

ޕާކެން ސްޓޭޑިއަން

- ޑެންމާކްގެ އެންމެ ބޮޑު ސްޓޭޑިއަމް، ޔޫރޯގެ އެންމެ ކުޑަ ސްޓޭޑިއަމް
- ޑެނިޝް ލީގުގެ އެފްސީ ކޯޕަންހޭގަންގެ ހޯމް ސްޓޭޑިއަމް
- ޑެންމާކް ގައުމީ ޓީމުގެ ހޯމް ސްޓޭޑިއަމް
- 1994 ވަނަ އަހަރު ޔޫރޮޕިއަން ކަޕް ވިނާސް ކަޕް، އޭގެ ހަ އަހަރު ފަހުން ޔޫއެފާ ކަޕް ފައިނަލް ކުޅުނު ސްޓޭޑިއަމް، ދެ މެޗުގައިވެސް އާސެނަލް ކުޅެފައިވޭ

ސިޓީ: ގްލަސްގޯ ސްޓޭޑިއަމް: ހަމްޕްޑެން ޕާކް

ސަޕޯޓަރުންގެ ޖާގަ: 51،866 މީހުން
އުސޫލުތަކާއެކު ސަޕޯޓަރުން ވެއްދޭނެ ކަމަށް ބުނެފައިވާ އަދަދު: 12،000 މީހުން (25 ޕަސެންޓް)

ކުޅެވޭނެ މެޗުތައް:

ސްކޮޓްލޭންޑް – ޗެކްރިޕަބްލިކް (ޖޫން 14)
ކްރޮއޭޝިއާ – ޗެކް ރިޕަބްލިކް (ޖޫން 18)
ކްރޮއޭޝިއާ – ސްކޮޓްލޭންޑް (ޖޫން 22)
ގަދަ 16: ގްރޫޕް އީގެ 1 ވަނަ ޓީމް – ގްރޫޕް އޭ، ބީ ނުވަތަ ސީގެ އެންމެ މޮޅު 3 ވަނަ ޓީމް (ޖޫން 29)

ގްލަސްގޯ

- ސްކޮޓްލޭންޑްގެ އެންމެ ބޮޑު، ޔޫކޭ ގެ ތިންވަނައަށް އެންމެ ބޮޑު ސިޓީ
- ދުނިޔޭ ތާރީހުގައި ކުޅެވުނު އެންމެ ފުރަތަމަ ބައިނަލްއަގުވާމީ މެޗު ކުޅުނު ސިޓީ

ހަމްޕްޑެން ޕާކް

- 1908-50 އަށް ދުނިޔޭގެ އެންމެ ބޮޑު ސްޓޭޑިއަމް
- ސްކޮޓްލޭންޑް ގައުމީ ޓީމުގެ އިތުރުން އެމެޗާ ޓީމު ކުއީންސް ޕާކްގެ ހޯމް ސްޓޭޑިއަމް

ސިޓީ: ލަންޑަން ސްޓޭޑިއަމް: ވެމްބްލީ

ސަޕޯޓަރުންގެ ޖާގަ: 90،000 މީހުން
އުސޫލުތަކާއެކު ސަޕޯޓަރުން ވެއްދޭނެ ކަމަށް ބުނެފައިވާ އަދަދު: 22،500 މީހުން (25 ޕަސެންޓް)، ފައިނަލާއި ސެމީ ފައިނަލް މެޗުތަކަށް އިތުރު ކުރެވޭނެ

ކުޅެވޭނެ މެޗުތައް:

