ޔޫރޯ 2020

ޔޫރޯ: ޕޯޗުގަލް 3-0 ހަންގޭރީ

16 Jun 08:55

މެޗުގެ އުސްއަލިތައް

  • ޕޯޗުގަލަށް ގިނަ ފުރުސަތުތަކެއް ލިބުނު ނަމަވެސް، އެ ފުރުސަތުތަކުގެ ބޭނުން ހިފިފައެއް ނުވޭ.
  • ޕޯޗުގަލްގެ ޑިއޭގޯ ޖޮޓާއަށް ތިން ފުރުސަތެއް ލިބުނު. އޭގެ ތެރެއިން ދެ ހަމަލާ ހަންގޭރީގެ ކީޕަރު ގުލަކްސީ ވަނީ މަތަކޮށްފައި. އަނެއް ހަމަލާ ގޯލާ އަމާޒުވެފައެއް ނުވޭ.
  • ހެންގޭރީއަށް ލިބުނު ހަމައެކަނި ފުރުސަތަކީ އެޓީމުގެ ކެޕްޓަން އެޑަމް ޒަލާއީއަށް ލިބުނު ފުރުސަތު. އެ ހަމަލާ ޕޯޗުގަލްގެ ކީޕަރު ރުއި ޕެޓްރީސިއޯ ވަނީ މަތަކޮށްފައި.
  • ހާފު ނިމެނިކޮށް ޕޯޗުގަލް ކެޕްޓަން ރޮނާލްޑޯއަށް ވަރަށް ހުސް ފުރުސަތެއް ލިބިގެންދިޔަ. އެ ފުރުސަތުން ރޮނާލްޑޯ އުފެއްދި ހަމަލާ ގޯލާ އަމާޒުވެފައެއް ނުވޭ.
  • މެޗުގެ ފަހު ވަގުތުކޮޅު ޕޯޗުގަލްއިން ތިން ގޯލް ޖެހި.
  • ފުރަތަމަ ގޯލް ޖެހީ ގުރޭރޯ.
  • ރޮނާލްޑޯ ވަނީ ދެ ގޯލު ޖަހައި ތާރީހީ ރެކޯޑެއް ހަދާފައި.
16 Jun 08:53

މެޗުގެ ފުރިހަމަ ވަގުތުގެ ކުޅުން ނިންމާލައިފި. ރޮނާލްޑޯގެ ދެ ގޯލާއެކު ޕޯޗުގަލުން މެޗު ކާމިޔާބުކުރީ 3-0ގެ ނަތީޖާއަކުން.

16 Jun 08:51

ރޮނާލްޑޯ އެ ލަނޑު ކާމިޔާބުކުރީ އަންދްރޭ ސިލްވާ ދިން ބޯޅައަކުން ގޯލު ކުރިމަތިން ފޮނުވާލި ހަމަލާއަކުން.

16 Jun 08:50

'90+2 - ޕޯޗުގަލުން ތިން ލަނޑުގެ ލީޑެއް ހޯދައިފި. ޕޯޗުގަލަށް އެ ލަނޑުވެސް ކާމިޔާބުކޮށްދިނީ ދެވަނަ ލަނޑުވެސް ޖެހި ކެޕްޓަން ރޮނާލްޑޯ.

16 Jun 08:49

ދެވަނަ ހާފުގެ އިތުރު ވަގުތުގެ ގޮތުގައި ފަސް މިނެޓުގެ ކުޅުން ދައްކައިފި.

16 Jun 08:48

އެ ގޯލާއެކު ރޮނާލްޑޯ ވެގެން ގޮސްފައިވަނީ ޔޫރޯގެ ތާރީހުގައި އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާއަށް. އޭނާ ވަނީ ޔޫރޯގެ މުބާރާތްތަކުގައި ޖުމުލަ ދިހަ ގޯލު ޖަހާފައި. ދެން އެންމެ ގިނަ ގޯލު ޖަހާފައިވަނީ ފްރާންސްގެ ލެޖެންޑް މިޝެލް ޕްލެޓިނީ. އޭނާއަށް ކާމިޔާބުކުރެވުނީ ނުވަ ގޯލު.

