ބުޝަން ޕަޓޭލް ޑައިރެކްޓް ކުރާ ބިރުވެރި ފިލްމު އަމާވަސް ރިލީސްކުރުން އަންނަ މަހު 8 އަށް ލަސްކޮށްފިއެވެ.
ރިޕޯޓްތައް ބުނާ ގޮތުގައި ޖެނުއަރީ 11ގައި ރިލީސްކުރަން އޮތް މި ފިލްމު ރިލީސްކުރުން ފަސް ކުރީ ގިނަ ފިލްމުތަކެއް މިމަހު ނެރުމަށް ހަމަޖެހިފައިވުމުންނެވެ.
އިންޑިއާގެ ޓީވީއަށް ފިލްމުގެ ބަތަލު ސަޗިން ޖޯޝީ ދިން އިންޓަވިއުއެއްގައި ބުނީ ފިލްމު ބޮޑު އޯޑިއަންސްއަކަށް ދެއްކުމަށް ބޭނުންވާ ކަމަށެވެ.
ފިލްމުގެ ޑައިރެކްޓަރު ބޫޝަން ޕަޓޭލް ބޮމްބޭ ޓައިމްސްއަށް ދިން އިންޓަވިއުއެއްގައި ބުނީ ފިލްމު އަވަސް އަރުވާލައިގެން ރިލީސްކުރުމުގެ ބޭނުމެއް ނެތް ކަމަށާއި އޭގެ އިފެކްޓްސްތައް ވީހާވެސް ރަނގަޅަށް ހަދަންބޭނުން ވާތީ އެއަށް ގިނަ ވަތުގު ނަގާކަމަށެވެ.
އަމާވަސްގައި ވިވަން ބަތެނާ، ނަރްގިސް ފަޚްރީ، ނަވްނީތް ކޯރު ދިލޮން، މޯނާ ސިންގް އަދި އަލީ އަސްގަރު މުހިއްމު ރޯލުތަކުން ފެނިގެންދާނެއެވެ.
ފިލްމު ޝޫޓް ކޮށްފައިވަނީ ލަންޑަންގައި ހުންނަ ނާމާން ކޭސަލްއެއްގައެވެ. ޑައިރެކްޓަރު ބޫޝަން ވަނީ މީގެ ކުރިންވެސް މަގުބޫލު ބިރުވެރި ފިލްމުތަކެއް ރިލީސްކޮށްފައެވެ. އޭގެ ތެރޭގައި 2015 ގައި ނެރުނު ފިލްމު "އަލޯން" އާއި 2014 ގައި ނެރުނު ފިލްމު "ރާޖިނި އެމްއެމްއެސް 2" އާއި 2012 ގައި ނެރުނު "1920 ދަ އެވިލް ރިޓާންސް" ހިމެނެއެެވެ.