އިންގްލެންޑް – ކްރޮއޭޝިއާ (ޖޫން 13)
އިންގްލެންޑް – ސްކޮޓްލޭންޑް (ޖޫން 18)
ޗެކް ރިޕަބްލިކް - އިންގްލެންޑް (ޖޫން 22)
ގަދަ 16: ގްރޫޕް އޭގެ 1 ވަނަ ޓީމް – ގްރޫޕް ސީގެ 2 ވަނަ ޓީމް (ޖޫން 26)
ގަދަ 16: ގްރޫޕް ޑީގެ 1 ވަނަ ޓީމް – ގްރޫޕް އެފްގެ 2 ވަނަ ޓީމް (ޖޫން 29)
ސެމީ ފައިނަލް ދެ މެޗު: (ޖުލައި 6، 7)
ފައިނަލް މެޗު: (ޖުލައި 11)

ލަންޑަން

- މިއަހަރު ޔޫރޯގެ އެންމެ މުހިއްމު ސިޓީ
- ދުނިޔޭގެ އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތް ކުރާ ސިޓީ، އަހަރަކު ގާތް ގަނޑަކަށް 31،2 މިލިއަން ފަތުރުވެރިން ލަންޑަނަށް ޒިޔާރަތް ކުރޭ
- 9 މިލިއަން މީހުން ދިރިއުޅޭ ލަންޑަނަކީ އިނގިރޭސި ރާނީގެ ހޯމް ސިޓީ
- ލަންޑަންގައި ތިން އަހަރު އޮލިމްޕިކްސް ބޭއްވި، އެއީ 1908، 1948 އަދި 2012
- ލަންޑަންގެ ވެސްޓްމިނިސްޓާ އެބީ، ލަންޑަންގެ ޓަވަރު، ބަކިމްހަމް ޕެލެސް، ޓްރެފަލްގާ ސްކެއާ ފަދަ ބިނާތަކަކީ ދުނިޔޭގެ އެންމެ މަގުބޫލު ބިނާތައް

ވެމްބްލީ

- ޔޫކޭގެ އެންމެ ބޮޑު ސްޓޭޑިއަމް
- އިނގިރޭސި ފުޓުބޯޅަ އެސޯސިއޭޝަންގެ ހޯމް ސްޓޭޑިއަމް
- 2007 ވަނަ އަހަރު ރީބްރޭންޑްކޮށް ހުޅުވިފަހުންވެސް 21 މިލިއަން މީހުން ވަނީ ސްޓޭޑިއަމް ބެލުމަށް ޒިޔާރަތް ކޮށްފައި
- ޔޫރޯގެ ސެމީ ފައިނަލް ދެމެޗާއި ޝަރަފުވެރި ފައިނަލް ކުޅޭނެ ސްޓޭޑިއަމް
- ޔޫރޯގައި މެޗުތައް ކުޅޭނެ އެންމެ ބޮޑު ސްޓޭޑިއަމް

ސިޓީ: މިއުނިކް ސްޓޭޑިއަމް: އެލިއާންޒް އެރީނާ

ސަޕޯޓަރުންގެ ޖާގަ: 70،000 މީހުން
އުސޫލުތަކާއެކު ސަޕޯޓަރުން ވެއްދޭނެ ކަމަށް ބުނެފައިވާ އަދަދު: 14،500 (20 ޕަސެންޓް)

ކުޅެވޭނެ މެޗުތައް:

ފްރާންސް – ޖަރުމަނު (ޖޫން 15)
ޕޯޗުގަލް – ޖަރުމަނު (ޖޫން 19)
ޖަރުމަން – ހަންގޭރީ (ޖޫން 23)
ކުއާޓާ ފައިނަލް: ގަދަ 16ގެ މެޗު 4 އިން މޮޅުވާ ޓީމް – ގަދަ 16 މެޗު 2 އިން މޮޅުވާ ޓީމް (ޖުލައި 2)

މިއުނިކް

- އޯކެސްޓްރާ އާއި ދާރުލް އާސާރުތަކުގެ މަޝްހޫރު ސިޓީއެއް
- ޖަރުމަނުގެ ސަގާފަތް އެންމެ ބޮޑަށް ދައްކުވައިދޭ ސިޓީ
- 990 އޭކަރުގެ ބަގީޗާއެއް ސިޓީގައި ހިމެނޭ