16 Jun 08:44

'87 - ޕެނަލްޓީ ކާމިޔާބުކޮށް، ޕޯޗުގަލުން ލީޑު ފުޅާކޮށްފި. ޕޯޗުގަލަށް އެ ޕެނަލްޓީ ކާމިޔާބުކޮށްދިނީ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ.

16 Jun 08:44

'86 - ޕޯޗުގަލަށް ޕެނަލްޓީއެއް. އެ ޕެނަލްޓީ ލިބުނީ ހަންގޭރީގެ ޕެނަލްޓީ އޭރިއާ ތެރެއިން ރަފާ ސިލްވާއަށް ހަންގޭރީގެ ޑިފެންޑަރު އޯބަން ކުރި ފައުލާ ގުޅިގެން.

16 Jun 08:43

'84 - ޕޯޗުގަލުން ލީޑު ހޯދައިފި. ޕޯޗުގަލަށް އެ ގޯލު ކާމިޔާބުކޮށްދިނީ ރަފައެލް ގުރޭރޯ. ޕެނަލްޓީ އޭރިއާ ތެރެއިން އޭނާ ފޮނުވާލި ހަމަލާ ގޯލުގެ ތެރެއަށް ވަދެފައިވަނީ ހަންގޭރީގެ ޑިފެންޑަރު އޯބަންގެ ފައިގައި ޖެހިފައި.

16 Jun 08:38

'80 - ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް ހަންގޭރީގެ ޝޯން، ޕެނަލްޓީ އޭރިއާ ތެރެއަށް ވަނުމަށްފަހު، ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލި ނަމަވެސް، އޮފްސައިޑެއް ކަމަށް ރެފްރީ ވަނީ ނިންމާފައި.

16 Jun 08:35

ޕޯޗުގަލަށް ފުރަތަމަ ހާފުގައި ދެއްކި ކުޅުން ދެވަނަ ހާފުގައި ދެއްކޭ ގޮތެއް ނުވޭ. ގޯލު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ވެސް ތަނަވަސްކުރެވިފައެއް ނުވޭ. އެއާ ހިލާފަށް މި ހާފުގައި ހެންގޭރީން އަންނަނީ ރަނގަޅު ކުޅުމެއް ދައްކަމުން.

16 Jun 08:26

'67 - ޕޯޗުގަލްގެ ހަމަލާއެއް. ގޯލުގެ ތިރީ ކަނަކާ އަމާޒުކޮށް ޕެނަލްޓީ އޭރިއާ ބޭރުން ބްރޫނޯ ފެނާންޑޭ ހަމަލާ، ހަންގޭރީގެ ކީޕަރު ގުލަކްސީ ވަނީ މަތަކޮށްފައި.

16 Jun 08:15

'57 - ހަންގޭރީގެ ހަމަލާއެއް. ޕެނަލްޓީ އޭރިއާ ބޭރުން ރޮލާންޑް ސަލާއީ ފޮނުވާލި ބާރު ހަމަލާ، ޕޯޗުގަލްގެ ކީޕަރު ޕެޓްރީސިއޯ ވަނީ މަތަކޮށްފައި. މި ހާފުގައި ހެންގޭރީން އަންނަނީ ކުޅުން ރަނގަޅުކޮށް، އެޓޭކުތައް ގިނަކުރަމުން.

16 Jun 08:07

'49 - ހަންގޭރީ ކެޕްޓަން އެޑަމް ޒަލާއީ ދުރުން ފޮނުވާލި ބާރު ހަމަލާ އަމާޒުވީ ޕޯޗުގަލް ކީޕަރު ރުއި ޕެޓްރީސިއޯއާ ދިމާއަށް.

