ޔޫރޯ 2020

ޔޫރޯ: ސްޕެއިން 0-0 ސްވިޑެން

15 Jun 12:01

މެޗުގެ އުސްއަލިތައް

  • ސްޕެއިނުން ހަމަލާއަކަށްފަހު ހަމަލާއެއް އުފެއްދި
  • ސްޕެއިންގެ ގިނަ ހަމަލާތަކެއް ބޭކާރުވިތަން ފެނިފައިވޭ
  • ފުރަތަމަ ހާފުގައި ކޯކޭއާއި އޮލްމޯގެ ހަމަލާތައް ފާހަގަވި، ކޯކޭގެ ހަމަލާ ބޭރަށް ދިޔައިރު، އޮލްމޯގެ ދެ ހަމަލާވެސް މަތަކުރީ ކީޕަރު
  • އެންމެ ހުސް ފުރުސަތު ލިބުނީ މޮރާޓާއަށް. މުޅިން ހުސް ފުރުސަތެއް އޭނާ ބޭކާރުކޮށްލި
  • ކައުންޓާގައި ސްވިޑެންގެ އިސާކް ވަނީ ސްޕެއިންގެ ގޯލަށް ނުރައްކާ ކޮށްފައި
  • ދެވަނަ ހާފުގައި ބާގަށް ސްވިޑަނަށް ލީޑު ނަގަން ލިބުނު ފުރުސަތުވީ ބޭކާރު
  • ސްޕެއިނުން ހަމަލާއަކަށްފަހު ހަމަލާއެއް އުފެއްދި ނަމަވެސް ސްވިޑެން ހިފެހެއްޓި
  • ސްވިޑެންގެ ގޯލްކީޕަރު އޮލްސަން ވަނީ މެޗުގައި ގިނަ ސޭވްތަކެއް ކޮށްފައި
  • މޮރޭނޯއާއި އޮލްމޯ ދެވަނަ ހާފު އުފެއްދި ހަމަލާތައްވެސް މަތަކުރީ ގޯލްކީޕަރު
15 Jun 11:58

މެޗުގެ ފުރިހަމަ ވަގުތުގެ ކުޅުން ނިންމާލައިފި. މެޗު ނިމިގެންދިޔައީ ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ގޯލެއް ނުޖެހި އެއްވަރުވެގެން.

15 Jun 11:55

'+90 - ސްޕެއިނަށް އިތުރު ފުރުސަތެއް. އަލްބާ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން ސަރާބިއާ ފޮނުވާލި ހަމަލާ، މިފަހަރުވެސް ކީޕަރު އޮލްސަން ވަނީ މަތަކޮށްފައި. އޭރިއާ ތެރޭ ސަރާބިއާ ހުސްކޮށް ހުރި ނަމަވެސް، އޭނާއަށް އެ ބޯޅަ އެންމެ ރަނގަޅަށް ފޮނުވައިލެވިފައެއް ނުވޭ.

15 Jun 11:52

'90 - ސްޕެއިނުގެ ނުރައްކާތެރި ހަމަލާއެއް. ސަރާބިއާ ނަގައިދިން ހުރަހަކުން ޕެނަލްޓީ އޭރިއާ ތެރެއިން ޖެރާޑް މެރޭނޯ ބޮލުން ފޮނުވާލި ހަމަލާ، ސްވިޑެންގެ ކީޕަރު އޮލްސަން ވަނީ މަތަކޮށްފައި.

15 Jun 11:50

ސްވިޑެންގެ ވަރުގަދަ ޑިފެންސިވް ކުޅުމުގެ ސަބަބުން ސްޕެއިނަށް އަދިވެސް ގޯލު ޖަހާނެ ރަނގަޅު ފުރުސަތެއް ތަނަވަސްކުރެވިފައެއް ނުވޭ.

