މެޗުގެ ފުރިހަމަ ވަގުތުގެ ކުޅުން ނިންމާލައިފި. މެޗު ނިމިގެންދިޔައީ 1-0ގެ ނަތީޖާއަކުން ފްރާންސް ކުރީގައި އޮވެގެން.
'85 - ކައުންޓާ އެޓޭކެއްގައި އެމްބާޕޭ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން ބެންޒެމާ ވަނީ ޖަރުމަން ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލާފައި. ނަމަވެސް އެމްބާޕޭއަށް ބޯޅަ ލިބުނު އިރު، އޭނާ އޮފްސައިޑުގައި ހުރި ކަމަށް ވީއޭއާރުން ދެއްކުމުން ރެފްރީ ވަނީ ގޯލެއް ނޫން ކަމަށް ނިންމާފައި.
'78 - ފްރާންސަށް ހުސް ފުރުސަތެއް. ހުސްކޮށް ހުއްޓައި ލިބުނު ބޯޅައެއް ހިފައިގެން އެމްބާޕޭ ޕެނަލްޓީ އޭރިއާ ތެރެއަށް ވަން ނަމަވެސް، ގޯލަށް ހަމަލާއެއް ފޮނުވާލުމުގެ ކުރިން ޖަރުމަން ޑިފެންޑަރު ހުމުލްސް ވަނީ ޓެކަލްކޮށް އެ ބޯޅަ ހޯދާފައި.
'66 - ޕެނަލްޓީ އޭރިއާ ތެރެއިން އެމްބާޕޭ، ބަލާލާފައި ވަރަށް ރީތިކޮށް ޖަރުމަނުގެ ގޯލުގެ ތެރެއަށް ބޯޅައެއް ފޮނުވާލި ނަމަވެސް، ރެފްރީ ނިންމީ އޭނާ އޮފްސައިޑުގައި ހުރި ކަމަށް.
'65 - ޕެނަލްޓީ އޭރިއާ ތެރެއިން ބެންޒެމާ ފޮނުވާލި ބާރު ހަމަލާ، ޖަރުމަނުގެ ޑިފެންޑަރު ހުމުލްސް ބްލޮކްކޮށްފި.
ފްރާންސުން ފުރަތަމަ ހާފް ޑޮމިނޭޓްކޮށް ކުޅުނު ނަމަވެސް ދެވަނަ ހާފުގައި ޖަރުމަނުން ވަނީ ކުޅުން ރަނގަޅު ކޮށްފައި. ހާއްސަކޮށް ފާރާންސުން ފަހަތަށް ޖެހުމުގެ ފައިދާ ނަގައި، ޖަރުމަނުން ދަނީ ނުރައްކާ ކުރަމުން. އެޓީމަށް މަދުވަނީ ގޯލެއް.
'56 - ޖަރުމަނަށް އިތުރު ފުރުސަތެއް. ހަވާޓްޒް ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން މުލާ ފޮނުވާލި ހަމަލާ، ފްރާންސްގެ ޑިފެންޑަރުން ވަނީ ބްލޮކްކޮށްފައި.
'54 - ޖަރުމަނަށް ހުސް ފުރުސަތެއް. ގޮސެންސް ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުރެ، ނަބެރީ ފޮނުވާލި ހަމަލާ ދިޔައީ ފްރާންސް ގޯލުގެ ހުރަސް ދަނޑި މަތިން ބޭރަށް.
'52 - ފްރާންސަށް ހުސް ފުރުސަތެއް. އެމްބާޕޭ ދިން ބޯޅައެއް ހިފައިގެން ޕެނަލްޓީ އޭރިއާ ތެރެއަށް ވަނުމަށްފަހު، ރާބިއޯޓް ފޮނުވާލި ހަމަލާ އަމާޒުވީ ޖަރުމަން ގޯލުގެ އަރިމަތީ ދަނޑިއަށް. ހަމަލާ ފޮނުވާލުމުގެ ކުރިން ހުސްކޮށް ހުރި ގްރީޒްމަންއަށް ބޯޅަ ޖައްސާލުމުގެ ފުރުސަތު ވެސް ރާބިއޯޓްއަށް އޮތް.
'47 - ބޯޅަ ހިފައިގެން ބާރު ސްޕީޑެއްގައި އެމްބާޕޭ ޖަރުމަނުގެ ޕެނަލްޓީ އޭރިއާ ތެރެއަށް ވަން ނަމަވެސް، ހުމުލްސް ހުރަސް އެޅުމުން އެމްބާޕޭއަށް ގޯލަށް ނުރައްކާ ކުރެވޭ ގޮތެއް ނުވި.
މެޗުގެ ދެވަނަ ހާފުގެ ކުޅުން ފަށައިފި.
މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިންމާލައިފި. ހާފު ނިމިގެންދިޔައީ 1-0ގެ ނަތީޖާއަކުން ފްރާންސް ކުރީގައި އޮވެގެން.