16 Jun 08:06

'47 - ޕޯޗުގަލަށް ފުރުސަތެއް. ބްރޫނޯ ފެނާންޑޭޒް ނަގައިދިން ހުރަހަކުން ޕެނަލްޓީ އޭރިއާ ތެރެއިން ޕެޕޭ ބޮލުން ފޮނުވާލި ހަމަލާ، ހަންގޭރީގެ ކީޕަރު ގުލަކްސީ ވަނީ ހުޝިޔާރުކަމާއެކު މަތަކޮށްފައި.

16 Jun 08:04

މެޗުގެ ދެވަނަ ހާފުގެ ކުޅުން ފަށައިފި.

16 Jun 07:51

މެޗުގެ ފުރަތަމަ ހާފުގެ އުސްއަލިތައް

  • ޕޯޗުގަލަށް ގިނަ ފުރުސަތުތަކެއް ލިބުނު ނަމަވެސް، އެ ފުރުސަތުތަކުގެ ބޭނުން ހިފިފައެއް ނުވޭ.
  • ޕޯޗުގަލްގެ ޑިއޭގޯ ޖޮޓާއަށް ތިން ފުރުސަތެއް ލިބުނު. އޭގެ ތެރެއިން ދެ ހަމަލާ ހަންގޭރީގެ ކީޕަރު ގުލަކްސީ ވަނީ މަތަކޮށްފައި. އަނެއް ހަމަލާ ގޯލާ އަމާޒުވެފައެއް ނުވޭ.
  • ހެންގޭރީއަށް ލިބުނު ހަމައެކަނި ފުރުސަތަކީ އެޓީމުގެ ކެޕްޓަން އެޑަމް ޒަލާއީއަށް ލިބުނު ފުރުސަތު. އެ ހަމަލާ ޕޯޗުގަލްގެ ކީޕަރު ރުއި ޕެޓްރީސިއޯ ވަނީ މަތަކޮށްފައި.
  • ހާފު ނިމެނިކޮށް ޕޯޗުގަލް ކެޕްޓަން ރޮނާލްޑޯއަށް ވަރަށް ހުސް ފުރުސަތެއް ލިބިގެންދިޔަ. އެ ފުރުސަތުން ރޮނާލްޑޯ އުފެއްދި ހަމަލާ ގޯލާ އަމާޒުވެފައެއް ނުވޭ.
16 Jun 07:47

މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިންމާލައިފި. ހާފު ނިމިގެންދިޔައީ ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވެގެން.

16 Jun 07:45

'43 - ރޮނާލްޑޯއަށް ވަރަށް ހުސް ފުރުސަތެއް. ބްރޫނޯ ފެނާންޑޭޒް ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރޭ ވަރަށް ހުސްކޮށް ހުރެ ރޮނާލްޑޯ ފޮނުވާލި ހަމަލާ ދިޔައީ ހަންގޭރީ ގޯލުގެ ހުރަސްދަނޑި މަތިން ބޭރަށް.

16 Jun 07:43

'39 - ޕޯޗުުގަލަށް ފުރުސަތެއް. ސެމޭޑޯ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން ޖޮޓާ ފޮނުވާލި ހަމަލާ، ހަންގޭރީގެ ކީޕަރު ގުލަކްސީ ވަނީ މަތަކޮށްފައި. އެ ހަމަލާ ދިޔައީ ގުލަކްސީއާ ދިމާއަށް.

16 Jun 07:39

'36 - ހަންގޭރީގެ ފުރަތަމަ ހަމަލާ. ޝެފާ ނަގައިދިން ހިލޭ ޖެހުމަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުރެ، ކެޕްޓަން އެޑަމް ސަލާއީ ބޮލުން ފޮނުވާލި ހަމަލާ، ޕޯޗުގަލްގެ ކީޕަރު ރުއި ޕެޓްރީސިއޯ ވަނީ މަތަކޮށްފައި. އެ ބޯޅަ ދިޔައީ ޕެޓްރީސިއޯއާ ދިމާއަށް.