15 Jun 11:37

ދެވަނަ ހާފުގައި ސްވިޑެން ވަނީ ބޮޑަށް ކުރިއަށް ޖެހި ސްޕެއިންއަށް އުނދަގޫ ކޮށްލާފައި. ސްޕެއިންއިން ފުރަތަމަ ހާފްގައި ކުޅެމުންދިޔަ ޕޮސެޝަން ފުޓުބޯޅަ ކުޅެން މި ހާފްގައި ދަނީ އުނދަގޫތަކެއް ކުރިމަތިވަމުން. ސްޕެއިންއިން ގޯލަކަށް ކުރެވެން އޮތް ހުރިހާ މަސައްކަތެއް ދަނީ ކުރަމުން. ތަފާސްހިސާބުތަކަށް ބަލާއިރު އެންމެ ރަނގަޅު ފޯވަޑް މޮރޭނޯވެސް މިހާރު ވަނީ ދަނޑު މައްޗަށް ނެރެފައި. އޭނާއާ ނުލައި މެޗު ފަށަން އެންރީކޭ ވިސްނި ވިސްނުމާ މެދު ސުވާލުތަކެއް އުފެދޭ.

15 Jun 11:36

'73 - ސްޕެއިންގެ ހަމަލާއެއް. ލޮރެންޓޭ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން އޮލްމޯ ފޮނުވާލި ހަމަލާ، ގޯލު ކުރިމަތިން ސްވިޑެން ޑިފެންޑަރު ޑެނިއެލްސަން ވަނީ ބްލޮކްކޮށްފައި.

15 Jun 11:22

'61 - ސްވިޑެންއަށް ރަނގަޅު ފުރުސަތެއް. ކައުންޓާ އެޓޭކެއްގައި އިސާކް ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން ބާގް ފޮނުވާލި ހަމަލާ ސްޕެއިންގެ ގޯލާ އަމާޒުވެފައެއް ނުވޭ.

15 Jun 11:21

ދެވަނަ ހާފުގައި ވެސް ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން، ގިނަ ޕާސްތަކެއް ކޮށްގެން ކުޅެމުންދިޔަ ނަމަވެސް، ސްޕެއިނަށް އަދި ގޯލެއް ޖަހާނެ ރަނގަޅު ފުރުސަތެއް ތަނަވަސްކުރެވިފައެއް ނުވޭ. ސްވިޑެންގެ ހުރިހާ ކުޅުންތެރިން އަންނަނީ ޑިފެންސްގައި ބައިވެރިވަމުން.

15 Jun 11:14

މި ހާފުގައި ވެސް ސްޕެއިންގެ ކީޕަރު ފިޔަވައި، އެޓީމުގެ ހުރިހާ ކުޅުންތެރިން ގިނަ ވަގުތު ފެނިގެންދަނީ ސްވިޑެންގެ ހާފުގެ ތެރެއިން.

15 Jun 11:11

'49 - ސްޕެއިނަށް ފުރުސަތެއް. ޕެނަލްޓީ އޭރިއާ ތެރެއިން މޮރާޓާ ފޮނުވާލި ހަމަލާ ދިޔައީ ސްވިޑެން ގޯލުގެ އަރިމަތީ ދަނޑި ކައިރިން ބޭރަށް.

15 Jun 11:10

ޑިފެންޑަރު ލަޕޯޓްއަކީ ފްރާންސަށް އުފަން ކުޅުންތެރިއެއް ނަމަވެސް، ސްޕެއިނަށް ކުޅުމަށް އޭނާ ވަނީ ރަށްވެހިކަން ބަދަލުކޮށްފައި. މިއީ ސްޕެއިންގެ ޖާޒީގައި އޭނާ ކުޅޭ ފުރަތަމަ މެޗު. މީގެ ކުރިން އޭނާ ވަނީ ފްރާންސްގެ ޔޫތު ޓީމުތަކަށް ކުޅެފައި.

15 Jun 11:06

މެޗުގެ ދެވަނަ ހާފުގެ ކުޅުން ފަށައިފި. ކިކްއޯފް ކުރީ ސްޕެއިނުން.

15 Jun 10:50

ފުރަތަމަ ހާފުގެ އުސްއަލިތައް

  • ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅުނީ ސްޕެއިން
  • ސްޕެއިންގެ ގިނަ ހަމަލާތަކެއް ބޭކާރުވިތަން ފެނިފައިވޭ
  • ކޯކޭއާއި އޮލްމޯގެ ހަމަލާތައް ފާހަގަވި، ކޯކޭގެ ހަމަލާ ބޭރަށް ދިޔައިރު، އޮލްމޯގެ ދެ ހަމަލާވެސް މަތަކުރީ ކީޕަރު
  • އެންމެ ހުސް ފުރުސަތު ލިބުނީ މޮރާޓާއަށް. މުޅިން ހުސް ފުރުސަތެއް އޭނާ ބޭކާރުކޮށްލި
  • ކައުންޓާގައި ސްވިޑެންގެ އިސާކް ވަނީ ސްޕެއިންގެ ގޯލަށް ނުރައްކާ ކޮށްފައި
15 Jun 10:49

މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިންމާލައިފި. ހާފު ނިމުނީ ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ގޯލެއް ނުޖެހި އެއްވަރުވެގެން.

