މެޗުގެ ފުރިހަމަ ވަގުތުގެ ކުޅުން ނިންމާލައިފި. މެޗު ނިމިގެންދިޔައީ 2-0ގެ ނަތީޖާއަކުން ޗެކް ރިޕަބްލިކް ކުރީގައި އޮވެގެން.
'77 - ސްކޮޓްލެންޑަށް ފުރުސަތެއް. ޕެނަލްޓީ އޭރިއާ ތެރެއިން ލިބުނު ބޯޅައަކުން މެކްޓޮމިނޭ ފޮނުވާލި ހަމަލާ ދިޔައީ ޗެކް ރިޕަބްލިކް ގޯލުގެ ހުރަސް ދަނޑިމަތިން ބޭރަށް.
މެޗު ފެށިއިރު ފެވަރިޓުންނަކީ ސްކޮޓްލޭންޑް. އެންމެފަހުން މި ދެޓީމު ކުޅުނު މެޗުގެ ނަތީޖާއަށްވެސް ބަލާފައި ގިނަ ބަޔަކު އަންދާޒާ ކުރީ ސްކޮޓްލޭންޑް އަމިއްލަ ދަނޑުގައި މޮޅުވާނެ ކަމަށް. އެކަމަކު މެޗުގެ އޮއިވަރު މުޅިން ބަދަލުވެއްޖެ. ތަރިއަކީ ޗެކްގެ ޝިކް. އޭނާގެ ނިންމާލުން ހިތްގައިމު. މުބާރާތުގައި ނުރައްކާވާނެ ކަމަށް ބެލެވޭ.
'66 - ސްކޮޓްލަންޑަށް އިތުރު ފުރުސަތެއް. އާމްސްޓްރޯންގް ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން ޑައިކްސް ފޮނުވާލި ހަމަލާ، ޗެކް ރިޕަބްލިކްގެ ކީޕަރު ވަސްލިކް ވަނީ ހުޝިޔާރުކަމާއެކު މަތަކޮށްފައި.
'62 - ސްކޮޓްލެންޑަށް އިތުރު ފުރުސަތެއް. ޕެނަލްޓީ އޭރިއާ ތެރެއިން ލިބުނު ބޯޅައަކުން ޑައިކްސް ފޮނުވާލި ހަމަލާ، ޗެކް ރިޕަބްލިކްގެ ކީޕަރު ވަސްލިކް ވަނީ މަތަކޮށްފައި.
'61 - ސްކޮޓްލެންޑަށް ފުރުސަތެއް. ޕެނަލްޓީ އޭރިއާ ބޭރުން އާމްސްޓްރޯގް ފޮނުވާލި ހަމަލާ، ޗެކް ރިޕަބްލިކްގެ ކަލާސް ވަނީ ބްލޮކޮށްފައި.
'54 - ޗެކް ރިޕަބްލިކަށް އިތުރު ފުރުސަތެއް. ޝިކް ދިން ބޯޅައަކުން ޑަރިޑާ ފޮނުވާލި ހަމަލާ ދިޔައީ ސްކޮޓްލެންޑް ގޯލުގެ ހުރަސް ދަނޑިމަތިން ބޭރަށް. މި މެޗުގައި ޝިކްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދޭ.
'52 - ޗެކް ރިޕަބްލިކުން ލީޑު ފުޅާކޮށްފި. އެ ގޯލު ވެސް ކާމިޔާބުކޮށްދިނީ ޝިކް. އޭނާ އެ ގޯލު ކާމިޔާބުކޮށްދިނީ ކައުންޓާ އެޓޭކް ފުރުސަތެއްގައި ސޫޗެކް ދިން ބޯޅައަކުން. ސްކޮޓްލެންޑްގެ ކީޕަރު މާޝަލް ކުރިއަށް ނުކުމެ ހުރުމުން ޕެނަލްޓީ އޭރިއާ ބޭރުން ޝިކް އެ ބޯޅަ ފޮނުވާލީ މާޝަލްގެ ބޯމަތިން. ކީޕަރު މާޝަލް ފަހަތަށް ޖެހި، އެ ބޯޅަ ދިފާއުކުރުމަށް މަސައްކަތް ވެސް ކުރި.
'47 - ކައިރިކައިރީގައި ޗެކް ރިޕަބްލިކްއަށް ދެ ފުރުސަތެއް. މަސޮޕުސްޓް އަދި ޑަރީޑާއަށް ލިބުނު ފުރުސަތު ވެސް ސްކޮޓްލެންޑްގެ ކީޕަރު މާޝަލް ވަނީ މަތަކޮށްފައި.
މެޗުގެ ދެވަނަ ހާފުގެ ކުޅުން ފަށައިފި.
މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިންމާލައިފި. ހާފު ނިމިގެންދިޔައީ 1-0ގެ ނަތީޖާއަކުން ޗެކް ރިޕަބްލިކް ކުރީގައި އޮވެގެން.
މެޗުގެ ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ގޮތުގައި އެއް މިނެޓުގެ ކުޅުން ދައްކައިފި.
ޝިކް އެ ގޯލު ކާމިޔާބުކުރީ ކޯފުލް ނަގައިދިން ހުރަހަކުން ސްކޮޓްލެންޑްގެ ޕެނަލްޓީ އޭރިއާ ތެރެއިން ބޮލުން ފޮނުވާލި ހަމަލާއަކުން.
'42 - ޗެކް ރިޕަބްލިކުން ލީޑު ނަގައިފި. ޗެކަށް އެ ގޯލު ކާމިޔާބުކޮށްދިނީ ޝިކް.