16 Jun 07:32

'30 - ޕޯޗުގަލްގެ ކެޕްޓަން ރޮނާލްޑޯގެ ހަމަލާއެއް. ބެނާޑޯ ސިލްވާ ނަގައިދިން ހުރަހަކުން ޕެނަލްޓީ އޭރިއާ ތެރެއިން ރޮނާލްޑޯ ބޮލުން ފޮނުވާލި ހަމަލާ، ހަންގޭރީގެ ގޯލާ އަމާޒުވެފައެއް ނުވޭ.

16 Jun 07:31

ބުޑަޕެސްޓްގެ ޕުސްކާސް އެރިނާގައި ކުޅޭ މެޗެއް ކަމުން މި މެޗަށް ސްޓޭޑިއަމްގެ ފުލް ކެޕޭސިޓީގައި ސަޕޯޓަރުން ވަނީ ވައްދާފައި. ފުލް ކެޕޭސިޓީއަށް ސަޕޯޓަރުން ވައްދާ ހަމައެކަނި ސްޓޭޑިއަމްއަކީ ވެސް ޕުސްކާސް އެރީނާ.

16 Jun 07:21

'19 - ޕެޕޭ ދިން ރީތި ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން ޕޯޗުގަލް ކެޕްޓަން ރޮނާލްޑޯ ހަމަލާއެއް ފޮނުވާލި ނަމަވެސް، ބޯޅަ ލިބުނު އިރު އޭނާ ހުރީ އޮފްސައިޑުގައި. ރޮނާލްޑޯ ފޮނުވާލި ހަމަލާގައި ވެސް ބާރެއް ނެތް. ހަންގޭރީގެ ކީޕަރު ގުލަކްސީ ވަނީ އެ ހަމަލާ މަތަކޮށްފައި.

16 Jun 07:14

މެޗުގައި ގިނަ ވަގުތު ބޯޅަ ހިފަހައްޓައި، ރަނގަޅު ކުޅުމެއް ދައްކަމުންދަނީ އެންމެ ފަހުގެ ޗެމްޕިއަން ޕޯޗުގަލް. ނަމަވެސް ޕޯޗުގަލަށް ލިބޭ ފުރުސަތުތައް އެޓީމަށް ރަނގަޅަށް ނިންމައިލެވިފައެއް ނުވޭ.

16 Jun 07:09

'9 - ޕޯޗުގަލަށް އިތުރު ފުރުސަތެއް. ބްރޫނޯ ފެނާންޑޭޒް ނަގައިދިން ހިލޭ ޖެހުމަކުން ޕެނަލްޓީ އޭރިއާ ތެރެއިން ޖޮޓާ ފޮނުވާލި ހަމަލާ، ހަންގޭރީގެ ގޯލާ އަމާޒުވެފައެއް ނުވޭ.

16 Jun 07:06

'5 - ޕޯޗުގަލަށް ފުރުސަތެއް. ޕެނަލްޓީ އޭރިއާ ތެރެއިން ޖޮޓާ ފޮނުވާލި ހަމަލާ ހަންގޭރީގެ ކީޕަރު ގުލަކްސީ ވަނީ މަތަކޮށްފައި. ޖޮޓާ އެ ހަމަލާ ފޮނުވާލުމުގެ ކުރިން ރޮނާލްޑޯ ވެސް ހުރީ ވަރަށް ހުސްކޮށް.

16 Jun 07:00

މެޗުގެ ކުޅުން ފަށައިފި.

ޔޫރޯ 2020 ގެ ގްރޫޕް އެފްގެ ފުރަތަމަ މެޗުގެ ލައިވް ކަވަރޭޖަށް "ވަން" ގެ ކިޔުންތެރިންނަށް މަރުހަބާ!