15 Jun 10:48

'44 - ސްޕެއިންގެ ނުރައްކާތެރި ހަމަލާއެއް. ޕެނަލްޓީ އޭރިއާ ބޭރުން އޮލްމޯ ފޮނުވާލި ބާރު ހަމަލާ، ސްވިޑެންގެ ކީޕަރު އޮލްސަން ވަނީ ހުޝިޔާރުކަމާއެކު މަތަކޮށްފައި.

15 Jun 10:47

'41 - ސްވިޑެންގެ ނުރައްކާ. ޕެނަލްޓީ އޭރިއާ ތެރެއިން އިސާކް ފޮނުވާލި ފުރަތަމަ ހަމަލާ ލަޕޯޓް ދިފާއުކުރި އިރު، ރީބައުންސް ބޯޅައިން ފޮނުވާލި ހަމަލާ ލޮރެންޓޭ ވަނީ ދިފާއުކޮށްފައި. ލޮރެންޓޭ ދިފާއުކުރުމާއެކު އެ ބޯޅަ ގޯލުގެ އަރިމަތީ ދަނޑީގައި ޖެހި ލިބުނީ ސްޕެއިންގެ ކީޕަރު ސިމޮންއަށް.

15 Jun 10:43

'39 - ސްޕެއިންގެ ހަމަލާއެއް. ޕެނަލްޓީ އޭރިއާ ބޭރުން ފެރާން ޓޮރޭޒް ފޮނުވާލި ހަމަލާ އަމާޒުވީ ސްވިޑެން ކީޕަރު އޮލްސެންއާ ދިމާއަށް.

15 Jun 10:42

'38 - ސްޕެއިނަށް ހުސް ފުރުސަތެއް. އަލްބާ ދިން ބޯޅައަކުން ވަރަށް ހުސްކޮށް ހުރެ، މޮރާޓާ ފޮނުވާލި ހަމަލާ ދިޔައީ ގޯލާ އަމާޒު ނުވެ ބޭރަށް.

15 Jun 10:40
މުޙައްމަދު ޝަމްޢޫން

ސްޕެއިންއިން ކުޅެމުންދަނީ އެޓީމުގެ ރަސްމީ ފުޓުބޯޅަ. ޕާސްތައް ޖަހައި ޕޮސެޝަން ހިފަހައްޓައިގެން ސްޕެއިންއިން ކުޅެމުންދިޔަ ނަމަވެސް ސްވިޑެންގެ ފަހަތުން ކުރަމުންދާ ޕެކް ޑިފެންސްގެ ސަބަބުން ސްޕެއިންއަށް ވަނީ ހަމަލާތައް އުފައްދަން އުނދަގޫވެފައި. ސްޕެއިންއާ ދެކޮޅަށް ކުޅޭއިރު ޓީމުތަކުން އެއްކޮށް ފަހަތަށް ޖެހި ޑިފެންސް ކުރުމަކީ ސްޕެއިންގެ ފުޓުބޯޅައަށް އަބަދުވެސް ދިމާވާ އުނދަގޫ ކަމެއް.

15 Jun 10:34

މެޗުގެ ފުރަތަމަ 30 މިނެޓުގެ ކުޅުން ނިމުނު އިރު، ސްވިޑެންއަށް ގޯލެއް ޖަހާނެ އެއްވެސް ފުރުސަތެއް ތަނަވަސްކުރެވިފައެއް ނުވޭ.

15 Jun 10:32

'29 - ކޮކޭއަށް އިތުރު ފުރުސަތެއް. އޮލްމޯ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން ކޮކޭ ފޮނުވާލި އެ ހަމަލާ ދިޔައީ ސްވިޑެންގެ ގޯލާ އަމާޒު ނުވެ ބޭރަށް.

15 Jun 10:26

'23 - ސްޕެއިނަށް އިތުރު ފުރުސަތެއް. ޕެނަލްޓީ އޭރިއާ ތެރޭ ވަރަށް ހުސްކޮށް ހުއްޓައި ކޮކޭއަށް ލިބުނު ބޯޅައަކުން ފޮނުވާލި ހަމަލާ ދިޔައީ ސްވިޑެން ގޯލުގެ އަރިމަތީ ދަނޑިކައިރިން ބޭރަށް.