'31 - ސްކޮޓްލެންޑަށް ހުސް ފުރުސަތެއް. ވަރަށް ހުސްކޮށް ހުއްޓައި ލިބުނު ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން ރޮބާޓްސަން ފޮނުވާލި ހަމަލާ، ޗެކް ރިޕަބްލިކްގެ ކީޕަރު ވަސްލިކް ވަނީ މަތަކޮށްފައި.
'18 - ސްކޮޓްލެންޑަށް ފުރުސަތެއް. ރޮބާޓްސަން ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން ޑައިކްސް ފޮނުވާލި ހަމަލާ ދިޔައީ ޗެކް ރިޕަބްލިކް ގޯލުގެ އަރިމަތީ ދަނޑި ކައިރިން ބޭރަށް.
'15 - ޗެކް ރިޕަބްލިކަށް ރަނގަޅު ފުރުސަތެއް. ޔެންކްޓޯ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން ޝިކް ފޮނުވާލި ހަމަލާ، ސްކޮޓްލެންޑްގެ ކީޕަރު މާޝަލް ވަނީ ހުޝިޔާރުކަމާއެކު މަތަކޮށްފައި.
މެޗުގެ ދިހަ މިނެޓުގެ ކުޅުން ނިމުނު އިރު، އެއްވެސް ޓީމަކަށް ގޯލު ޖަހާނެ ފުރުސަތެއް ތަނަވަސްކުރެވިފައެއް ނުވޭ. ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެމުންދަނީ ޗެކް ރިޕަބްލިކް.
ސްކޮޓްލޭންޑްގެ ހޯމް ސްޓޭޑިއަމް ހެމްޕްޑެން ޕާކުގައި ސަޕޯޓަރުންގެ އަޑު ވަނީ ގުގުމާލާފައި. މިއީ އެގައުމަށް ތާރީހީ މެޗެއް. މިއީ 25 އަހަރު ތެރޭގައި ސްކޮޓްލެންޑުން ޔޫރޯ މުބާރާތުގައި ކުޅޭ ފުރަތަމަ މެޗު. ޗެކު ރިބަޕްލިކަށް އޮތް އެންމެ އެންމެ ބޮޑު ޗެލެންޖަކަށް ވާނީ ސަޕޯޓަރުން.
'5 - ސްކޮޓްލެންޑަށް ފުރުސަތެއް. ޕެނަލްޓީ އޭރިއާ ތެރެއަށް ވަނުމަށްފަހު މެކްގިން ފޮނުވާލި ހަމަލާ، ޗެކްގެ ޑިފެންޑަރުން ވަނީ ބްލޮކްކޮށްފައި.
މެޗުގެ ކުޅުން ފަށައިފި.
ޔޫރޯ 2020 ގެ ގްރޫޕް ޑީގެ ދެވަނަ މެޗުގައި ސްކޮޓްލޭންޑާއި ޗެކު ރިޕަބްލިކް ވާދަކުރާ މެޗުގެ ލައިވް ބްލޮގަށް "ވަން" ގެ ކިޔުންތެރިންނަށް މަރުހަބާ!
މިއަދުގެ މެޗަށް ސްކޮޓްލޭންޑާއި ޗެކު ރިޕަބްލިކް ނުކުންނާނީ ގްލަސްގޯގެ ހެމްޕްޑެން ޕާކުގައި. އެ ގްރޫޕްގެ ފުރަތަމަ މެޗުގައި ސްކޮޓްލޭންޑްގެ ވާދަވެރި އިންގްލެންޑް ވަނީ ކްރިއޭޝިއާ ބަލިކޮށްފައި. ސްކޮޓްލޭންޑުން ފުރަތަމަ މެޗުގައި ހޯމްގައި ނުކުތުމަކީ އެޓީމަށް ލިބޭނެ ބޮޑު ހިތްވަރެއް. ސްކޮޓްލޭންޑުން ބޮޑު މުބާރާތަކަށް މި ނުކުންނަނީ 23 އަހަރަށްފަހު.
ސިޓީ: ގްލަސްގޯ
ސްޓޭޑިއަމް: ހަމްޕްޑެން ޕާކް
ސަޕޯޓަރުންގެ ޖާގަ: 51،866 މީހުން
އުސޫލުތަކާއެކު ސަޕޯޓަރުން ވެއްދޭނެ ކަމަށް ބުނެފައިވާ އަދަދު: 12،000 މީހުން (25 ޕަސެންޓް)
ގްލަސްގޯ
- ސްކޮޓްލޭންޑްގެ އެންމެ ބޮޑު، ޔޫކޭ ގެ ތިންވަނައަށް އެންމެ ބޮޑު ސިޓީ
- ދުނިޔޭ ތާރީހުގައި ކުޅެވުނު އެންމެ ފުރަތަމަ ބައިނަލްއަގުވާމީ މެޗު ކުޅުނު ސިޓީ
ހަމްޕްޑެން ޕާކް
- 1908-50 އަށް ދުނިޔޭގެ އެންމެ ބޮޑު ސްޓޭޑިއަމް
- ސްކޮޓްލޭންޑް ގައުމީ ޓީމުގެ އިތުރުން އެމެޗާ ޓީމު ކުއީންސް ޕާކްގެ ހޯމް ސްޓޭޑިއަމް
ޗެކު ރިޕަބްލިކާއި ސްކޮޓްލޭންޑް ވަނީ މީގެ ކުރިން ނުވަ މެޗުގައި ވާދަކޮށްފައި. ދެޓީމުގެ ނަތީޖާތައް ފެނުނީ ދާދި ހަމަހަމަކޮށް. ސްކޮޓްލޭންޑާއި ޗެކު ރިބަޕްލިކްވެސް ހަތަރު މެޗު ކާމިޔާބު ކޮށްފައި އޮތްއިރު، އެއްވަރުވެގެން ނިމުނީ އެއް މެޗު.