އެންމެފަހުގެ ޗެމްޕިއަން ޕޯޗުގަލްއިން ޔޫރޯގެ ތަށި ދިފާއުކުރުގެ ދަތުރުގެ ފުރަތަމަ މެޗަށް ނުކުންނާނީ ހަންގޭރީއާ ދެކޮޅަށް. ހަންގޭރީގެ ފްރޭންކް ޕުސްކާސް އެރީނާގައި ކުޅުމަށް ތައްޔާރުވެފައިވާ މެޗު ވެގެންދާނީ މިފަހަރުގެ ޔޫރޯގައި ފުލް ސްޓޭޑިއަމްއެއްގައި ކުޅޭ ފުރަތަމަ މެޗަށް. ޕުސްކާސް އެރީނާއަށް 38,652 ސަޕޯޓަރުން ވައްދާނެ ކަމަށް އެގައުމުން ވަނީ ޔަގީންކަން ދީފައި.

ބުޑަޕެސްޓް އަދި ޕުސްކާސް އެރީނާގެ ބައެއް މުހިއްމު މައުލޫމާތު

ސިޓީ: ބުޑަޕެސްޓް
ސްޓޭޑިއަމް: ޕުސްކާސް އެރިނާ
ސަޕޯޓަރުންގެ ޖާގަ: 67،215 މީހުން
އުސޫލުތަކާއެކު ސަޕޯޓަރުން ވެއްދޭނެ ކަމަށް ބުނެފައިވާ އަދަދު: 67،215 މީހުން (ފުލް ސްޓޭޑިއަމް)

ބުޑަޕެސްޓް
- ހަންގޭރީގެ ވެރިރަށް
- 80 ޖިއޯ ތާމަލް ސްޕްރިންގްގެ އިތުރުން ދުނިޔޭގެ އެންމެ ބޮޑު ތާމަލް ވޯޓާ ކޭވް ސިސްޓަމް ހިމެނޭ ސިޓީ
- ބުޑަޕެސްޓްގެ ތާރީހީ ދާރުލް އާސާރުތަކަށް ގިނަ ބަޔަކު ނަޒަރު ހުއްޓޭ

ޕުސްކާސް އެރީނާ
- އެގައުމުގެ ފުޓުބޯޅަ ތާރިޚު ދުށް އެންމެ މޮޅު ކުޅުންތެރިޔާ ފްރޭންކް ޕުސްކާސްގެ ނަމުން ނަން ދީފައިވާ ސްޓޭޑިއަމެއް
- ހަންގޭރީ ގައުމީ ޓީމުގެ ހޯމް ސްޓޭޑިއަމް
- އިންގްލެންޑްގެ އެންމެ ބޮޑު ބަލިވި ސްޓޭޑިއަމް، 1954 ހަންގޭރީ އަތުން އިންގްލެންޑް ބަލިވީ 7-1 އިން

ހަންގޭރީން އެންމެފަހުގެ ޗެމްޕިއަން ޕޯޗުގަލްއާ ދެކޮޅަށް ނުކުންނައިރު، ތާރީހު އޮތީ ޕޯޗުގަލް އަތުގައި. މިހާތަނަށް ޕޯޗުގަލްއާ ދެކޮޅަށް ހަންގޭރީން 13 މެޗެއްް ކުޅެފައި އެބައޮތް. އޭގެ ތެރެއިން ނުވަ މެޗުން ޕޯޗުގަލް މޮޅުވެފައި އޮތްއިރު، އަނެއް ހަތަރު މެޗު ނިމުނީ އެއްވަރު ވެގެން. ޕޯޗުގަލްއަކީ މުބާރާތުގެ ފެވަރިޓެއް. ތަރިންގެ ޓީމެއް. ހާއްސަކޮށް ޔޫރަޕްގެ އެންމެ ނުފޫޒު ގަދަ ލީގުތަކަށް ގެންދާ އެންމެ ހުނަރުވެރި ޒުވާން ކުޅުންތެރިން ނިސްބަތްވަނީ ޕޯޗުގަލްއަށް.