15 Jun 10:21
މުޙައްމަދު ޝަމްޢޫން

ސްޕެއިނުން މިއަހަރުގެ ޔޫރޯއަށް ނެރެފައި ވަނީ ޒުވާން ކުޅުންތެރިން ގިނަ ސްކޮޑެއް. ކޯޗު އެންރީކޭއާއެކު ސްޕެއިން މަސައްކަތް ކުރަމުންދަނީ ސްޕެއިން އަނެއްކާވެސް ފުޓުބޯޅައިގެ ރަސްކަމަށް ގެނައުމަށް. މިއީ އެ މަގަށް ޓީމު ހާނަން މުހިއްމު މުބާރާތެއް. 2000 އަހަރުތަކުގެ ތެރޭގައި ސްޕެއިން ރަން ޒަމާނަށް އައި ނަމަވެސް މިއީ އެޓީމަށް އެންމެ ކާމިޔާބު ދުވަސްތަކެއް ނޫން. 2008 ވަނަ އަހަރާއި 2012 ވަނަ އަހަރުގެ ޔޫރޯ ވިދިވިދިގެން ސްޕެއިން ކާމިޔާބުކުރި ނަމަވެސް އެޓީމަށް އެ ފެންވަރު ދެމެހެއްޓުމަށް ފަހުން ވަނީ އުނދަގޫވެފައި. އެކަން ބަދަލުކުރަން ނުކުމެ ހުރީ ކޯޗު އެންރީކޭ.

15 Jun 10:20

'16 - ސްޕެއިނަށް ރަނގަޅު ފުރުސަތެއް. ކޮކޭ ނަގައިދިން ހުރަހަކުން ޕެނަލްޓީ އޭރިއާ ތެރެއިން އޮލްމޯ ބޮލުން ފޮނުވާލި ހަމަލާ، ސްވިޑެންގެ ކީޕަރު ރޮބިން އޮލްސަން ވަނީ ހުޝިޔާރުކަމާއެކު މަތަކޮށްފައި.

15 Jun 10:14

މެޗުގެ ފުރަތަމަ ދިހަ މިނެޓުގެ ކުޅުން ނިމުނު އިރު، ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑުޖަހާނެ ރަނގަޅު ފުރުސަތެއް ތަނަވަސްކުރެވިފައެއް ނުވޭ. ނަމަވެސް އަދިވެސް ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެމުންދަނީ ސްޕެއިނުން.

15 Jun 10:09

'7 - ސްޕެއިންގެ ހަމަލާއެއް. ޕެނަލްޓީ އޭރިއާ ބޭރުން އޮލްމޯ ފޮނުވާލި ހަމަލާ ދިޔައީ ގޯލުގެ ހުރަސް ދަނޑި މަތިން ބޭރަށް.

15 Jun 10:08

ސްޕެއިންގެ ގޯލްކީޕަރު ފިޔަވައި ސްޕެއިންގެ ހުރިހާ ކުޅުންތެރިން ފެންނަނީ ސްވިޑެންގެ ހާފުގެ ތެރެއިން.

15 Jun 10:05

ސްޕެއިނުން ކުޅެމުން އަންނަނީ އެޓީމުން އާންމުކޮށް ފެންނަ ޓިކީޓަކާ ފުޓުބޯޅަ.

15 Jun 10:02

މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ފަށައިފި. ކިކްއޯފް ކުރީ ސްވިޑެން އިން.

ޔޫރޯ 2020 ގެ ގްރޫޕް އީގެ ދެވަނަ މެޗުގެ ލައިވް ބްލޮގަށް "ވަން" ގެ ކިޔުންތެރިންނަށް މަރުހަބާ!

މިރޭގެ މެޗުގައި ވާދަކުރަނީ ސްޕެއިންއާއި ސްވިޑެން. މެޗަށް ސްޕެއިން ނުކުންނާނީ އަމިއްލަ ގައުމުގެ ލަ ކަރުޓޫޖާ ސްޓޭޑިއަމްގައި. ސްޕެއިންގައި ހޯސްޓްކުރާ މެޗުތައް ކުޅުމަށް ހަމަޖެހިފައި ވަނީ ސްޕެއިންގެ ސެވިއްޔާގެ ހޯމް ސްޓޭޑިއަމް ކަރުޓޫޖާގައި.