އެލިއާންޒް އެރީނާ

- ޖަރުމަނުގެ އެންމެ ކާމިޔާބު ކްލަބު ބަޔާން މިއުނިކްގެ ހޯމް ސްޓޭޑިއަމް
- 2005 ބިނާކޮށް ނިމުނު ސްޓޭޑިއަމްގައި 2006 ވަނަ އަހަރުގެ ވޯލްޑް ކަޕް މެޗުތައް ކުޅެފައިވޭ
- ސްޓޭޑިއަމްގެ ޗާލުކަން އޮސްޓްރިއާގެ އުސް ސަރަހައްދުތަކަށް ރޭގަނޑު ފެންނާނެ

ސިޓީ: ރޯމް ސްޓޭޑިއަމް: ސްޓޭޑިއޯ އޮލިމްޕިކޯ

ސަޕޯޓަރުންގެ ޖާގަ: 70،634 މީހުން
އުސޫލުތަކާއެކު ސަޕޯޓަރުން ވެއްދޭނެ ކަމަށް ބުނެފައިވާ އަދަދު: 17،659 މީހުން (25 ޕަސެންޓް)

ކުޅެވޭނެ މެޗުތައް:

ތުރުކީ – އިޓަލީ (ޖޫން 11)
އިޓަލީ – ސްވިޒަލޭންޑް (ޖޫން 16)
އިޓަލީ – ވޭލްސް (ޖޫން 20)
ކުއާޓާ ފައިނަލް: ގަދަ 16ގެ މެޗު 8އިން މޮޅުވާ ޓިމް – ގަދަ 16 ގެ މެޗު 7 އިން މޮޅުވާ ޓީމް (ޖުލައި 3)

ރޯމް

- މަގުބޫލް ޓޫރިސްޓް ސިޓީއެއް
- ވެޓިކަން ދާރުލްއާސާރު، ޓްރެވީ ފައުންޓެން ފަދަ މަގުބޫލު ބިނާތައް އެކުލެވޭ ސިޓީއެއް
- އިޓަލީގެ ވެރިރަށް

ސްޓޭޑިއޯ އޮލިމްޕިކޯ

- އިޓަލީ ލީގުގެ ރޯމާއާއި ލާޒިއޯއިންވެސް ހޯމް މެޗުތައް ކުޅޭ ސްޓޭޑިއަމް
- ޔޫރަޕްގެ ކްލަބު މުބާރާތްތަކުގެ ހަތަރު ފައިނަލެއް ކުޅެފައިވާ ސްޓޭޑިއަމެއް
- ޔޫރޯ 1968 ފައިނަލް، 1990 ވަނަ އަހަރު ވޯލްޑް ކަޕް ފައިނަލް ކުޅެފައިވާ ސްޓޭޑިއަމް
- މިއަހަރު ޔޫރޯގެ އޯޕެނިން މެޗު އޮންނަ ސްޓޭޑިއަމް

ސިޓީ: ސެއިންޓް ޕީޓާސްބާގް ސްޓޭޑިއަމް: ކްރެޓޮވްސްކީ ސްޓޭޑިއަމް

ސަޕޯޓަރުންގެ ޖާގަ: 68،134 މީހުން
އުސޫލުތަކާއެކު ސަޕޯޓަރުން ވެއްދޭނެ ކަމަށް ބުނެފައިވާ އަދަދު: 34،067 މީހުން (50 ޕަސެންޓް)

ކުޅެވޭނެ މެޗުތައް:

ބެލްޖިއަމް – ރަޝިޔާ (ޖޫން 12)
ޕޮލެންޑް – ސްލޮވާކިއާ (ޖޫން 14)
ފިންލޭންޑް – ރަޝިޔާ (ޖޫން 16)
ސްވިޑެން – ސްލޮވާކިއާ (ޖޫން 18)
ފިންލޭންޑް – ބެލްޖިއަމް ( ޖޫން 21)
ސްވިޑެން – ޕޮލެންޑް (ޖޫން 23)
ކުއާޓާ ފައިނަލް : ގަދަ 16 މެޗު 6 އިން މޮޅުވާ ޓީމް – ގަދަ 16 މެޗު 5 އިން މޮޅުވާ ޓީމް (ޖުލައި 2)

ސެއިންޓް ޕީޓާސްބާގް

- މޮސްކޯއަށްފަހު ރަޝިޔާގެ އެންމެ މަގުބޫލު ސިޓީ
- ހޫނު މޫސުމުގައި ހިތްގައިމު ސިޓީއެއް، 342 ފާލަމާއެކު މަލަމަތި ޗާލު ސިޓީއެއް

ކްރެސްޓޯވްސްކި ސްޓޭޑިއަމް

- އޭޕްރީލް 2017 އިން ފެށިގެން ރަޝިޔާ ލީގުގެ ޒެނިތުގެ ހޯމް ސްޓޭޑިއަމް
- 2018 ވަނަ އަހަރު ވޯލްޑް ކަޕް ހަތް މެޗު ކުޅުނު
- ޑިޒައިން ކޮށްފައި ވަނީ ޖަޕާނުގެ އާކިޓެކްޓް ކިޝޯ ކުރޮކާވާ

ސިޓީ: ސެވިއްޔާ ސްޓޭޑިއަމް: ލަ ކަރުޓޫޖާ

ސަޕޯޓަރުންގެ ޖާގަ: 60،000 މީހުން
އުސޫލުތަކާއެކު ސަޕޯޓަރުން ވެއްދޭނެ ކަމަށް ބުނެފައިވާ އަދަދު: 18،000 (30 ޕަސެންޓް)

ކުޅެވޭނެ މެޗުތައް:

ސްޕެއިން – ސްވިޑެން (ޖޫން 14)
ސްޕެއިން – ޕޮލެންޑް (ޖޫން 19)
ސްލޮވާކިއާ – ސްޕެއިން (ޖޫން 23)
ގަދަ 16: ގްރޫޕް ބީގެ 1 ވަނަ ޓީމް – ގްރޫޕް އޭ، ޑީ، އީ ނުވަތަ އެފްގެ އެންމެ މޮޅު 3 ވަނަ ޓީމް (ޖޫން 27)

ސެވިއްޔާ

- ކުރިން އަންދަލޫސް ސަރަހައްދުގެ ވެރިރަށް، ސްޕެއިންގެ ހަތަރުވަނައަށް އެންމެ ބޮޑު ސިޓީ
- ގިރާލްޑާ ޓަވަރާއި އަލްކަޒާރު ގަނޑުވަރަކީ ރީތި ހިތްގައިމު ބިނާތައް

ލަ ކަރުޓޫޖާ

- ޔޫއެފާ ކަޕް، އަދި ޔޫއެފާ ޔޫރޮޕާ ލީގު ކާމިޔާބު ކޮށްފައިވާ ސްޕެއިންގެ ސެވިއްޔާގެ ރަސްމީ ހޯމް ސްޓޭޑިއަމް
- 1999 ވަނަ އަހަރު ވޯލްޑް އެތުލެޓިކްސް ޗެމްޕިއަންޝިޕަށް ބިނާކުރި ސްޓޭޑިއަމެއް
- ޓެނިސް ކުޅެފައިވާ ސްޓޭޑިއަމެއް، ޑޭވީސް ކަޕް ފައިނަލް ދެފަހަރަށް ކުޅެފައިވޭ
- މެޑޯނާއާއި، ޔޫ2 ބޭންޑް ފަދަ ބޮޑެތި ކޮންސެޓްތައް ހޯސްޓް ކޮށްފައިވޭ