'41 - ޕޮގްބާ ދިން ބޯޅަ، ޖަރުމަނުގެ ޕެނަލްޓީ އޭރިއާ ތެރެއިން ބެންޒެމާއަށް ނިންމައިލެވޭ ގޮތެއް ނުވި.
'38 - ޖަރުމަނަށް ރަނގަޅު ފުރުސަތެއް. ނަބެރީ ދިން ބޯޅައިން ޕެނަލްޓީ އޭރިއާ ތެރޭ، ގޯލު ކުރިމަތިން ގުންޑޮގަން ފޮނުވާލި ހަމަލާ، ފްރާންސްގެ ގޯލާ އަމާޒުވެފައެއް ނުވޭ.
'36 - ބޯޅަ ހިފައިގެން ޖަރުމަނުގެ ޕެނަލްޓީ އޭރިއާ ތެރެއަށް އެމްބާޕޭ ވަން ނަމަވެސް، ބެންޒެމާއަށް ދޭން ޖައްސާލި ބޯޅަ، ގިންޓާ ދިފާއުކޮށްފި.
'27 - ކްރޫސް ފޮނުވާލި ހަމަލާ، ފްރާންސްގެ ގޯލާ އަމާޒު ނުވެ ބޭރަށް.
'26 - ފްރާންސް ގޯލު ކުރިމަތިން މުލާއަށް ވަރާން ކުރި ފައުލާ ގުޅިގެން ޖަރުމަނަށް އިތުރު ހިލޭ ޖެހުމެއް.
'24 - ގޯލު ކުރިމަތިން ގުންޑޮގަންއަށް ކަންޓޭ ކުރި ފައުލާ ގުޅިގެން ޖަރުމަނަށް ހިލޭ ޖެހުމެއް. ކްރޫސް ފޮނުވާލި ހަމަލާ، ފްރާންސްގެ ވޯލުގައި ތިބި ކުޅުންތެރިން ގައިގައި ޖެހި ވަނީ ބްލޮކުވެފައި.
'22 - ނަތީޖާ ހަމަހަމަކޮށްލުމަށް ޖަރުމަނަށް ފުރުސަތެއް. ގޮސެންސް ނަގައިދިން ހުރަހަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުރެ، ތޯމަސް މުލާ ބޮލުން ފޮނުވާލި ހަމަލާ، ފްރާންސްގެ ގޯލާ އަމާޒުވެފައެއް ނުވޭ.
'20 - ފްރާންސުން ލީޑު ހޯދައިފި. ހެނާންޑޭޒް ހުރަސްކޮށްލި ބޯޅަ، ގޯލުގެ ތެރެއަށް ވަދެފައިވަނީ ޖަރުމަން ޑިފެންޑަރު ހުމުލްސް އަތުން ބައިކޮޅަށް.
'17 - ފްރާންސްގެ އިތުރު ހަމަލާއެއް. ޖަރުމަންގެ ޕެނަލްޓީ އޭރިއާ ތެރެއަށް ވަނުމަށްފަހު އެމްބާޕޭ ފޮނުވާލި ބާރު ހަމަލާ، ކީޕަރު ނޯޔާ ވަނީ ހުޝިޔާރުކަމާއެކު މަތަކޮށްފައި.
'16 - ފްރާންސަށް ފުރުސަތެއް. ގްރީޒްމަން ނަގައިދިން ކޯނަރުން ޕެނަލްޓީ އޭރިއާ ތެރޭ ހުރެ ޕޮގްބާ ބޮލުން ފޮނުވާލި ހަމަލާ ދިޔައީ ޖަރުމަން ގޯލުގެ ހުރަސް ދަނޑި މަތިން ބޭރަށް.
'15 - ޕަވާޑް ނަގައިދިން ނުރައްކާތެރި ހުރަސް ޖަރުމަން ޕެނަލްޓީ އޭރިއާ ތެރެއިން ގިންޓާ ދިފާއުކޮށްފި.
މިހާރު ފްރާންސުން ވެސް އަންނަނީ ޖަރުމަނުގެ ގޯލަށް ނުރައްކާކުރުމަށް މަސައްކަތްކުރަމުން. ނަމަވެސް ޖަރުމަނުގެ ޑިފެންޑަރުން އެ ފުރުސަތު ދީފައެއް ނުވޭ. މެޗުގެ 14 މިނެޓުގެ ކުޅުން ނިމުނު އިރު، ދެ ޓީމުން ކުރެ އެއްވެސް ޓީމަކަށް އިދިކޮޅު ގޯލަށް ހަމަލާއެއް ފޮނުވައިލެވިފައެއް ނުވޭ.
ދެ ޓީމުގެ ވެސް ކެޕްޓަނުންނަކީ ދެ ގޯލްކީޕަރުން. ޖަރުމަނުގެ ގޯލު ބަލަހައްޓަމުން އަންނަނީ މެނުއަލް ނޯޔާ. އަދި ދުނިޔޭގެ ޗެމްޕިއަން ފްރާންސްގެ ގޯލު ބަލަހައްޓަމުން އަންނަނީ ހޫގޯ ލޮރިސް.