މެޗުގެ ފޯކަސް ބޮޑަށް އަމާޒުވެފައި ވަނީ ޔޫރަޕްގެ ގަދަ ބާރު ސްޕެއިންއަށް. ސްޕެއިންއަކީ މުބާރާތުގެ ފެވަރިޓެއް. 1964 ވަނަ އަހަރުގެ ޔޫރޯ އަމިއްލަ ގައުމުގައި ކާމިޔާބު ކުރުމުގެ އިތުރުން 1984 ވަނަ އަހަރު ޔޫރޯގެ ރަނަރަޕްކަން ސްޕެއިންއިން ހޯދި. ސްޕެއިންގެ އިތުރު ކާމިޔާބީތައް ފެށުނީ 2000 ގެ އަހަރުތަކުގައި. ސްޕެއިންގެ ކްލަބުތައް ކަމަށްވާ ބާސެލޯނާއާއި ރެއާލް މެޑްރިޑްގެ ކާމިޔާބީތަކާއެކު ސްޕެއިން ޓީމު ވަރުގަދަވި. ނަތީޖާއެއްގެ ގޮތުން އެގައުމުން ވަނީ 2008 ވަނަ އަހަރާއި 2012 ވަނަ އަހަރުގެ ޔޫރޯ ވިދިވިދިގެން ކާމިޔާބު ކޮށްފައި.

ސްޕެއިންއިން އަނެއްކާވެސް ނުކުންނާނީ ކާމިޔާބީތައް ތަކުރާރު ކުރަން. އަމިއްލަ ދަނޑުގައި ފުރަތަމަ މެޗު ކުޅުމަކީ ލިބޭނެ އުފަލެއް.

ސެވިއްޔާއާއި ލަ ކަރުޓޫޖާ ސްޓޭޑިއަމްގެ ބައެއް މުހިއްމު މައުލޫމާތު

ސިޓީ: ސެވިއްޔާ
ސްޓޭޑިއަމް: ލަ ކަރުޓޫޖާ
ސަޕޯޓަރުންގެ ޖާގަ: 60،000 މީހުން
އުސޫލުތަކާއެކު ސަޕޯޓަރުން ވެއްދޭނެ ކަމަށް ބުނެފައިވާ އަދަދު: 18،000 (30 ޕަސެންޓް)

ސެވިއްޔާ
- ކުރިން އަންދަލޫސް ސަރަހައްދުގެ ވެރިރަށް، ސްޕެއިންގެ ހަތަރުވަނައަށް އެންމެ ބޮޑު ސިޓީ
- ގިރާލްޑާ ޓަވަރާއި އަލްކަޒާރު ގަނޑުވަރަކީ ރީތި ހިތްގައިމު ބިނާތައް

ލަ ކަރުޓޫޖާ
- ޔޫޢެފާ ކަޕް، އަދި ޔޫއެފާ ޔޫރޮޕާ ލީގު ކާމިޔާބު ކޮށްފައިވާ ސްޕެއިންގެ ސެވިއްޔާގެ ރަސްމީ ހޯމް ސްޓޭޑިއަމް
- 1999 ވަނަ އަހަރު ވޯލްޑް އެތުލެޓިކްސް ޗެމްޕިއަންޝިޕަށް ބިނާކުރި ސްޓޭޑިއަމެއް
- ޓެނިސް ކުޅެފައިވާ ސްޓޭޑިއަމެއް، ޑޭވީސް ކަޕް ފައިނަލް ދެފަހަރަށް ކުޅެފައިވޭ
- މެޑޯނާއާއި، ޔޫ2 ބޭންޑް ފަދަ ބޮޑެތި ކޮންސެޓްތައް ހޯސްޓް ކޮށްފައިވޭ

ސްޕެއިން އާއި ސްވިޑެން މިހާތަނަށް 15 މެޗެއްގައި ކުރިމަތިލާފައިވާ އިރު، ސްޕެއިން އިން ވަނީ ހަތް މެޗުން މޮޅުވެފައި. ސްވިޑެންއަށް ސްޕެއިން ކައިރިން މޮޅުވެވުނީ ތިން މެޗުން. ފަސް މެޗުގެ ނަތީޖާ ވަނީ އެއްވަރުވެފައި.