އިލެކްޝަންސް ކޮމިޝަނުގެ ލޯގޯ އާއި ކުލަ އިފްތިތާހުކޮށްފި އެވެ.
މިރޭ ދަރުބާރުގޭގައި ކުރިއަށް ދިޔަ ޖަލްސާއެއްގައި އިލެކްޝަންސް ކޮމިޝަނުގެ ލޯގޯ އާއި ކުލަ އިފްތިތާހު ކޮށްދީފައިވަނީ އިލެކްޝަން ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފްގެ އިތުރުން ރާއްޖޭގެ އެކި ޕާޓީތަކުގެ އިސްވެރިންނެވެ. މިގޮތުން އިލެކްޝަންސް ކޮމިޝަންގެއާ ކުލަ އެއްގެ ގޮތުގައި ހަމަޖައްސާފައިވަނީ ދަނބު ކުލަ އެވެ.
އިލެކްޝަންގެ ލޯގޯއާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން އެ ކޮމިޝަންގެ ރައީސް އަހްމަދު ޝަރީފު ވިދާޅުވީ ލޯގޯގެ ރޮނގުތައް ވަނީ ރާއްޖޭގެ ހުރިހާ އަތޮޅުތަކެއް ރަމްޒުވާގޮތަށް އަތުރާފައި ކަމަށެވެ. އަދި މި ލޯގޯގައި ހިމެނޭ ރޮނގުތަކުން ތިން ރޮނގު ދައްކުވައިދެނީ ދައުލަތުގެ ތިންބާރު ކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.
މީގެ އިތުރުން ޝަރީފް ވަނީ އިލެކްޝަންގެ މި ކުލަ އެއްވެސް ސިޔާސީ ޕާޓީއަކަށް ބޭނުން ނުކުރެވޭނެ ކަމަށް ވިދާޅުވެފައެވެ. ޝަރީފް ވިދާޅުވިގޮތުގައި އެހެން ޕާޓީއަކުން ވަނީ ދަނބު ކުލަ އެ ޕާޓީގެ ކުލަޔަށް ހަމަޖެއްސުމަށް މީގެ ކުރިން އިލެކްޝަނާ މަޝްވަރާކޮށްފައެވެ. ނަމަވެސް އޭރު އިލްކެޝަންގެ ރަސްމީ ކުލަ ދަނބު ކުލައަށް ބަދަލު ކުރުމަށް ނިންމާފައިވުމުން އެ ޕާޓީއަށް އެ ކުލަ ބޭނުން ކުރުމުގެ ހުއްދަ ނުދިނީ ކަމަށް ޝަރީފް ވިދާޅުވިއެވެ.