'7 - ހެނާންޑޭޒަށް ކުރި ފައުލަކާ ގުޅިގެން ޖަރުމަން ޑިފެންޑަރު ކިމިކްއަށް ރީނދޫ ކާޑެއް.
މެޗުގެ ފުރަތަމަ ފަސް މިނެޓުގެ ތެރޭ ޖަރުމަނުން ފްރާންސަށް ކުޅުމުގެ ފުރުސަތެއް ދީފައެއް ނުވޭ. ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން މިވަގުތު ނުރައްކާކޮށް ފެންނަނީ ޖަރުމަން.
މެޗުގެ ކުޅުން ފަށައިފި. ކިކްއޯފް ކުރީ ޖަރުމަނުން.
ޔޫރޯ 2020 ގެ ގްރޫޕް އެފްގެ ދެވަނަ މެޗުގައި ޖަރުމަނާއި ފްރާންސް ވާދަކުރާ މެޗުގެ ލައިވް ބްލޮގަށް "ވަން" ގެ ކިޔުންތެރިންނަށް މަރުހަބާ!
މިރޭ ޖަރުމަނާއި ފްރާންސް ވާދަކުރާ މެޗަކީ މިހާތަނަށް ޔޫރޯގައި ފެންނާނެ އެންމެ ވަރުގަދަ ކުރިމަތިލުން. މިއީ ގްރޫޕް ސްޓޭޖުގެ ފުރަތަމަ ބުރުގެ އެންމެ ފަހު މެޗު. މެޗަށް ނުކުންނައިރު ޖަރުމަނަށް އޮތް އެންމެ ބޮޑު ފައިދާއަކީ އަމިއްލަ ގައުމުގެ އެންމެ ތާރީހީ އެއް ސްޓޭޑިއަމް އެލިއާންޒް އެރީނާގައި މެޗަށް ނުކުމެވުން. ފްރާންސަށް އޮތް ހިތްވަރަކީ އެޓީމަކީ ދުނިޔޭގެ ޗެމްޕިއަނުންނަށް ވުން.
ސިޓީ: މިއުނިކް
ސްޓޭޑިއަމް: އެލިއާންޒް އެރީނާ
ސަޕޯޓަރުންގެ ޖާގަ: 70،000 މީހުން
އުސޫލުތަކާއެކު ސަޕޯޓަރުން ވެއްދޭނެ ކަމަށް ބުނެފައިވާ އަދަދު: 14،500 (20 ޕަސެންޓް)
މިއުނިކް
- އޯކެސްޓްރާ އާއި ދާރުލް އާސާރުތަކުގެ މަޝްހޫރު ސިޓީއެއް
- ޖަރުމަނުގެ ސަގާފަތް އެންމެ ބޮޑަށް ދައްކުވައިދޭ ސިޓީ
- 990 އޭކަރުގެ ބަގީޗާއެއް ސިޓީގައި ހިމެނޭ
އެލިއާންޒް އެރީނާ
- ޖަރުމަނުގެ އެންމެ ކާމިޔާބު ކްލަބު ބަޔާން މިއުނިކްގެ ހޯމް ސްޓޭޑިއަމް
- 2005 ބިނާކޮށް ނިމުނު ސްޓޭޑިއަމްގައި 2006 ވަނަ އަހަރުގެ ވޯލްޑް ކަޕް މެޗުތައް ކުޅެފައިވޭ
- ސްޓޭޑިއަމްގެ ޗާލުކަން އޮސްޓްރިއާގެ އުސް ސަރަހައްދުތަކަށް ރޭގަނޑު ފެންނާނެ
- ޖަރުމަނުން ވަނީ ތިން ފަހަރަށް ޔޫރޯ ކާމިޔާބު ކޮށްފައި.
- ފުރަތަމަ ޔޫރޯ ކާމިޔާބުކުރީ 1972 ވަނަ އަހަރު ވެސްޓް ޖާމަނީގެ ގޮތުގައި.
- 1980 ވަނަ އަހަރު އަނެއްކާވެސް ޔޫރޯގެ ތަށި ހޯދި، އަދި 1996 ވަނަ އަހަރު އަނެއްކާވެސް އެޓީމުން ޔޫރޯ ކާމިޔާބު ކުރި.
- ފްރާންސުން ވަނީ މީގެ ކުރިން ދެ ފަހަރު ޔޫރޯ ކާމިޔާބު ކޮށްފައި.
- އެންމެ ފުރަތަމަ ތަށްޓަކީ 1984 ވަނަ އަހަރު އަމިއްލަ ގައުމުގައި ބޭއްވި ޔޫރޯގެ ތަށި.
- އެގައުމުން ކާމިޔާބުކުރި ދެވަނަ ޔޫރޯއަކީ 2000 ވަނަ އަހަރުގެ ޔޫރޯ.
- 2000 ވަނަ އަހަރު ފްރާންސުން ޔޫރޯ ކާމިޔާބުކުރީ 1988 ވަނަ އަހަރުގެ ވޯލްޑް ކަޕް ޗެމްޕިއަނުން ގޮތުގައި.